Hakikat Books
Türkçe
Önizleme: kitapçık listesi onay bekleyen bir taslaktır. Metin kitaptan değiştirilmeden alınmıştır.

Îmân ve Hakîkat

އީމާން ގެއްލުމާއި ކުފުރަށް ސަބަބުވާ ކަންތައްތައް

Kaynak: Cennet Yolu İlmihâli · 2 bölüm ⏱ 24 dk taslak

Tam kitabı oku

Bu kitapçıktaki bölümler

  1. އީމާން ގެއްލުމަށް ސަބަބުވާ ކަންކަން
  2. ކުފުރަށް ސަބަބުވާ ކަންތައްތައް

އީމާން ގެއްލުމަށް ސަބަބުވާ ކަންކަން

މިހާރު އީމާންކަން ހުއްޓަސް، ފަހުން އީމާންކަން ގެއްލުމަށް ސަބަބުވާ ކަންތަކަކީ ސާޅީސް [40] ހާ ކަމެކެވެ:

1- ބިދުޢަވެރިއަކަށްވުމެވެ. އެބަހީ ޢިޢުތިޤާދު ފާސިދުވުމެވެ. [އަހްލުއްސުންނަ ޢާލިމުން ބަޔާންކުރެއްވި ޞައްޙަ ޢިޢުތިޤާދުން ވަރަށް މަދުމިނަކަށްވިޔަސް ވަކިވާ މީހާ، މަގުފުރެދިފައިވާ މީހަކަށް ނުވަތަ ކާފިރަކަށްވެއެވެ. ޤަބޫލުކުރުން ޟަރޫރީ ކަމެއް ޤަބޫލުނުކުރާނަމަ، އެހިނދުވެސް ކާފިރުވެއެވެ. ޤަބޫލުކުރުން ޟަރޫރީ ނޫން ކަމެއް އިންކާރުކުރުމަކީ (ބިދުޢަ) ނުވަތަ (ޟަލާލަތު) އެވެ. އެއީ އެންމެ ފަހު ނޭވާގައި އީމާންނެތި ދިޔުމަށް ސަބަބުވާ ކަމެކެވެ.]

2- ބަލިކަށި އީމާންކަމެވެ؛ އެބަހީ ޢަމަލުނެތް އީމާންކަމެވެ.

3- ތިމާގެ ނުވަ ގުނަވަން ސީދާ މަގުން ބޭރުކުރުމެވެ.

4- ބޮޑެތި ފާފަކުރުމުގައި ދެމިތިބުމެވެ. [މިސަބަބުން ރާ ނުބޯންވާނެއެވެ. މުސްލިމު އަންހެނުންނާއި އަންހެންކުދިން، އިސްބޮލާއި، އިސްތަށިގަނޑާއި، ކަކޫކުކުޅާއި، އަތުކަރު އަޖުނަބީ ފިރިހެނުންނަށް ނުދައްކަންވާނެއެވެ.]

5- އިސްލާމްގެ ނިޢުމަތަށް ޝުކުރުކުރުން ހުއްޓާލުމެވެ.

6- އާޚިރަތަށް އީމާންނެތި ދިޔުމަށް ބިރުނުގަތުމެވެ.

7- ޡުލުމްކުރުމެވެ.

8- ސުންނަތާ އެއްގޮތަށް ކިޔާ މުޙައްމަދީ ބަންގިއަށް އަޑުނުއެހުމެވެ. [މިހެން ކިޔާ ބަންގިއަށް ޤަދަރުނުކުރާނަމަ، އެހިނދުވެސް ކާފިރުވެއެވެ.]

9- މަންމައާއި ބައްޕައަށް ޢާޞީވުމެވެ. އެދެމީހުންގެ، އިސްލާމީ ޝަރީޢަތާ އެއްގޮތް، މުބާޙު އަމުރުތައް ހަރުކަށި ބަހުން ރައްދުކުރުމެވެ.

10- ތެދުވިޔަސް، ގިނައިން ހުވާކުރުމެވެ.

11- ނަމާދުގައި، ރުކޫޢުގައާއި، ޤައުމާގައާއި، ދެ ސަޖިދައިގައާއި ޖަލްސާގައި، ތަޢުދީލުލް އަރުކާން ދޫކޮށްލުމެވެ. ތަޢުދީލުލް އަރުކާން އަކީ، ޠުމަޢުނީނަތާއެކު، އެބަހީ އެއްވެސް ޙަރަކާތެއް ނުކޮށް، ސުބްޙާނަﷲ ކިޔެވޭހާ ވަގުތެއް ހުރުމެވެ.

12- ނަމާދަކީ މުހިއްމުނޫން ކަމެއްކަމަށް ހީކޮށް، އެކަން ދަސްކުރުމަށާއި ތިމާގެ އަނބިދަރީންނަށް ދަސްކޮށްދިނުމަށް އަހަންމިއްޔަތު [މުހިއްމުކަން] ނުދިނުމާއި، ނަމާދުކުރާ މީހުންނަށް ހުރަސްއެޅުމެވެ.

13- ޚަމުރު [ޝަރާބު] އާއި، ގިނައިން ބުއިމުން މަސްތުވާ ކޮންމެ ބުއިމެއްވެސް، މަދުމިނަކަށްވިޔަސް ބުއިމެވެ. [ބިއަރ ބުއިމަކީވެސް ޙަރާމް ކަމެކެވެ.]

14- މުއުމިނުންނަށް އަޒިއްޔަތްދިނުމެވެ.

15- ދޮގުން ވަލީކަމާއި ދީނީ ޢިލްމު ދައްކާލުން. އަހްލުއްސުންނަގެ ޢިލްމު ނުއުނގެނިސް، ތިމާއަކީ ދީނީ މީހެއް، ވާޢިޡެއްކަމަށް ތަޢާރަފުކޮށްދިނުން. [މިފަދަ ދޮގުވެރިން ލިޔާ ގޮތްހަދާފައިވާ ދީނީ ފޮތްތައް ނުކިޔަވާށެވެ. އެމީހުންގެ ވަޢުޡުތަކާއި ޚިޠާބުތަކަށް އަޑުނުއަހާށެވެ.]

16- ތިމާގެ ފާފަ ހަނދާންނެތުމާއި، އެއީ ކުޑަ ކަމެއްކަމަށް ބެލުން.

17- ކިބުރުވެރިވުން، އެބަހީ ތިމާގެ ނަފްސަށް ރުހުން.

18- ޢުޖުބު، އެބަހީ ތިމާގެ ޢިލްމާއި ޢަމަލު ގިނައެވެ ބުނުން.

19- މުނާފިޤުކަމާއި، ދެމޫނުކަން.

20- ޙަސަދުކުރުމާއި، ދީނީ އަޚާއަށް ލިބޭ ހެޔޮކަން ނުފުރުދުން.

21- ސަރުކާރާއި ތިމާގެ އުސްތާޛުގެ، އިސްލާމީ ޝަރީޢަތާ ޚިލާފުނުވާ ބަހަށް ޢަމަލުނުކުރުން. ޚިލާފުވާ އަމުރުތަކަށް އިޢުތިރާޒުކުރުން.

22- މީހަކު ތަޖުރިބާކޮށް ނުބަލައި، ހެޔޮ މީހެކެވެ ބުނުން.

23- ދޮގުބުނުމުގައި އިސްރާރުކުރުން.

24- ޢުލަމާއުންނާ ދުރުވެދިޔުން. [އަހްލުއްސުންނަގެ ޢާލިމުންގެ ފޮތްތައް ނުކިޔެވުން.]

25- މުސްތަށި ސުންނަތުގެ މިންވަރަށްވުރެ އިތުރަށް ދިގުކުރުން.

26- ފިރިހެނުން ފަށުވި ލިބާސް ލުން. އަރުޓިފިޝަލް ފަށުވިއާއި، ހުރަހަށް ވިއުމަށް ބޭނުންކުރާ ރޮދި ފަށުވިއަށްވެ، ދިގަށް ވިއުމަށް ބޭނުންކުރާ ރޮދި ކޮޓަނަށްވާ ފޭރާން ލުން ޖާއިޒެވެ.

27- ގީބަތްކުރުމުގައި އިސްރާރުކުރުން.

28- ކާފިރަކުވިޔަސް، ތިމާގެ އަވަށްޓެރިޔާއަށް އަނިޔާކުރުން.

29- ދުނިޔޭގެ ކަންތައްތަކާހެދި ވަރަށް ރުޅިއައުމާއި ކޯފާވުން.

30- ރިބާ، ރިބާ ނެގުމާއި ދިނުން.

31- ފަޚުރުވެރިވުމަށްޓަކައި ތިމާގެ ލިބާހުގެ އަތްތަކާއި ތިރީ ދަޅުތައް ޙައްދަށްވުރެ ދިގުކުރުން.

32- ސިޙުރުވެރިކަމާއި، ފަންޑިތަކުރުން.

33- މުސްލިމު، ޞާލިޙު މަޙްރަމު ތިމާގެމީހުންނަށް ޒިޔާރަތްކުރުން ދޫކޮށްލުން.

34- اللَّه تَعَالَى ލޯބިފުޅުކުރައްވާ މީހާދެކެ ލޯބިނުވުމާއި، އިސްލާމީ ޝަރީޢަތް ފަސާދަކުރުމަށް މަސައްކަތްކުރާ މީހުންދެކެ ލޯބިވުން.

35- މުއުމިނު އަޚާއާމެދު ތިން ދުވަހަށްވުރެ ގިނަ ދުވަސް ރުޅިވެރިކަން ހިފަހައްޓައިގެން ހުރުން.

36- ޒިނޭކުރުމުގައި ދެމިހުރުން.

37- ލިވާޠުކޮށް، ތައުބާނުވުން. ލިވާޠަކީ ޒަކަރު އެހެން މީހެއްގެ ދުބުރަށް ވެއްދުމެވެ. ފިރިހެނުންގެ ކުޑަކަން ނުކުންނަ ތަނަށް ޒަކަރުއެވެ ކިޔައެވެ. އަންހެނުންގެ އެ ތަނަށް ފަރުޖުއެވެ ކިޔައެވެ.

38- ފިޤްހު ފޮތްތަކުގައި ބަޔާންކޮށްދީފައިވާ ވަގުތުތަކުގައި، ސުންނަތާ އެއްގޮތަށް ބަންގި ނުގޮވުމާއި، ސުންނަތާ އެއްގޮތަށް ގޮވާ ބަންގިއަށް އަޑުއެހުމުން ޙުރުމަތް ނުކުރުން.

39- މުންކަރު (ޙަރާމް) ކަމެއް ކުރާ މީހަކު ފެނި، އެކަން މަނާކުރުމުގެ ބާރު ލިބިހުރެމެ، ހެޔޮ ބަހުން ނަހީ [އެބަހީ މަނާ] ނުކުރުން.

40- ތިމާގެ އަނބާއި، އަންހެން ދަރިފުޅާއި، ނަޞޭހަތްދިނުމުގެ ޙައްޤު ތިމާއަށް ލިބިގެންވާ އަންހެނުން، ބޯމަތިޔާއި އަތްތަކާއި ފައިތައް ހާމަކޮށް، ޒީނަތްތެރިވެ، ސެންޓުލައިގެން މަގަށް ނުކުމެ، ނުބައި މީހުންނާ ބައްދަލުކުރުމަށް ރުހުން.

ނަބިއްޔުން އައްލާހު ޢަޒީމުއްޝާންގެ ޙަޟްރަތުން ގެންނެވި ކަންތައްތައް، ދުލުން އިޤްރާރުކޮށް، ހިތުން ތަޞްދީޤުކުރުމަށް (އީމާން) އެވެ ކިޔައެވެ. މުޙައްމަދު “عَلَيْهِ السَّلَامُ” އަށް އީމާންވެ، އެ ނަބިއްޔާ ބަޔާންކޮށްދެއްވި ކަންތައްތަކަށް ޢަމަލުކުރުމަށް (އިސްލާމީ ޝަރީޢަތް) އެވެ ކިޔައެވެ.

އަދި، ދީން އާއި މިއްލަތު، މި ދެއެތި އެއް އެއްޗެކެވެ. ނަބިއްޔުން އައްލާހު ޢަޒީމުއްޝާންގެ ޙަޟްރަތުން، ޢިޢުތިޤާދާ، އެބަހީ އަދަހަންގަތުމާ ގުޅޭ ގޮތުން ގެންނެވި ކަންތައްތަކަށް ދީން އާއި މިއްލަތު އެވެ ކިޔައެވެ.

އަހަރެމެންގެ ނަބިއްޔާ “صَلَّى اللَّهُ تَعَالَى عَلَيْهِ وَسَلَّمَ” ޙައްޤު ތަޢާލާގެ ޙަޟްރަތުން، ޢަމަލާއި ކަންކުރުމާ ގުޅޭ ގޮތުން ގެންނެވި ކަންތައްތަކަށް، (އިސްލާމީ ޝަރީޢަތް) ނުވަތަ (އިސްލާމީ އަޙްކާމު) އެވެ ކިޔައެވެ.

އަދި، އިޖްމާލީ އީމާން، އެބަހީ ކުރުކޮށް އަދަހަންގަތުން ފުދެއެވެ. ތަފްޞީލުކުރުމާއި، އީމާން ދިގުކޮށް ދަންނާކަށް ލާޒިމެއް ނުވެއެވެ. މުޤައްލިދުގެ، އެބަހީ ވިސްނިގެން ނުވާ ހާލު އަދަހަންގަންނަ މީހާގެ އީމާން ޞައްޙައެވެ. އަދި ބައެއް ޙާލަތުތަކުގައި ތަފްޞީލުވެސް ބޭނުންވެއެވެ.

އީމާން ތިން ބަޔެވެ: ތަޤުލީދީ އީމާން، އިސްތިދުލާލީ އީމާން، ޙަޤީޤީ އީމާނެވެ.

ތަޤުލީދީ އީމާން، ފަރުޟާއި، ވާޖިބާއި، ސުންނަތާއި، މުސްތަޙައްބު ނޭނގެއެވެ. މަންމައާއި ބައްޕަގެ އަރިހުން އަޑުއެހި ގޮތަށް އަދަހަންގަނެ، ފެނުނު ގޮތަށް ޢިބާދަތްކުރެއެވެ. މިފަދަ މީހުންގެ އީމާނާމެދު ބިރުގަނެވެއެވެ.

އިސްތިދުލާލީ އީމާން، ފަރުޟާއި، ވާޖިބާއި، ސުންނަތާއި، މުސްތަޙައްބާއި، ޙަރާމް ދަނެވެސް ދަނެއެވެ؛ އިސްލާމީ ޝަރީޢަތަށް ތަބާވެސް ވެއެވެ. އަދަހަންގަންނަންޖެހޭ ކަންތައްތައް ދަނެވެސް ދަނެއެވެ؛ އެހެންމީހުންނަށް އެނގިވެސް ދެއެވެ. އުސްތާޛެއްގެ އަރިހުން، ޢިލްމުޙާލު ފޮތަކުން އުނގެނިފައިވާ މިފަދަ މީހުންގެ އީމާން ބާރުގަދައެވެ.

