އަދިވެސް، ހުކުރު ނަމާދު ޞައްޙަވުމުގެ ޝަރުޠުތައް ހަތެކެވެ:
1- ނަމާދުކުރާ ތަން މިޞްރެއްކަމުގައިވުމެވެ، އެބަހީ ޝަހަރެކޭ ކިޔޭވަރަށް ބޮޑުވުމެވެ.
2- ޚުޠުބާ ކިޔުމެވެ.
3- ޚުޠުބާ ނަމާދަށްވުރެ ކުރިން ކިޔުމެވެ.
4- އެތަނުގައި އިމާމު، ނުވަތަ ދައުލަތުގެ ރައީސްގެ ފަރާތުން ހުއްދަދެވިފައިވާ ނާއިބު ހުރުމެވެ.
5- މެންދުރު ވަގުތުގައި ކުރުމެވެ.
6- ޖަމާޢަތް ހުރުމެވެ. އިމާމު އަޢުޡަމްއާއި އިމާމު މުޙައްމަދު “رَحِمَهُمَا اللَّهُ تَعَالَى” ގެ ގޮތުގައި، އިމާމު ފިޔަވައި ބާލިޣު، ޢާޤިލު ފިރިހެނުން ތިން މީހުންނެވެ؛ އަދި އިމާމް އަބޫ ޔޫސުފް “رَحِمَهُ اللَّهُ تَعَالَى” ގެ ގޮތުގައި، އިމާމު ފިޔަވައި ދެ މީހުންނެވެ. އަޞައްޙު ޤައުލަކީ ޠަރަފައިންގެ ޤައުލެވެ.
7- ނަމާދަށް ކޮންމެ މީހަކަށްވެސް އައުމުގެ މިނިވަންކަން އޮތުމެވެ.
(ހިންދިއްޔާ) ފަތުވާގައި ބުނެއެވެ: (މިނިވަން، ޞިއްޙަތުގައިވާ، މުސާފިރު ނޫން ފިރިހެނުން ހުކުރު ނަމާދުކުރުން ފަރުޟު ޢައިނެވެ. ސަފަރުގައިވާ މީހާއަށާއި، ބަލިމީހާއަށާއި، އަންހެނުންނަށް ހުކުރު ނަމާދުކުރުން ފަރުޟެއް ނޫނެވެ. ވަރަށް ވާރޭވެހުމަށާއި ސަރުކާރުގެ މީހަކުގެ ޡުލުމަށް ބިރުގަންނަ މީހުންނަށްވެސް ފަރުޟު ނުވެއެވެ. އަމީރާއި، ކޮމާންޑަރާއި، ވަޒީފާދޭ މީހާ، އޭނާގެ އަމުރުގެ ދަށުގައިވާ މީހާ ހުކުރު ނަމާދުން މަނާނުކުރާނެއެވެ. އެ ވަގުތުކޮޅުގެ އުޖޫރަ ކަނޑާލެވިދާނެއެވެ. ފާސިޤު އިމާމަކު ހުކުރު ނަމާދުކުރުވާނަމަ، އެ ކަން ހުއްޓުވޭނެ ގޮތެއް ނެތް މީހާ އެ އިމާމާ ތަބާވުމާއި، މި ސަބަބުން ހުކުރު ނަމާދު ދޫކޮށްނުލުން ލާޒިމެކޭ ބުނެވިފައިވެއެވެ. އެހެން ނަމާދުތަކުގައި، ޞާލިޙު އިމާމަކު ނަމާދުކުރުވާ މިސްކިތަށް ދާންވާނެއެވެ؛ ފާސިޤު އިމާމަކުގެ ފަހަތުގައި ނަމާދު ނުކުރާންވާނެއެވެ. ކޮންމެ އަންހެނަކުވެސް، ކޮންމެ ނަމާދެއްވެސް ޖަމާޢަތުގައި ކުރުމަށް މިސްކިތަށް ދިއުން މަކްރޫހެވެ.)
