އެ ބަރަކާތްތެރި ބޭކަލަކު އަނެއްކާ ވެސް އެއްސެވި އެވެ. އޭ ﷲ ގެ ރަސޫލާ އެވެ. އީމާން އަކީ ކޮބައި ކަން ކިޔުއްވައިދެއްވާށެވެ! އިސްލާމް ކަމަކީ ކޮބައި ތޯ ސުވާލުކުރެއްވުމަށް ފަހު، އޭގެ ޖަވާބު ލިބުމުން، جبريل (عليه السّلام) އަޅަމެންގެ ގެ رسول اللّه (صلّى اللّه عليه وسلّم) އަރިހުން އެދިވަޑއިގަތީ އީމާން ކަމުގެ އަސާސްތަކާއި، ޙަޤީޤަތް އޮޅުންފިލުއްވައިދެއްވުމަށެވެ. ލުޣަވީ ގޮތުން އީމާން ގެ މާނަ އަކީ، "މީހަކު ފުރިހަމައަށް ތެދުވެރި އަދި ބަސްމަގު ސީދާ މީހެއްގެ ގޮތުގައި އެނގުމެވެ". އަދި އިސްލާމީ ޝަރީޢަތުގައި އީމާން ގެ މާނަ އަކީ، رسول اللّه (صلّى اللّه عليه وسلّم) އަކީ اللّه تعالى ގެ ރަސޫލާ ކަމަށާއި، އެކަލާނގެ އިޚްތިޔާރުކުރެއްވި ނަބިއްޔާ ކަމަށް ޤަބޫލުކުރުމާއި، ހިތުގެ އަޑިން ޤަބޫލުކުރުމާ އެކު އެހެން ބުނުމާއި؛ އެކަލޭގެފާނު ގެނެސްދެއްވި ރިސާލަތު ޤަބޫލުކުރުމާއި، اللّه تعالى ގެ ޙަޟްރަތުން އެކަލޭގެފާނު ގެނެސްދެއްވި ކަންތައްތައް ތަފްޞީލުކޮށް ޤަބޫލުކުރުމާއި؛ ޝަހާދަތުގެ ދެ ކަލިމަ ވީހާވެސް ގިނައިން ކިޔުމެވެ. ވަރުގަދަ އީމާނަކީ، އެކަލާނގެ އާއި އެކަލާނގެ މަތިވެރިކަން އެނގި ހިތުގެ އަޑިން ޔަޤީންކަމާ އެކު ޤަބޫލުކުރުމާއި، އެކަލާނގެ ރުހިވޮޑިގަތުން ލިބިގަތުމަށާއި، އެކަލާނގެ ރިވެތިކަން ދުށުމަށް މަސައްކަތްކުރުމާއި، އެކަލާނގެ ނަފްރަތާއި، ޢަޒާބުން ދުރުވުމެވެ. މާބްލް ގައި ކަނޑާނަގާ ގޮތަށް މި އީމާންތެރިކަން އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅުނަގަންވާނެ އެވެ.
އީމާން އާއި އިސްލާމް އަކީ އެކައްޗެކެވެ. ދެ ކަންތަކުގައި ވެސް، މީހަކު ޤަބޫލކުރަނީ ޝަހާދަތުގެ ދެ ކަލިމަ އެވެ. ޢާއްމު ގޮތެއް ގައި، އަދި ވަކިވަކިން ބަލާ އިރު ތަފާތު ވެފައި، ތަފާތު ލުޣަވީ މާނަތަކެއް ހުއްޓަސް، އިސްލާމް ދީނުގައި ޝަރުޢީ މާނަ އެއްގޮތެވެ.
އީމާން އަކީ އެކައްޗެއް ހެއްޔެވެ، ނުވަތަ ވަކި ބައިތަކަކުން އެކުލެވޭ އެއްޗެއް ހެއްޔެވެ؟ އެއީ ބައިތަކަކުން އެކުލެވިފައިވާ އެއްޗެއް ނަމަ، އެކުލެވިގެންވަނީ ކިތައް ބައިން ހެއްޔެވެ؟ ޢަމަލުތަކާއި، عبادات އީމާން ގެ ތެރޭގައި ހިމެނޭ ހެއްޔެވެ؟ "އަހަންނަކީ މުއިމެނެއް"، މިހެން ބުނާ އިރު، އެ ބުނުމުގެ ތެރެއަށް إن شاء اللّه އިތުރުކުރުން އެއީ ޖާއިޒު ކަމެއް ހެއްޔެވެ؟ އަދި އީމާން ކަމުގައި ކުޑަ މިންވަރެއް ނުވަތަ ބޮޑު މިންވަރެއް ވޭ ހެއްޔެވެ؟ އީމާން އަކީ، މަޚްލޫޤެއް ހެއްޔެވެ؟ އީމާންވުމަކީ، އިންސާނާގެ ބާރުގެ ދަށުގައި ވާ ކަމެއް ހެއްޔެވެ؟ ނުވަތަ އީމާންވީ މީހުން އީމާންވީ މަޖްބުރުން ހެއްޔެވެ؟ އީމާންވުމުގައި މަޖްބޫރުކުރުމެއް ވާ ނަމަ، އެންމެން އީމާންވުމަށް މަޖްބޫރުކުރެވުނީ ކީއްވެގެން ހެއްޔެވެ؟ މި ހުރިހާ ކަމެއް ވަކިވަކިން ޝަޙަކޮށްދިނުމަށް ވަރަށް ގިނަ ވަގުތު ނަގާނެ އެވެ. އެހެންކަމުން އަޅުގަނޑު އެ ސުވާލުތަކަށް ވަކިވަކިން ޖަވާބެއް ނުދޭނަމެވެ. އެކަމަކު، الاشعرية އާއި المعتزلة އާއި މި ދެ މަޒްހަބުގައި އޮންނަ ގޮތުން، ނުކުރެވޭނެ ކަމެއް ކުރުމަށް اللّه تعالى އަމުރުކުރެއްވުމަކީ ޖާއިޒު ކަމެއް ނޫނެވެ. ހަމައެއާއެކު، المعتزلة އިން ދެކޭ ގޮތުގައި، ކުރެވިދާނެ ކަމެއް އިންސާނާ އެކަމެއް ކުރުމަށް ނުކުޅަދާނަ ވާ ކަމުގައި ވާ ނަމަ، އެ ކަމެއް ކުރުމަށް اللّه تعالى އަމުރުކުރެއްވުމަކީ ޖާއިޒު ކަމެއް ނޫނެވެ. الاشعري މަޒްހަބުން ދެކޭ ގޮތުގައި އެއީ ޖާއިޒު ކަމެކެވެ. އެކަމަކު، އެކަލާނގެ އެފަދަ ކަމަކަށް، މިސާލަކަށް، އިންސާނާ ޖައްވުގައި އުދުހުން ފަދަ ކަމަކަށް އަމުރުކުރައްވާފައެއް ނެތެވެ. ހަމައެހެންމެ، އަޅުކަންކުރުމާއި، ހެޔޮ ޢަމަލުތައް ކުރުމުގައި ވެސް، އެކަލާނގެ މަޚްލޫޤުންނަށް ނުކުރޭ ވަރުގެ ކަންތައްތައް ކުރުމަކަށް އަމުރުކުރައްވާފައެއް ނެތެވެ. މި ސަބަބަށް ޓަކައި، މީހަކު މޮޔަވާ މީހާއާއި، ޣާފިލުވާ (ހަނދާންނެތުން، ވާނުވާ ނޭނގުން) މީހާ އާއި، ނިދާފަ އޮންނަ މީހާ އާއި، މަރުވެފައިވާ މީހާ، އެ ޙާލަތްތަކުގައި އީމާންވާކަން ޔަޤީންނުވިޔަސް، ވާނީ މުސްލިމަކަށެވެ.
މި ޙަދީޘް ގައިވާ އީމާން ގެ ލުޣަވީ މާނަ އާ ދޭތެރޭ އަޅުގަނޑުމެން ވިސްނާނެ ކަމެއް ނެތެވެ. އެހެނީ، އެ ޙަދީޘްގެ މުޣަވީ މާނަ ކަމުގައިވާ 'އީމާންވުމާއި ޤަބޫލުކުރުން" މި މާނަ ނުދަންނަ އާދައިގެ ޢަރަތްބެއް ނުހުންނާނެ އެވެ. ހަމަކަށަވަރުން ވެސް، ޞަހާބީންނަށް (رضوان اللّه تعالى عليهم أجمعين) އަދި އަމުދުން އެނގިވަޑައިގަންނަވާނެ އެވެ. އެހެނީ، جبريل (عليه السّلام) ބޭނުންފުޅުވެވަޑައިގަތީ، އިސްލާމް ދީނުގައި އީމާންގެ މާނައަކީ ކޮބައިތޯ ސުވާލުކުރައްވައިގެން، ޞަޙާބީންނަށް އީމާންގެ މާނަ އޮޅުންފިލުވައިދެއްވުމެވެ. އަދި ޙަދީޘްކުރެއްވީ އީމާންވުމަކީ ތިން ޙަޤީޤަތެއް ޤަބޫލުކުރުމެވެ.:
އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ފުރަތަމަ ރުކުން
ރަސޫލާ (صلّى اللّه عليه وسلّم) ޙަދީޘްކުރެއްވީ، އީމާންކަމުގެ ފުރަތަމަ ރުކުނަކީ اللّه تعالى އަށް އީމާންވުމެވެ. އީމާންވުމަކީ، ހިތުގެ އަޑިން ހަ ހަޤީޤަތެއް ޤަބޫލުކުރާ ކަމަށް ދުލުން އިޤްރާރުވުމެވެ. އެއީ، ވަޙީ ބަސްފުޅުން އަންގަވާފައިވާ ގޮތް ނުވަތަ އަމިއްލަ ޟަމީރު ބޭނުންކޮށްގެން ނުވަތަ ބުއްދީގެ ހެކިތައް ބޭނުންކޮށްގެން ނުވަތަ އިތުބާރުކުރެވޭ ފަދަ ބަޔާނެއްގެ ޒަރީޢާއިން އެކަން އެނގުމަށް ފަހު ދުލުން ކިޔައިގެންނެވެ.