ޙަޤީޤީ އީމާން، މުޅި ޢާލަމް އެއް ތަނަކަށް އެއްވެ، އެންމެން ރައްބު އިންކާރުކުރިޔަސް، އެ މީހާ އިންކާރެއް ނުކުރެއެވެ. އަދި އެ މީހާގެ ހިތަށް އެއްވެސް އިރަކު ޝައްކެއް އަދި ޝުބުހާއެއް ނާއެވެ. އެ މީހާގެ އީމާން، އަންބިޔާއުންގެ އީމާން ފަދައެވެ. މިފަދަ އީމާން، އަނެއް ދެ އީމާނަށްވުރެ މާތްކަންބޮޑެވެ.

އަދި، އިސްލާމީ ޝަރީޢަތުގެ އަޙްކާމުތައް ގުޅޭނީ ޢަމަލާއެވެ. އީމާނާ ނުގުޅެއެވެ. ހަމަ އީމާންވުމުން ސުވަރުގެއަށް ވަދެވެއެވެ. އެކަމަކު، ހަމަ ޢަމަލުކުރުމުން ސުވަރުގެއަށް ނުވަދެވެއެވެ. ޢަމަލުނެތި ހުރި އީމާން ޤަބޫލުކުރެވެއެވެ. އެކަމަކު، އީމާންނެތި ކުރާ ޢަމަލު ޤަބޫލެއް ނުކުރެވެއެވެ. އީމާންނެތް މީހުން ކުރާ ޢިބާދަތްތަކާއި، ހެޔޮ ކަންތައްތަކާއި، ޞަދަޤާތައް ޤިޔާމަތުގައި އެއްވެސް މަންފާއަކަށް ނާއެވެ. އީމާން އެހެން މީހަކަށް ހަދިޔާއެއްގެ ގޮތުގައި ނުދެވެއެވެ؛ އެކަމަކު ޢަމަލުގެ ޘަވާބު ދެވެއެވެ. އީމާން ވަޞިއްޔަތް ނުކުރެވެއެވެ. އެކަމަކު، ތިމާއަށްޓަކައި ޢަމަލުކުރުމަށް ވަޞިއްޔަތް ކުރެވެއެވެ. ޢަމަލު ދޫކޮށްލާ މީހާ ކާފިރަކަށް ނުވެއެވެ؛ ނަމަވެސް އީމާން ދޫކޮށްލާ މީހާއާއި، ޢަމަލަށް ޤަދަރު ނުދޭ މީހާ ކާފިރުވެއެވެ. ޢުޛުރުވެރި މީހާއަށާއި، ޢާޖިޒުވެރި މީހާއަށް ޢަމަލު ޢަފޫކުރެވެއެވެ. އީމާން އެއްވެސް މީހަކަށް ޢަފޫއެއް ނުކުރެވެއެވެ.

ހުރިހާ ނަބީން އެ ނަބީންގެ އުއްމަތްތަކަށް ބަޔާންކޮށްދެއްވި އީމާން އެކެވެ. އެކަމަކު، އެ ނަބީންގެ އަޙްކާމުތަކާއި، ދީންތަކާއި، ޢަމަލުތަކުގައި ޚިލާފާއި ތަފާތު ހުރެއެވެ.

އަދި، އީމާން ދެ ވައްތަރެވެ. އެއް ވައްތަރަކީ ޚިލްޤީ އީމާނެވެ؛ އަނެއް ވައްތަރަކީ ކަސްބީ އީމާނެވެ.

ޚިލްޤީ އީމާނަކީ، ޢަހްދު މީޘާޤުގެ ވަގުތުގައި، އަޅުން ބަލާ (އާނއެކެވެ) ބުނުމެވެ.

ކަސްބީ އީމާނަކީ، ބާލިޣުވުމަށްފަހު ވާ އީމާނެވެ. ހުރިހާ މުއުމިނުންގެ އީމާން އެކެވެ. އެމީހުންގެ ޢަމަލުތައް އެކެއް ނޫނެވެ.

އީމާން، ދާއިމީ ފަރުޟެކެވެ. ޢަމަލު ފަރުޟުވަނީ އޭގެ ވަގުތު އައުމުންނެވެ.

އީމާން، ކާފިރަށާއި މުސްލިމަށް ފަރުޟެވެ. ޢަމަލު ފަރުޟުވަނީ ހަމަ މުސްލިމަށެވެ.

އަދި، އީމާން އަށް ވައްތަރެވެ:

މަތުބޫޢު އީމާނަކީ، މަލާއިކަތުންގެ އީމާނެވެ.

މަޢްޞޫމް އީމާނަކީ، ނަބީންގެ އީމާނެވެ.

މަޤުބޫލު އީމާނަކީ، މުއުމިނުންގެ އީމާނެވެ.

މައުޤޫފު އީމާނަކީ، ބިދުޢަވެރިންގެ ފަސާދަވެފައިވާ އީމާނެވެ.

މަރުދޫދު އީމާނަކީ، މުނާފިޤުން ހާމަކުރާ ދޮގު އީމާނެވެ.

ތަޤުލީދީ އީމާނަކީ، މަންމައާއި ބައްޕަގެ އަރިހުން އަޑުއަހައި، އުސްތާޛެއްގެ އަރިހުން ނުއުނގެނި މީހާގެ އީމާނެވެ. މިފަދަ މީހުންގެ އީމާނާމެދު ބިރުގަނެވެއެވެ.

އިސްތިދުލާލީ އީމާނަކީ، މައުލާ މުތަޢާލް، ދަލީލާއެކު ވިސްނިގެން ދަންނަމީހާއެވެ. އެ މީހާގެ އީމާން ބާރުގަދައެވެ.

ޙަޤީޤީ އީމާން، މުޅި ޢާލަމް އެއް ތަނަކަށް އެއްވެ، ތިމާގެ ރައްބު އިންކާރުކުރިޔަސް، އެ މީހާ އިންކާރެއް ނުކުރެއެވެ؛ އަދި އެ މީހާގެ ހިތަށް އެއްވެސް އިރަކު ޝައްކެއް އަދި ޝުބުހާއެއް ނާއެވެ. މިއީ އެންމެހައި އީމާނަށްވުރެ މާތްކަންބޮޑު އީމާންކަން މަތީގައި ބަޔާންކޮށްދިނީމެވެ.

އީމާނުގެ ޙުކުމް ތިނެވެ:

ފުރަތަމައީ، އެ މީހާގެ ކަރު ކަނޑިން ސަލާމަތްވުމެވެ.

ދެވަނައީ، އެ މީހާގެ މުދާ ޖިޒްޔާއިންނާއި ޚަރާޖުން ސަލާމަތްވުމެވެ.

ތިންވަނައީ، އެ މީހާގެ ހަށިގަނޑު ނަރަކައިގައި -މުޚައްލަދު- (އަބަދުއަބަދަށް) އެންދުމުން ސަލާމަތްވުމެވެ.

(އާމަންތު ބިއްލާހި...) މިއަށް، ޞިފާތުލް އީމާން އަދި މުއުމަނުން ބިހި އަދި ޛާތުލް އީމާން އަދި އަޞްލުލް އީމާންވެސް ކިޔައެވެ. އެއީ އޭގެ ބޮޑުކަމާއި ޝަރަފުގެ ސަބަބުންނެވެ.

އަދި، އީމާނުގެ މަދާރު، އެބަހީ އީމާންވުން ލާޒިމުވާ ވަގުތު ދެއެވެ: ޢާޤިލުވުމާއި ބާލިޣުވުމެވެ.

އަދި އީމާނުގެ ސަބަބު ދެއެވެ: ޢާލަމް އުފެއްދެވުމާއި، ޤުރްއާނު ޢަޒީމުއްޝާން ނާޒިލުވުމެވެ.

އަދި، ދަލީލު ދެއެވެ: ޢަޤުލީ ދަލީލާއި ނަޤުލީ ދަލީލެވެ.

އަދި، އީމާނުގެ ރުކުން، އަޞްލު ދެއެވެ: އިޤްރާރުން ބިލްލިސާން އާއި ތަޞްދީޤުން ބިލްޖަނާންއެވެ. މި ދެއޭގެވެސް ޝަރުޠު ދެއެވެ:

ހިތުގެ ޝަރުޠަކީ ޝައްކު ނެތުމެވެ؛ ދުލުގެ ޝަރުޠަކީ ތިމާ ބުނާނެއްޗެއް ދެނެހުރުމެވެ.

އަދި، އީމާނަކީ މަޚްލޫޤެއްހެއްޔެވެ؟ އައްލާހު ޢަޒީމުއްޝާންގެ ހިދާޔަތްކަމަށްވާ ގޮތުން، ޣައިރު މަޚްލޫޤެވެ. އެކަމަކު، އަޅާ ތަޞްދީޤާއި އިޤްރާރުކުރާ ގޮތުން މަޚްލޫޤެވެ.

އީމާން؛ އެއްވެފައިވޭހެއްޔެވެ، އެއް މުޅިއެއްހެއްޔެވެ، ނުވަތަ ވަކިވަކިވެ، ބުރިބުރިވެފައިވޭހެއްޔެވެ؟

ހިތުގައި އެއްވެފައިވެއެވެ؛ ގުނަވަންތަކުގައި ވަކިވަކިވެފައިވެއެވެ.

ޔަޤީނަކީ، އައްލާހު ޢަޒީމުއްޝާންގެ ޛާތު، ކަމާލާއެކު ދެނެގަތުމެވެ.

ޚައުފަކީ، އައްލާހު ޢަޒީމުއްޝާންއަށް ބިރުވެތިވުމެވެ.

ރަޖާއު، އައްލާހު ޢަޒީމުއްޝާންގެ ރަޙްމަތުން އުންމީދު ނުކެނޑުމެވެ.

މަޙައްބަތުﷲ، اللَّه އަށާއި، އެ އިލާހުގެ ރަސޫލާ “صَلَّى اللَّهُ تَعَالَى عَلَيْهِ وَسَلَّمَ” އަށާއި، އިސްލާމްދީނަށާއި، މުއުމިނުންނަށް މަޙައްބަތު ކުރުމެވެ.

ޙަޔާ، اللَّه އަށާއި، އެ އިލާހުގެ ރަސޫލާ “صَلَّى اللَّهُ تَعَالَى عَلَيْهِ وَسَلَّمَ” އަށް ލަދުވެތިވުމެވެ.

ތަވައްކަލު، ތިމާގެ ހުރިހާ ކަމެއް اللَّه تَعَالَى އަށް ޙަވާލުކުރުމެވެ. ކަމެއް ފަށާއިރު އެ އިލާހަށް ބަރޯސާވުމެވެ.

އަދި، އީމާނާއި، އިސްލާމާއި، އިޙްސާން ކިޔަނީ ކޮން ކަމަކަށްހެއްޔެވެ؟

އީމާން، ކިޔަނީ މުޙައްމަދު “عَلَيْهِ السَّلَامُ” އަންގަވާފައިވާ ކަންކަމަށް އަދަހަތްތެރިވުމަށެވެ.

އިސްލާމް، ކިޔަނީ އައްލާހު ޢަޒީމުއްޝާންގެ އަމުރުތަކަށް ކިޔަމަންވުމަށާއި، އެ އިލާހުގެ ނަހީތަކުން ދުރުހެލިވެ، ރައްކާތެރިވުމަށެވެ.

އިޙްސާން، ކިޔަނީ އައްލާހު ޢަޒީމުއްޝާން ފެންނަފަދައިން ޢިބާދަތް ކުރުމަށެވެ.

އީމާން، ލުޣަވީ މާނައިގައި ކިޔަނީ މުޠްލަޤުކޮށް ތަޞްދީޤު ކުރުމަށެވެ. އިސްލާމީ ޝަރީޢަތުގައި ކިޔަނީ ހަ ކަމެއް ތަޞްދީޤު ކުރުމަށާއި، އެ ކަންކަމަށް އަދަހަތްތެރިވުމަށެވެ.

މަޢުރިފަތް، އައްލާހު ޢަޒީމުއްޝާން ކަމާލުގެ ޞިފަތަކުން ޞިފަވެވޮޑިގެންވާ، ނުޤުޞާނުގެ ޞިފަތަކުން ޕާކުވަންތަވެވޮޑިގެންވާ ކަމަށް ދެނެގަތުމެވެ.

ތައުޙީދު، އައްލާހު ޢަޒީމުއްޝާން އެކަކުކަމަށް ޤަބޫލުކުރުމެވެ. އެ އިލާހަށް އެއްވެސް މީހަކު ޝަރީކު ނުކުރުމެވެ.

އިސްލާމީ ޝަރީޢަތް، (އިސްލާމީ އަޙްކާމު)، އެބަހީ އައްލާހު ޢަޒީމުއްޝާންގެ އަމުރުތަކާއި ނަހީތައް [މަނާކުރެއްވި ކަންކަން] ކަމުގެ މާނައެވެ.

ދީނާއި މިއްލަތު، އަދަހަތްތެރިވުން ލާޒިމުވާ ކަންކަމުގައި، މަރުވަންދެން ޘާބިތުވެ ތިބުމެވެ.

އަދި، އީމާން ހިފަހައްޓާގަނެވެނީ ފަސް ބަލަކޮށިގެ ތެރޭގައެވެ.

1- ޔަޤީނެވެ.

2- އިޚްލާޞްއެވެ.

3- ފަރުޟުތައް އަދާކުރުމާއި ޙަރާމްތަކުން ދުރުހެލިވުމެވެ.

4- ސުންނަތް ތަދުކޮށް ހިފަހައްޓައިގަތުމެވެ.

5- އަދަބު ހިފަހައްޓައި، ރައްކާކުރުމެވެ.

މި ފަސް ކަން ރައްކާކުރާ ކޮންމެ މީހަކު، ތިމާގެ އީމާން ރައްކާކުރި މީހަކަށް ވެއެވެ. މި ކަންކަމުން އެކަމެއްވިޔަސް ދޫކޮށްލައިފިނަމަ، ދުޝްމިނާ ގަލަބަލިބެއެވެ. އީމާނުގެ ދުޝްމިނުން ހަތަރެކެވެ: ކަނާތުގައި ނުބައި ރައްޓެހިޔާއާއި، ވާތުގައި ނަފްސުގެ ހަވާ [އެދުންތައް] އާއި، ކުރިމަތީގައި ދުނިޔެއަށް ލޯބިޖެހުމާއި، ފަހަތުގައި ޝައިޠާނާ، އީމާން ނަގައިގަންނަން އެދެއެވެ. ނުބައި ރައްޓެހިންނަކީ، މީހާގެ މުދަލާއި ފައިސާ ވަގަށްނަގައި، އޭނާގެ ދުނިޔެ ނަގައިގަތުމަށް ހީލަތް ހަދާ މީހުން އެކަނި ނޫނެވެ. ރައްޓެހިންގެ ތެރެއިން އެންމެ ނުބައި، އެންމެ ގެއްލުންވެރި މީހުންނަކީ، މީހާގެ ދީނާއި، އީމާނާއި، އަދަބާއި، ޙަޔާއާއި، އަޚްލާޤު ފަސާދަކުރަން މަސައްކަތްކުރާ، އެހެންކޮށް އޭނާގެ ދުނިޔެއަށާއި އާޚިރަތަށާއި، އަބަދީ ސަޢާދަތަށް ހަމަލާދޭ މީހުންނެވެ. اللَّه تَعَالَى، މި ދުޝްމިނުންގެ ޝައްރުންނާއި، އިސްލާމްގެ ދުޝްމިނުންގެ ހީލަތްތަކުން، އަޅުގަނޑުމެންގެ އީމާން ރައްކާކުރައްވާށިއެވެ.

(ކަލިމަތުއް ތައުޙީދު)ގެ، އެބަހީ ލާ އިލާހަ އިއްލަﷲ ކިޔުމުގެ ޝަރަފުވެރި މާނައަކީ، ޢިބާދަތް ލިބިގަތުމަށް ލާއިޤު، އަދި ޙައްޤުވެރި އެއްވެސް ޛާތެއް، އައްލާހު ޢަޒީމުއްޝާން ފިޔަވައި ނެތްކަމެވެ. އެކަނިވެގެންވަނީ އައްލާހު ޢަޒީމުއްޝާންއެވެ. އެ އިލާހު އަބަދުވެސް ވުޖޫދުގައިވާ، އެކެއްވަންތަ އިލާހެވެ. އެ އިލާހަށް ޝަރީކެއް [ބައިވެރިއެއް] އަދި ނަޒީރެއް [މިސްލެއް] ނެތެވެ. ޒަމާނަކާއި މަކާނަކާއި ނުލައެވެ.

މުޙައްމަދުން ރަސޫލުﷲ، ކިޔުމުގެ މާނައަކީ، ހަޟްރަތު މުޙައްމަދު މުޞްޠަފާ “صَلَّى اللَّهُ تَعَالَى عَلَيْهِ وَسَلَّمَ” އަކީ، އައްލާހު ޢަޒީމުއްޝާންގެ އަޅާއާއި ޙައްޤު ރަސޫލާކަމެވެ. އަޅުގަނޑުމެންވެސް އެ ރަސޫލާގެ އުއްމަތެވެ، އަލްޙަމްދުލިއްލާހި.

އަދި، ކަލިމަތުއް ތައުޙީދަށް އަށް ނަމެއް ވެއެވެ.

1- ކަލިމަ ޝަހާދަތެވެ.

2- ކަލިމަތުއް ތައުޙީދެވެ.

3- ކަލިމަތުލް އިޚްލާޞްއެވެ.

4- ކަލިމަތުއްތަޤުވާއެވެ.

5- ކަލިމަތުއްޠައްޔިބާއެވެ.

6- ދަޢުވަތުލް ޙައްޤެވެ.

7- ޢުރްވަތުލް ވުސްޤާއެވެ.

8- ކަލިމަތު ޘަމަރަތުލް ޖަންނަތެވެ.

އަދި، އިޚްލާޞްގެ ޝަރުޠަކީ، ނިޔްޔަތް ކުރުމާއި، މާނަ ދެނެގަތުމާއި، ތަޢުޒީމާއެކު ކިޔެވުމެވެ.

އަދި ޛިކުރުކުރާ މީހަށް ހަތަރު ކަމެއް ބޭނުންވެއެވެ: ތަޞްދީޤާއި، ތަޢުޒީމާއި، ޙަލާވަތާއި، ޙުރުމަތެވެ.

ތަޞްދީޤު ދޫކޮށްލާ މީހާ މުނާފިޤެކެވެ. ތަޢުޒީމު ދޫކޮށްލާ މީހާ ބިދުޢައިގެ ވެރިއެކެވެ. ޙަލާވަތް ދޫކޮށްލާ މީހާ މުރާއީއެކެވެ، މީހުންނަށް ދެއްކުމަށް ޢަމަލުކުރެއެވެ. ޙުރުމަތް ދޫކޮށްލާ މީހާ ފާސިޤެކެވެ. އިންކާރުކުރާނަމަ، ކާފިރުވެއެވެ.

އަދި، ޛިކުރަކީ ތިން ބާވަތެކެވެ:

1- ޛިކްރުލް ޢަވާމެވެ.

2- ޛިކްރުލް ޚަވާއްޞްއެވެ.

3- ޛިކްރުލް އަޚައްޞްއެވެ.

ޛިކްރުލް ޢަވާމަކީ ޖާހިލުންގެ ޛިކުރެވެ. ޛިކްރުލް ޚަވާއްޞްއަކީ ޢާލިމުންގެ ޛިކުރެވެ. އަދި ޛިކްރުލް އަޚައްޞްއަކީ އަންބިޔާއުންގެ ޛިކުރެވެ.

އަދި، ޛިކުރުކުރާ ގުނަވަންތައް ތިނެކެވެ:

1- ދޫން ކުރާ ޛިކުރެވެ، އެއީ ކަލިމަ ޝަހާދަތް ކިޔުމެވެ.

2- ތައުޙީދާއި ތަސްބީޙާއި ކީރިތި ޤުރުއާން ކިޔެވުމެވެ.

3- ހިތުން ކުރާ ޛިކުރެވެ.

ހިތުގެ ޛިކުރު ތިން ބާވަތެކެވެ:

1- އައްލާހު ޢަޒީމުއްޝާންގެ ޞިފަތަކަށް ދަލާލަތުކުރާ ދަލީލުތަކާއި ޢަލާމާތްތަކަށް ތަފައްކުރު ކުރުމެވެ.

2- އިސްލާމީ އަޙްކާމުގެ ދަލީލުތަކަށް ތަފައްކުރު ކުރުމެވެ.

3- މަޚްލޫޤުތަކުގެ ސިއްރަށް ތަފައްކުރު ކުރުމެވެ.

ތަފްސީރު ޢާލިމުން، ސޫރަތުލް ބަޤަރާގެ އެއްސަތޭކަ ފަންސާސް ދެވަނަ ކީރިތި އާޔަތް ތަފްސީރުކުރައްވަމުން، އައްލާހު ޢަޒީމުއްޝާން، (ތިމަންރަސްކަލާނގެ އަޅުންނޭ! ތިޔައިންނަން ޠާޢަތުވެރިކަމުން ތިމަންރަސްކަލާނގެ ޛިކުރުކުރާނަމަ، ތިމަންރަސްކަލާނގެވެސް ރަޙްމަތުން ތިޔައިންނަން ޛިކުރުކުރާނަމެވެ. އަދި ތިޔައިންނަން ދުޢާއިން ތިމަންރަސްކަލާނގެ ޛިކުރުކުރާނަމަ، ތިމަންރަސްކަލާނގެވެސް އިޖާބަތުން ތިޔައިންނަން ޛިކުރުކުރާނަމެވެ. އަދި ތިޔައިންނަން ޠާޢަތުވެރިކަމުން ތިމަންރަސްކަލާނގެ ޛިކުރުކުރާނަމަ، ތިމަންރަސްކަލާނގެވެސް ތިމަންރަސްކަލާނގެ ނަޢީމުން [ތިމަންރަސްކަލާނގެ ސުވަރުގެއިން] ތިޔައިންނަން ޛިކުރުކުރާނަމެވެ. އަދި ތިޔައިންނަން އެކަނިވެ ތިބޭ ތަންތަނުގައި ތިމަންރަސްކަލާނގެ ޛިކުރުކުރާނަމަ، ތިމަންރަސްކަލާނގެވެސް ޖަމްޢިއްޔަތުލް ކުބްރާގައި [މަޙްޝަރުގައި] ތިޔައިންނަން ޛިކުރުކުރާނަމެވެ. އަދި ތިޔައިންނަން ނެތިކަމުގައި ތިމަންރަސްކަލާނގެ ޛިކުރުކުރާނަމަ، ތިމަންރަސްކަލާނގެވެސް ތިމަންރަސްކަލާނގެ އެހީއިން ތިޔައިންނަން ޛިކުރުކުރާނަމެވެ. އަދި ތިޔައިންނަން އިޖާބަތުން ތިމަންރަސްކަލާނގެ ޛިކުރުކުރާނަމަ، ތިމަންރަސްކަލާނގެވެސް ހިދާޔަތުން ތިޔައިންނަން ޛިކުރުކުރާނަމެވެ. އަދި ތިޔައިންނަން ޞިދްޤާއި އިޚްލާޞްއާއެކު ތިމަންރަސްކަލާނގެ ޛިކުރުކުރާނަމަ، ތިމަންރަސްކަލާނގެވެސް ޚަލާޞްއާއި ނަޖާތުން [ސަލާމަތްވުމުން] ތިޔައިންނަން ޛިކުރުކުރާނަމެވެ. އަދި ތިޔައިންނަން ކީރިތި ފާތިޙާއިންނާއި، ކީރިތި ފާތިޙާގެ ތެރޭގައިވާ ރުބޫބިއްޔަތުން ތިމަންރަސްކަލާނގެ ޛިކުރުކުރާނަމަ، ތިމަންރަސްކަލާނގެވެސް ތިމަންރަސްކަލާނގެ ރަޙްމަތުން ތިޔައިންނަން ޛިކުރުކުރާނަމެވެ) މިހެން އިރްޝާދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އަދި، ޛިކުރުކުރުމުގެ އެއްސަތޭކަހާ ފައިދާއެއް ޢުލަމާއުން ބަޔާންކުރައްވާފައިވެއެވެ. އަޅުގަނޑުމެން އެއިން ބައެއް ބަޔާންކުރަމެވެ:

ޛިކުރުކުރާ މީހާދެކެ އައްލާހު ޢަޒީމުއްޝާން ރުއްސެވޮޑިގަންނަވައެވެ. މަލާއިކަތުން ރުހެއެވެ. ޝައިޠާނާ ހިތާމަވެރިވެއެވެ. އޭނާގެ ހިތް މަޑުމޮޅޮކުވެ، ނަރުމުވެއެވެ. ޢިބާދަތަށް ޝައުޤުވެރިވެ، ޣައިރަތްތެރިވެއެވެ. އޭނާގެ ހިތުން ހިތާމަ ފިލުވައިދެއެވެ. އޭނާގެ ހިތް އުފާވެރިކުރެއެވެ. އޭނާގެ މޫނު ނޫރުން އަލިކުރެއެވެ. އޭނާ ހިތްވަރުވެރި މީހަކަށް ވެއެވެ. މަޙައްބަތުﷲ އަށް ވާޞިލުވެއެވެ. އޭނާއަށް މަޢުރިފަތުﷲ އިން ދޮރެއް ހުޅުވިދެއެވެ. ވަލީންގެ ކިބައިން ފައިޟު ލިބިގަނެއެވެ. އަށްޑިހަހާ ޙަމީދާ އަޚްލާޤެއް އެއްކޮށްގަތް މީހަކަށް ވެއެވެ.

(އަޝްހަދު އައްނަ މުޙައްމަދަން ޢަބްދުހޫ ވަ ރަސޫލުހޫ) ކިޔުމުގެ ޝަރަފުވެރި މާނައަކީވެސް، އާޚިރު ޒަމާނުގެ ނަބިއްޔާ، ކީރިތި މުޙައްމަދު މުޞްޠަފާ “صَلَّى اللَّهُ تَعَالَى عَلَيْهِ وَسَلَّمَ” އަކީ، އައްލާހު ޢަޒީމުއްޝާންގެ އަޅާވެސް، ރަސޫލާވެސް ކަމެވެ.

ކެއުމާއި ބުއިން ކުރެއްވިއެވެ. އަންހެނުންނާ ނިކާޙުކުރެއްވިއެވެ. ފިރިހެން ދަރިކަލުންނާއި އަންހެން ދަރިކަލުން ލިބިވޮޑިގަތެވެ. އެންމެން އުފެދިވޮޑިގެންވަނީ ހަޟްރަތު ޚަދީޖާ “رَضِيَ اللَّهُ عَنْهَا” ގެ ފުޅުބަނޑުންނެވެ. އިބްރާހީމް އެކަނި އުފެދިވޮޑިގެންވަނީ މާރިޔާ ކިޔުނު ޖާރިޔާގެ ފުޅުބަނޑުންނެވެ. އަދި ކިރު ކެނޑުމުގެ ކުރިން އަވަހާރަވިއެވެ. ފާޠިމާ “رَضِيَ اللَّهُ عَنْهَا” ފިޔަވައި، އެންމެހައި ދަރިކަލުން، އެ ރަސޫލާގެ ކުރިން އަވަހާރަވިއެވެ. ފާޠިމާ ހަޟްރަތު ޢަލީ “كَرَّمَ اللَّهُ وَجْهَهُ” އާ ކައިވެނިކުރުވައިދެއްވިއެވެ. ހަޟްރަތު ޙަސަން އާއި ހަޟްރަތު ޙުސައިން އަކީ، ހަޟްރަތު ޢަލީއާއި ހަޟްރަތު ފާޠިމާ “رَضِيَ اللَّهُ عَنْهُمْ” ގެ ދަރިކަލުންނެވެ. އަދި އެންމެހައި އަންހެން ދަރިކަލުންގެ ތެރެއިން، ހަޟްރަތު ފާޠިމާ އަފްޟަލްއެވެ. އަދި ކީރިތި ރަސޫލުﷲ “صَلَّى اللَّهُ تَعَالَى عَلَيْهِ وَسَلَّمَ” ގެ ލޯބިވަންތައެވެ.

ރަސޫލް އަކްރަމް “صَلَّى اللَّهُ تَعَالَى عَلَيْهِ وَسَلَّمَ” އަށް އެގާރަ އަނބިކަލެއް ވެއެވެ: ހަޟްރަތު ޚަދީޖާ، ސައުދާ، ޢާއިޝާ، ޙަފްޞާ، އުއްމު ސަލަމާ، އުއްމު ޙަބީބާ، ޒައިނަބު ބިންތު ޖަޙްޝް، ޒައިނަބު ބިންތު ޚުޒައިމާ، މައިމޫނާ، ޖުވައިރިއްޔާ، ޞަފިއްޔާ “رَضِيَ اللَّهُ عَنْهُنَّ” އެވެ.

އިންސާނުންނަށާއި ޖިންނިންނަށް، ޙައްޤާއި ބާޠިލު، ޙަރާމްއާއި ޙަލާލު، ދުނިޔެ ފަނާވާ ކަމާއި އާޚިރަތް ބާޤީވާ ކަމާއި، ދީނުގެ ޢިލްމުޙާލު ތަޢުލީމުކުރުމަށް ވަޑައިގެންނެވި، ޙައްޤު ނަބިއްޔާއެވެ “صَلَّى اللَّهُ تَعَالَى عَلَيْهِ وَسَلَّمَ”.