މީހަކު އިމާމާ ހަމައަށް ވާސިލުވާއިރު، އިމާމު ހުކުރު ނަމާދުގެ ދެވަނަ ރަކުޢަތުގެ ރުކޫޢުގައިވާނަމަ، އިމާމު މުޙައްމަދު “رَحِمَهُ اللَّهُ تَعَالَى” ގެ ގޮތުގައި، އެ މީހާ މެންދުރު ނަމާދު ކުރާނެއެވެ. އިމާމު އަޢުޡަމްއާއި އިމާމް އަބޫ ޔޫސުފް “رَحِمَهُمَا اللَّهُ تَعَالَى” ގެ ގޮތުގައި، ތަޝައްހުދުގައިވެސް ވާސިލުވެއްޖެނަމަ، ހުކުރު ނަމާދު ކުރާނެއެވެ. އަދި ޚަޠީބު ބޭފުޅާ ޚުޠުބާ ކިޔަވަމުންދާއިރު، މީހަކު ނަފްލު ނަމާދެއް ކުރަމުންދާނަމަ، ދެ ރަކުޢަތް ކުރާނެއެވެ؛ އެއަށްވުރެ އިތުރު ނުކުރާނެއެވެ. އަދި އެއީ ހުކުރުގެ ސުންނަތްނަމަ، ދެ ރަކުޢަތްކޮށް ސަލާމް ދޭނީހެއްޔެވެ، ނުވަތަ ހަތަރު ރަކުޢަތް ފުރިހަމަކުރާނީހެއްޔެވެ؟ މި ކަމުގައި ޚިލާފު ހުރެއެވެ. އަޞައްޙު ޤައުލަކީ، ހަތަރު ރަކުޢަތް ފުރިހަމަކުރުމެވެ.
ހުކުރުގެ ވާޖިބުތައް ފަހެކެވެ:
1- ބަންގިގެ ވަގުތުގައި ހުރިހާ ކަމެއް ދޫކޮށްލުމެވެ.
2- މިސްކިތަށް އަވަސްކޮށް ދިއުމެވެ.
3- ޚަޠީބު ބޭފުޅާ ޚުޠުބާގައި ހުންނައިރު ނަފްލު ނަމާދު ނުކުރުމެވެ.
4- ދުނިޔަވީ ވާހަކަތައް ނުދެއްކުމެވެ.
5- ހަނުހުރުމެވެ.
ހުކުރުގެ މުސްތަޙައްބުތައް ހައެކެވެ:
1- މީރުވަސް ލުމެވެ،
2- މިސްވާކު ކުރުމެވެ،
3- ޠާހިރު ހެދުން ލުމެވެ،
4- ތަބްކީރެވެ، [ތަބްކީރޭ ކިޔަނީ، ހުކުރު ނަމާދަށް މިސްކިތަށް ކުރިން ދިއުމަށެވެ. ސަޢާދަތުގެ ޒަމާނުގައި، ކީރިތި ޞަޙާބީން “رَضِيَ اللَّهُ تَعَالَى عَنْهُمْ أَجْمَعِينَ”، ފަތިސް ނަމާދަށްފަހު ވަކިވެ ނުދިޔައެވެ؛ ވަކިވެ ދިޔައީ ހުކުރު ނަމާދަށްފަހުއެވެ. މި އުއްމަތުން އެންމެ ފުރަތަމަ ދޫކޮށްލެވުނު ކަމަކީ، ތަބްކީރުގެ ސުންނަތެވެ.]
5- ހިނައިގަތުމެވެ.
6- ޞަލަވާތް ކިޔުމެވެ.
ހުކުރު ނަމާދުގެ މަކްރޫހުތައް ފަހެކެވެ:
1- ޚަޠީބު އެފެންދީ ޚުޠުބާ ކިޔަވަމުން އަންނަވާއިރު ސަލާމް ދިނުމެވެ.
2- ކީރިތި ޤުރުއާން ކިޔެވުމެވެ.
3- ކިނބިހި ޖެހި މީހާއަށް (ޔަރްޙަމުކަﷲ) ކިޔުމެވެ.
4- ކެއުމާއި ބުއިމެވެ.
5- މަކްރޫހުވާ ކޮންމެ ޢަމަލެއް ކުރުމެވެ. [ޚަޠީބު އެފެންދީ ޚުޠުބާ ދިގުކުރެއްވުމަކީވެސް މަކްރޫހެކެވެ.]
މުނާރައިގައި ގޮވާ ހުކުރުގެ ފުރަތަމަ ބަންގިއަށްފަހު، ޚަޠީބު އެފެންދީ މިންބަރު ކައިރީގައި ހުކުރުގެ ފުރަތަމަ ސުންނަތް ނަމާދު ކުރައްވައެވެ. ދެން މިންބަރު ކުރިމަތިއަށް ވަޑައިގެން، ޤިބުލައަށް މޫނުފުޅު ލައްވައި ހުރެވޮޑިގެން، ކުރު ދުޢާއެއް ކުރައްވައި، މިންބަރަށް އަރައިވަޑައިގެން، ޖަމާޢަތަށް މޫނުފުޅު ލައްވައި އިށީނދެވޮޑިގެން، ދެވަނަ ބަންގިއަށް އަޑުއައްސަވައެވެ. ދެން ހުރެވޮޑިގެން ޚުޠުބާ ފަށްޓަވައެވެ.
