Hakikat Books
Türkçe
Önizleme — bu metin henüz yayın onayı almadı.

Bölüm 4 / 18

އިސްލާމް ކަމުގެ ރުކުންތައް

ހުރިހާ ދުނިޔެއެއް ހައްދަވައި، ހުރިހާ ހެވަކާއި، ރަނގަޅެއްގެ ނިޢުމަތް ދެއްވައި، ދުވަހަކު ވެސް ނިދި އަވަހާރަފުޅުލެއްޕެވުމެއް ނުވާ اللّه تعالى ދެއްވި ބާރާ އެކު، އަޅުގަނޑުމެން މި މަސައްކަތްކުރަނީ، ކީރިތި ރަސޫލާ (صلّى اللّه تعالى عليه و سلّم) ގެ ޙަދީޘްފުޅެއް ޝަރަޙަކުރެވޭ ތޯއެވެ.

ތެދުވެރިކަމާއި، ޢަދުލުވެރިކަމާއި، ހިތްވަރުގަދަ ކަމަށް މަޝްހޫރު އަދި ޞަޙާބީ ބޭކަލުންގެ (رضون اللّه عليهم) ތެރެއިން އެންމެ މަތިވެރި އެއް ބޭކަލަކު ކަމުގައިވާ މުސްލިމުންގެ އިމާމް حضرة عمر بن الخطاب ވިދާޅުވެފައި ވެއެވެ.:

"އެއް ދުވަހެއް ގައި އަޅުގަނޑުމެން ޞަޙާބީންގެ ތެރެއިން މަދު ބޭކަލުންކޮޅެއް ކީރިތި ރަސޫލާ (صلّى اللّه عليه و سلّم) ގެ އަރިހުގައި ތިބި ދުވަހެކެވެ. އެ ދުވަހު ގެ އެ ގަޑި އަކީ ވަރަށް މާތްވެގެންވީ ދުވަހަކާއި ގަޑިއަކަށް ވިއެވެ. އެހެނީ، އެ ދުވަހަކީ، އެ ދުވަހެއް ގައި ކީރިތި ރަސޫލާގެ އަރިހުގައި އެކަލޭގެފާނާ އެކު ވެ، ރޫޙުތަކުގެ ކާނާ ކަމުގައިވާ، ނަފްސުތަކުގެ ހިތްހަމަޖެހުން ކަމުގައިވާ އަދި ހިތްތަކުގެ ޝިފާއެއް ކަމުގައިވާ އެ ކަލޭގެފާނުގެ ރިވެތި މޫނުކޮޅު ފެނިގެންދިޔަ ދުވަހެވެ. އެ ދުވަހު اللّه تعالى އަޅުގަނޑުމެންނަށް جبريل (عليه السّلام) އިންސާނެއްގެ ސިފައިގައި ފެނި، އެކަލޭގެފާނުގެ އަޑު އިވުމުގެ ނިޢުމަތް ލިބިގެންދިޔަ އެވެ. އަދި އަޅުތަކުންނަށް އެނގެންވީ ކަންތައްތައް ކިރިތި ރަސޫލާ އަނގަފުޅުން ވަރަށް ސާފު ޞަރީޙަކޮށް ކިޔައިދެއްވި އެވެ. އެ ދުވަސް ވެގެންދިޔައީ ވަރަށް ވެސް މަތިވެރި ދުވަހަކަށެވެ". إبن الخطاب (رضي اللّه عليه) ވިދާޅުވިއެވެ.

