(ޙުއްބު ފިއްލާހު، ބުޣްޟު ފިއްލާހު)
އަހަރެމެންގެ ދީނުގެ ބިންގަލަކީ ޙުއްބު ފިއްލާހާއި ބުޣްޟު ފިއްލާހެވެ. އެއީ اللَّه تَعَالَى ގެ ދޮސްތުންނަށް ދޮސްތުވެ، އެކަލާނގެ ދުޝްމިނުންނަށް ދުޝްމިނުވުމެވެ. މިއީ އީމާންކަމުގެ އަސާސީ ޝަރުޠެވެ. ހުރިހާ ކީރިތި ޞަޙާބީންގެ ހަޟްރަތުން އިސްކޮށް، މުސްލިމުންނަށް ލޯބިކުރުމަކީ އަހްލުއްސުންނަ ޢަޤީދާގެ އެންމެ މުހިއްމު ސިފައެވެ.
اللَّه تَعَالَى އަށް މުޚާލަފަށް ކުރެވޭ ކުށްތަކާއި ފާފަތައް އެކަލާނގެ ޢަފޫކުރައްވައެވެ. އެކަމަކު އެކަލާނގެ ޙަބީބު “صَلَّى اللَّهُ عَلَيْهِ وَسَلَّمَ” އަށް އަނިޔާކުރާ، އަދަބުވެރިނުވާ މީހަކަށް އެކަލާނގެ އެ މީހާގެ އަދަބު ދެއްވައެވެ. އެހެންކަމުން، “ޙުއްބު ފިއްލާހާއި ބުޣްޟު ފިއްލާހު” މި ދީނުގެ އަސާސްކަމުގައި ވެއެވެ. އެއް ހިތެއްގައި، އަހަރެމެންގެ ލޯބިވަންތަ ނަބިއްޔާ “صَلَّى اللَّهُ عَلَيْهِ وَسَلَّمَ” އަށް ކުރާ ލޯބިއާއި އެ ނަބިއްޔާގެ ދުޝްމިނުންނަށް ކުރާ ލޯބި އެކުގައި ނުހުންނާނެއެވެ. އާޝިޤުންނަކީ ތިމާގެ ލޯބިވެރިންގެ ލޯބީގައި ދީވާނަވެފައިވާ މީހުންނެވެ. އެ ލޯބިވެރިންނަށް މުޚާލަފު ކަމެއް އެ މީހުންނަށް ނުކުރެވޭނެއެވެ. މުޚާލަފަށް ހިނގާ މީހުންނާ އެއްބަސްވެވޭނެއެއް ނޫނެވެ. އެއްކަކަށް އަނެކަކު ފުށުއަރާ ދެ ކަމެއްގެ މަޙައްބަތު އެއް ހިތެއްގައި އެކުގައި ޖާގަނުގަންނާނެއެވެ. އެއްކަކަށް އަނެކަކު ފުށުއަރާ ދެ ކަމުން އެއް ކަމަށް ލޯބިކުރުމަކީ އަނެއް ކަމަށް ދުޝްމިނުވުން ލާޒިމުކުރާ ކަމެކެވެ. އެހެނީ ދޮސްތުކަމުގެ ޝަރުޠަކީ؛ ތިބާ ލޯބިކުރާ މީހުންނަށް އަހަރެން ލޯބިކުރަމެވެ. ތިބާ ލޯބިނުކުރާ މީހުންނަށް އަހަރެން ލޯބިނުކުރަމެވެ. ތިބާއަށް ލޯބިކުރާ މީހުންނަށް އަހަރެން ލޯބިކުރަމެވެ. ތިބާއަށް ލޯބިނުކުރާ މީހުންނަށް އަހަރެން ލޯބިނުކުރަމެވެ. އަހަރެންގެ اللَّه އަށް އަހަރެން ވަރަށް ލޯބިކުރަމޭ، އެކަމަކު اللَّه ގެ ދުޝްމިނުންނާ އަހަރެން ދޮސްތެމޭ ތިބާ ބުނަނީނަމަ، މިއީ ކޮން ކަހަލަ ލޯއްބެއްހެއްޔެވެ؟
ޖަނާބު ޙައްޤު، ޢީސާ “عَلَيْهِ السَّلَامُ” އަށް ވަޙީކުރައްވާ ބަސްފުޅަށް ބަލާށެވެ: “ބިމާއި އުޑުތަކުގައިވާ ހުރިހާ މަޚްލޫޤުންގެ ޢިބާދަތްތައް ތިބާ ކުރިޔަސް، އަހަރެންގެ ދޮސްތުންނަށް ލޯބިނުކުރާހާ ހިނދަކު، އަދި އަހަރެންގެ ދުޝްމިނުންނަށް ދުޝްމިނުނުވާހާ ހިނދަކު، އެއިން ކިސްވެސް ފައިދާއެއް ނުވާނެއެވެ.”