[ވައްހާބީ ކިޔާ މީހުންނަކީ އަހްލުއްސުންނަ މަޛްހަބުގެ މީހުންނެއް ނޫނެވެ. އެއީ މަޛްހަބެއް ނެތް މީހުންނެވެ. އެމީހުންނަށް (ވައްހާބީ) ނުވަތަ (ނަޖްދީ) އޭ ކިޔައެވެ. ވައްހާބީކަން އުފެއްދީ އިނގިރޭސިންނެވެ. އެކަން އުފެއްދީ ޢަބްދުލްވައްހާބުގެ ދަރި މުޙައްމަދު ކިޔާ، ނަޖްދުގެ ނަސަބުހީނަ، ޖާހިލު ދީނީ މީހަކުގެ މެދުވެރިކަމުންނެވެ. ވައްހާބީ ނޫން މުސްލިމުންނަށް އެމީހުންގެ ފޮތްތަކުގައި މުޝްރިކުންނާއި ކާފިރުންނެވެ ކިޔައެވެ. އެމުސްލިމުން މެރުމާއި، އެމީހުންގެ އަނބިންނާއި ދަރިކަނބަލުންނާއި މުދާ ޣަނީމާގެ ގޮތުގައި ނެގުން ޖާއިޒުކަމަށް ލިޔައެވެ. ގިނަ ފައިސާ ދީގެން އެއްކުރާ މަޛްހަބެއް ނެތް، ޖާހިލު ދީނީ މީހުން ވައްހާބީންނަށް ހަދައި، ކޮންމެ ޤައުމެއްގައި އެމީހުން ހުޅުވާ (ރާބިޠަތުލްޢާލަމިލްއިސްލާމީ) ކިޔާ ވައްހާބީ މަރުކަޒުތަކަށް ފޮނުވައެވެ. އެމީހުންގެ އިސްލާމީ ޝަރީޢަތާ ނުގުޅޭ ލިޔުންތައް، [ދުނިޔޭގެ އިސްލާމީ ޢާލިމުންގެ އިއްތިޙާދުގެ ފަތުވާއެކެވެ ކިޔައިގެން] ހުރިހާ އިސްލާމީ ޤައުމުތަކުގައި ފަތުރައެވެ. ކޮންމެ އަހަރަކު ޙައްޖުވެރިންނަށް ހިލޭ ބަހައެވެ. އެލިޔުންތަކުގެ އެއް ލިޔުމެއްގައި، (އަންހެނުން ހުކުރު ނަމާދު ކުރުމަކީ ފަރުޟެކެވެ) ކިޔައެވެ. އަންހެނުންނާއި އަންހެން ކުދިން ބަލުޖަބުރުން ހުކުރު ނަމާދަށް ފޮނުވައެވެ. އަންހެނުންނާއި ފިރިހެނުން އެކުއެކީ ގުޅިގެން ނަމާދު ކުރައެވެ. އަދި އެމީހުންގެ އެއް ލިޔުމެއްގައި، (ހުކުރު އަދި ޢީދު ޚުޠުބާތައް ކިޔަވަނީ ޖަމާޢަތަށް ވިސްނޭ ބަހުންނެވެ. ޢަރަބި ބަހުން ނުކިޔަވާންވާނެއެވެ) ކިޔައެވެ. އެފަދަ ފަތުވާތަކަށް އިސްލާމީ ޤައުމުތަކުގެ ޙަޤީޤީ ދީނީ ޢާލިމުން ލިޔެކިޔުންގެ ހެކިތަކާއެކު ޖަވާބު ދެއްވަމުން ގެންދަވައެވެ. މިސައްޙަ ޖަވާބުތަކުގެ ތެރެއިން އެއް ޖަވާބަކީ ހިންދުސްތާނުގެ ތަފާތު ތަންތާނގައި ތިބި އަހްލުއްސުންނަ ޢާލިމުންގެ ފަތުވާތަކެވެ. މިސާލަކަށް، މަދްރާސްގެ މުފްތީ ޢައްލާމާ ޙިބްރުއްނިޙްރީރު ވަލްފައްހާމާ ޞާޙިބުއްތަޤްރީރި ވައްތަޙްރީރު މައުލާނާ މުޙައްމަދު ތަމީމް ބިން މުޙައްމަދު މަދްރާސީ “نَوَّرَ اللَّهُ مَرْقَدَهُ” ވިދާޅުވެއެވެ:
ޚުޠުބާގެ ހުރިހާ ބައެއް ޢަރަބި ނޫން ބަހަކުން ކިޔުން، ނުވަތަ ޢަރަބިންނާއި އޭގެ ތަރުޖަމާއާއެކު ކިޔުން މަކްރޫހެވެ. ޚުޠުބާގެ ހުރިހާ ބައެއް ޢަރަބިން ކިޔުން ވާޖިބެވެ. އެހެނީ، ރަސޫލުﷲ “صَلَّى اللَّهُ عَلَيْهِ وَسَلَّمَ” ކޮންމެ ޚުޠުބާއެއްވެސް ކިޔަވައިދެއްވާފައިވަނީ ހަމައެކަނި ޢަރަބިންނެވެ. (ބަޙްރުއްރާއިޤް) ފޮތުގައި ޢީދު ނަމާދުތައް ބަޔާންކުރާއިރު ބުނެފައިވަނީ، (ތަރާވީޙް އާއި ކުސޫފު ނަމާދު ފިޔަވައި އެހެން ނަފުލު ނަމާދުތައް ޖަމާޢަތުގައި ނުކުރެއެވެ. ޢީދު ނަމާދުތައް އަބަދުވެސް ޖަމާޢަތުގައި ކުރެވޭތީ، އެ ނަމާދުތަކަކީ ނަފްލެއް ނޫންކަމާއި ވާޖިބު ނަމާދުތަކެއްކަން އެނގެއެވެ.) މިއިން ފެންނަނީ، ރަސޫލުﷲ “صَلَّى اللَّهُ عَلَيْهِ وَسَلَّمَ” ދާއިމީގޮތެއްގައި ކުރައްވާ ޢިބާދަތަކީ ވާޖިބެއްކަން އެނގޭކަމެވެ. ޢައްލާމާ ޒަބީދީ “رَحِمَهُ اللَّهُ تَعَالَى”، (އިޙްޔާ) ގެ ޝަރަޙައިގައި ބުނެފައިވަނީ، (ރަސޫލުﷲ “صَلَّى اللَّهُ عَلَيْهِ وَسَلَّمَ” ދާއިމީގޮތެއްގައި ކުރައްވާ ޢިބާދަތް ވާޖިބުވެއެވެ. ފަރުޟުކަމެއް ނުދައްކައެވެ.) ޢައްލާމާ މުފްތީ އަބުއްސުޢޫދު އެފެންދީ “رَحِمَهُ اللَّهُ تَعَالَى”، (ފަތްޙުއްލާހިލްމުޢީން) ފޮތުގައި ބުނެފައިވަނީ، (ރަސޫލުﷲ “صَلَّى اللَّهُ عَلَيْهِ وَسَلَّمَ” ދާއިމީގޮތެއްގައި ކުރެއްވުމުން، އެކަމަކީ ވާޖިބެއްކަން ދައްކައެވެ.) [އިބްނު ޢާބިދީން “رَحِمَهُ اللَّهُ تَعَالَى”، ވުޟޫގެ ސުންނަތްތަކުގެ ބައިގައި ވިދާޅުވަނީ، (ރަސޫލުﷲ “صَلَّى اللَّهُ تَعَالَى عَلَيْهِ وَسَلَّمَ” ދާއިމީގޮތެއްގައި ކުރައްވާ ޢިބާދަތެއް، އެއްވެސް ފަހަރަކު ދޫނުކޮށްލައްވާފައިވާނަމަ، މުއައްކަދު ސުންނަތެއްވެއެވެ. ދޫނުކޮށްލެއްވުމާއެކު، އެކަން ދޫކޮށްލާ މީހާއަށް އިންކާރުކުރައްވާފައިވާނަމަ، ވާޖިބުވެއެވެ. އެހެނީ، އިންކާރުނުކުރެއްވުމަކީ ޙުކުމުގެ ގޮތުން ދޫކޮށްލެއްވުމެވެ. އަބުއްސުޢޫދު އެފެންދީ، އެއްވެސް ފަހަރަކު ދޫނުކޮށްލައްވައި ދާއިމީގޮތެއްގައި ކުރައްވާ ކަމަކީ ވާޖިބެކެވެ ބުނެފައިވަނީ މި ސަބަބުންނެވެ.) މި ދެކަމެއްވެސް ޢުޛުރެއްނެތި ދޫކޮށްލުމަކީ ތަޙްރީމީ މަކްރޫހެއްކަން، ނަމާދުގެ މަކްރޫހުތަކުގެ ބައިގެ ނިމުމުގައި ބަޔާންކުރައްވައެވެ.] ރަސޫލުﷲ “صَلَّى اللَّهُ عَلَيْهِ وَسَلَّمَ” ޚުޠުބާތައް ދާއިމީގޮތެއްގައި ހަމައެކަނި ޢަރަބިން ކިޔަވައިދެއްވުމުން، ޢަރަބިން ކިޔުން ވާޖިބުކަން ދައްކައެވެ. އެހެންކަމުން، ޚުޠުބާތައް ޢަރަބި ނޫން ބަހަކުން ކިޔުން ނުވަތަ ޢަރަބިންނާއި އޭގެ ތަރުޖަމާވެސް ކިޔުން ތަޙްރީމީ މަކްރޫހުވެއެވެ. އެހެނީ، ފުރަތަމަ ގޮތުގައި ޢަރަބިން ކިޔުން ދޫކޮށްލެވެއެވެ. ދެވަނަ ގޮތުގައި، ޚުޠުބާ ހަމައެކަނި ޢަރަބިން ވުން ދޫކޮށްލެވެއެވެ. މި ދެގޮތުގައިވެސް، ރަސޫލުﷲ “صَلَّى اللَّهُ تَعَالَى عَلَيْهِ وَسَلَّمَ” ދާއިމީގޮތެއްގައި ކުރައްވާ ކަން ދޫކޮށްލެވެއެވެ. މިއާއެއްފަދައިން، ނަމާދު ފަށާއިރު ތަކުބީރު ޢަރަބިން ކިޔުމާއި، އެ ބަސްތަކުގެ ތެރެއިން (ﷲ އަކްބަރު) ކިޔުމަކީ ވަކިވަކި ދެކަމެކެވެ. އެ ދެކަމުން އެއްކަމެއް ދޫކޮށްލުން ތަޙްރީމީ މަކްރޫހުވެއެވެ. އެހެނީ، ރަސޫލުﷲ “صَلَّى اللَّهُ عَلَيْهِ وَسَلَّمَ” އަބަދުވެސް ﷲ އަކްބަރު ވިދާޅުވެފައިވާތީ، އެބަސް ކިޔުން ވާޖިބުވެ، ދޫކޮށްލުން ތަޙްރީމީ މަކްރޫހުވެފައިވެއެވެ. އިބްނު ޢާބިދީން “رَحِمَهُ اللَّهُ تَعَالَى” (ރައްދުލްމުޙްތާރު) ގައި ވިދާޅުވަނީ، (މަކްރޫހަކީ ވާޖިބެއް ނުވަތަ ސުންނަތެއް ދޫކޮށްލުމެވެ. ފުރަތަމައީ ތަޙްރީމީ މަކްރޫހެވެ. ދެވަނައީ ތަންޒީހީ މަކްރޫހެވެ.) (ޙަލަބީ ކަބީރު) ގައި ބުނެފައިވަނީ، (ސުންނަތް ދޫކޮށްލުން ތަންޒީހީ މަކްރޫހުވެއެވެ. ވާޖިބު ދޫކޮށްލުން ތަޙްރީމީ މަކްރޫހުވެއެވެ.) (ފަތާވާ ސިރާޖިއްޔާ) ގައި (ޚުޠުބާ ފާރިސީން ކިޔުން ޖާއިޒެވެ) ބުނެފައިވެއެވެ. މި ބަސް ނަގައިގެން، ޚުޠުބާ ޢަރަބި ނޫން ބަހަކުން ކިޔުން ޖާއިޒުކަމާއި، ތަޙްރީމީ މަކްރޫހެއް ނުވަތަ ތަންޒީހީ މަކްރޫހެއް ނޫންކަމަށް ފަތުވާ ދިނުމަކީ ބާޠިލެކެވެ. އެހެނީ، ސިރާޖިއްޔާގެ ބަހުގެ މާނައަކީ (ޞައްޙަވެއެވެ) މިއެވެ. މިއިންވެސް، މަކްރޫހެއް ނޫންކަމެއް ނުބަޔާންކުރެއެވެ. އިބްނު ޢާބިދީން “رَحِمَهُ اللَّهُ تَعَالَى”، (ރައްދުލްމުޙްތާރު) ގައި ވިދާޅުވަނީ، (ޞައްޙައެވެ ބުނުމުން، މަކްރޫހެއް ނޫންކަމެއް ނުދައްކައެވެ.) މުޙައްމަދު ޢަބްދުލްޙައްޔު ލަކްނަވީ “رَحِمَهُ اللَّهُ تَعَالَى”، (ޢުމްދަތުއްރިޢާޔާ) ފޮތުގައި ބުނެފައިވަނީ، (ޚުޠުބާ ޢަރަބިން ކިޔުމަކީ ޝަރުޠެއް ނޫނެވެ. ފާރިސީން ނުވަތަ އެހެން ބަހަކުން ކިޔުން ޖާއިޒުވެއެވެ މި ބަހުން ބަޔާންކުރަނީ، ނަމާދު ޖާއިޒުވާނެކަމެވެ. އެބަހީ، ހުކުރު ނަމާދު ޞައްޙަވުމަށް ޚުޠުބާ ކިޔުމުގެ ޝަރުޠު ފުއްދިފައިވެއެވެ މި މާނައެވެ. ޚުޠުބާ ކަރާހަތެއްނެތި ވެއެވެ މި މާނައެއް ނޫނެވެ. އެހެނީ، ރަސޫލުﷲ “صَلَّى اللَّهُ عَلَيْهِ وَسَلَّمَ” އާއި ކީރިތި ޞަޙާބީން އެންމެން “رَضِيَ اللَّهُ عَنْهُمْ” ޚުޠުބާ އަބަދުވެސް ކިޔަވައިދެއްވާފައިވަނީ ހަމައެކަނި ޢަރަބިންނެވެ. އެބޭކަލުންނާ ޚިލާފުވުން ތަޙްރީމީ މަކްރޫހުވެއެވެ.) ތާބިޢީންނާއި ތަބަޢު ތާބިޢީން “رَحِمَهُمُ اللَّهُ تَعَالَى” ވެސް، ޚުޠުބާ ކޮންމެ ވަގުތެއްގައި، ކޮންމެ ތަނެއްގައި ކިޔަވާފައިވަނީ ހަމައެކަނި ޢަރަބިންނެވެ. ޢަރަބި ނޫން ބަހަކުން ނުކިޔަވާފައިވާކަމާއެކު، ޢަރަބިންނާއި އޭގެ ތަރުޖަމާ އެކުގައި ކިޔަވާފައިވާ ބޭކަލަކުވެސް ނުވެއެވެ. [އެހެނަސް، އޭޝިއާގައި އާއި އެފްރިކާގައި އެބޭކަލުންގެ ޚުޠުބާތަކަށް އަޑުއެހި މީހުންގެ ތެރޭގައި އެއްވެސް މީހަކު ޢަރަބި ބަހެއް ނޭނގުނުހިނދު، ޚުޠުބާގައި ކިޔެވޭ ބަސްތައްވެސް ނުވިސްނުނެވެ. އެމީހުންނަށް ވިސްނުމަށްޓަކައި އޭގެ ތަރުޖަމާވެސް ކިޔައިދިނުމާއި، އަލަށް މުސްލިމުވި މީހުންނަށް އިސްލާމީ ޝަރީޢަތް އުނގަންނައިދިނުން ލާޒިމުވެފައިވިޔަސް، ޚުޠުބާތަކުގައި ޢަރަބި ނޫން ބަހަކުން ކިޔުން އެބޭކަލުން ޖާއިޒުކަމަކަށް ނުދެކެވުނެވެ. ޚުޠުބާތަކުގެ ބޭރުން އެމީހުންނަށް އިސްލާމީ ޝަރީޢަތް ބަޔާންކޮށްދެއްވިއެވެ. ޚުޠުބާތައްވެސް ވިސްނުމަށާއި، އިސްލާމީ ޝަރީޢަތް ރަނގަޅަށް އުނގެނުމަށްޓަކައި، ޢަރަބި އުނގެނުމަށް އެމީހުންނަށް އަމުރުކުރެއްވިއެވެ. އަހަރެމެންވެސް މި ޢާލިމުން ކުރެއްވިފަދައިން ކުރަންވާނެއެވެ.]
މި ބޭކަލުންނާ ޚިލާފުވެ، ޚުޠުބާތައް ޢަރަބި ނޫން ބަހަކުން ކިޔުމަކީ (ބިދުޢަ) އެކެވެ. ތަޙްރީމީ މަކްރޫހެކެވެ. ފުރަތަމަ ގޮތަށް ތަޙްރީމީއެވެ ބުނުމާއި، ދެވަނަ ގޮތަށް ތަންޒީހީއެވެ ބުނުމަކީ ބާޠިލެކެވެ. އެހެނީ، ތަންޒީހީ މަކްރޫހޭ ކިޔަނީ ސުންނަތް ދޫކޮށްލުމަށެވެ. ރަސޫލުﷲ “صَلَّى اللَّهُ عَلَيْهِ وَسَلَّمَ” ޚުޠުބާގެ ހުރިހާ ބައެއް އަބަދުވެސް ހަމައެކަނި ޢަރަބިން ކިޔަވައިދެއްވާފައިވާތީ، ޚުޠުބާގެ ހުރިހާ ބައެއް ހަމައެކަނި ޢަރަބިން ކިޔުން ވާޖިބެވެ. މި ވާޖިބު ދޫކޮށްލުން ތަންޒީހީއެއް ވާނީ ކިހިނެއްހެއްޔެވެ؟ ތަޙްރީމީ މަކްރޫހުވާ ކަން ދޫކޮށްލުން ވާޖިބެވެ. މައުލާނާ ބަޙްރުލް ޢުލޫމް “رَحِمَهُ اللَّهُ تَعَالَى”، (އަރްކާނުލްއަރްބަޢާ) ގައި ބުނެފައިވަނީ، (ތަޙްރީމީ މަކްރޫހުވާ ކަން ދޫކޮށްލުން ވާޖިބެވެ. މި މަކްރޫހު ކަން ކުރުމަކީ މި ވާޖިބު ދޫކޮށްލުމެވެ.)