(އަދިއްލައި ޝަރުޢިއްޔަ) ހަތަރެކެވެ: ފޮތް، ސުންނަތް، އުއްމަތުގެ އިޖްމާޢު، މުޖްތަހިދުގެ ޤިޔާސް އެވެ. ޢާލިމުން ދީނީ ޢިލްމު ހޯދަވާފައިވަނީ މި ހަތަރު މަޞްދަރުންނެވެ. ފޮތް އޭ ކިޔަނީ އައްލާހު ޢަޒީމުއްޝާންގެ ކަލާމަށެވެ. ސުންނަތަކީ ރަސޫލާގެ ޤައުލާއި، ރަސޫލާގެ ފިޢުލާއި، ރަސޫލާގެ ތަޤްރީރެވެ. އުއްމަތުގެ އިޖްމާޢަކީ އެއް ޒަމާނެއްގައި ވޮޑިގެންވާ މުޖްތަހިދުން، މިސާލަކަށް ކީރިތި ޞަޙާބީން “رَضِيَ اللَّهُ تَعَالَى عَنْهُمْ” ނުވަތަ ހަތަރު މަޛްހަބު، އެއް ކަމެއްގައި އިއްތިފާޤުވުމެވެ. ޤިޔާސް އޭ ކިޔަނީ މުޖްތަހިދުން އެއް ކަމެއް އަނެއް ކަމަކާ އެއްގޮތް ކުރެއްވުމަށެވެ.

އަދި، މަޛްހަބުގެ ލުޣަވީ މާނައަކީ މަގެވެ. އަހަރެމެންގެ ދެ މަގެއް ވެއެވެ: އެއް މަގަކީ ޢިޢުތިޤާދުގެ މަގެވެ. އަނެއް މަގަކީ ޢަމަލުގެ (ކަންތައް ކުރުމުގެ) މަގެވެ.

ޢިޢުތިޤާދުގެ މަގުގައި އަހަރެމެންގެ އިމާމު، އެބަހީ މަގުދައްކަވާ ބޭކަލަކީ، އަބޫ މަންޞޫރު އަލް މާތުރީދީ “رَحِمَهُ اللَّهُ تَعَالَى” އެވެ. އެމަނިކުފާނުގެ މަގަށް (އަހްލުއްސުންނަ) އޭ ކިޔައެވެ. ޢަމަލުގެ މަގުގައި އަހަރެމެންގެ މަގުދައްކަވާ ބޭކަލަކީ، އިމާމުލް އަޢުޡަމް އަބޫ ޙަނީފާ “رَحِمَهُ اللَّهُ تَعَالَى” އެވެ. އެމަނިކުފާނުގެ މަގަށް (ޙަނަފީ މަޛްހަބު) އޭ ކިޔައެވެ.

އަބޫ މަންޞޫރު އަލް މާތުރީދީގެ ނަމަކީ މުޙައްމަދެވެ. އެމަނިކުފާނުގެ ބައްޕަފުޅުގެ ނަމަކީ މުޙައްމަދެވެ. ކާފަފުޅުގެ ނަމަކީ މުޙައްމަދެވެ. އަދި އުސްތާޛުގެ ނަމަކީ އަބޫ ނަޞްރު އަލް ޢިޔާޟީ “رَحِمَهُمُ اللَّهُ تَعَالَى” އެވެ.

އަބޫ ނަޞްރު އަލް ޢިޔާޟީގެ އުސްތާޛުގެ ނަމަކީ އަބޫ ބަކުރު އަލް ޖުރުޖާނީ އެވެ. އެމަނިކުފާނުގެ އުސްތާޛުގެ ނަމަކީ އަބޫ ސުލައިމާނު އަލް ޖުރުޖާނީ އެވެ. އަބޫ ސުލައިމާނު އަލް ޖުރުޖާނީގެ އުސްތާޛުންގެ ނަންފުޅުތަކަކީ އަބޫ ޔޫސުފާއި އިމާމު މުޙައްމަދު އައްޝައިބާނީ އެވެ. މި ދެ ބޭކަލުންގެ އުސްތާޛަކީވެސް އިމާމުލް އަޢުޡަމް އަބޫ ޙަނީފާ “رَحِمَهُمُ اللَّهُ تَعَالَى” އެވެ. މިއިން ފެންނަނީ، ޢިޢުތިޤާދުގައި އަހަރެމެންގެ މަޛްހަބުގެ ވެރިޔާއަކީވެސް، ޢަމަލުގައި އަހަރެމެންގެ މަޛްހަބުގެ ވެރިޔާއަކީވެސް، އިމާމުލް އަޢުޡަމް ކަމެވެ.

ހުރިހާ މީހުންގެ ތިން އިމާމުން ވެއެވެ. މި އިމާމުން ދެނެގަތުން ފަރުޟެވެ. އަމުރުތަކާއި ނަހީތައް ދެއްވާ އަހަރެމެންގެ އިމާމަކީ ޢަޒީމުއްޝާން ޤުރުއާނެވެ. މި ކަންކަން، އެބަހީ އިސްލާމީ ޝަރީޢަތް، ބަޔާންކުރައްވާ އަހަރެމެންގެ އިމާމަކީ ކީރިތި ރަސޫލުﷲ “صَلَّى اللَّهُ عَلَيْهِ وَسَلَّمَ” އެވެ. މި ކަންކަން ބާރުން ކުރުވާ އަހަރެމެންގެ އިމާމަކީ ރަސޫލުﷲގެ ނިޔާބަތުގައި ހުންނަ މުސްލިމު ދައުލަތުގެ ވެރިޔާއެވެ.

އިމާމުލް އަޢުޡަމްގެ އުސްތާޛުގެ ނަމަކީ ޙައްމާދެވެ. ޙައްމާދުގެ އުސްތާޛުގެ ނަމަކީ އިބްރާހީމް އައްނަޚަޢީ އެވެ. އެމަނިކުފާނުގެ އުސްތާޛުގެ ނަމަކީ ޢަލްޤަމާ ބިން ޤައިސް އެވެ. އެމަނިކުފާނަކީ އެމަނިކުފާނުގެ މަންމަފުޅުގެ ފިރިހެން އެއްބަނޑުފުޅުވެސް އެވެ. އެމަނިކުފާނުގެ އުސްތާޛުގެ ނަމަކީ ޢަބްދުﷲ އިބްނު މަސްޢޫދު “رَحِمَهُمُ اللَّهُ تَعَالَى” އެވެ. އެމަނިކުފާނުވެސް ރަސޫލުﷲ “صَلَّى اللَّهُ عَلَيْهِ وَسَلَّمَ” ގެ އަރިހުން އަޚްޛުކުރައްވާފައި، އެބަހީ ހޯދަވާފައި، ވެއެވެ.

ރަސޫލުﷲ “عَلَيْهِ السَّلَامُ” ވެސް ޖިބްރީލް “عَلَيْهِ السَّلَامُ” ގެ އަރިހުން އަޚްޛުކުރައްވާފައި ވެއެވެ. އަދި ޖިބްރީލް “عَلَيْهِ السَّلَامُ” އަށް ކީރިތި ﷲ ސުބްޙާނަހޫ ވަ ތަޢާލާ އަމުރުކުރައްވާފައި ވެއެވެ.

އައްލާހު ޢަޒީމުއްޝާން، އާދަމްގެ ދަރިންނަށް ހަތަރު ޖައުހަރެއް ދެއްވާފައި ވެއެވެ: ޢަޤުލު، އީމާން، ޙަޔާ އަދި ފިޢުލު، އެބަހީ ޞާލިޙު ޢަމަލެވެ.

އަދި، ދުޢާތަކާއި ކޮންމެ ޢަމަލެއް ޤަބޫލުވުމުގެ ޝަރުޠާއި ސަބަބުތައް ފަހެކެވެ: އީމާން، ޢިލްމު، ނިޔްޔަތް، އިޚްލާޞް، އެބަހީ އިޚްލާޞް، އަދި އަޅުންގެ ޙައްޤެއް އަދާނުކޮށް ނެތުމެވެ. ފުރަތަމަ، އަހްލުއްސުންނަގެ ޢިޢުތިޤާދުގައި ހުރުމާއި، ދެން ކުރަންއުޅޭ ޢިބާދަތް ޞައްޙަވުމުގެ ޝަރުޠުތައް ދެނެގަތުން ލާޒިމެވެ.

[ޢަމަލެއް، ޢިބާދަތެއް ޞައްޙަވުމަކީ އެއް ކަމެވެ. ޤަބޫލުވުމަކީ އަނެއް ކަމެވެ. ޢިބާދަތްތައް ޞައްޙަވުމަށް، އެ ޢިބާދަތްތަކަށް ޚާއްޞަ ޝަރުޠުތަކާއި ފަރުޟުތައް ވެއެވެ. މިއިން އެއް ކަމެއް އުނިވެއްޖެނަމަ، އެ ޢިބާދަތް ޞައްޙަނުވެއެވެ. އެ ޢިބާދަތް އަދާނުކުރެވިފައިވާ ކަމަށް ވެއެވެ. އޭގެ ޖަޒާއާއި ޢަޛާބުން ސަލާމަތްނުވެވޭނެއެވެ. ޞައްޙަވެގެންވެސް ޤަބޫލުނުވާ ޢިބާދަތެއްގެ ސަބަބުން ޢަޛާބު ނުދެވުނަސް، އެ ޢިބާދަތުގެ ޘަވާބު ނުލިބޭނެއެވެ. ޢިބާދަތް ޤަބޫލުވުމަށް، ފުރަތަމަ އެއީ ޞައްޙަ ޢިބާދަތެއް ކަމުގައިވުމާއި، ދެން މަތީގައި ލިޔެފައިވާ ފަސް ޝަރުޠުވެސް ހުރުން ލާޒިމެވެ. އަޅުންގެ ޙައްޤުވެސް މި ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ]. އިމާމް ރައްބާނީ “رَحِمَهُ اللَّهُ تَعَالَى”، ދެވަނަ ޖިލްދުގެ އަށްޑިހަ ހަތްވަނަ މަކްތޫބުގައި ވިދާޅުވެއެވެ: (މީހަކު ނަބިއްޔާގެ ޢަމަލުފަދަ ޢަމަލު ކުރިޔަސް، އެމީހާގެ މަތީގައި ދާނަގެއްގެ ދެބައިކުޅަ އެއްބައިގެ [އެބަހީ ވަރަށް ކުޑަ] ޢަދަދެއްގެ ދަރަންޏެއް މީހަކަށް ދައްކަން އޮތްނަމަ، އެ ދަރަނި ދައްކާލާންދެން ސުވަރުގެއަށް ނުވަދެވޭނެއެވެ). [އެމީހާގެ ދުޢާތައްވެސް ޤަބޫލުނުވާނެއެވެ.]

