1- މުސްލިމަކަށާއި ޢާޤިލަކަށާއި ބާލިޣަކަށް ވުމެވެ.
2- މުޤީމަކަށް ވުމެވެ.
3- ޤުރުބާނުގެ ނިޞާބުގެ މިންވަރަށް ޣަނީއަކަށް ވުމެވެ.
އޭގެ ރުކުނަކީ، ކަނބުލޮއާއި ބަކަރިޔާއި ޖަމަލާއި ގެރިއެވެ. އެއް ޖަމަލެއް ނުވަތަ އެއް ގެރިއެއް، ހަތް ޤުރުބާނެއްގެ ބަދަލުގައި ފުދެއެވެ. އެބަހީ، ހަތް މީހަކު އެއް ގެރިއެއް ޤުރުބާންކުރުން ޖާއިޒެވެ. އެހެން މީހަކު، އަހަރެންވެސް ހިމެނެން ހިނގާށޭ ބުނެފިނަމަ، އަށް މީހުންގެވެސް ޤުރުބާން ފާސިދުވެއެވެ. ޤުރުބާނުގެ ނިޞާބަކީ، ފިޠުރު ޒަކާތުގެ ނިޞާބާ އެއް ނިޞާބެވެ.
[އިބްނު ޢާބިދީން “رَحِمَهُ اللَّهُ تَعَالَى” ވިދާޅުވަނީ، ކޮންމެވެސް އެއް މީހެއްގެ ބައި، ހަތް ބައިކުޅަ އެއް ބަޔަށްވުރެ ކުޑަވެއްޖެނަމަ، އެ މީހުންކުރެ އެއްވެސް މީހެއްގެ ޤުރުބާނެއް ޖާއިޒު ނުވެއެވެ. އެހެތުން، ހަތް މީހަކަށްވުރެ މަދު މީހުން ޝަރީކުވުން ޖާއިޒެވެ. ގަންނަ ވަގުތު ޝަރީކުވުން ޞައްޙައެވެ. ގަތުމަށްފަހު ޝަރީކުވުންވެސް ޞައްޙަކަމުގައިވިޔަސް، ގަތުމުގެ ކުރިން ޝަރީކުވުން އިތުރަށް ރަނގަޅެވެ. މީހަކު އަނެއް މީހެއްގެ ގެރިއެއްގައި، ހަތް ބައިކުޅަ އެއް ބައިން ހަތް ބައިކުޅަ ހަ ބަޔަށް ޝަރީކުވެދާނެއެވެ. އޭގެ މަސް މި ނިސްބަތުން ބަހައެވެ. ޝަރީކުންކުރެ މީހަކު މަރުވެއްޖެނަމަ، އޭނާގެ ވާރުތަވެރިން، އޭނާއަށާއި ތިޔަ މީހުންނަށް ކަތިލާށޭ ބުނެފިނަމަ، ޞައްޙަވެއެވެ. އެއީ، މައްޔިތަކަށް ޤުރުބާން ކަތިލުމަކީ ޤުރުބަތެއްކަމުންނެވެ. އެހެން ނުބުނެފިނަމަ، ޝަރީކުންކުރެ މަރުވި މީހާގެ ބައި ޤުރުބަތަކަށް ނުވެ، އެއްވެސް މީހެއްގެ ޤުރުބާނެއް ޞައްޙަ ނުވެއެވެ. ޝަރީކުންކުރެ މީހަކު ކާފިރަކަށްވިނަމަ، ނުވަތަ މަހުގެ ބޭނުމަށް ޝަރީކުވެފައިވާނަމަ، އެއްވެސް މީހެއްގެ ޤުރުބާނެއް ޖާއިޒު ނުވެއެވެ. އެއީ، ޝަރީކުންގެ ކޮންމެ މީހަކުވެސް ޤުރުބަތެއްގެ ގޮތުގައި ނިޔްޔަތްކުރުމަކީ ޝަރުޠެއްކަމުންނެވެ. ކާފިރާގެ ނިޔްޔަތް ބާޠިލެވެ. ކެއުމަށް ނިޔްޔަތްކުރުމަކީ ޤުރުބަތެއް ނޫނެވެ. މިހެންމެ، ޝަރީކުންކުރެ މީހަކު މި އަހަރުގެ ޤުރުބާނަށް، އަނެއް މީހުން ވޭތުވި އަހަރުގެ ޤުރުބާނަށް ނިޔްޔަތްކޮށްފިނަމަ، އަނެއް މީހުންގެ ނިޔްޔަތްތައް ބާޠިލުވެ، އެ މީހުންގެ މަސް ތަޠައްވުޢު [ޞަދަޤާ] ވެއެވެ. އެ މީހުންގެ މަސް ފަޤީރުންނަށް ޞަދަޤާކުރުން ލާޒިމުވެއެވެ. އެއް މީހާގެ ނިޔްޔަތް ޞައްޙަވިޔަސް، އޭނާއަށްވެސް އޭގެ މަހުން ކާކަށް ނުވެއެވެ. އެއީ، ޞަދަޤާކުރުމުގެ ޙުކުމް މަސްތަކުގެ ހުރިހާ ބައަކަށް ފެތުރިފައިވާތީއެވެ. ނިޔްޔަތްކުރާ ޤުރުބަތަކީ، ވާޖިބު ޤުރުބަތަކަށް ވުމެއް ޝަރުޠެއް ނޫނެވެ. ސުންނަތާއި ނަފްލު ޤުރުބަތަކަށްވެސް ވެދާނެއެވެ. ތަފާތު ބާވަތުގެ ވާޖިބުތަކަކަށްވެސް ވެދާނެއެވެ. ކުޑަކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް ކުރާ ޢަޤީޤާއަކަށް ވުންވެސް ޖާއިޒެވެ. އެއީ، ޢަޤީޤާއަކީ ދަރިފުޅެއް ލިބުމުގެ ނިޢުމަތަށް ކުރާ ޝުކުރެއްކަމުން، ޤުރުބަތެއްކަމުންނެވެ. ނިކާޙުގެ ކެއުން ދިނުމަކީވެސް ޝުކުރުކުރުމެއްކަމުން، ސުންނަތް ޤުރުބަތެކެވެ. ޝަރީކުން ހުރިހާ މީހުން ޢީދުގެ ޤުރުބާނުގެ ނިޔްޔަތުގައި ވުން އަފްޟަލެވެ. ޢަޤީޤާ ކަތިލުމަކީ ޙަނަފީ މަޛްހަބުގައި ސުންނަތެއް ނޫނެވެ. މުސްތަޙައްބު ނުވަތަ މުބާޙެވެ. މުސްތަޙައްބުތަކަކީ ޤުރުބަތްތަކެވެ. މުބާޙުވެސް، ޝުކުރުގެ ނިޔްޔަތުގައި ކުރުމުން ޤުރުބަތަކަށް ވެއެވެ. ނިޔްޔަތްކުރުމުން ޢިބާދަތަށްވާ ގިނަ ޢާދަތަކެއް ހުރެއެވެ. މުބާޙުތައްވެސް ނިޔްޔަތްކުރުމުން ޠާޢަތަށް ވެއެވެ. ޢަޤީޤާ ކަތިލުމާމެދު ޢަރަބި (ޢުޤޫދުއް ދުއްރިއްޔާ) އާއި (ދުއްރުލް މުޚްތާރު) ފޮތްތަކުގައި ފުޅާ މަޢުލޫމާތު ހުރެއެވެ.]