މި ހަ ޙަޤީޤަތްތަކުގެ ތެރެއިން ފުރަތަމަ ކަމަކީ، اللّه تعالى އަކީ واجب الوجود ކަމާއި، ޙައްޤުވެގެން އަޅުކަންވެވޭ ފަރާތްކަމާއި، އެކަލާނގެ ފިޔައި އެހެން އިލާހަކު ނުވާކަމަށާއި، ހުރިހާ އެއްޗެއް ހެއްދެވި ޚާލިޤުކަން ފުރިހަމައަށް ޤަބޫލުކޮށް އަދި ފުރިހަމައަށް އީމާންވުމެވެ. ދުނިޔެއާއި އާޚިރަތުގައި ވާހާ އެއްޗެއް (ހުރިހާ މާއްދާއަކާއި، ޒައްރާ ނުވަތަ އެޓޮމްއާއި، މޮލެކިއުލްސްތަކާއި، ކޮމްޕައުންޑްތަކާއި، ހަށިގަނޑުގެ ބައިތަކާއި، ސެލްތަކާއި، ދިރިހުރުމާއި، މަރާއި، ހިންގާ ކޮންމެ ކަމަކާއި، ކޮންމެ ރިއެކްޝަނަކާއި، ހުރިހާ ވައްތަރެއްގެ ބާރަކާއި ހަކަތައާއި ޙަރަކާތްތަކާއި ޤާނޫނުތަކާއި ފުރާނަތަކާއި ހުރިހާ މަލާއިކަތް ބޭކަލުންނާއި، ޖަނަވާރުތަކާއި، ގަސްގަހާގެއްސާއި، ޖަމާދާތު ނެތުމުގެ ތެރެއިން) އުފައްދަވަނީ ހަމައެކަނި އެކަލާނގެ ކަން ޔަޤީންކަމާ އެކު އީމާންވާން ޖެހެއެވެ. ކައުނު ގައިވާ ހުރިހާ މަޚްލޫޤުން (ނެތުމުގެ ތެރެއިން ހިނދުކޮޅެއްގެ ތެރޭގައި) އެކަލާނގެ އުފެއްދަވައި، އޭގެ ތެރެއިން ބައެއް މަޚްލޫޤުން އެކަތި އަނެކަތިން އުފެއްދެވި އިރު، ޤިޔާމަތް ދުވަސް އައުމުން، ހިނދުކޮޅެއްގެ ތެރޭގައި އެކަލާނގެ އެ ހުރިހާ އެއްޗެއް ނެތިކުރައްވާނެއެވެ. ހުރިހާ އެއްޗެއް އުފައްދަވާ ފަރާތަކީ އަދި ހުރިހާ އެއްޗެއްގެ ޞާޙިބަކީ އަދި ޙާކިމަކީ އެކަލާނގެ އެވެ. އެކަލާނގެ މައްޗަށް އަމުރުކުރާނެ އަދި ނުފުޒު ހިންގޭނެ އެހެން ފަރާތެއް ނުވާކަން ޤަބޫލުކުރުމަކީ ޙަޤީޤީ އީމާންކަމެވެ. ހުރިހާ ބާރަކާއި، ހުރިހާ ފުރިހަމަ ޞިފަތަކެއް ލިބިގެންވަނީ ހަމައެކަނި އެކަލާނގެ އަށެވެ. އެކަލާނގެ ކިބަފުޅުގައި އެއްވެސް އުނިކަމެއް ނުވަތަ ޢުޒުރުވެރިކަމެއް ނެތެވެ. އެކަލާނގެ އިރާދަފުޅު ކުރެއްވި ކޮންމެ ކަމެއް ކުރައްވައެވެ. އަދި އެއްވެސް ކަމެއް ކުރައްވަނީ، އެކަލާނގެ އަށް ނުވަތަ އެހެން ފަރާތަކަށް ފައިދާއެއް ހޯދުމުގެ ބޭނުމުގައި ނުވަތަ އެކަމަކުން އެކަލާނގެ ޖަޒާ ހޯއްދެވުމށް ކުރައްވާ ކަމެއް ނޫނެވެ. އެކަމަކު، އެކަލާނގެ ކުރައްވާ ކޮންމެ ކަމެއް ގައި ވެސް ޙިކްމަތާއި، ފައިދާއާއި، އޯގާތެރިކަމާއި، އިޙްސާންތެރިކަން ހިމެނިގެން ވެއެވެ.
އެކަލާނގެ އަޅުތަކުންނަށް އެމީހުންގެ އަޅުކަންތަކަށް ޖަޒާދެއްވާކަށް، އަދި ފާފަޔަށް އެރުމުން ޢަޒާބުދެއްވާކަށް ނުޖެހެއެވެ. ހުރިހާ ފާފަވެރިން ސުވަރުގެ އަށް ވެއްދެވުމަކީ، އެކަލާނގެ ފަޟްލުވަންތަވެރިކަމާއި، އޯގާތެރިކަމާ ނުހަނު ގުޅޭ ކަމެކެވެ. ހަމަ އެއާއެކު، އެކަލާނގެ އަށް ބޯލަނބައި އަޅުކަންކުރި އެންމެން ނަރަކަ އަށް ވެއްދެވުމަކީ ވެސް އެކަލާނގެ ޢަދުލުވެރިކަން ކަމުގައި ވާނެ އެވެ. އެކަމަކު އެކަލާނގެ އިރާދަކުރައްވައި އަންގަވާފައިވަނީ އަޅުކަންކުރާ މުއުމިނުން ސުވަރުގެ އަށް ވަންނާނެ ކަމަށާއި، އެ ސުވަރުގޭގެ އަބަދީ ނިޢުމަތްތައް ލިބޭނެ ކަމަށާއި، ދީން ޤަބޫލުނުކުރާ ކާފިރުން ނަރަކަ އަށް ވަންނާނެ ކަމަށާއި، އެ ނަރަކައިގައި ދާއިމަށް އަބަދަށް ދެމިތިބޭނެ ކަމަށެވެ. އެކަލާނގެ ވަޢުދުފުޅާ ޚިލާފެއް ނުވެއެވެ. ދިރިހުރިހާ އެއްޗެއް އެކަލާނގެ އަށް އީމާން ވެ އަޅުކަންކުރިޔަސް، އެކަލާނގެ އަށް ވާނެ ފައިދާއެއް ނޯންނާނެ އެވެ. އަދި ހަމަ އެއާއެކު، ހުރިހާ މަޚްލޫޤުން ދީން ޤަބޫލުނުކޮށް، ކާފިރުވެ، އެކަލާނގެ އަށް ގޮންޖަހައި، ނުކިޔަމަންތެރި ވިޔަސް، އެކަލާނގެ އަށް ވާނެ ގެއްލުމެއް ނޯންނާނެ އެވެ. މީހަކު ކަމެއް ކުރަން ބޭނުން ވިޔަސް، އެ ކަމެއް ވާނީ، އެކަލާނގެ އެކަމަކަށް އިރާދަކުރެއްވުމުންނެވެ. އެކަލާނގެ އިރާދްކުރެއްވުމުން މެނުވީ، ވުޖޫދުގައި ވާ އެއްވެސް އެއްޗެއް ޙަރަކާތެއް ނުކުރާނެ އެވެ. އެކަލާނގ އިރާދަނުކުރައްވާ ނަމަ، އެއްވެސް މީހަކު އެކަލާނގެ ކާފިރުވެ އެއްވެސް މީހަކު އެކަލާނގެ އަށް އުރެދުމެއް ނުވާނެ އެވެ. އުރެދުމާއި، ފާފަ އަކީ އެކަލާނގެ އުފެއްދުމަށް ވިޔަސް، އެކަލާނގެ އަޅުތަކުން ކުފުރުވުމަށް ރުހިވޮޑިއެއް ނުގަންނަވައެވެ. އެކަލާނގެ ބޭނުންފުޅުވެވޮޑިގަންނަވާ ކޮންމެ ކަމެއް ކުރައްވައެވެ. އެއްވެސް ކަމަކާ ބެހޭ ގޮތުން އެކަލާނގެ އާ ސުވާލުކުރުމާއި، އެކަލާނގެ މިވެނި ކަމެއް އެވެނި ކަމެއް ކުރެއްވީ ކީއްވެގެން ތޯ އެހުމާއި، އެކަލާނގެ ކަންތައް ކުރައްވާނެ ގޮތާ މެދު ކޮމެންޓުކުރުމުގެ ކުޅަދާނަކަމެއް ނުވަތަ ޙައްޤެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. (لَا يُسْـَٔلُ عَمَّا يَفْعَلُ وَهُمْ يُسْـَٔلُونَ * الأَنبياء: 23) މާނައީ: "އެކަލާނގެ ކުރައްވާ ކަމަކާ މެދު، އެކަލާނގެއާ سؤال އެއް ނުކުރެވޭހުށްޓެވެ. (އެއުރެން ކުރާ ކަންތަކާ މެދު) އެއުރެންނާ سؤال ކުރައްވާނެތެވެ". އެކަލާނގެ އިރާދަކުރައްވައިފި ނަމަ، އެކަލާނގެ އަށް އުރެދުން ފިޔަވައި ބޮޑު ފާފައަކަށް އެރި މީހަކު މަރުވީ ތައުބާ ނުވެ ކަމުގައި ވިޔަސް އެކަލާނގެ ޢަފޫކުރައްވާނެ އެވެ. އަދި އެކަލާނގެ އިރާދަކުރައްވައިފި ނަމަ، ކުޑަ ފާފައަކަށް އެރި މީހަކު ނަމަ ވިޔަސް ޢަޒާބު ދެއްވާނެތެވެ. (إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ * النساء: 48) މާނައީ: "ހަމަކަށަވަރުން، اللّه، އެކަލާނގެ އަށް شريك ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެ ނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ". އެކަލާނގެ ޚަބަރުކުރައްވާފައިވާ ގޮތުގައި، ކާފިރުންނަށް ގަދަވެގެންވާ ޢަޒާބު ދާއިމަށް ލިބޭނެ އެވެ.
އެކަލާނގެ އަށް އީމާންވެ އަޅުކަންކުރި މީހުންގެ ތެރެއިން، ބިދުޢައިގެ ވެރިންނާއި، ތުންތުންމަތިން ދެކެވޭ ވާހަކަތައް ޤަބޫލުކޮށް އަހްލުއް ސުންނާ އިޢުތިޤާދާ ފުށުއަރާ ގޮތަށް އުޅުނު ތައުބާ ނުވާ މީހުންނަށް ނަރަކައިގައި ޢަޒާބު ދެއްވާނެތެވެ. އެކަމަކު، އެ މީހުން މަރުވީ އެ ޙާލަތުގައި ކަމަށް ވާ ނަމަ، އެބައި މީހުން އެ ނަރަކައިގައި ދެމިނުތިބޭނެ އެވެ.
މި ދުނިޔޭގައި اللّه تعالى ދުށުމަކީ ވެދާނެ (ޖާއިޒު) ކަމަކަށް ވިޔަސް، އެއްވެސް މީހަކަށް މި ދުނިޔޭގައި އެކަލާނެގެ ފެނިފައެއް ނެތެވެ. ޤިޔާމަތް ދުވަހު މަޙްޝަރު ބިމުގައި ކާފިރުންނަށާއި، ފާފަވެރި މުސްލިމުންނަށް އެކަލާނގެ ފެންނާނީ މަތިވެރިކަމާއި، ހަރުކަށިކަން މަތީގައެވެ. އަދި ޞާލިޙު މުއުމިނުންނަށް އެ ދުވަހު އެކަލާނގެ ފެންނާނީ އޯގާވެރި ކަމާއި، ރިވެތިކަން މަތީގައެވެ. މުއުމިނުންނަށާއި، މަލާއިކަތް ބޭކަލުންނަށް ސުވަރުގޭގައި އެކަލާނގެ ފެންނާނީ ރިވެތިކަން މަތީގައެވެ. ކާފިރުން މި ނިޢުމަތުން މަޙްރޫމްވާނެ އެވެ. މުޢުތަބަރު ޚަބަރުތަކުން އެނގޭ ގޮތުގައި، ޖިންނީން ވެސް މި ނިޢުމަތުން މަޙްރޫމްކުރެވޭނެ އެވެ. ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، اللّه تعالى ލޯބިވެވޮޑިގަންނަވާ މުސްލިމުންނަށް ކޮންމެ ހެނދުނަކާއި ކޮންމެ ހަވީރަކު އެކަލާނގެ ފެންނާނެ އެވެ. މުސްލިމުންގެ ތެރެއިން އެއަށް ވުރެ ދަށު ދަރަޖައިގެ މީހުންނަށް އެކަލާނގެ ފެންނާނީ ކޮންމެ ހުކުރު ދުވަހަކު އެވެ. އަދި އަންހެނުންނަށް އެކަލާނގެ ފެންނާނީ މި ދުނިޔޭގެ މުނާސަބަތްތައް ފަދައިން ކޮންމެ އަހަރެއްގެ ތެރޭގައި މަދު ފަހަރަކު އެވެ. اللّه تعالى ފެންނާނެ ކަމަށް އީމާންވާން ޖެހެއެވެ. އެކަމަކު، މިކަން ވާނެ ގޮތް ތަޞައްވުރުކުރުމަށް އުޅެގެން ނުވާނެ އެވެ. އެކަލާނގެ ކަންތައްކުރައްވާ ގޮތް ބުއްދީން ވިސްނައިގަތުމަކީ ވެވޭނެ ކަމެއް ނޫނެވެ. އެއީ، ދުނިޔެމަތީގެ ކަންތައްތަކެއް ނޫނެވެ. [އެ ކަންތައްތައް ޖިސްމާނީ ނުވަތަ ކެމިކަލް މިންގަނޑުން ވަޒަނެއް ނުކުރެވޭނެ އެވެ.] ވަކި ދިމާލަކަށް ހުރުމާއި، އެއްޗެއް އެހެން އެއްޗަކާ ދިމާނުވާ ގޮތަށް ހުރުމާއި، ކުރިމަތިވާ ގޮތަށް ހުރުން ފަދަ ވިސްނުންތަކަކީ، اللّه تعالى އާ ގުޅުވޭނެ ވިސްނުންތަކެއް ނޫނެވެ. އެކަލާނގެ އަކީ، މާއްދާ ނުވަތަ މެޓީރިއަލް އެއް ނޫނެވެ. އެކަލާނގެ އަކީ، އެއްޗެއް [ނުވަތަ އެލެމެންޓެއް، މައުދަނެއް ނުވަތަ އެކުލެވިފައިވާ] ނޫނެވެ. އެކަލާނގެ ނުގުނޭނެ އެވެ. އަދި އެކަލާނގެ މިން ނުވަތ ހިސާބު ނުކުރެވޭނެ އެވެ. އެކަލާނގެ އަށް ބަދަލެއް އައުމެއް ނުވެއެވެ. އެކަލާނގެ ވަނީ ވަކި ތަނެއްގައެއް ނޫނެވެ. އެކަލާނގެ ވަނީ ވަކި ވަގުތެއްގައެއް ނޫނެވެ. އެކަލާނގެ އަށް މާޟިއެއް ނުވަތަ މުސްތަޤްބަލެއް ނުވަތަ ކުރިމައްޗެއް ނުވަތަ ފުރަގަހެއް ނުވަތަ ތިރިއެއް ނުވަތަ މައްޗެއް ނުވަތަ ކަނާތްފަރާތެއް ނުވަތަ ވާތްފަރާތެއް ނުވެއެވެ. އެހެންކަމުން، އެކަލާނގެ އެއްވެސް ކަމަކީ، އިންސާނުންގެ ބުއްދިން ވިސްނައިގަނެވޭނެ ކަމެއް ނޫނެވެ. އަދި އިންސާނުންގެ ވިސްނުމާއި، ޢިލްމަކީ، އެކަން ކުރުމަށް ފުދޭ އެއްޗެއް ނޫނެވެ. އެހެންކަމުން، އެކަލާނގެ ފެންނާނެ ގޮތެއް އިންސާނާ އަށް ވިސްނައެއް ނުގަނެވޭނެ އެވެ. އަތާއި، ފަޔާއި، ވަކި ދިމާލަކަށް ހުރުމާއި، ތަން ފަދަ اللّه تعالى އާ ނުގުޅޭ ބަސްތައް އާޔަތްތަކާއި ޙަދީޘްތަކުގައި ހުއްޓަސް، އެ ބަސްތައް ބޭނުންކުރެވިފައިވަނީ، އަޅުގަނޑުމެން މިއަދު ބޭނުންކުރާ މާނައިގައެއް ނޫނެވެ. މިފަދަ އާޔަތްތަކަށާއި، ޙަދީޘްތަކަށް ކިޔެނީ، المُتشابهات މިހެންނެވެ. އަޅުގަނޑުމެން އެކަންތައްތައް ޤަބޫލުކުރަންޖެހޭނެ އެވެ. އެކަމަކު، އެކަންތައްތަކަކީ ކޮބައިތޯ ނުވަތަ ހުންނަނީ ކިހިނެއްތޯ ވިސްނަން އުޅޭނެ ކަމެއް ނެތެވެ. ނުވަތަ އެ ކަންތައްތައް ކުރުކޮށް ނުވަތަ ތަފްޞީލީ ގޮތަކަށް؛ މާނަ އަކީ، اللّه تعالى އާ ގުޅުންހުރި ގޮތަށް މާނަކުރުމެވެ. މިސާލަކަށް، އަތަކީ ކުޅެދުންތެރިކަމާއި، ބާރު ކަމަށް މާނަކުރުމެވެ.