اللَّه تَعَالَى ގެ ރިޟާއާއި ލޯބިއަށް، ބުޣްޟު ޢަދާވަތުގެ ވަރަށް ގާތްކުރުވާ ޢަމަލެއް އަދި ޢިބާދަތެއް ނެތެވެ. އެހެންކަމުން ބުޣްޟު ފިއްލާހު، ޙުއްބު ފިއްލާހަށް ވުރެ ކުރިން އަންނައެވެ. އެންމެ ބޮޑު ދުޝްމިނަކީ ކޮންމެ މީހެއްގެވެސް އަމިއްލަ ނަފްސެވެ. މީހެއްގެ ހިތުގައި ތިމާގެ ނަފްސަށާއި، މުޝްރިކުންނަށާއި، ދީނަށް މުޚާލަފުވާ މީހުންނަށް ހުރި ނަފުރަތުގެ އިޙްސާސް ބޮޑުވި ވަރަކަށް، އެ ވަރަކަށް ޖަނާބު ޙައްޤަށް ގާތްވެވެއެވެ. އިންސާނާ، ޖަނާބު ޙައްޤު ރުއްސަވާނުލައްވާ، ނުބައިކަމުގައި ބަސްފުޅުވިދާޅުވާ ކަންތަކަށް ގާތްވި ވަރަކަށް، އެ ވަރަކަށް ޖަނާބު ޙައްޤާ ދުރުވެއެވެ.
މަކްތޫބާތުގައި އިމާމް ރައްބާނީ ހަޟްރަތު ވިދާޅުވެއެވެ:
“اللَّه تَعَالَى ގެ ރިޟާއަށް ވާސިލުކުރުވާ ހާސްތަކެއް މަގު ވެއެވެ. މިއޭގެ ތެރެއިން اللَّه تَعَالَى ގެ ރިޟާއާއި ލޯބިއަށް ވާސިލުކުރުވާ އެންމެ ކުރު، އެންމެ އަގުހުރި މަގަކީ ބުޣްޟު ފިއްލާހެވެ. ޙުއްބު ފިއްލާހެއް ނޫނެވެ؛ ބުޣްޟު ފިއްލާހެވެ.” ފުރަތަމަ ދުޝްމިނަށް ދުޝްމިނެއްގެ ގޮތުގައި ޢަމަލުކުރުމާއި، އެ މީހަކަށް ލޯބިނުކުރުމަކީ ޖަނާބު ޙައްޤުގެ ރިޟާއަށް މާ އަވަހަށް ސަބަބުވާ ކަމެކެވެ. ދުޝްމިނެއްގެ ގޮތުގައި ޢަމަލުކުރުން ކަމުގައި ބުނެވެނީ، ހިތުން ލޯބިނުކުރުމެވެ. އެކަމަކު ކޮންމެ މީހަކާވެސް ހީލަމުން މުޢާމަލާތްކުރުމެވެ. އެ ގޮތުން ސައްޔިދު ޢަބްދުލްޙަކީމް އެފެންދީ ހަޟްރަތު ވިދާޅުވިއެވެ: “ޔާ ރައްބީ! ކަލޭގެފާނަށް ލާއިޤު ޢިބާދަތެއް އަހަރެންނަށް ނުކުރެވުނެވެ. އަހަރެންނަށް ޢަފޫކުރައްވާނދޭވެ! އެކަމަކު، ކަލޭގެފާނު ލޯބިކުރައްވާނުލައްވާ މީހުންނަށް އަހަރެން ކިސްހިނދަކުވެސް ލޯބިނުކުރިކަމަށް ޝާހިދުވެވޮޑިގެންވާނދޭވެ. ކަލޭގެފާނު ލޯބިކުރައްވާ މީހުންނަށް އަހަރެން ލޯބިކުރީމެވެ. މި ކަމުގެ ސަބަބުން އަހަރެންނަށް މަޢާފުކުރައްވާނދޭވެ.”