އިބްނު ހަޖަރުލް މައްކީ “رَحِمَهُ اللَّهُ تَعَالَى”، (ޒަވާޖިރު) ފޮތުގައި، ސަތޭކަ އަށްޑިހަ ހަތްވަނަ ފާފަ ބަޔާންކުރައްވަމުން ވިދާޅުވެއެވެ: ސޫރަތުލް ބަޤަރާގެ ސަތޭކަ އަށްޑިހަ އަށްވަނަ އާޔަތުގައި މާނައިގެ ގޮތުން، (އޭ އީމާންވެރިންނޭ! އެކަކު އަނެކަކުގެ މުދާ ބާޠިލު މަގުން ނުކާށެވެ!) ވަހީކުރެވިފައިވެއެވެ. ބާޠިލު މަގަކީ، ރިބާ، ޖުވާ، ޣަޞަބު، ވައްކަން، ޙީލަތް، ޚިޔާނާތް، ދޮގު ހެކިބަސް ދިނުން އަދި ދޮގު ހުވާ ކޮށް މަކަރުކުރުމެވެ. ކީރިތި ޙަދީޘްތަކުގައި، (ޙަލާލު ކާ، ފަރުޟުތައް އަދާކޮށް، ޙަރާމްތަކުން ރައްކާތެރިވެ، މީހުންނަށް ގެއްލުން ނުދޭ މުސްލިމަކު ސުވަރުގެއަށް ދާނެއެވެ) އަދި (ޙަރާމުން ފޯދުނު ހަށިގަނޑު އަލިފާނުގައި އަނދާލެވޭނެއެވެ) އަދި (އެމީހެއްގެ ޝައްރާއި ގެއްލުމުން މީހުންނަށް އަމާންކަން ނުލިބޭ މީހާގެ ދީނާއި، ނަމާދުތަކާއި، ޒަކާތްތަކުން އޭނާއަށް ފައިދާއެއް ނުލިބޭނެއެވެ) އަދި (ލައިފައިވާ ޖިލްބާބު ޙަރާމުން ލިބިފައިވާ މީހާގެ ނަމާދުތައް ޤަބޫލެއް ނުވެއެވެ) ވިދާޅުވެފައިވެއެވެ. [ޖިލްބާބަކީ އަންހެނުންގެ ފުޅާ ބޯބުރުގާއެވެ. ފިރިހެނުންގެ ދިގު ގަމީހަށްވެސް އެނަން ކިޔައެވެ. ޖިލްބާބަކީ އަންހެނުން ދެ ބައިން ލާ ޗާދަރު ކަމަށް ބުނާ މީހުންގެ ބަހުގެ މަތިން، މި ކީރިތި ޙަދީޘުގައި ފިރިހެނުންވެސް އެ ޗާދަރު ލާކަން ބަޔާންވެފައިވާނެއެވެ. އެހެން ބުނުމަކީ ސައްޙަ ބަހެއް ނޫންކަމާއި، ޖާހިލުކަމާއެކުވާ، ހޭންޖެހޭ އިޢުތިޤާދެއްކަން ސާފެވެ.] ދުވިސައްތަވަނަ ފާފަ ބަޔާންކުރައްވަމުން ގެންނެވި ކީރިތި ޙަދީޘުގައި، (މަކަރުހުރި މުދާ ވިއްކާ މީހާ އަހަރެމެންގެ ތެރެއިން މީހެއް ނޫނެވެ. އޭނާ ދާނެ ތަނަކީ ނަރަކައެވެ) ވިދާޅުވެފައިވެއެވެ. ދުވިސައްތަ ދިހަވަނަ ފާފައިގެ ޙަދީޘުގައި، (ގިނައިން ނަމާދުކޮށް، ރޯދަހިފައި، ޞަދަޤާ ދޭ، އެހެނަސް ތިމާގެ ދުލުން އަވަށްވެހިންނަށް އަނިޔާދޭ މީހާ ދާނެ ތަނަކީ ނަރަކައެވެ) ވިދާޅުވެފައިވެއެވެ. ކާފިރު އަވަށްވެހިޔާއަށްވެސް އަނިޔާ ނުދީ، އޭނާއަށްވެސް ހެޔޮކަންކޮށް، އިޙްސާންކުރުން ލާޒިމެވެ. ތިންސަތޭކަ ތޭރަވަނަ ފާފައިގެ ޙަދީޘުގައި، (ޞުލްޙަގެ ޒަމާނުގައި ކާފިރަކު ނާޙައްޤުން މަރާ މީހާ ސުވަރުގެއަށް ނުވަދެއެވެ) އަދި (ދެ މުސްލިމަކު ދުނިޔަވީ މަންފާތަކާޓަކައި ޖަންގުކުރާއިރު، މަރުވާ މީހާއާއި މަރާ މީހާވެސް ނަރަކައަށް ދާނެއެވެ) އަދި ތިންސަތޭކަ ސަތާރަވަނަ ފާފައިގެ ޙަދީޘުގައި، (މީހުންނަށް ޡުލުމްކުރާ މީހާ ޤިޔާމަތުގައި އެކަމުގެ ޢަޛާބު ވިންދާނެއެވެ) ވިދާޅުވެފައިވެއެވެ. ޣައިރު މުސްލިމުންނަށް ޡުލުމްކުރުންވެސް މިހެންމެއެވެ. ތިންސަތޭކަ ފަންސާސްވަނަ ފާފައިގެ ޙަދީޘުގައި، (ތިން މީހެއްގެ ދުޢާ ޔަޤީނުން ޤަބޫލުވެއެވެ: މަޡުލޫމާގެ، މުސާފިރާގެ އަދި މައިންބަފައިންގެއެވެ) އަދި (ކާފިރަކަސް، މަޡުލޫމާގެ ނުބައި ދުޢާ ރައްދު ނުކުރެވެއެވެ) އަދި ހަތަރުސަތޭކަ ދެވަނަ ފާފައިގެ ޙަދީޘުގައި، (ތިމާގެ ކާފިރު ރައްޓެހިޔާ މަރާ މީހާވެސް އަހަރެމެންގެ ތެރެއިން މީހެއް ނޫނެވެ) އަދި ހަތަރުސަތޭކަ ނުވަވަނަ ފާފައިގެ ޙަދީޘުގައި، (ފާފަތަކުގެ ތެރެއިން އެންމެ އަވަހަށް ޢަޛާބު ދެވޭނެ ފާފައަކީ، ތިމާގެ ސަރުކާރަށް ޢިސްޔާންކުރުމެވެ) ވިދާޅުވެފައިވެއެވެ. (ޒަވާޖިރު)ން ކުރި ތަރުޖަމާ ނިމުނީއެވެ. އޭ މުސްލިމާއެވެ! اللَّه تَعَالَى ގެ ރިޟާ ލިބުމާއި ތިބާގެ ޢަމަލުތައް ޤަބޫލުވުން އެދެނަމަ، މަތީގައި ބަޔާންކުރެވުނު ކީރިތި ޙަދީޘްތައް ތިބާގެ ހިތުގައި ލިޔެލާށެވެ! މުސްލިމަކުވިޔަސް، ކާފިރަކުވިޔަސް، އެއްވެސް މީހެއްގެ މުދަލަށް، ފުރާނައަށް އަދި އިއްޒަތަށް ހަމަލާ ނުދޭށެވެ! އެއްވެސް މީހަކަށް އަނިޔާ ނުދޭށެވެ! ހުރިހާ މީހުންގެ ޙައްޤު އަދާކުރާށެވެ! ވަރިކުރި އަންހެނާއަށް ރަނުގެ ފައިސާ ދިނުންވެސް އަޅުންގެ ޙައްޤުގައި ހިމެނެއެވެ. އެ ފައިސާ ނުދިންނަމަ، ދުނިޔޭގައާއި އާޚިރަތުގައި އެކަމުގެ އަދަބު ވަރަށް ސަޚްތުވާނެއެވެ. އަޅުންގެ ޙައްޤުތަކުގެ ތެރެއިން އެންމެ މުހިއްމު އަދި އެންމެ ގިނަ ޢަޛާބު ލިބޭ ކަމަކީ، ގާތްތިމާގެ މީހުންނަށާއި ތިމާގެ އަމުރުގެ ދަށުގައި ތިބި މީހުންނަށް ދީނީ ޢިލްމު އުނގަންނައިދިނުން ދޫކޮށްލުމެވެ. އެ މީހުންނާއި ހުރިހާ އިންސާނުން ދީނީ ޢިލްމު އުނގެނުމަށާއި ޢިބާދަތްތައް އަދާކުރުމަށް، ޢަޛާބުދީ ނުވަތަ މަކަރުކޮށް ހުރަސްއަޅާ މީހާ ކާފިރެއްކަމާއި، އިސްލާމްގެ ދުޝްމަނެއްކަން އެނގެއެވެ. ބިދުޢަވެރިންނާއި މަޛްހަބެއް ނެތް މީހުން، ތިމާގެ ބަސްތަކާއި ލިޔުންތަކުން އަހްލުއްސުންނަގެ ޢިލްމު ބަދަލުކޮށް، ދީނާއި އީމާން ފަސާދަކުރުންވެސް މިހެންމެއެވެ. ސަރުކާރާއި ޤާނޫނުތަކަށް ޚިލާފު ނުވާށެވެ. ތިބާގެ ޓެކުހުތައް އަދާކުރާށެވެ. ސަރުކާރު ޡާލިމު، ފާސިޤު ސަރުކާރަކަސް، ސަރުކާރަށް ޢިސްޔާންކުރުމަކީ ފާފައެއްކަން (ބަރީޤާ)ގައި ލިޔެފައިވެއެވެ. ދާރުލް ޙަރްބުގައި، އެބަހީ ކާފިރު ޤައުމުތަކުގައިވެސް، ޤާނޫނުތަކާއި އަމުރުތަކަށް ޚިލާފު ނުވާށެވެ! ފިތުނަ ނުއުފައްދާށެވެ! އިސްލާމްއަށް ހަމަލާދޭ މީހުންނާއި، ބިދުޢަވެރިންނާއި، މަޛްހަބެއް ނެތް މީހުންނާ ރައްޓެހި ނުވާށެވެ! އެ މީހުންގެ ފޮތްތަކާއި ނޫސްތައް ނުކިޔާށެވެ! އެ މީހުންގެ ރޭޑިއޯތަކާއި ޓެލެވިޝަންތައް ތިބާގެ ގެއަށް ނުވައްދާށެވެ! ތިބާގެ ބަހަށް އަޑުއަހާ މީހުންނަށް (އަމުރު މަޢުރޫފު) ކުރާށެވެ! އެބަހީ، ހިނިތުންވެރި މޫނަކާއި މަޑުމޮޅި ބަހަކުން ނަޞޭހަތްކުރާށެވެ! އެއްވެސް މީހަކާ މުނާޤަޝާ ނުކުރާށެވެ! ތިބާގެ ރީތި އަޚްލާޤުން، އިސްލާމްދީނުގެ ޝާނާއި ޝަރަފު ހުރިހާ މީހުންނަށް ދައްކާށެވެ!

އިބްނު ޢާބިދީން “رَحِمَهُ اللَّهُ تَعَالَى”، ފުރަތަމަ ޖިލްދުގައި ވިދާޅުވެއެވެ: (ސަވްއަތައިން، އެބަހީ ޤުބުލާއި ދުބުރަކީ، ހަތަރު މަޛްހަބުގައިވެސް ޣަލީޡު، އެބަހީ ބަރު ޢައުރައެވެ. މި ދެ ތަން ނިވާކުރުން އިއްތިފާޤުން ފަރުޟެވެ. ނިވާކުރުމަށް އަހަންމިއްޔަތެއް ނުދޭ މީހާ ކާފިރުވެއެވެ. ކަކޫ ނުނިވާކޮށްހުރި ފިރިހެނާއަށް، އެތަން ނިވާކުރުމަށް އަމުރު މަޢުރޫފު ކުރެވެއެވެ. އެބަހީ، މަޑުމޮޅި ބަހުން ނަޞޭހަތް ކުރެވެއެވެ. އިނާދުކުރާނަމަ، ހަނުހުރެވެއެވެ. އުރަފަތްތައް ނުނިވާކޮށްހުރި މީހާ އިނާދުކުރާނަމަ، ހަރުކަށި ބަހުން ބުނެވެއެވެ. ސަވްއަތައިން ނުނިވާކޮށްހުރި މީހާ އިނާދުކުރާނަމަ، ޙާކިމަށް ބުނެ، ބާރުން [ތަޅާ، ހައްޔަރުކޮށް] ނިވާކުރުވެއެވެ. އަނެއް ފިރިހެނެއްގެ ޢައުރައަށް ބެލުމުގެ ފާފަވެސް މި ތަރުތީބުން އިތުރުވެއެވެ.) އަންހެނުން، އަތްތަކާއި މޫނު ފިޔަވައި، މުޅި ހަށިގަނޑާއި، ފައިތަކާއި، އަތްތަކާއި، އިސްތަށިގަނޑު، އަޖުނަބީ ފިރިހެނުންނަށާއި ކާފިރު އަންހެނުންނަށް ނުދެއްކުން ހަތަރު މަޛްހަބުގައިވެސް ފަރުޟެވެ. ޝާފިޢީ މަޛްހަބުގައި، މޫނުވެސް ނުދެއްކުން ފަރުޟެވެ. އެ އަންހެނުންނާއި އެ މީހުންގެ ބަފައިން ނުވަތަ ފިރިމީހުން މިކަމަށް އަހަންމިއްޔަތެއް ނުދޭނަމަ، ކާފިރުވެއެވެ. ފިރިހެން ކުދިން އިކަކާއި ފައިތައް ނުނިވާކޮށް، އަންހެން ކުދިންވެސް ބޯތަކާއި އަތްތައް ނުނިވާކޮށް ކުޅިވަރުކުރުމާއި، މިކަންކަން ބެލުމަކީ ބޮޑެތި ފާފައެވެ. މުސްލިމު މީހާ، ތިމާގެ ހުސް ވަގުތުތައް ކުޅިވަރާއި ފައިދާނެތް ކަންކަމުގައި ގެއްލުވައި ނުލާ، ޢިލްމު އުނގެނުމާއި ނަމާދުކުރުމުން ޤީމަތްތެރިކުރަންވާނެއެވެ. (ކީމްޔާއި ސަޢާދަތް)ގައި ބުނެފައިވެއެވެ: (އަންހެނުންނާއި އަންހެން ކުދިން، ބޯތަކާއި، އިސްތަށިގަނޑާއި، އަތްތަކާއި، ފައިތައް ނުނިވާކޮށް މަގަށް ނުކުތުމަކީ ޙަރާމްކަމުގައިވާ ފަދައިން، ތުނި، ޒީނަތްތެރި، ހަނި، މީރުވަސްދުވާ ހެދުމުން ނިވާވެ ނުކުތުންވެސް ޙަރާމެވެ. މިހެން ނުކުތުމަށް ހުއްދަދޭ، ރުހޭ، ކަމުދާ މަންމައާއި، ބައްޕައާއި، ފިރިމީހާއާއި، އަޚުއާއި އުޚުތުވެސް، އެ އަންހެނާގެ ފާފައާއި ޢަޛާބުގައި ބައިވެރިވާނެއެވެ.) އެބަހީ، ނަރަކައިގައި އެކުގައި އަނދާލެވޭނެއެވެ. ތައުބާވާނަމަ، ޢަފޫކުރެވި، ނާނދާލެވޭނެއެވެ. اللَّه تَعَالَى ތައުބާވާ މީހުންނަށް ލޯބިވަޑައިގަންނަވައެވެ. އަންހެނުން ނިވާވުމާބެހޭ ގޮތުން، ހަޤީޤަތް ކިތާބެވީން ޝާއިޢުކުރި (ފާއިދެލީ ބިލްގިލަރ)ގެ 284 ގައި ތަފްޞީލުން ލިޔެފައިވެއެވެ.

ކުފުރަށް ސަބަބުވާ ކަންތައްތައް

ކުފުރު [اللَّهއަށް ޢަދާވާތްތެރިވުން] ތިން ބާވަތެވެ: ޢިނާދީ ކުފުރު، ޖަހުލީ ކުފުރު، ޙުކުމީ ކުފުރެވެ.

ޢިނާދީ ކުފުރަކީ، އަބޫޖަހުލްއާއި ފިރުޢައުނުއާއި ނަމްރޫދުއާއި ޝައްދާދުގެ ކުފުރުފަދައިން، ދީނާއި އީމާން އެނގިހުރެ ޤަބޫލު ނުކުރުމެވެ. މި މީހުންނަކީ ނަރަކައިގެ މީހުންނެވެ ބުނުން ޖާއިޒެވެ.

ޖަހުލީ ކުފުރަކީ، ކާފިރުންގެ ޢާންމު މީހުން މި ދީނަކީ ޙައްޤު ދީންކަން ދަނެ، މުޙައްމަދީ ބަންގި ކިޔާއިރު އަޑުއަހާހުއްޓައިވެސް، އާދޭ، މުސްލިމުވޭ ބުނެފިނަމަ، އަހަރެމެންގެ ބައްޕައާއި މަންމަގެ ކިބައިން އަހަރެމެންނަށް ލިބުނީ މިގޮތަށެވެ، އަހަރެމެން ދާނީވެސް މިގޮތަށެވެ ބުނުމެވެ.

ޙުކުމީ ކުފުރަކީ، ތަޢުޒީމްކުރަންޖެހޭ ތަނުގައި ތަޙުޤީރުކުރުމާއި، ތަޙުޤީރުކުރަންޖެހޭ ތަނުގައި ތަޢުޒީމްކުރުމެވެ.

އައްލާހު ޢަޒީމުއްޝާންގެ ވަލީންނާއި އަންބިޔާއުންނާއި ޢުލަމާއުންނާއި، އެބޭކަލުންގެ ބަސްފުޅުތަކާއި ފިޤްހު ފޮތްތަކާއި ފަތުވާތަކަށް ތަޢުޒީމްކުރަންޖެހޭހުއްޓައި، ތަޙުޤީރުކޮށްފިނަމަ، އެއީވެސް ކުފުރެވެ. ކާފިރުންގެ ދީނީ ރަސްމުތައް ކަމުދިއުމާއި، ޟަރޫރަތެއް ނެތި ޒުންނާރު ބެންދުމާއި، ޕާދިރީންނަށް ޚާއްޞަ ބޯގައި ލާ ފޭރާމާއި ޞަލީބު [އެއްޗަކާ އަނެއްޗެއް ހުރަސްކޮށް ޖަހާފައިވާ ދެ ދަނޑި، ކްރޮސް] ފަދަ ކުފުރުގެ އަލާމާތްތައް ބޭނުންކުރުމެވެ. އަދި މިއެއްޗެހިންނަށް މަޙައްބަތްކުރުން ކުފުރެވެ.

ކުފުރުގެ ހަތް ގެއްލުމެއް ވެއެވެ: ދީނާއި ނިކާޙު ގެއްލުވައެވެ. އޭނާ ކަތިލާ ތަކެތި ނުކެވޭނެއެވެ. އޭނާގެ ޙަލާލު އަނބިމީހާއާ ކުރާ ޖިންސީ ގުޅުން ޒިނޭއަށްވެއެވެ. އޭނާ މަރަން ވާޖިބުވެއެވެ. ސުވަރުގެ އޭނާއާ ދުރުވެއެވެ. ނަރަކަ އޭނާއާ ގާތެވެ. އެ ޙާލުގައި މަރުވެއްޖެނަމަ، އޭނާގެ ޖަނާޒާ ނަމާދު ނުކުރެވޭނެއެވެ.

އަމިއްލަ ރުހުމުން، އެހެން އެހެން އެއްޗެއް އެހެން އެހެން މީހަކުގެ ކައިރީގައި ވެއެވެ، ނުވަތަ ނެތެވެ، އަހަރެން ކާފިރަކަށް ވެއްޖިޔާއެވެ، ޔަހޫދީއަކަށް [އެބަހީ ޔަހޫދީއަކަށް] ވެއްޖިޔާއެވެ ކިޔައި ހުވާކޮށްފިނަމަ، އެ އެއްޗެއް އެ މީހާގެ ކައިރީގައި ހުރިނަމަވެސް ނެތްނަމަވެސް، އޭނާ ވަނީ އަމިއްލަ ރުހުމުން ކުފުރަށް ގޮސްފައެވެ. އޭނާގެ އީމާނާއި ނިކާޙު އާކުރުން ލާޒިމެވެ.