ތަޙްރީމީ މަކްރޫހު ކަމެއް ހަމޭޝާ ކުރާ މީހަކީ ޢަދުލުވެރި މީހެއް ނޫނެވެ. އިބްނު ޢާބިދީން “رَحِمَهُ اللَّهُ تَعَالَى”، (ރައްދުލްމުޙްތާރު) ގައި ނަމާދުގެ ވާޖިބުތައް ބަޔާން ކުރަން ފަށާއިރު، އިބްނު ނުޖައިމު “رَحِمَهُ اللَّهُ تَعَالَى” ގެ ބަސް ނަޤުލުކޮށް ވިދާޅުވެއެވެ: (ތަޙްރީމީ މަކްރޫހު ކަމެއް ކުރުމަކީ ކުޑަ ފާފައެކެވެ. ކުޑަ ފާފައެއް ދިގުކޮށް ކުރަމުން ދިއުމުން ޢަދާލަތު ގެއްލެއެވެ.) ޚުޠުބާތަކުގެ ތަރުޖަމާވެސް ކިޔަވާ ޚަޠީބުންގެ ޢަދާލަތު ގެއްލި، އެބަޔަކު ފާސިޤުން ވެއެވެ. އެބަޔަކުގެ ފަހަތުގައި ނަމާދު ކުރުން ތަޙްރީމީ މަކްރޫހު ވެއެވެ. (ނޫރުލް އީޟާޙު) ގައިއާއި (އިބްނު ޢާބިދީން) ގައި ބުނެއެވެ: (އަޅާއާއި، ގަމުގެ މީހާއާއި، ޒިނޭގެ ދަރިޔަކީ ޖާހިލުން ނަމަ، އެބަޔަކު އިމާމުވުން މަކްރޫހެވެ. ފާސިޤުންނާއި ބިދުޢަވެރިން ނަމަ، ޢާލިމުންވިޔަސް އިމާމުވުން މަކްރޫހެވެ. މިބަޔަކު އިމާމުކޮށް ލެއްވުން ފާފައެކެވެ.) ޢައްލާމާ އިބްރާހީމް ޙަލަބީ “رَحِمَهُ اللَّهُ تَعَالَى”، (ޙަލަބީ ކަބީރު) ގައި ވިދާޅުވެއެވެ: (ފާސިޤު މީހަކު އިމާމުކޮށް ލައިފި މީހުން ފާފައެއް ކޮށްފިއެވެ. އެހެނީ ފާސިޤުން އިމާމުކޮށް ލެއްވުން ތަޙްރީމީ މަކްރޫހުވާތީއެވެ.) (މަރާޤިލް ފަލާޙު) ގައި ބުނެއެވެ: (ފާސިޤު މީހަކު، ޢާލިމަކަސް، އިމާމުކޮށް ލެއްވުން މަކްރޫހު ވެއެވެ. އެހެނީ އެމީހާ އިސްލާމީ ޝަރީޢަތަށް ތަބާވުމުގައި ލަސްކަން ދައްކާތީއެވެ. އެމީހާއަށް އިހާނެތިކަން ދެއްކުން ވާޖިބެވެ. އިމާމުކޮށް ލެއްވުމަކީ އެމީހާއަށް އިޙްތިރާމު ކުރުމެވެ. އެމީހާ އިމާމުވުން ހުއްޓުވޭނެ ކަމެއް ނެތް ނަމަ، ހުކުރު ނަމާދާއި ކޮންމެ ނަމާދެއް އެހެން މިސްކިތެއްގައި ކުރަންވާނެއެވެ.) ޢައްލާމާ ޠަޙްޠާވީ “رَحِمَهُ اللَّهُ تَعَالَى”، މި ތަން ޝަރަޙަ ކުރައްވަމުން، (ފާސިޤު މީހަކު އިމާމުކޮށް ލެއްވުން ތަޙްރީމީ މަކްރޫހެވެ) ވިދާޅުވެއެވެ.
ޚަޠީބު ޚުޠުބާތައް ޢަރަބި ނޫން އެހެން ބަހަކުން ކިޔެވުމަށް ސަބަބު ވެގެން ނުވާނެއެވެ. މިކަމަށް ސަބަބުވުމަކީ ފާފައެކެވެ. އެހެނީ ފާފަ ކުރުމަށް އެހީވުންވެސް ފާފައެއް ކަމުންނެވެ. އިބްނު ޢާބިދީން “رَحِمَهُ اللَّهُ تَعَالَى”، (ރައްދުލްމުޙްތާރު) ގައި ވިދާޅުވެއެވެ: (ފާސިޤު އިމާމެއްގެ ފަހަތުގައި ނަމާދު ކުރެވޭނެއެއް ނޫނެވެ. ފާސިޤު ނޫން އިމާމެއް ހޯދުން ލާޒިމެވެ. ހުކުރު ނަމާދަކީ މިހެން ކަމެއް ނޫނެވެ. ޝަހަރުގެ ކިތަންމެ މިސްކިތެއްގައި ހުކުރު ނަމާދު ކުރާ ނަމަ، ހުކުރު ނަމާދުވެސް ފާސިޤު އިމާމެއްގެ ފަހަތުގައި ކުރުން މަކްރޫހު ވެއެވެ. އެހެނީ އެހެން އިމާމެއްގެ ފަހަތުގައި ކުރުން މުމްކިންވާތީއެވެ. (ފަތްޙުލް ޤަދީރު) ގައިވެސް ލިޔެފައިވަނީ މިހެންނެވެ.) އެހެތުން، ޢަރަބި ނޫން އެހެން ބަހަކުން ތަރުޖަމާވެސް ކިޔަވާ އިމާމެއްގެ ފަހަތުގައި ނަމާދު ނުކޮށް، ޚުޠުބާ ހަމައެކަނި ޢަރަބިބަހުން ކިޔަވާ އިމާމެއް ހޯދައި، ހުކުރު ނަމާދު އެ އިމާމުގެ ފަހަތުގައި ކުރަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް، (އައްތަޙްޤީޤާތުއް ސަނިއްޔަ ފީ ކަރާހަތިލް ޚުޠްބަތި ބިޣައިރިލް ޢަރަބިއްޔަ ވަ ޤިރާއަތިހާ ބިލް ޢަރަބިއްޔަތި މަޢަ ތަރްޖަމަތިހާ ބިޣައިރިލް ޢަރަބިއްޔަތި) ފޮތް ކިޔަވާށެވެ! ޢައްލާމާ މުޙައްމަދު ތަމީމީ މަދްރާސީގެ ލިޔުމުގެ ތަރުޖަމާ މިތަނުގައި ނިމުނެވެ.
މަތީގައިވާ ލިޔުން ލިޔެވުނީ 1349 [މ. 1931] ވަނަ އަހަރު، ހިންދުސްތާނުގައި ޢަރަބިބަހުންނެވެ. ހިންދުސްތާނުގެ އެންމެ ބޮޑު ތޭރަ ޢާލިމުން އެލިޔުން ތަޞްދީޤުކޮށް، އެލިޔުމުގެ ތިރީގައި ސޮއިކޮށްފައިވެއެވެ. މި ތާރީޚީ ފަތުވާއާއެކު، ހިންދުސްތާނުގެ (ދިޔޫބަންދު) އާއި (ބާޤިޔާތުއް ޞާލިޙާތު) އާއި (މަދްރާސް) އާއި (ހައިދަރާބާދު) ގެ ޢާލިމުންގެ ޢަރަބި ފަތުވާތައް، 1396 [މ. 1976] ވަނަ އަހަރު އިސްތަންބޫލުގައި ޗާޕުކޮށްފައިވެއެވެ. ޢުސްމާނީ ދައުލަތުގައިވި، މުޅި ދުނިޔޭގައި މަޝްހޫރުވެފައިވާ ހާސްތަކެއް ފުން ޢިލްމުވެރި ޢާލިމުންނާއި ޝައިޚުލް އިސްލާމުން “رَحِمَهُمُ اللَّهُ تَعَالَى”، ޢާންމުންނަށް ޚުޠުބާތައް ވިސްނުވާދޭނެ ގޮތެއް ހޯއްދަވާފައިވެއެވެ. ޚުޠުބާތަކުގައި ތުރުކީ ތަރުޖަމާތައްވެސް ކިޔެވުމަށް ޖާއިޒުވާ ގޮތެއް ނުފެނި، މިކަމަށް އިޒުނަ ދެއްވޭނެ ކަމެއް ނުވިއެވެ. ޖަމާޢަތަށް ޚުޠުބާގެ މާނަ ވިސްނުވައިދިނުމަށް، ކޮންމެ މިސްކިތެއްގައި ނަމާދުތަކަށް ފަހު ހުކުރު ވަޢުޡުތައް ކުރުވައި، ހަސަތޭކަ އަހަރު ޢާންމުންނަށް ޚުޠުބާތައް އުގަންނައިދެވުނީ މިގޮތަށެވެ. މިހެން އިސްލާމީ ޝަރީޢަތުގެ ބޭރަށް ނިކުމުން ހުއްޓުވާފައިވެއެވެ.]
ޢީދު ނަމާދުގެ (ޒަވާއިދު ތަކުބީރުތައް) ނުވައެވެ: އެކެއް ފަރުޟެވެ. އެކެއް ސުންނަތެވެ. ހަތެއް ވާޖިބެވެ: އިފްތިތާޙް ތަކްބީރު ފަރުޟެވެ. ފުރަތަމަ ރުކޫޢުގެ ތަކުބީރު ސުންނަތެވެ. ޒަވާއިދު ތަކުބީރުތައް ވާޖިބެވެ. އަދި ދެވަނަ ރަކުޢަތުގެ ރުކޫޢުގެ ތަކުބީރު، ވާޖިބަކާ ގުޅިގެން ވާޖިބު ވެއެވެ.