ޙިލްމީ ބިން ސަޢީދު ހަޟްރަތު ވިދާޅުވެއެވެ: “އަހްލުއްސުންނަ މުސްލިމުންގެ މޫނަށް ބެލުމާއި އެ މީހުންނަށް ލޯބިކުރުމަކީ ޙުއްބު ފިއްލާހިއެވެ. اللَّه އަށްޓަކައި ޚިދުމަތްކުރަން ދުވާ މީހުންނަށް ލޯބިކުރުމަކީ ޙުއްބު ފިއްލާހިއެވެ. ފަހެ، ބުޣްޟު ފިއްލާހިއަކީ ކޮބައިހެއްޔެވެ؟ اللَّه تَعَالَى އަށް ދުޝްމިނުވާ މީހުންނަށާއި، އަހަރެމެންގެ ސައްޔިދު ނަބިއްޔާ އިންކާރުކުރާ މީހުންނަށާއި، ބިދުޢައިގެ މީހުންނަށް ލޯބިނުކުރުމެވެ. އެކަމަކު މި ޙުއްބު ފިއްލާހިއާއި ބުޣްޟު ފިއްލާހިއަކީ ޖަންގަލަކުރުމާއި މުނާޤަޝާކުރުމުގެ މާނައެއް ނޫނެވެ. ލޯބިއަކީ ފޮރުވިފައިވާ ކަމެކެވެ. މުނާޤަޝާކުރުން ޙަރާމެވެ. ދޮސްތަކާވެސް ޙަރާމެވެ؛ ދުޝްމިނަކާވެސް ޙަރާމެވެ. ހިތްތެޅުން ޙަރާމެވެ.” އެބަހީ، ބުޣްޟު ފިއްލާހި ކުރަންވާނެއޭ ބުނެ ހިތްތެޅުން މަނާއެވެ. ހީލަމުން، މީރު ބަހުން މުޢާމަލާތްކުރުމަކީ ކޮންމެ މުސްލިމެއްގެވެސް ޝިޢާރެވެ. މުސްލިމަކު ވާންވާނީ މި ގޮތަށެވެ.
އިމާމް ރައްބާނީ މުޖައްދިދު އަލްފި ޘާނީ “رَحْمَةُ اللَّهِ عَلَيْهِ” ވިދާޅުވެއެވެ:
ހިތުގައި އީމާން ވުމުގެ އަލާމާތަކީ ކުފުރުން ތަބައްރީވެ، އެއިން ދުރުހެލިވުމެވެ. އަދި ކާފިރުކަމާއި، ކާފިރުންނަށް ޚާއްޞަވާ ކަންތަކުން، މިސާލަކަށް އުނގައިގައި ޒުންނާރު ބެންދުމާއި މިފަދަ ކާފިރުކަމުގެ އަލާމާތްކަމުގައިވާ ތަކެތި ބޭނުންކުރުމުން ރައްކާތެރިވުމެވެ. ކުފުރުން ތަބައްރީވުން ކަމުގައި ބުނެވެނީ اللَّه تَعَالَى ގެ ދުޝްމިނުންނަށް ލޯބިނުކުރުމެވެ. ކާފިރުން ބާރުގަދަވެ، ވެރިކަން އަތުގައި ހުރެ، އެ މީހުންގެ ގެއްލުމަށް ބިރުގަނެވޭ ވަގުތުގައި، ހިތުން ލޯބިނުކުރުން ލާޒިމެވެ. ބިރެއް ނެތް ވަގުތުގައި، ހިތުންނާއި ހުރިހާ ވަސީލަތަކުންވެސް މުޚާލަފުވުން ލާޒިމެވެ. اللَّه تَعَالَى، ކީރިތި ޤުރުއާނުގައި، ކާފިރުންނަށާއި މުނާފިޤުންނަށް ލޯބިނުކުރުމަށާއި، މަސައްކަތްކޮށް އެ މީހުންނަށް ވުރެ މަތިވުމަށް، އެކަލާނގެ ލޯބިވަންތަ ނަބިއްޔާއަށް އަމުރުކުރައްވައެވެ. އެހެނީ اللَّه تَعَالَى އާއި އެކަލާނގެ ނަބިއްޔާގެ ދުޝްމިނުންނާ ދުރުނުވާހާ ހިނދަކު، އެކަލާނގެއަށާއި އެކަލާނގެ ރަސޫލާއަށް ލޯބިކުރިކަމުގައި ނުވާނެތީއެވެ. އަދި ލޯބިކުރަމޭ ބުނުންވެސް ޞައްޙަ ނުވާނެތީއެވެ.
