ފެން ހަތަރު ބާވަތެކެވެ: މާއު މުޠްލަޤް، މާއު މުޤައްޔަދު، މާއު މަޝްކޫކް، މާއު މުސްތަޢުމަލް.
1- މާއު މުޠްލަޤް އަކީ ވާރޭފެނާއި، ކަނޑުފެނާއި، ހިނގާ ފެންއާރުތަކުގެ ފެނާއި، ވަޅުފެނެވެ. މި ފެންތަކުން ނަޖިސް ތަކެތި ޠާހިރުވެއެވެ. ކޮންމެ ކަމަކަށްވެސް ބޭނުންކުރެވިދާނެއެވެ.
2- މާއު މުޤައްޔަދު އަކީ މެލަން ފެނާއި، ކަރާފެނާއި، މޭބިސްކަދުރު ގަހުގެ ފެނާއި، މަލުގެ ފެނާއި، މިއާ އެއްފަދަ ފެންތަކެވެ.
މި ފެންތަކުން ނަޖިސް ތަކެތި ޠާހިރުވެއެވެ. އެކަމަކު ވުޟޫކުރުމަށާއި ހިނައިގަތުމަށް ބޭނުންނުކުރެވޭނެއެވެ.
3- މާއު މަޝްކޫކް އޭ ކިޔަނީ ހިމާރާއި، މަންމައަކީ ހިމާރެއް ކަމަށްވާ ބަޣަލު ބޮއި ބާކީވި ފެނަށެވެ.
މި ފެނުން ވުޟޫކުރުމާއި ހިނައިގަތުން ދެކަމެއްވެސް ޖާއިޒުވެއެވެ. މި ދެކަމުން ކޮންމެ ކަމެއް ކުރިން ކުރިޔަސް ކުރެވޭނެއެވެ؛ އެ މީހާއަށް އިޚްތިޔާރު ލިބިގެންވެއެވެ.
4- މާއު މުސްތަޢުމަލް އަކީ ބިމަށް ވެއްޓުނު ފެންތޯ، ނުވަތަ ބަދަނުން ވަކިވި ފެންތޯއެވެ؟ މި ކަމުގައި ޚިލާފު ހުރެއެވެ. އަޞައްޙު ޤައުލަކީ ބަދަނުން ވަކިވި ފެން ކަމެވެ. އަދި މި ފެނާ ބެހޭގޮތުންވެސް ތިން ޤައުލެއް ހުރެއެވެ. އިމާމުލް އަޢުޡަމް “رَحِمَهُ اللَّهُ تَعَالَى” ގެ ޤައުލުގައި އެއީ ނަޖާސަތު ޣަލީޡާއެވެ. އިމާމް އަބޫ ޔޫސުފް “رَحِمَهُ اللَّهُ تَعَالَى” ގެ ޤައުލުގައި ނަޖާސަތު ޚަފީފާއެވެ. އިމާމު މުޙައްމަދު “رَحِمَهُ اللَّهُ تَعَالَى” ގެ ޤައުލުގައި ޠާހިރެވެ. އަޞައްޙު ޤައުލަކީވެސް މިއެވެ.
ވުޟޫ ވާޖިބުވުމުގެ ޝަރުޠު ނުވައެކެވެ:
1- މުސްލިމެއް ކަމުގައިވުން.
2- ބާލިޣުވެފައިވުން.
3- ޢަޤުލު ހުރުން.
4- ވުޟޫ ނެތިވުން.
5- ވުޟޫކުރާ ފެން ޠާހިރުވުން.
6- ވުޟޫކުރުމުގެ ޤުދުރަތު ހުރުން.
7- ޙައިޟުގައި ނުވުން.
8- ނިފާސްގައި ނުވުން.
9- ކޮންމެ ނަމާދެއްގެ ވަގުތުގެ -ތެރޭގައި- ވުން. [މި ނުވަވަނަ ޝަރުޠަކީ ޢުޛުރުވެރިޔާއާ ބެހޭ ޝަރުޠެވެ.]