معراج ގެ ތެރޭގައި محمد (صلّى اللّه عليه وسلّم) އަށް اللّه تعالى ފެނިވަޑައިގަތެވެ. އެކަމަކު އެއީ މި ދުނިޔޭގައި ލޮލުން ފެންނަ ގޮތަކަށް ނޫނެވެ. މި ދުނިޔޭގައި اللّه تعالى ފެނިފައިވާ ކަމަށް ބުނާ މީހަކީ زنديق އެކެވެ. ވަލީވެރިންނަށް ތަޖްރިބާކުރެވިފައިވާ ފެނުމަކީ، މި ދުނިޔޭގައި ފެންނަ ފެނުމާއި، އަންނަން އޮތް ދުނިޔޭގައި ފެންނަ ފެނުމާ ތަފާތު ފެނުމެކެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، އެއީ رُؤيَة (ފެނުން) ނޫނެވެ، އެކަމަކު އެއީ އެ މީހުން ތަޖްރިބާކުރާ شُهْود [މިސާލުތައް އެ މީހުންގެ ހިތުގެ ލޮލުން ފެނުން] އެވެ. ބައެއް ވަލީވެރިން ވިދާޅުވެފައިވާ ގޮތުގައި، އެ ބޭކަލުންނަށް اللّه تعالى ފެނިފައި ވެއެވެ. އެކަމަކު އެ ބޭކަލުންނަށް ހޭނެތް އިރު ތަޖްރިބާކުރެވުނު شُهْود ވަނީ رُؤيَة ކަމަށް އޮޅިފައެވެ. ނުވަތަ އެ ބޭކަލުންގެ އެ ވާހަކަތައް އިތުރަށް ޝަރަޙަކޮށްދޭން ވަނީ ޖެހިފައެވެ.
ސުވާލު: "ހަމަ ލޮލުން اللّه تعالى ފެނުމަކި ޖާއިޒު ކަމެއްގެ ކަމަށް މަތީ ގައި ބުނެފައި ވެއެވެ. އެހެން ކަމަށް ވާ ނަމަ، ވުން އެކަށީގެންވާ ކަމެއް ވީ ކަމަށް ބުނާ މީހަކު زنديق އަކަށް ވާނީ ކީއްވެގެން ހެއްޔެވެ؟ އެހެން ބުނާ މީހަކު ދީނުން ބޭރުވާ ކަމަށް ވާ ނަމަ، އެއީ ވުން އެކަށީގެންވާ ކަމެކޭ ބުނެވޭނެ ހެއްޔެވެ؟"
ޖަވާބު: ލުޣަވީ ގޮތުން 'ޖާއިޒު' ގެ މާނަ އަކީ، ވުނެ އެކަށީގެންވުން ނުވަތަ ނުވުން' މިއެވެ. އެކަމަކު، مذهب الأشعري [أبو الحسن علي ابن إسماعيل އަވަހާރަވީ ބަޣްދާދު ގައި 330ހ. (941މ.) ގައި] ގައިވާ ގޮތުން، رُؤيَة އަކީ ވުން އެކަށީގެންވާ ކަމެއް ކަމުގެ މާނައަކީ، އިންސާނާގެ ކިބައިގައި މި ދުނިޔޭގައި ފެނުމުގެ މުޅިން ތަފާތު ޙިއްސެއް އުފެއްދެވުމަށް اللّه تعالى ކުޅަދުންވަންތަ ވޮޑިގެންވުމެވެ. އެއީ، މޫނާއި މޫނު ދިމާވާ ގޮތަށް ފެނުމެއް ނޫނެވެ. އަދި މިދުނިޔޭގައި އެކަލާނގެ އުފެއްދެވި މާއްދީ ޤާނޫނުން ފެންނަ ފެނުމާ ތަފާތު ފެނުމެކެވެ. މި ދުނިޔެ ހެއްދެވީ އެކަލާނގެ އެވެ. މިސާލަކަށް ދަންނަވާ ނަމަ، އެކަލާނގެ ކުޅަދުންވަންތަ ވޮޑިގެންވުމާ އެކު، އަންދަލޫސިޔާ ގައި ހުރި މެއްސެއް، ޗައިނާ ގައި ހުރި ލޯފަން މީހަކަށް ދެއްކެވުމަކީ، އަދި ހަނދުގައި ނުވަތަ ތަރިއެއް ގައި ހުރި ކޮންމެ އެއްޗެއް ވެސް ބިމުގައި ހުރި މީހަކަށް ދެއްކެވުމަކީ ވުން އެކަށީގެންވާ ކަމެކެވެ. މިފަދަ ބާރަކީ، ހަމައެކަނި اللّه تعالى އަށް ޚާއްޞަ ބާރުތަކެވެ. ހަމަ އެހެންމެ، "އެކަލާނގެ މި ދުނިޔޭގައި ދުށިން" މިހެން ބުނުމަކީ، اللّه ގެ ކީރިތި އާޔަތް އަދި ޢިލްމުވެރިންގެ އިޖްމާޢާ ވެސް ޚިލާފު ކަމެކެވެ. އެހެންކަމުން، އެފަދަ ވާހަކައެއް ބުނާ މީހަކީ، مُلْحِد އެއް ނުވަތަ زنديق އެކެވެ. ތިން ވަނަ ކަމަކަށް، "މި ދުނިޔޭގައި اللّه تعالى ފެނުމަކީ، ވުން އެކަށީގެންވާ ކަމެއް" މި ޢިބާރާތުގެ މާނައަކީ، "މި ދުނިޔޭގައި މާއްދީ ޤާނޫނުގެ ތެރެއިން އެކަލާނގެ އެކަލާނގެ ފެނުން އެކަށީގެންވުން" މިއެއް ނޫނެވެ. އެހެންނަމަވެސް، اللّه تعالى ފެނުނު ކަމަށް ބުނާ މީހަކު އެ މާނަކުރަނީ، އެހެން އެއްޗެހި ފެންނަ ގޮތަށް އެކަލާނގެ ފެނުނު ކަމަށެވެ. މިއީ، ވުން އެކަށީގެންވާ (ޖާއިޒު) ފެނުމެއް ނޫނެވެ. ދީނުން ބޭރުވާ ފަދަ ބަޔާންތައް ދީ ހަދާ މީހަކަށް ކިޔެނީ مُلْحِد ނުވަތަ زنديق އެވެ. [މި ޖަވާބުތަކަށް ފަހު، ޙަޟްރަތު މައުލާނާ ޚާލިދު ވިދާޅުވި އެވެ. "ސަމާލުވާށެވެ!" އެހެންކަމުން، އެ ކަލޭގެފާނުގެ ސަމާލުކަން އަނބުރާލެއްވީ ދެވަނަ ޖަވާބުގެ ޞައްޙަކަމުގެ މައްޗަށެވެ.]