މީހަކު، އަހަރެންނަށް އީމާން ވެއޭ ބުނެ، އެކަމަކު ކުފުރުން ތަބައްރީ ނުވާނަމަ، އެ މީހާ އިސްލާމްދީނަށާއި ދީނެއް ނެތްކަމަށްވެސް އަދަހާގަނެ، ދެ ދީނެއްގެ މީހަކަށް ވެއެވެ. މި މީހުންނަށް (މުރުތައްދު) އޭ ކިޔައެވެ. މި މީހުން ދެކެންވާނީ މުނާފިޤުންގެ ގޮތުގައެވެ. ހިތުގައި އީމާން ވުމަށް، ކުފުރުން ތަބައްރީވުން ހަމަކަށަވަރުން ލާޒިމެވެ. މި ތަބައްރީގެ އެންމެ ދަށް ދަރަޖައަކީ ހިތުން ތަބައްރީވުމެވެ. އެންމެ މަތި، އެންމެ ރަނގަޅު ދަރަޖައަކީ ހިތުންނާއި ހަށިގަނޑުންވެސް ތަބައްރީވުމެވެ. އެބަހީ، ހިތުގައިވާ ވަކިކަން ބަހުންނާއި ޢަމަލުން ފާޅުކުރުމެވެ. ފާރިސީ ޅެމެއްގެ މިސްރާޢެއްގެ ތަރުޖަމާއެވެ:
ދުޝްމިނުނުވާހާ ހިނދަކު، ދޮސްތުކަމެއް ނުވާނެއެވެ!
އިބްރާހީމް “عَلَيْهِ السَّلَامُ” މިހާ ބޮޑު މަޤާމެއްގައި ވުމާއި، ހުރިހާ އިންސާނުންގެ ތެރެއިން ދެވަނަ ދަރަޖަ ލިބިވޮޑިގެންވުމާއި، ނަބިއްޔުންގެ ބައްޕަކަމުގެ ޝަރަފު ލިބިވޮޑިގެންވުމަކީ، މި ހުރިހާ ކަމެއް ވީ، اللَّه تَعَالَى ގެ ދުޝްމިނުންގެ ކިބައިން ތަބައްރީވެވޮޑިގެންވުމުގެ ސަބަބުންނެވެ. اللَّه تَعَالَى، (މުމްތަޙިނަ) ސޫރަތުގައި މާނައިގެ ގޮތުން، (އޭ މުއުމިނުންނޭ! އިބްރާހީމް “عَلَيْهِ السَّلَامُ” ދެއްކެވި ރީތި މަގުގައި ހިނގާށެވެ! އެބަހީ، ތިޔަ މީހުންވެސް އެ ނަބިއްޔާފަދައިންނާއި، އެ ނަބިއްޔާއާ އެކުގައި ތިބި މުއުމިނުންފަދައިން ވާށެވެ! އެ ބޭކަލުން ކާފިރުންނަށް ބުންޏެވެ: އަހަރެމެންގެ ފަރާތުން ލޯބިއެއް އުންމީދުނުކުރާށެވެ! އެހެނީ ތިޔަ މީހުން اللَّه تَعَالَى ގެ ބަސްފުޅަށް ކަންނުދީ، އެހެން ތަކެތީގެ އަޅުކަންކުރާތީއެވެ. ތިޔަ މީހުން އަޅުކަންކުރާ އެ ތަކެއްޗަށްވެސް އަހަރެމެން ލޯބިއެއް ނުކުރަމެވެ. ތިޔަ މީހުން އުފައްދާފައިވާ ދީނަކަށް އަހަރެމެން އަދަހެއް ނުގަންނަމެވެ. މި ވަކިކަން، އަހަރެމެންނާ ތިޔަ މީހުންގެ ދެމެދު ދުޝްމިނުކަން އުފެދުމަށް ސަބަބުވިއެވެ. ތިޔަ މީހުން اللَّه تَعَالَى އެކަކުކަމަށް އަދަހާނުގަންނާހާ ހިނދަކު، އަދި އެކަލާނގެ އަމުރުތައް ޤަބޫލުނުކުރާހާ ހިނދަކު، މި ވަކިކަން އަހަރެމެންގެ ހިތްތަކުން ފިލާނުދާނެއެވެ. ކޮންމެ ގޮތަކުންވެސް އެކަން ފާޅުވާނެއެވެ.) ވަޙީކުރައްވައެވެ.