ޒިނޭއާއި ރިބާއާއި ދޮގު ފަދަ ހުރިހާ ދީނެއްގައި ޙަރާމް ކަމެއްގެ މެދުގައި، އެކަން ޙަލާލުވެ، އަހަރެންވެސް އެކަން ކުރެވުނުނަމައޭ އެދިއްޖެނަމަ، މިއީވެސް ކުފުރެވެ.

ނަބިއްޔުންނަށް “عَلَيْهِمُ الصَّلَوَاتُ وَالتَّسْلِيمَاتُ” އަހަރެން އީމާންވީމެވެ، އެކަމަކު އާދަމް “عَلَيْهِ السَّلَامُ” އަކީ ނަބިއްޔެއްތޯ އަހަރެން ނުދަންނަމެވެ ބުނެފިނަމަ، ކާފިރުވެއެވެ. ހަޟްރަތު މުޙައްމަދު “عَلَيْهِ السَّلَامُ” އަކީ އާޚިރު ޒަމާނުގެ ނަބިއްޔާކަން ނުދަންނަ މީހާ ކާފިރުވެއެވެ.

މީހަކު، ނަބިއްޔުން “عَلَيْهِمُ الصَّلَوَاتُ وَالتَّسْلِيمَاتُ” ވިދާޅުވި ބަސްފުޅު ތެދުނަމަ، އަހަރެމެން ސަލާމަތްވެއްޖެއެވެ ބުނެފިނަމަ، ކާފިރުވެއެވެ ވިދާޅުވެފައިވެއެވެ.

ބިރްގިވީ މަރުޙޫމް ވިދާޅުވެއެވެ: (މި ބަސް ޝުބުހާކުރުމުގެ ގޮތުން ބުނެފިނަމަ ކުފުރެވެ. އިލްޒާމުގެ ގޮތުން ބުނެފިނަމަ ކުފުރެއް ނޫނެވެ.)

މީހަކަށް، އާދޭ ނަމާދުކުރޭ ބުނެފިނަމަ، އޭނާވެސް، އަހަރެން ނުކުރާނަމެވެ ބުނެފިނަމަ، ކާފިރުވެއެވެ ވިދާޅުވެފައިވެއެވެ. އެކަމަކު އޭނާގެ މުރާދަކީ، ތިބާގެ ބަހަކަށް އަހަރެން ނަމާދެއް ނުކުރާނަމެވެ، اللَّهގެ އަމުރުން ނަމާދުކުރާނަމެވެ ކިޔުންނަމަ، ކާފިރު ނުވެއެވެ.

މީހަކަށް، ތިބާގެ ތުނބުޅި އެއް މުށްކުޅިއަށްވުރެ ކުރު ނުކުރާށޭ، ނުވަތަ އެއް މުށްކުޅިއަށްވުރެ އިތުރު ބައި ކަނޑާށޭ، އަދި ތިބާގެ ނިޔަފަތި ކަނޑާށޭ، އެހެނީ އެއީ ރަސޫލުﷲގެ “صَلَّى اللَّهُ تَعَالَى عَلَيْهِ وَسَلَّمَ” ސުންނަތެކެވެ ބުނެފިނަމަ، އޭނާވެސް ނުކަނޑާނަމެވެ ބުނެފިނަމަ، ކާފިރުވެއެވެ. އެހެން ސުންނަތްތައްވެސް މިފަދައެވެ. ޚާއްޞަކޮށް، މިސްވާކު ފަދަ، ސުންނަތްކަން މަޢުރޫފުވެ، ޘާބިތުވުމަކީ ތަވާތުރުން ޘާބިތުވެފައިވާ ކަމެއްނަމައެވެ. ބިރްގިވީ މަރުޙޫމް ވިދާޅުވެއެވެ: މި ބަސް، އެކަން ސުންނަތްކަން އިންކާރުކުރުމުގެ ގޮތުން ބުނެފިނަމަ، ކުފުރެވެ. އޭނާގެ މުރާދަކީ، ތިބާގެ އަމުރަކަށް އަހަރެން ނުކުރާނަމެވެ، ރަސޫލުﷲގެ ސުންނަތްކަމުގައިވާތީ ކުރާނަމެވެ ކިޔުންނަމަ، ކުފުރެއް ނޫނެވެ.

[ޔޫސުފް ޤަރަޟާވީ (އަލްޙަލާލު ވަލްޙަރާމު ފިލްއިސްލާމް) ފޮތުގެ ހަތަރުވަނަ ޗާޕުގެ އަށްޑިހަ އެއްވަނަ ޞަފްޙާގައި ބުނަނީ: (ބުޚާރީ) ގައިވާ ކީރިތި ޙަދީޘުގައި، (މުޝްރިކުންނާ ޚިލާފުވެރިވެގަންނާށެވެ! ތިޔަބައިމީހުންގެ މަތިރި ދިގުކުރާށެވެ! މަތިމަސް ކުރުކުރާށެވެ!) ވިދާޅުވެއެވެ. މި ކީރިތި ޙަދީޘުން މަތިރި ބޭލުމާއި އެއް މުށްޓިއަށްވުރެ ކުރުކުރުން މަނާކުރެއެވެ. އަލިފާނަށް ޢިބާދަތްކުރާ މީހުން ތަމަންގެ މަތިރި ކަނޑައެވެ. މަތިރި ބާލާ މީހުންވެސް އެބައިގައި ތިބިއެވެ. ކީރިތި ޙަދީޘުގައި އެބައިމީހުންނާ ޚިލާފުވެރިވެގަތުމަށް އަހަރުމެންނަށް އަމުރުކުރެވުނެވެ. ފިޤްހުގެ ބައެއް ޢާލިމުން، މި ކީރިތި ޙަދީޘުން މަތިރި ދިގުކުރުން ވާޖިބުކަމާއި މަތިރި ބޭލުން ޙަރާމްކަން ދައްކައެވެ ބުންޏެވެ. މިބައިގެ ތެރެއިން އިބްނު ތައިމިއްޔާ، މަތިރި ކެނޑުމަށް ވަރަށް ހަރުކަށިކޮށް ވިރުއްދުވެ ލިޔައެވެ. އެހެން ބައެއް ޢާލިމުން، މަތިރި ދިގުކުރުމަކީ ޢާދައެއްކަމާއި ޢިބާދަތެއް ނޫންކަން ބަޔާންކުރެއްވިއެވެ. ފަތްޙު ފޮތުގައި، ޢިޔާޟްގެ ބަސް ނަގައި، [ޢުޛުރެއް ނެތި] މަތިރި ބޭލުން މަކްރޫހުކަމަށް ލިޔެފައިވެއެވެ. ޞައްޙަ ބަހަކީވެސް މިއީއެވެ. މި ކީރިތި ޙަދީޘުން މަތިރި ދިގުކުރުން ވާޖިބުކަން ދައްކައެވެ ނުބުނެވޭނެއެވެ. އެހެނީ، (ބުޚާރީ) ގައި ލިޔެފައިވާ ކީރިތި ޙަދީޘުގައި، (ޔަހޫދީންނާއި ނަޞާރާއިން [ތަމަންގެ އިސްތަށާއި މަތިރި] ކުލަ ނުލައެވެ. ތިޔަބައިމީހުން އެބައިމީހުންނާ ޚިލާފުވެރިވެގަންނާށެވެ!). އެބަހީ، ތިޔަބައިމީހުން ކުލަލާށެވެ ވިދާޅުވެއެވެ. މި ކީރިތި ޙަދީޘުން، އިސްތަށާއި މަތިރި ކުލަލުން ވާޖިބުކަން ނުދައްކައެވެ. ދައްކަނީ މުސްތަޙައްބުކަމެވެ. އެހެނީ، ކީރިތި ޞަޙާބީންގެ ބައެއް ކުލަލެއްވިއެވެ. ގިނަބަޔަކު ކުލަ ނުލެއްވިއެވެ. ވާޖިބުވީނަމަ، އެންމެހައި ޞަޙާބީން ކުލަލައްވާނެއެވެ. މަތިރި ދިގުކުރުމަށް އަމުރުކުރާ ކީރިތި ޙަދީޘްވެސް މިހެންމެކަމުން، އެއިން ބަޔާންކުރަނީ މަތިރި ދިގުކުރުން ވާޖިބުކަމެއް ނޫނެވެ؛ މުސްތަޙައްބުކަމެވެ. އިސްލާމްގެ ޢާލިމުންގެ ތެރެއިން އެއްބޭކަލަކުވެސް މަތިރި ބޭލެއްވިކަމަށް ޚަބަރެއް ނުދެވިއެވެ. އެހެނީ، އެބޭކަލުންގެ ޒަމާނުގައި މަތިރި ބެހެއްޓުމަކީ ޢާދައެކެވެ. [މުސްލިމުންގެ ޢާދައަށް ތަބާނުވުމަކީ ޝުހުރަތެވެ. އެއީ މަކްރޫހުކަމެކެވެ. ފިތުނައަށް ސަބަބުވާނަމަ، ޙަރާމްވެއެވެ.] ޤަރަޟާވީގެ ބަހުގެ ތަރުޖަމާ ނިމުނީއެވެ. ޤަރަޟާވީ ތަމާގެ ފޮތުގެ މުޤައްދިމާގައި، ހަތަރު މަޛްހަބުގެ ފިޤްހު ޢިލްމުތައް އެކަކާ އަނެކަކު އެއްކޮށް އޮޅުވާލިކަމާއި، އެންމެ މަޛްހަބަކަށް ތަޤްލީދުކުރުން މުނާސިބު ނޫންކަމަށް ލިޔައެވެ. މިހެން އަހްލުއްސުންނަ ޢާލިމުންގެ މަގުން ވަކިވެއެވެ. އަހްލުއްސުންނަ ޢާލިމުން “رَحِمَهُمُ اللَّهُ تَعَالَى”، ކޮންމެ މުސްލިމަކުވެސް ހަތަރު މަޛްހަބުން އެއް މަޛްހަބަކަށް ތަޤްލީދުކުރުން ލާޒިމުކަމާއި، މަޛްހަބުތައް އެއްކޮށް އޮޅުވާ މީހާ މަޛްހަބެއް ނެތް މީހަކަށް، ހަމަ ޒިންދީޤަކަށްވެސް ވާނެކަން ބަޔާންކުރައްވައެވެ. އެހެންވިޔަސް، ޤަރަޟާވީގެ މަތިރިއާ ބެހޭ ލިޔުމުން ޙަނަފީ މަޛްހަބުގެ ރައުޔު ފާޅުކުރާތީ، އެއީ ހެކިއެއްގެ ގޮތުގައި ނެގުން މުނާސިބުކަމުގައި ބެލުނީއެވެ. ހަޟްރަތު ޢަބްދުލްޙައްޤު ދިހްލަވީ، (އަޝިއްޢަތުލްލަމަޢާތް) ގެ ތިންވަނަ ޖިލްދުގައި ވިދާޅުވަނީ: (އިސްލާމްގެ ޢާލިމުން، އިސްތަށާއި މަތިރި ކުލަލުމުގައި ތަމަން ވަޑައިގެންތިބި ތަނުގެ ޢާދައަށް ތަބާވެވަޑައިގަތެވެ. އެހެނީ، [ޖާއިޒުވާ، މުބާޙުވާ ކަންތަކުގައި]، ތަމާ ހުރި ތަނުގެ ޢާދައަށް ތަބާނުވުން ޝުހުރަތަށް ސަބަބުވެއެވެ. މިއީ މަކްރޫހުކަމެކެވެ). މުޙައްމަދު ޚާދިމީ “رَحِمَهُ اللَّهُ تَعَالَى” (ބަރީޤާ) ފޮތުގައި ވިދާޅުވަނީ: (ކީރިތި ޙަދީޘުގައި، (މަތިމަސް ކުރުކޮށް، މަތިރި ދިގުކުރާށެވެ!) ވިދާޅުވެއެވެ. މި ސަބަބުން، މަތިރި ބޭލުމާއި، ކެނޑުމާއި، ސުންނަތް މިންވަރަށްވުރެ ކުރުކުރުން މަނާކުރެވުނެވެ. މަތިރި އެއް ޤަބްޟާ، އެއް މުށްޓި ދިގުކުރުން ސުންނަތެވެ. މަތިރި އެއް ޤަބްޟާއަށްވުރެ ކުރުކުރުން ޖާއިޒެއް ނޫނެވެ. އެއް ޤަބްޟާއަށްވުރެ އިތުރު ބައި ކެނޑުންވެސް ސުންނަތެވެ). އެއް ޤަބްޟާއަކީ، ތުންފަތުގެ ކައިރިން ފެށިގެން އަނގިލި ހަތަރެއްގެ ފުޅާމިންވަރަށް ދިގުވުމެވެ. ސުންނަތްވާ ކަމެއް، ހަމަ މުބާޙުވާ ކަމެއްވެސް، ސުލްޠާނު އަމުރުކުރެއްވުމުން، އެކަން ކުރުން ވާޖިބުވެއެވެ. ސުލްޠާނާއި ހުރިހާ މުސްލިމުން އެކަން ކުރުމަކީ، އަމުރުކުރުމެވެ. މިފަދަ ތަންތަނުގައި މަތިރި އެއް މުށްޓި ދިގުކުރުން ވާޖިބުވެއެވެ. އެއް މުށްޓިއަށްވުރެ ކުރުކުރުން ނުވަތަ ބޭލުމަކީ، ވާޖިބެއް ދޫކުރުމެވެ. ތަޙްރީމީ މަކްރޫހުވެއެވެ. އެފަދަ މީހަކު މިސްކިތުގައި އިމާމުވުން ޖާއިޒެއް ނޫނެވެ. އެކަމަކު، ދާރުލް ޙަރްބުގައި ހުރި މީހަކަށް، ނުވަތަ ޡުލުމް ނުލިބުމަށް، ނަފަޤާ ގެއްލިނުދިއުމަށް، ނުވަތަ އަމުރު ބިލްމަޢުރޫފު ކުރެވުމަށް، މުސްލިމުންނަށާއި އިސްލާމީ ޝަރީޢަތަށް ޚިދުމަތް ކުރެވުމަށް، ތަމާގެ ދީނާއި އަބުރު ރައްކާކުރެވުމަށް މަތިރި ބޭލުން ޖާއިޒު، ހަމަ ލާޒިމުވެސް ވެއެވެ. ޢުޛުރެއް ނެތި ކުރުކުރުމާއި ބޭލުން މަކްރޫހުވެއެވެ. އެއް މުށްޓިއަށްވުރެ ކުރު މަތިރިއެއް ބަހައްޓައި، އެހެން ސުންނަތް އަދާކުރިކަމަށް ޢިޢުތިޤާދުކުރުމަކީ ބިދުޢައެކެވެ. ސުންނަތް ބަދަލުކުރުމެވެ. މިފަދަ ބިދުޢައެއް ކުރުމަކީ، މީހަކު މެރުމަށްވުރެ ބޮޑު ފާފައެކެވެ.]

އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު، ޢާޤިލު، ބާލިޣުވެ، އެދެކުދިން ނިކާޙުކޮށްދީ، އެދެކުދިންނަށް އީމާންކަމުގެ ޞިފަތައް ސުވާލުކުރާއިރު، ނޭނގޭނަމަ، އެދެކުދިން މުސްލިމުންނެއް ނޫނެވެ. އެދެކުދިންނަށް އީމާންވާންޖެހޭ ކަންތައް އުގަންނައިދީ، ދެން އަލުން ނިކާޙުކޮށްދޭނަމަ، އެދެކުދިންގެ ނިކާޙު ޞައްޙަވެއެވެ. ފަންސާސް ހަތަރު ފަރުޟު ބާބަށް [201 ވަނަ ޞަފްޙާއަށް] ބައްލަވާށެވެ!

މީހަކު ތަމާގެ މަތިމަސް ކަނޑާއިރު، ކައިރީގައި ހުރި މީހާ، އެއިން އެއްވެސް ފައިދާއެއް ނުވިއޭ ބުނެފިނަމަ، އެބަސް ބުނި މީހާ ކުފުރުވެއްޖެކަމުގެ ބިރު ހުއްޓެވެ. އެހެނީ، މަތިމަސް ކުރުކުރުން ސުންނަތެވެ. އޭނާ ސުންނަތް ލުއިކޮށް ބެލިކަމަށްވެއެވެ.

މީހަކު -ބޮލުން ފަޔަށް- ޙަރީރު ލައިގެން، އެހެން މީހަކު އޭނާގެ މި ޙާލަތަށް، މުބާރަކްވާށެވެ ބުނެފިނަމަ، އޭނާ ކުފުރުވެއްޖެކަމުގެ ބިރު ހުއްޓެވެ.

މީހަކު، ޤިބުލައަށް ފައި ދިގުކޮށްގެން އޮތުން، ނުވަތަ ތުކުއެޅުން، ނުވަތަ ޤިބުލައަށް މޫނުލައިގެން ކުޑަކަށިކުރުންފަދަ މަކްރޫހު ކަމެއް ކޮށް، އެ މީހާއަށް، ތިޔަ ކުރާ ކަންތައް މަކްރޫހެވެ، ނުކުރާށެވެ ބުނެވުމުން، އެ މީހާ އޭނާއަށް، އަހަރުމެންގެ ކޮންމެ ފާފައެއްވެސް މިވަރުވީނަމައޭ ބުނެފިނަމަ، އޭނާ ކުފުރުވެއްޖެކަމުގެ ބިރު ހުއްޓެވެ. އެބަހީ، މަކްރޫހުކަމަކީ އަހަންމިއްޔަތެއް ނެތް ކަމެއްކަމުގައި ބެލިތީއެވެ.

އަދި، މީހެއްގެ ޚާދިމަކު ދޮރުން އެތެރެއަށް ވަންނައި، ތަމާގެ ވެރިޔާއަށް ސަލާމްދީ، ވެރިޔާގެ ކައިރީގައި މީހަކު ހުރެ، ހިމޭނުން ހުރޭ، އަދަބުނެތް މީހާ، ތަމާގެ ވެރިޔާއަށް ސަލާމްދެވޭނެތޯ؟ ބުނެފިނަމަ، އެބަސް ބުނި މީހާ ކާފިރުވެއެވެ. އެކަމަކު، އޭނާގެ މުރާދަކީ މީހުންނާ މުޢާމަލާތްކުރުމުގެ އާދާބު އުގަންނައިދިނުންކަމުގައިވެ، ސަލާމް ދޭންޖެހުނީ ހިތުންނެވެ ބުނުންކަމުގައިވާނަމަ، ކުފުރު ނުވާކަން ޡާހިރެވެ.

މީހަކު، އެހެން މީހަކު ނެތްތަނުގައި އޭނާއާމެދު ކަމެއް ބުނެ، ކައިރީގައި ހުރި މީހާ، ގީބަތް ނުކުރާށެވެ ބުނުމުން، އޭގެ ޖަވާބުގައި އެ މީހާ، މިއީވެސް ކަމެއްތޯ؟ ބުނެފިނަމަ، ކާފިރުވާނެއެވެ ބުނެވިއެވެ. އެހެނީ، މި ޢަމަލުން ޙަރާމްކަން ރަނގަޅުކަމުގައި ބަލައި، ނުބައިކަމުގައި ނުބެލިތީއެވެ.

މީހަކު، اللَّه تَعَالَى އަހަރެންނަށް ސުވަރުގެ ދެއްވިޔަސް، ކަލޭ ނެތި ސުވަރުގެއަށް ނުވަންނާނަމެވެ ބުނެފިނަމަ، ނުވަތަ އެވަން މީހާއާއެކު ސުވަރުގެއަށް ވަނުމަށް އަމުރުކުރެވުނަސް، ނުވަންނާނަމެވެ، ނުވަތަ اللَّه تَعَالَى އަހަރެންނަށް ސުވަރުގެ ދެއްވިޔަސް، ނޭދެމެވެ، އެކަމަކު އެއިލާހުގެ ރުއުޔަތު ލިބުމަށް އެދެމެވެ ބުނެފިނަމަ، މި ބަސްތަކަކީ ކުފުރެވެ ބުނެވިއެވެ. މީހަކު، އީމާން އިތުރުވެއެވެ، އުނިވެއެވެ ބުނެފިނަމަ، ކުފުރެވެ ބުނެވިއެވެ. ބިރްގިވީ ވިދާޅުވަނީ: (މުއުމަނުން ބިހި) ގެ އިޢުތިބާރުން އިތުރުވެއެވެ، އުނިވެއެވެ ބުނެފިނަމަ، ކުފުރެވެ. އެކަމަކު، ޔަޤީނާއި ޞިދްޤުގެ ބާރުގެ އިޢުތިބާރުންކަމުގައިވާނަމަ، ކުފުރެއް ނޫނެވެ. އެހެނީ، މުޖްތަހިދުންގެ ތެރެއިން ގިނަ ބޭކަލުން، އީމާން އިތުރުވެ، އުނިވާކަމަށް ޤަބޫލުކުރައްވައެވެ.

މީހަކު، ޤިބުލަ ދެއެކެވެ، އެއް ޤިބުލައަކީ ކަޢުބާއެވެ، އަނެއް ޤިބުލައަކީ ޤުދުސްއެވެ ބުނެފިނަމަ، ކުފުރެވެ ބުނެވިއެވެ. ބިރްގިވީ ވިދާޅުވަނީ: މިހާރުގެ ޙާލުގައި ދެއެކެވެ ބުނެފިނަމަ، ކުފުރެވެ. އެކަމަކު، ބައިތުލްމަޤްދިސް ޤިބުލައަށް ހުރިއެވެ، ދެން ޤިބުލަ ކަޢުބާއަށް ވިއެވެ ބުނެފިނަމަ، ކުފުރެއް ނޫނެވެ.

މީހަކު، ޢާލިމަކާމެދު ބުޣުޟުވެ، ނުވަތަ އޭނާއަށް ބަނެފިނަމަ، މި ކުރި ކަމަކީ ސަބަބެއް ނެތި ކުރި ކަމެއްނަމަ، އެ މީހާ ކުފުރުވެއްޖެކަމުގެ ބިރު ހުއްޓެވެ.

މީހަކު، ކާފިރުންގެ ޢިބާދަތްތަކާއި، އެބައިމީހުންގެ އިސްލާމީ ޝަރީޢަތާ ނުފެތޭ ޢަމަލުތައް ރީއްޗެވެ ބުނެ، އެހެން ޢިޢުތިޤާދުކޮށްފިނަމަ، ކުފުރެވެ.

މީހަކު، ކާނާ ކާއިރު ނުވާހަކަދެއްކުމަކީ މަޖޫސީންގެ ރަނގަޅު ޢާދަތަކުގެ ތެރެއިން ޢާދައެކެވެ ބުނެފިނަމަ، ނުވަތަ އަންހެނާ ޙައިޟުގެ ޙާލުގައި އަދި ނިފާސްގެ ޙާލުގައި ހުރިއިރު، އެ އަންހެނާއާ ޖިމާޢު ނުކުރުމަކީ މަޖޫސީންގެ ރަނގަޅު ކަންތައްތަކުގެ ތެރެއިން ކަމެކެވެ ބުނެފިނަމަ، އެ މީހާ ކާފިރުވާނެއެވެ، މިހެން ބުނެފައިވެއެވެ.

މީހަކު އަނެއް މީހަކަށް، ތިބާ މުއުމިނެއްތޯ އަހާ، އެ މީހާވެސް އިންޝާ ﷲ އޭ ބުނެ، ތައުވީލެއް ކުރުމަށް ޤާދިރު ނުވެއްޖެނަމަ، އެއީ ކުފުރެވެ.

މީހަކު، ދަރިއަކު މަރުވެފައިވާ މީހަކަށް، اللَّه تَعَالَى އަށް ތިބާގެ ފިރިހެންދަރިޔާ ބޭނުންވެފައި ހުރީއެވެ ބުނެފިނަމަ، ކާފިރުވާނެއެވެ، މިހެން ބުނެފައިވެއެވެ.

އަންހެނަކު ތިމާގެ ބަނޑުގައި ކަޅު ރޮދިއެއް ބަނދެ، މިއީ ކޮބައިތޯ އަހާލުމުން، ޒުންނާރެކެވެ ބުނެފިނަމަ، އެ އަންހެނާ ކާފިރުވެ، އޭނާގެ ފިރިމީހާއަށް ޙަރާމްވާނެއެވެ.

މީހަކު ޙަރާމް ކާނާ ކާއިރު، ބިސްމިﷲ އޭ ބުނެފިނަމަ، ކާފިރުވާނެއެވެ ބުނެފައިވެއެވެ. ހަޟްރަތު ބިރްގިވީ ވިދާޅުވެއެވެ: (މި ފަޤީރު ފަހުމުކުރާ ގޮތުގައި، ޙަރާމް ލިޢައިނިހީ ކަމުގައިވާނަމަ [ޚަމުރު ފަދަ، ނަޖިސް، މަރުވެފައިވާ ޖަނަވާރުގެ މަސް ފަދަ އަދި އެ ޖަނަވާރުގެ ތެޔޮ ފަދަ] ކާފިރުވާނެއެވެ. އެހެތެކެވެ، އެއީ ޙަރާމް ލިޢައިނިހީ ކަމުގައިވާކަން އެނގެންވާނެއެވެ. މިހެން ކުރުމުން اللَّه ގެ ނަން ލުއިކޮށްލެވުނީއެވެ. އެހެނީ، މި ތަކެތީގެ ޒާތު ޙަރާމްކަމުގައިވާތީއެވެ. އަހަރެމެންގެ އިމާމުންގެ ކިބައިން ރިވާޔަތްވެފައިވަނީ، މީހަކު ކާނާ ޣަޞަބުކޮށް ކާއިރު، ބިސްމިﷲ އޭ ބުނެފިނަމަ، ކާފިރު ނުވާނެކަމަށެވެ. އެހެނީ، ކާނާގެ ޒާތު ޙަރާމް ނޫންވާތީއެވެ. ޙަރާމްއަކީ ޣަޞަބުކުރުމެވެ). މީހަކު އަނެއް މީހަކަށް ބަދުދުޢާކޮށް، اللَّه تَعَالَى ތިބާގެ ފުރާނަ ކުފުރުގެ ޙާލުގައި ނަންގަވާށިއެވެ ބުނެފިނަމަ، އެ މީހާ ކާފިރުވާކަމާ މެދު ޢުލަމާއުން ޚިލާފުވެވަޑައިގެންފިއެވެ. އަޞްލަކީ މިއެވެ: ތިމާގެ ކުފުރަށް ރުހުމަކީ، -އިއްތިފާޤުން- ކުފުރެވެ. އެހެތެކެވެ، އަނެއް މީހެއްގެ ކުފުރަށް ރުހުމަކީ، ބައެއް ޢާލިމުންގެ އަރިހުގައި އެއީވެސް ކުފުރު ކަމުގައިވިޔަސް، އަނެއް ބައެއް ޢާލިމުންގެ އަރިހުގައި، -އެއީ ރަނގަޅުކަމުގައި ބަލައިގެން ރުހުމެއްނަމަ- ކުފުރެވެ. އެހެތެކެވެ، ޡުލުމާއި ފިސްޤުގެ ސަބަބުން، -އެ މީހާގެ ޢަޛާބު ދާއިމީވެ ސަޚްތަވުމަށް- ރުހުމެއްނަމަ، ކުފުރެއް ނޫނެވެ. ބިރްގިވީ “رَحِمَهُ اللَّهُ تَعَالَى” ވިދާޅުވެއެވެ: (މި ޤައުލު އަޞައްޙުކަމުގައި އަހަރެމެން ދެކެމެވެ. އެހެނީ، ޢަޒީމު ޤުރުއާނުގައި، ހަޟްރަތު މޫސާ “عَلَيْهِ السَّلَامُ” ގެ ޤިއްޞާގައި، މިކަމަށް ދަލީލު ވާތީއެވެ).

މީހަކު، -اللَّه تَعَالَى ދެނެވޮޑިގެންވެއެވެ- ފަލާނަ ކަމެއް އަހަރެން ނުކުރީމެވެ ބުނެ، ހަމައެއާއެކު އެ ކަން ތިމާ ކުރިކަން އެނގި ހުރެފިނަމަ، ކާފިރުވާނެއެވެ. ކީރިތި ޙައްޤު ތަޢާލާ އަށް ޖަހްލު މުރައްކަބު ނިސްބަތްކުރެވުނީއެވެ.

މީހަކު އަންހެނަކާ [ޝާހިދުން ނެތި] ނިކާޙުކޮށް، އެ ފިރިހެނާއާއި އަންހެނާ، اللَّه تَعَالَى އާއި ނަބިއްޔާއަކީ އަހަރެމެންގެ ޝާހިދުންނެވެ ބުނެފިނަމަ، ދެ މީހުންވެސް ކާފިރުވާނެއެވެ. އެހެނީ، އަހަރެމެންގެ ނަބިއްޔާ “صَلَّى اللَّهُ تَعَالَى عَلَيْهِ وَسَلَّمَ” ދިރިހުންނެވިއިރު ޣައިބު ދެނެވޮޑިގެން ނުވާތީއެވެ. ޣައިބު ދެނެވޮޑިގެންވެއެވެ ބުނުމަކީ ކުފުރެވެ.

އަހަރެން ވަގަށް ނެގި ތަކެތި އަދި ފެންނަން ނެތް ތަކެތި ދަނަމެވެ ބުނެފިނަމަ، ބުނާ މީހާއާއި އެކަމަށް އީމާންވާ މީހާ ކާފިރުވާނެއެވެ. އަހަރެންނަށް ޖިންނި ޚަބަރުދެއެވެ ބުނެފިނަމަވެސް ކާފިރުވާނެއެވެ. ނަބިއްޔުންނާއި ޖިންނިންވެސް ޣައިބު ނޭނގެއެވެ. ޣައިބު ދެނެވޮޑިގެންވަނީ ހަމައެކަނި اللَّه تَعَالَى އެވެ. އަދި އެ އިލާހު އަންގަވާ ބަޔަކު ދަނެއެވެ.

