ޙަނަފީ މަޛްހަބުގައި، ނަމާދުގެ ސުންނަތްތަކަކީ:
އިފްތިތާޙް ތަކްބީރުގައި އަދި ވިތުރުގެ ޤުނޫތު ތަކުބީރުގައި، ފިރިހެނުން ދެއަތް ދެކަންފަތުގެ މަޑު ބަޔާ ހަމައަށް، އަންހެނުން ދެކޮނޑާ ހަމައަށް އުފުލުމެވެ. އިފްތިތާޙް ތަކްބީރާއި ޤުނޫތު ތަކުބީރުގައި، އަތުގެ އެތެރެމަތި ޤިބުލައަށް އަނބުރުވުމެވެ. ޤިޔާމްގައި، ކަނާއަތުގެ މާއިނގިލިއާއި ކުޑައިނގިލިން ވައަތުގެ ކުޑަހުޅުގައި ހިފުމެވެ. އަންހެނުން، ކަނާއަތް ވައަތުގެ މަތީގައި ބެހެއްޓުމެވެ. ފިރިހެނުން ނާބިގެ ތިރީގައި، އަންހެނުން އުރަމަތިގައި އަތްބަނދުމެވެ. ކޮންމެ ނަމާދެއްގެ ފުރަތަމަ ރަކުޢަތުގައި -އިމާމުވިޔަސް، ޖަމާޢަތުގެ މީހަކުވިޔަސް، އެކަނި ކުރާ މީހަކުވިޔަސް- (ސުބްޙާނަކަ) ކިޔުމެވެ. އިމާމާއި އެކަނި ނަމާދުކުރާ މީހާ، ކޮންމެ ފުރަތަމަ ރަކުޢަތެއްގައި، ސުބްޙާނަކައަށްފަހު، އަޢޫޛުއާއި ބިސްމިﷲ ކިޔުމެވެ. އެހެންމެ، އިމާމާއި އެކަނި ނަމާދުކުރާ މީހާ، ހުރިހާ ރަކުޢަތްތަކުގައި، ކީރިތި ފާތިޙާގެ ކުރިން، ކީރިތި ބިސްމި ކިޔުމެވެ. އިމާމު (ވަލައްޟާއްލީން) ކިޔާއިރު، އިމާމާއި ޖަމާޢަތުގެ މީހުން، އަދި އެކަނި ނަމާދުކުރާ މީހާ ތިމާ ކީރިތި ފާތިޙާ ކިޔައި ނިމޭއިރު، -މަޑުން- (އާމީން) ކިޔުމެވެ. ޤިޔާމްއިން ރުކޫޢަށް ތިރިވާއިރު ތަކުބީރު ކިޔުމެވެ. ރުކޫޢުގައި، ދެއަތް ދެކަކޫމަތީ ބަހައްޓައި، އިނގިލިތައް ވަކިކުރުމެވެ. ރުކޫޢުގައި ތިން ފަހަރު (ސުބްޙާނަ ރައްބިޔަލް ޢަޡީމް) ކިޔުމެވެ. ރުކޫޢުގައި، ފުރަގަހާއި ބޯ އެއް ސީދާގައި ހުރުމެވެ. އިމާމާއި އެކަނި ނަމާދުކުރާ މީހާ، ރުކޫޢުން ތެދުވާއިރު (ސަމިޢައްލާހު ލިމަން ޙަމިދަހް) ކިޔުމެވެ. ޖަމާޢަތުގައި ނަމާދުކުރާ މީހާއާއި އެކަނި ނަމާދުކުރާ މީހާ، ރުކޫޢުން ތެދުވުމަށްފަހު (ރައްބަނާ ލަކަލްޙަމްދު) ކިޔުމެވެ. ޤިޔާމްއިން ސަޖިދައަށް ތިރިވާއިރު (ﷲ އަކްބަރު) ކިޔުމެވެ. ސަޖިދައިގައި ތިން ފަހަރު (ސުބްޙާނަ ރައްބިޔަލް އަޢުލާ) ކިޔުމެވެ. ފުރަތަމަ ސަޖިދައިން އުފުލޭއިރު (ﷲ އަކްބަރު) ކިޔުމެވެ. ތިރިވާއިރު (ﷲ އަކްބަރު) ކިޔުމެވެ. ސަޖިދައިގައި އަތުގެ އިނގިލިތައް ޖައްސާލުމެވެ. ފިރިހެނުން ސަޖިދައިގައި ދެކަކޫ ބިމުގައި ބަހައްޓައި، ދެކަލަވައި ބަނޑުން ދުރުކުރުމާއި، އަންހެނުން ދެކަލަވައި ބަނޑާ ޖައްސާލުމެވެ. ދެވަނަ ސަޖިދައިން ތެދުވާއިރު (ﷲ އަކްބަރު) ކިޔުމެވެ. ފިރިހެނުން، ކަނާފައި ތެދުކޮށް، ވަފައިގެ މަތީގައި އިށީންދެގަތުމެވެ. ޤަޢްދަތުލް އާޚިރާގައި، ޞަލަވާތުގެ ދުޢާ ކިޔުމެވެ. ކަނާތަށާއި ވައަތަށް ސަލާމް ދޭއިރު، ބޯ އަނބުރުވުމެވެ. ތަޙިއްޔާތުގައި، ދެއަތް ދެކަކޫގެ ކުރިޔާ ހަމައަށް ބަހައްޓައި، އިނގިލިތައް އެތަކެތީގެ ޢާންމު ޙާލުގައި ދޫކޮށްލުމެވެ. ސަޖިދައިގައި، ދެއަތާއި ފައިގެ އިނގިލިތައް ޤިބުލައަށް އަނބުރުވުމެވެ. ސަޖިދައަށް ގޮސް، ދެއަތް ދެކަންފަތާ ހަމައަށް ބެހެއްޓުމެވެ. ހަތް އަވަޔަވައެއްގެ މަތީގައި ސަޖިދަ ކުރުމެވެ. ހަތަރު ރަކުޢަތުގެ ފަރުޟު ނަމާދުތަކުގެ ފަހު ދެ ރަކުޢަތުގައި، ކީރިތި ފާތިޙާ އެކަނި ކިޔުމެވެ. ކީރިތި ސުންނަތާ އެއްގޮތަށް، މުޙައްމަދީ ބަންގި ކިޔުމެވެ. ޖަމާޢަތުގައިވިޔަސް އެކަނިވިޔަސް، ފަރުޟު ނަމާދުތަކުގައި ފިރިހެނުން ޤާމަތް ކިޔުމެވެ.