މި ފަޤީރުގެ ދެކުމުގައި، اللَّه تَعَالَى ގެ ރިޟާއާއި ލޯބި ހޯދުމަށް، ކުފުރުން ތަބައްރީވުންފަދަ އެއްވެސް ޢަމަލެއް އަދި ޢިބާދަތެއް ނެތެވެ. ކާފިރުންނަށާއި ކުފުރަށް، اللَّه تَعَالَى ގެ ޛާތު، އެކަލާނގެ އަމިއްލަފުޅު ދުޝްމިނުވެވޮޑިގެންވެއެވެ. އިންސާނުން އަޅުކަންކުރާ ހުރިހާ މަޢުބޫދުތަކާއި، އެ ތަކެތީގެ އަޅުކަންކުރާ މީހުންނަކީ، اللَّه تَعَالَى ގެ ޛާތުގެ ދުޝްމިނުންނެވެ. ނަރަކައިގައި ނިމުމެއް ނެތި އެނދުމަކީ މި ނީޗަ ކަމުގެ އަދަބެވެ.
އިމާމް ރައްބާނީ ހަޟްރަތު، މަކްތޫބާތުގެ އެއްސަތޭކަ ފަސްދޮޅަސް ތިނެއްވަނަ މަކްތޫބުގައިވެސް މިހެން ވިދާޅުވެއެވެ:
މި މަކްތޫބު ލިޔުއްވާފައިވަނީ އައްސައްޔިދު އަދި ނަޤީބު ޝައިޚް ފަރީދު “رَحْمَةُ اللَّهِ تَعَالَى عَلَيْهِ” އަށެވެ. އިސްލާމް އާއި ކުފުރަކީ އެކަކު އަނެކަކަށް ފުށުއަރާ، އެކަކު އަނެކަކުގެ އިދިކޮޅު ދެ ކަމެއްކަމާއި، އިސްލާމްގެ ދުޝްމިނުންނަށް ލޯބި ނުކުރުން ބަޔާންކުރައްވައެވެ:
އަޅުގަނޑުމެންނަށް އެކިއެކި ނިޢުމަތްތައް ދެއްވާ، މުސްލިމުންކަމަށް ހައްދަވައި ޝަރަފުވެރިކުރައްވާ، މުޙައްމަދު “عَلَيْهِ السَّلَامُ” ގެ އުއްމަތުގެ ބަޔަކަށް ހައްދަވައި ޤަދަރުވެރިކުރައްވާ اللَّه تَعَالَى އަށް ޙަމްދު ހުއްޓެވެ! ދުނިޔެއާއި އާޚިރަތުގެ ސަޢާދަތާއި ރާޙަތަށް ވާސިލުވެވޭނީ، ދުނިޔެއާއި އާޚިރަތުގެ ސާހިބާއި، މަޚްލޫޤުތަކުގެ މެދުގައި އެންމެ މަތިވެރި، އެންމެ ޤަދަރުވެރި މުޙައްމަދު “عَلَيْهِ السَّلَامُ” އަށް ތަބަޢަވެ، އެ ނަބިއްޔާގެ މަގުގައި ހިނގުމުން އެކަންޏެވެ. އެ މަތިވެރި ނަބިއްޔާއަށާއި، އެ ނަބިއްޔާގެ ޠާހިރު އަހުލުބައިތަށާއި، ހުރިހާ ޞަޙާބީންނަށް އެންމެ ހެޔޮ ދުޢާތަކާއި އެންމެ މަތިވެރި ސަލާމްތައް ހުއްޓެވެ!