ވަގުތު، ދުވާލު ނުވަތަ ރޭގަނޑު ހޭދަވުން اللّه تعالى އާ ނުގުޅުވޭނެ އެވެ. އެކަލާނގެ ޙަޟްރަތަށް އެއްވެސް ގޮތަކަށް ބަދަލެއް ނާންނާނެ އެވެ. އަދި ހަމަ އެއާއެކު، މިވެނި ގޮތަކަށް މާޟީ ގައި ވޮޑީގެންވީ ކަމަށް ނުވަތަ މުސްތަޤްބަލުގައި ވަކި ގޮތަކަށް ވޮޑިގަންނަވާނެ ކަމަށް ނުބުނެވޭނެ އެވެ. އެކަލާނގެ އެއްވެސް އެއްޗެއްގެ ތެރެއަށް (حُلول) ނުވަންނަވާނެ އެވެ. [نُصيرِيّة އޭ ކިޔޭ ޝީޢީ ގްރޫޕެއްގެ ޢަޤީދާ ގައި ބުނާގޮތުގައި، ޢަލީގެފާނުގެ ހަށިކޮޅަށް ވެންނެވި އެވެ. މި ގޯސް ޢަޤީދާގެ ސަބަބުން އެބައިމީހުން ވެގެންދަނީ ކާފިރުންނަށެވެ.] އެކަލާނގެ އެއްވެސް އެއްޗަކާ އެއް ނުވާނެ އެވެ. އެކަލާނގެ އާ އިދިކޮޅު އެއްޗެއް، އެކޮޅުކޮޅުން ހުންނަ އެއްޗެއް، ވައްތަރު އެއްޗެއް، ބައިވެރިއެއް، އެހީތެރިއެއް ނުވަތަ އިރުޝާދުދޭ ފަރާތެއް ނުވެއެވެ. އެކަލާނގެ އަށް ބައްޕައެއް، މަންމައެއް، ފިރިހެން ދަރިއެއް، އަންހެން ދަރިއެއް، ނުވަތަ އަތްބެއް ނުވެއެވެ. އެކަލާނގެ އަބަދުވެސް އެންމެންނާ އެކު ވޮޑީގެން ވެއެވެ. އަދި ހުރިހާ އެއްޗެއް ވަށައިގެން އެއްކޮށް ފެންނަ ގޮތަށް ވޮޑިގެން ވެއެވެ. ކަރުގައިވާ ބޮޑު ނާރަށް ވުރެ ވެސް އެކަލާނގެ އެންމެންނާ ކުއްތަންވެ ވޮޑިގެން ވެއެވެ. އެކަމަކު، އެކަލާނގެ އަޅަމެން ވަށައިގެން ވޮޑިގެންވުމާއި، އެކަލާނގެ ވޮޑިގެންވުމާއި، އެކަލާނގެ އެކީގައި ވޮޑިގެންވުމާއި، ކުއްތަންވެ ވޮޑިގެންވުމަކީ، އެ ބަސްތަކުން ދޭހަވާ ގޮތަށް ވާ ކަމެއް ނޫނެވެ. އެކަލާނގެ ކުއްތަންވެވޮޑިގެންވުމަކީ، ޢިލްމުވެރިންގެ ޢިލްމުން، ސައިންޓިސްޓުންގެ ތޫނު ވިސްނުމުން ނުވަތަ ވަލީވެރި ބޭކަލުންގެ كَشْف އިން ނުވަތަ شُهُود އިން ދޭހަކުރެވޭނެ އެއްޗެއް ނޫނެވެ. އިންސާނުންގެ ބުއްދީގެ ހަމައަކުން އޭގައި ފޮރުވިފައިވާ މާނަ ވިސްނައެއް ނުގަނެވޭނެ އެވެ. ޒާތުފުޅާއި، ޞިފަފުޅުތަކުގައި اللّه تعالى އެހެން އެއްޗަކާ އެއްފަދަ އެއް ނޫނެވެ. އެއްވެސް ބަދަލެއް ނުވަތަ ތަފާތުވުމެއް އެކަލާނގެ ޒާތުފުޅާއި، ޞިފަފުޅުތަކަށް ނާންނާނެ އެވެ.
اللّه تعالى ގެ ނަންފުޅުތަކަކީ، توقيفي އެއްޗެކެވެ. މާނަ އަކީ، ހުއްދަކުރެވިގެންވަނީ، އިސްލާމް ދީނުގައި އައިސްފައިވާ އެކަލާނގެ ނަންފުޅުތައް ކަމާއި، އެހެން ބަސްތައް އެކަލާނގެ ނަންފުޅުތަކުގެ ގޮތުގައި ބޭނުންކުރުން ހުއްދަ ނޫންކަމެވެ. اللّه تعالى ގެ ނަންފުޅުތަކަކީ ނިމުމެއް ނެތް ނަންފުޅުތަކެކެވެ. އެކަލާނގެ އަށް އެއްހާސް އެއް ނަން ވާ ކަން އެނިގެން ވެއެވެ. މާނަ އަކީ، އެކަލާނގެ ނަންފުޅުތަކުގެ ގޮތުގައި އެއްހާސް އެއް ނަން އެކަލާނގެ އިންސާނުންނަށް އަންގަވާފައި ވެއެވެ. محمد (عليه السلّام) އަށް ބާވައިލެއްވި ދީނުގައި އޭގެ ތެރެއިން ނުވަދިހަ ނުވަ ނަންފުޅު الأسماء الحُسنى ގެ ނަމުގައި ވަނީ ބާވައިލައްވާފައެވެ.