މީހަކު اللَّه تَعَالَى ގެ ނަމުގައި ހުވާކުރަން އެދި، އަނެއް މީހަކު، ތިބާ اللَّه تَعَالَى ގެ ނަމުގައި ހުވާކުރުން އަހަރެން ނޭދެމެވެ. ޠަލާޤަށް އަދި ޢިތާޤަށް ނުވަތަ ޝަރަފާއި އިއްޒަތަށް ހުވާކުރުން އަހަރެން އެދެމެވެ ބުނެފިނަމަ، ކާފިރުވާނެއެވެ، މިހެން ބުނެފައިވެއެވެ.

މީހަކު އަނެއް މީހަކަށް، ތިބާގެ މޫނު އަހަރެންނަށް ފުރާނަ ނަގާ މަލާއިކަތާ އެއްފަދައެވެ ބުނެފިނަމަ، ކާފިރުވާނެއެވެ ބުނެފައިވެއެވެ. އެހެނީ، ފުރާނަ ނަގާ މަލާއިކަތަކީ މަތިވެރި މަލާއިކަތެއްކަމުގައިވާތީއެވެ.

މީހަކު، ނަމާދު ނުކުރުމަކީ މަޖާ ކަމެކެވެ ބުނެފިނަމަ، ކާފިރުވާނެއެވެ. މީހަކު އަނެއް މީހަކަށް، އާދޭ ނަމާދު ކުރާށެވެ ބުނެ، އެ މީހާވެސް، އަހަރެންނަށް ނަމާދު ކުރުމަކީ އުނދަގޫ ކަމެކެވެ ބުނެފިނަމަ، ކާފިރުވާނެއެވެ ބުނެފައިވެއެވެ.

اللَّه تَعَالَى އުޑުގައި އަހަރެންގެ ޝާހިދެވެ ބުނެފިނަމަ، ކާފިރުވާނެއެވެ. އެހެނީ، اللَّه تَعَالَى އަށް ތަނެއް ނިސްބަތްކުރެވޭތީއެވެ. اللَّه تَعَالَى ތަނަކާ ނިސްބަތްވުމުން މުނައްޒަހުވަންތައެވެ. [اللَّه ބައްޕައޭ ބުނާ މީހާވެސް ކާފިރުވާނެއެވެ.]

މީހަކު، ރަސޫލުﷲ “صَلَّى اللَّهُ تَعَالَى عَلَيْهِ وَسَلَّمَ” ކާނާ ކެއްވުމަށްފަހު މުބާރަކް އިނގިލި ލެވި ލައްވައެވެ ބުނެ، އަނެއް މީހަކު، މި ކަމަކީ އަދަބުކުޑަ ކަމެކެވެ ބުނެފިނަމަ، ކާފިރުވާނެއެވެ.

ރިޒުޤު ލިބެނީ اللَّه ގެ ޙަޟްރަތުންނެވެ. ލާކިން އަޅާވެސް ޙަރަކާތްތެރިވާންވާނެއެވެ ބުނެފިނަމަ، މި ބަހަކީ ޝިރުކެވެ. އެހެނީ، އަޅާގެ ޙަރަކާތްވެސް اللَّه ގެ ޙަޟްރަތުން ވާތީއެވެ.

ނަޞްރާނީއަކަށްވުމަކީ ޔަހޫދީއަކަށްވުމަށްވުރެ، [އެމެރިކާގެ ކާފިރަކަށްވުމަކީ ކޮމިއުނިސްޓަކަށްވުމަށްވުރެ] ޚައިރުވެރިއެވެ ބުނެފިނަމަ، ކާފިރުވާނެއެވެ. ޔަހޫދީއަކީ ނަޞްރާނީއަށްވުރެ، [ކޮމިއުނިސްޓަކީ] ނަޞާރާއަށްވުރެ ޝައްރުވެރި، އިތުރަށް ނުބައި މީހެކެވެ ބުނަންވާނެއެވެ.

ކާފިރަކަށްވުމަކީ ޚިޔާނާތްތެރިވުމަށްވުރެ ރަނގަޅެވެ ބުނެފިނަމަ، ކާފިރުވާނެއެވެ.

ޙަރާމް މުދަލުން ޞަދަޤާދީ، ޘަވާބު އުންމީދުކޮށް، އެ ޞަދަޤާ ނަގާ ފަޤީރުވެސް އެއީ ޙަރާމް މުދަލުންކަން އެނގިހުރެ، اللَّه ޤަބޫލުކުރައްވާށިއެވެ ބުނެ، ދޭ މީހާވެސް އާމީން އޭ ބުނެފިނަމަ، ދެ މީހުންވެސް ކާފިރުވާނެއެވެ.

ޢިލްމުގެ މަޖްލިހުގައި އަހަރެންގެ ކޮން ކަމެއް އޮތީހެއްޔެވެ، ނުވަތަ ޢާލިމުން ބުނާ ގޮތަށް ޢަމަލުކުރަން ޤާދިރުވާނީ ކާކުހެއްޔެވެ ބުނެފިނަމަ، ނުވަތަ ފަތުވާ ބިމަށް އުކާލައި، ދީނީ މީހުންގެ ބަސް ކޮން ބޭނުމަކަށްހެއްޔެވެ ބުނެފިނަމަ، ކާފިރުވާނެއެވެ.

ޚަޞްމަށް، ހިނގާ ޝަރީޢަތަށް ދާން ބުނުމުން، ޕޮލިހުން ގެންދިޔަ މެނުވީ ނުދާނަމެވެ، ނުވަތަ އިސްލާމީ ޝަރީޢަތް އަހަރެންނަށް ކިހިނެއް އެނގޭނީހެއްޔެވެ ބުނެފިނަމަ، ކާފިރުވާނެއެވެ.

މީހަކު ކުފުރުގެ ބަހެއް ބުނެ، އަނެއް މީހަކުވެސް ހީލައިފިނަމަ، ހީލި މީހާވެސް ކާފިރުވާނެއެވެ. ހީލުން ޟަރޫރީ ކަމަކަށްވާނަމަ، ކުފުރެއް ނޫނެވެ.

މީހަކު، اللَّه ނެތް [ހުސް] ތަނެއް ނެތެވެ ބުނެފިނަމަ، ނުވަތަ اللَّه تَعَالَى ވޮޑިގެންވަނީ އުޑުގައެވެ ބުނެފިނަމަ، ކާފިރުވާނެއެވެ ބުނެފައިވެއެވެ.

މީހަކު، ޝައިޚުންގެ ރޫޙުތައް ހުރިހާ ހިނދަކުވެސް ޙާޟިރުވެފައިވެއެވެ، އެ ރޫޙުތަކަށް އެނގެއެވެ ބުނެފިނަމަ، ކާފިރުވާނެއެވެ. ޙާޟިރުވާނެއެވެ ބުނެފިނަމަ، ކުފުރެއް ނުވާނެއެވެ.

އިސްލާމީ ޝަރީޢަތް އަހަރެން ނޭނގެމެވެ، ނުވަތަ ނޭދެމެވެ ބުނެފިނަމަ، ކާފިރުވާނެއެވެ.

މީހަކު، އާދަމް “عَلَيْهِ السَّلَامُ” ގޮދަން ނުކެއްވިނަމަ، އަހަރެމެން ޝަޤީންނަކަށް ނުވީހެވެ ބުނެފިނަމަ، ކާފިރުވާނެއެވެ. އެހެތެކެވެ، އަހަރެމެން ދުނިޔޭގައި ނޫޅުނީހެވެ ބުނެފިނަމަ، އެ މީހާގެ ކުފުރާ މެދު ޚިލާފުވެފައިވެއެވެ.

އާދަމް “عَلَيْهِ السَّلَامُ” ފޭރާން ވިއްވައެވެ ބުނެ، އަނެއް މީހަކުވެސް، އެހެންނަމަ އަހަރެމެންނަކީ ފޭރާން ވިޔާ މީހަކުގެ ފިރިހެންދަރިންނެވެ ބުނެފިނަމަ، ކާފިރުވާނެއެވެ.

މީހަކު ކުޑަ ފާފައެއްކޮށް، އަނެއް މީހަކު އެ މީހާއަށް ތައުބާވާށެވެ ބުނުމުން، އެ މީހާވެސް، ތައުބާވާން އަހަރެން ކޮން ކަމެއްކުރީހެއްޔެވެ ބުނެފިނަމަ، ކާފިރުވާނެއެވެ.

މީހަކު އަނެއް މީހަކަށް، ހިނގާ އިސްލާމީ ޢާލިމަކުގެ އަރިހަށް ދާން، ނުވަތަ ފިޤްހު، ޢިލްމުޙާލު ފޮތް ކިޔަވައި ދަސްކުރަން ބުނުމުން، އެ މީހާވެސް، ޢިލްމުން އަހަރެން ކޮން ކަމެއްކުރާނީހެއްޔެވެ ބުނެފިނަމަ، ކާފިރުވާނެއެވެ. އެހެނީ، މިއީ ޢިލްމު ލުއިކޮށްލުމެވެ. ތަފްސީރު އަދި ފިޤްހުގެ ފޮތްތަކަށް އިހާނެތްކުރާ، އެ ފޮތްތައް ރަނގަޅުކަމުގައި ނުދެކޭ، އެ ފޮތްތަކަށް ނުބައި ބުނާ މީހާ ކާފިރުވާނެއެވެ. ހަތަރު މަޛްހަބުގެ ތެރެއިން އެއް މަޛްހަބެއްގެ ޢާލިމުން ލިޔުއްވާފައިވާ މި އަގުހުރި ފޮތްތަކަށް ހަމަލާދޭ ތުޣްޔާނުވެރި ކާފިރުންނަށް (ސައިންސުގެ ތަޢައްޞުބުވެރިޔާ) އަދި (ޒިންދީޤު) އޭ ކިޔައެވެ.

މީހަކަށް، ތިބާއަކީ ކާކުގެ ޒުރިއްޔާއަކުން އައި މީހެއްހެއްޔެވެ؟ ކާކުގެ މިއްލަތުގެ މީހެއްހެއްޔެވެ؟ ޢިޢުތިޤާދުގައި ތިބާގެ މަޛްހަބުގެ އިމާމަކީ ކާކުހެއްޔެވެ؟ ޢަމަލުގައި ތިބާގެ މަޛްހަބުގެ އިމާމަކީ ކާކުހެއްޔެވެ؟ މިހެން ސުވާލުކުރުމުން، ނޭނގިއްޖެނަމަ، ކާފިރުވާނެއެވެ.

ޤަޠްޢީކޮށް ޙަރާމްވާ އެއްޗެއް -ޚަމުރާއި އޫރުމަސް ފަދަ- ޙަލާލެވެ ބުނެފިނަމަ، ނުވަތަ ޤަޠްޢީކޮށް ޙަލާލުވާ އެއްޗެއް ޙަރާމްއެވެ ބުނެފިނަމަ، ކާފިރުވާނެއެވެ ބުނެފައިވެއެވެ. [ދުންފަތަށް ޙަރާމްއެވެ ބުނުމަކީ ނުރައްކާތެރި ކަމެކެވެ.]

ހުރިހާ ދީނެއްގައި ޙަރާމްވާ، ޙަލާލުކުރުމަކީ ޙިކްމަތާ ޚިލާފުވާ އެއްޗެއް ޙަލާލުވުމަށް އެދުމަކީ ކުފުރެވެ. ޒިނޭ އަދި ލިވާޠު އަދި ބަނޑު ފުރުމަށްފަހު ކާނާ ކެއުން އަދި ރިބާ ނެގުން ނުވަތަ ރިބާ ދިނުން ފަދައެވެ. ޝަރާބު ޙަލާލުވުމަށް އެދުމަކީ ކުފުރެއް ނޫނެވެ. އެހެނީ، ޝަރާބު ހުރިހާ ދީނެއްގައި ޙަރާމް ނުވާތީއެވެ. ޢަޒީމުއްޝާން ޤުރުއާން، ވާހަކައާއި މަޖާ ބަހުގެ މެދުގައި ބޭނުންކުރުމަކީ ކުފުރެވެ. ޔަޙްޔާ ކިޔާ މީހަކަށް، (ޔާ ޔަޙްޔާ! ޚުޛިލްކިތާބަ) އޭ ބުނެފިނަމަ، ކާފިރުވާނެއެވެ. ކީރިތި ޤުރުއާނަށް މަސްޚަރާކުރެވުނީއެވެ. ވާދަޔާއި ކުޅިވަރާއި ލަވައިގެ މެދުގައި ޤުރުއާން ކިޔެވުމަކީވެސް މިފަދައެވެ.

އަހަރެން މިހާރު އައިމެވެ، ބިސްމިއްލާހި އޭ ބުނެފިނަމަ، އެއީ އާފާތެވެ. އެއްޗެއް ގިނަކަމުގައި ދެކެ (މާ ޚަލަޤައްލާހު) އޭ ބުނެ، އޭގެ މާނަ ނޭނގިއްޖެނަމަ، ކާފިރުވާނެއެވެ.

މީހަކު، މިހާރު އަހަރެން ތިބާއަށް ނުބޭރަންޏާހުށިމެވެ، ބޭރަންޏެހުމަށް ފާފައޭ ނަންދީފައިވެއެވެ ބުނެފިނަމަ، އެއީ އާފާތެވެ.

މީހަކު، ޖިބްރީލްގެ ގެރިފުޅަކާ އެއްފަދައިން ތިބާ މުޅިން ހުޅުވެލިވެއްޖެއެވެ ބުނެފިނަމަ، އެއީ އާފާތެވެ. މަލާއިކަތަށް މަސްޚަރާކުރެވުނީއެވެ.

މީހަކު، ﷲ ތަބާރަކަ ވަ ތަޢާލާ ފިޔަވައި އެހެން ތަކެއްޗެއްގެ ނަމުގައި ހުވާކޮށްފިނަމަ، އެއީ ޙަރާމެވެ. ޙަރާމެއް ކުރާ މީހާ، މުރުތައްދަކަށް އަދި ކާފިރަކަށް ނުވެއެވެ. އެހެނަސް، (މަންޞޫޞުން ޢަލައިހި) ވާ ޙަރާމެއް ޙަލާލުކަމަށް ބުނެފިނަމަ، ކާފިރުވެއެވެ.

އަދިވެސް، «އޭނާގެ ފިރިހެން ދަރިފުޅާގެ ބޯގެ ހުވާ» ނުވަތަ «މަގޭ ބޯގެ ހުވާ» މި ބަސްތަކާ، ﷲ ގަންދީ ހުވާކުރުން ގުޅުވައިފިނަމަ، މިސާލަކަށް، «ވައްލާހި، މަގޭ ފިރިހެން ދަރިފުޅާގެ ބޯގެ ހުވާ» އޭ ބުނެފިނަމަ، އެއީ ކުފުރުވުމަށް ބިރުގަނެވެއެވެ.

Bu kitapçık diğer dillerde

Türkçe中文(普通话)EnglishPortuguêsItalianoУкраїнськаNederlandsБългарскиNorskWolofEesti

Paylaş

WhatsAppTelegramE-posta