މުޙައްމަދު “عَلَيْهِ السَّلَامُ” އަށް ތަބަޢަވުން ކަމަށް ބުނެވެނީ، އިސްލާމީ އަޙްކާމަށް، އެބަހީ އިސްލާމީ ޝަރީޢަތަށް ތަބަޢަވުމާއި، ކުފުރާއި ކާފިރުކަން ނައްތާލުމަށް މަސައްކަތްކުރުމަށެވެ. އެހެނީ އިސްލާމް އާއި ކުފުރަކީ އެކަކު އަނެކަކަށް ފުށުއަރާ، އެކަކު އަނެކަކުގެ އިދިކޮޅު ދެ ކަމެކެވެ. އެއް ކަމެއް ހުރި ތަނެއްގައި އަނެއް ކަމެއް ނުހުންނާނެއެވެ؛ އެ ކަން ނެތިދާނެއެވެ. މި ދެ އިދިކޮޅު ކަން އެއްތަނެއްގައި ނުހުންނާނެއެވެ. އެއް ކަމަކަށް ޤަދަރުދިނުން ވަނީ އަނެއް ކަން ހީނަތުން ދެކުމެވެ. ކީރިތި ޤުރުއާނުގައި، ސޫރަތުއް ތައުބާގެ ހަތްދިހަ ތިންވަނަ އާޔަތުގައި، މާނައިގެ ގޮތުން، (އޭ މަތިވެރި ނަބިއްޔާއެވެ! ކާފިރުންނާއި މުނާފިޤުންގެ ޚިލާފަށް ޖިހާދުކުރައްވާށެވެ! އެބައިމީހުންނާމެދު ހަރުކަށިވަޑައިގަންނަވާށެވެ!) އެވެދާޅުވެއެވެ. އެ އިލާހުގެ، ޚުލުޤުލް ޢަޡީމްގެ ވެރިޔާވާ، ވަރަށް ރަޙްމަތްތެރިވާ ނަބިއްޔާއަށް، [އިސްލާމްދީނަށާއި މުސްލިމުންނަށް ހަމަލާދޭ] ކާފިރުންގެ ޚިލާފަށް ޖިހާދުކުރުމަށާއި، އެބައިމީހުންނާމެދު ހަރުކަށިވުމަށް އަމުރުކުރައްވައެވެ.
މިއިން އެނގެނީ، އިސްލާމްއަށް ހަމަލާދޭ މީހުންނާމެދު ހަރުކަށިވުންވެސް ޚުލުޤުލް ޢަޡީމްކަމެވެ. އިސްލާމްއަށް ޢިއްޒަތްދީ، އޭގެ ޤަދަރު އިތުރުކުރުމަށް، ކުފުރާއި ކާފިރުން، އެބަހީ އިސްލާމްދީނަށާއި މުސްލިމުންނަށް ހަމަލާދޭ މީހުން ނުބައިކޮށް ދެކުމާއި، އެބައިމީހުން ތިރިކޮށް ބެލުން ލާޒިމެވެ. އެފަދަ ކާފިރުންނަށް ޤަދަރުދިނުމާއި އެބައިމީހުން މަތިކޮށް ބެލުން ވަނީ، އިސްލާމީ ޝަރީޢަތާއި މުސްލިމުން ނުބައިކޮށް ދެކުމާއި ހީނަތުން ދެކުމެވެ. ކާފިރުންނަށް ޤަދަރުދިނުން ކަމަށް ބުނެވެނީ، އެބައިމީހުން މަތިކޮށް ބެލުމާއި އެބައިމީހުންގެ ކުރިމަތީގައި ބޯލެނބުން ކަމާއެކު، އެބައިމީހުންނާއެކު ހުރުމާއި، ވާހަކަދެއްކުމާއި، ބައްދަލުކުރުންވެސް އެބައިމީހުންނަށް ޤަދަރުދިނުމެވެ. އިސްލާމްގެ ދުޝްމިނުން، އިސްލާމީ ޝަރީޢަތަށް ހަމަލާދޭ މީހުންކައިރިން، ކުއްތާކައިރިން ފިލާގޮތަށް ފިލުމާއި، އެބައިމީހުން ހަޑި، ހީނަ މީހުންކަމަށް ދެނެގަތުން ލާޒިމެވެ. އިސްލާމްދީނަށް ހަމަލާދޭ މީހާއަކީ މަޤާމެއް، ދަރަޖައެއް އޮތް މީހަކުކަމަށްވެ، މުސްލިމަކަށް އެ މީހާއަތުން ކަމެއް ކުރުވަން ޖެހި، އެ ކަން ޔަޤީންކޮށް އެ މީހާ ކުރަން ޖެހޭކަމަށްވާނަމަ، ފާޚާނާއަށް ދާގޮތަށް، އެ ކަން ނިމެންދެން އެ މީހާކައިރިއަށް ދެވޭނެއެވެ. ނަމަވެސް، އެހިނދުވެސް އެ ހީނަ މީހާއަށް ޤަދަރުދެވޭ ބަހެއް ނުބުނެވޭނެއެވެ؛ އެފަދަ ޢަމަލެއްވެސް ނުކުރެވޭނެއެވެ. ކާމިލު މުސްލިމަކު، އެ މީހާގެ މޫނު ނުބަލަންޓަކައި، އެ ކަންވެސް ދޫކޮށްލައެވެ. އެ މީހާގެ ވިހަވެރި، ގެއްލުންތެރި ބަސްތައް އެހުމާއި، ނަރަކައިގެ މީހާގެ މޫނު ބެލުމުން ސަލާމަތްވެއެވެ. اللَّه تَعَالَى، ކީރިތި ޤުރުއާނުގައި، އެފަދަ ކާފިރުންނަކީ އެ އިލާހާއި އެ އިލާހުގެ ލޯބިވާ ނަބިއްޔާގެ ދުޝްމިނުންކަމަށް ބަޔާންކުރައްވައެވެ.
اللَّه تَعَالَى އާއި އެ އިލާހުގެ ރަސޫލާގެ ދުޝްމިނުންނާ [މުސްލިމުންނަކީ ފަހަތަށް ދާ މީހުންނޭ ބުނާ މީހުންނާ] އެކު އުޅުމާއި، އެ ހީނަ މީހުންނާ ރަހުމަތްތެރިވުން ވަނީ ބޮޑު ޖިނާޔަތެއް، ވަރަށް ހަޑި ކުށެކެވެ. މި މީހުންނާ ބައްދަލުކުރުމާއި ރަހުމަތްތެރިވުން، އެކިއެކި ގެއްލުންތަކެއްގެ ސަބަބަށްވެއެވެ. މި ގެއްލުންތަކުގެ އެންމެ ކުޑަ ގެއްލުމަކީ، މީހަކަށް އެބައިމީހުންގެ މެދުގައި اللَّه ގެ އަމުރުތައް ފުއްދޭކަށް ނުވުމެވެ. ކުފުރަށް ސަބަބުވާ ކަންކަމުން ދުރުހެލިވެވޭކަށް ނުވެއެވެ. މި ވަޒީފާތައް އަދާކުރަން ލަދުގަނެ ހިތް ދަތިވެއެވެ. ރަހުމަތްތެރިންކައިރީ ލަދުގަނެއެވެ. ވަރަށް ކުޑަކޮށް ފެންނަ މި ގެއްލުމަކީ، ސަމާލުކޮށް ބަލައިލާނަމަ، ވަރަށް ބޮޑު ގެއްލުމެކެވެ. اللَّه تَعَالَى ގެ ދީނަށް ހަމަލާދޭ މީހުންނާ ރަހުމަތްތެރިވުމާއި، އެބައިމީހުންނާ ބައްދަލުކުރުން، މީހާ اللَّه تَعَالَى އާއި އެ އިލާހުގެ ނަބިއްޔާ “عَلَيْهِ الصَّلَاةُ وَالسَّلَامُ” ގެ ދުޝްމިނަކަށް ވުމަށްދާންދެން ގެންދައެވެ.