الماتريدية މަޒްހަބު ގައި ވާ ގޮތުން صفات الثبوتية ގެ ނަން ދެވިފައިވާ اللّه تعالى ގެ އަށް ޞިފަފުޅެއް ވެއެވެ. އަދި عشيرية މަޒްހަބު ގައި ވާ ގޮތުން ހަތް ސިފަފުޅެވެ. އެކަލާނގެ މި ޞިފަފުޅުތަކަކީ، އެކަލާނގެ ޒާތުފުޅު ފަދައިން އަޒަލީ އަދި ދާއިމީ ޞިފަފުޅުތަކެކެވެ. އެއީ، މުޤައްދަސް ޞިފަފުޅުތަކެކެވެ. އެއީ، މަޚްލޫޤުންގެ ސިފަތައް ފަދަ ޞިފަފުޅުތަކެއް ނޫނެވެ. އެއީ، ބުއްދީގެ ހަމައިން ނުވަތަ ހީކުރުމަކުން ނުވަތަ ދުނިޔޭގައިވާ އެއްޗިއްސާ އަޅާކިޔުމަކުން ވިސްނައިގަނެވޭނެ ޞިފަފުޅުތަކެއް ނޫނެވެ. اللّه تعالى ވަނީ އެކަލާނގެ ކޮންމެ ޞިފަފުޅެއްގެ މިސާލެއް އެކަލާނގެ އަޅުތަކުންނަށް ދެއްވާފަ އެވެ. މި މިސާލުތައް ފެނި، اللّه تعالى ގެ ޞިފަފުޅުތައް ކޮންމެވެސް ވަރަކަށް ދެނެގަނެވޭނެ އެވެ. އިންސާނާ އަށް اللّه تعالى ވިސްނައިނުގަނެވޭ ކަމަށް ވާއިރު، اللّه تعالى ވާ ގޮތާ މެދު މެދު ވިސްނައި ނުވަތަ ވިސްނުމަށް މަސައްކަތްކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. اللّه تعالى ގެ އަށް ޞިފަފުޅަކީ، އެކަލާނގެ ޒާތުފުޅާ އެއްގޮތް ނުވަތަ ތަފާތު ޞިފަފުޅުތަކެއް ނޫނެވެ؛ މާނަ އަކީ، އެކަލާނގެ ޞިފަފުޅުތަކަކީ އެކަލާނގެ ޒާތުފުޅު ކަމަށްވާ އަދި އެކަލާނގެ ޒާތުފުޅާ ވަކިންވާ ޞިފަފުޅުތަކެއް ނޫނެވެ. އެ އަށް ޞިފަފުޅަކީ:
حيات (ދިރުން)، عِلم (ހުރިހާ ކަމެއް ދެނެވޮޑިގެންވާ)، سَمع (އަޑުއިވުން)، بَصَر (ފެނުން)، قُدرة (ހުރިހާ ކަމަކަށް ކުޅަދުންވަންތަ)، كَلَام (ވާހަކަދެއްކުން)، إِرَادة (އިރާދަކުރެއްވުން)، تكوين (އުފެއްދެވުންތެރިކަން) މިއެވެ. عشيرية މަޒްހަބުގައި، تكوين އާއި قُدرة އަކީ އެއް ޞިފަފުޅެވެ. إِرَادة އާއި مشيّة އިން ދޭހަވަނީ އެއް މާނައެކެވެ.
اللّه تعالى ގެ އަށް ޞިފަފުޅުތަކުގެ ތެރެއިން ކޮންމެ ޞިފަފުޅަކީ، އެކަލާނގެ އަށް ޚާއްޞަ އަދި އެއްގޮތަކަށް ވާ ޞިފަފުޅުތަކެވެ. އެއިން އެއްވެސް ޞިފަފުޅަކަށް ބަދަލެއް ނާދެއެވެ. އެކަމަކު، އެއިން ކޮންމެ ޞިފަފުޅެއް ވެސް މަޚްލޫޤުންގެ ކިބައިގައި ވާ ގުޅޭ ޞިފަތަކާ ތަފާތެވެ. އެކަލާނގެ ޞިފަފުޅުތައް، މަޚްލޫޤުން ގެ ކިބައިގައި ހުންނަ ޞިފަތަކާ ގުޅިގެން ތަފާތުވުމާއި، އެބައި މީހުންނަށް ކުރާ އަސަރުގައި ތަފާތުވުމަކީ، އެކަލާނގެ ޞިފަފުޅުތަކުގެ ޚާއްޞަކަމަށް އަސަރުކުރުވާ ކަމެއް ނޫނެވެ. ހަމަ އެއާއެކު، اللّه تعالى ވަރަށް ގިނަ ވައްތަރުގެ މަޚްލޫޤުން އުފައްދަވައި، އެ ހުރިހާ މަޚްލޫޤުން ނެތިދިއުމުން ރައްކާތެރިކޮށްދެއްވިޔަސް، އެކަލާނގެ އަކީ، އެއްކައުވަންތަ ރަސްކަލާނގެ އެވެ. އެކަލާނގެ ކިބަފުޅަށް އެއްވެސް ބަދަލެއް ނާދެއެވެ. ކޮންމެ މަޚްލޫޤަކަށް، ކޮންމެ ހިނދުކޮޅެއްގައި،ހުރިހާ ގޮތަކުން ވެސް އެކަލާނގެ ބޭނުންވެއެވެ. އެއްވެސް ގޮތަކަށް އެކަލާނގެ އަށް އެއްވެސް ފަރާތެއް ބޭނުންވެ ވޮޑިނުގަންނަވައެވެ.