"އެ ވަގުތު އަޅުގަނޑުމެންގެ ކައިރިއަށް އަރަމުން އަންނަ ހަނދެއް ފަދަ ބޭފުޅަކު ވަޑައިގަތެވެ. އެ ބޭފުޅާގެ ހެދުން ވަރަށް ހުދެވެ. ބޮލުގެ އިސްތަށިގަނޑު ވަރަށް ކަޅެވެ. ދަތުރުކުރުމުގެ އެއްވެސް އަސަރެއް އެ ކަލޭގެފާނުގެ ކިބަޔަކުން ނުފެނެއެވެ. އަޅުގަނޑުމެން ޞަޙާބީންގެ އެއްވެސް ބޭކަލަކަށް އެ ބޭކަލަކު ނޭނގެއެވެ. އަދި ކީރިތި ރަސޫލާގެ ކަކޫކޮޅާ ކައިރިވާ ގޮތަށް އިށީނދެވަޑައިގަތެވެ. އިންސާނެއް ގޮތަށް ފެނުނު މި ބޭކަލަކީ جبريل (عليه السّلام) އެވެ. އެކަލޭގެފާނު އިށީނދެވަޑައިގަތް ގޮތަކީ، އިށީނުމުގެ އަދަބާ ޚިލާފު ގޮތަކަށް ވިޔަސް، އެއިން ވަރަށް މުހިއްމު ކަމެއް ދަސްކޮށްދިނެވެ. އެއީ، ދީނީ ޢިލްމު އުނގެނުމުގައި ލަދުވެތިކަމަށް ޖާގައެއް ނެތް ކަމާއި، ޢިލްމު އުނގަންނައިދޭ مُعَلِّمْ ގެ ކިބައިގައި ވެސް ކިބުރުވެރިކަމާއި ބޮޑާކަން ހުރުމަކީ ރަނގަޅު ކަމެއް ނޫން ކަމެވެ. ޖިބްރީލުގެފާނު ޞަޙާބީ ބޭކަލުންނަށް ދައްކަވަން ބޭނުންފުޅުވި ކަމަކީ، ކޮންމެ މީހަކު ވެސް އިސްލާމް ދީނާ ބެހޭ ގޮތުން އޮޅުންފިލުވަން ބޭނުން ކޮންމެ ކަމަކާ ބެހޭ ގޮތުން މިނިވަން ކަމާއެކު ސުވާލުކޮށް އުނގެނުމަށެވެ. އެހެނީ، އިސްލާމް ދީން އުނގެނުމާއި، އުނގަންނައިދިނުމުގައި ލަދެއް ނެތެވެ. ހަމައެހެންމެ، الله تعالى އަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި ވެސް އެއްވެސް ލަދުވެތި ކަމެއް އޮވެގެންނުވާނެ ކަމެވެ.

"އެ މާތް ކަލޭގެފާނު އެކަލޭގެފާނުގެ ދެ އަތްކޮޅު ރަސޫލާ (صلّى اللّه عليه و سلّم) ގެ ބަރަކާތްތެރި ކަކޫކޮޅު ގައި ބޭއްވެވުމަށް ފަހު ވިދާޅުވި އެވެ. "އޭ اللّه ގެ ރަސޫލާ އެވެ. އިސްލާމް އަކީ ކޮބައި ކަމާއި މުސްލިމަކަށް ވެވޭނީ ކިހިނެއް ކަން ވިދާޅުދެއްވާށެވެ."

ލުޣަވީ ގޮތުން އިސްލާމް ގެ މާނަ އަކީ، "މީހަކުގެ ބޯ ކިޔަމަންގަތުމުގެ ގޮތުން ތިރިކުރުމެވެ". އަދި ޝަރީޢާ ގައި އިސްލާމް މި ކަލިމައަކީ، އިސްލާމް ކަމުގެ 5 ރުކުނަށް ޖުމްލަ ގޮތެއް ގައި ކިޔޭ ނަމެވެ.

އިސްލާމްކަމުގެ ފުރަތަމަ ރުކުން

رسول اللّه (صلّى اللّه عليه و سلّم) ޙަދީޘްފުޅުކުރައްވާފައިވާ ގޮތުގައި އިސްލާމްކަމުގެ 5 ރުކުން ގެ ތެރެއިން ފުރަތަމަ ރުކުނަކީ، ޝަހާދަތުގެ ދެ ކަލިމަ ކިޔުމެވެ. އެއީ،أشهد أن لا إله إلاّ اللّه وأشهد أنَّ محمّداً رَسُولُ اللّه މިހެން ކިޔުމެވެ. އެހެން ގޮތަކަށް ދަންވާނަމަ، ބާލިޣު ޢުމުރު ހަމަވެފައިވާ އަމާނާތްތެރި މީހަކު އަނގައިން ބުނަންޖެހޭނީ، "ދުނިޔެ ނުވަތަ އުޑުގައި اللّه ފިޔަވައި އަޅުކަންކުރުން ޙައްޤު އެހެން ފަރާތެއް ނެތެވެ. އަޅުކަންކުރެވޭނެ ހަމައެކަނި ފަރާތަކީ ހަމައެކަނި اللّه تعالى އެވެ." އެކަލާނގެ އަކީ واجب الوُجُود އެވެ. ހުރިހާ ވައްތަރެއްގެ ބާރުވެރިކަމެއް އެކަލާނގެ އަށް ލިބިވޮޑިގެން ވެއެވެ. އެކަލާނގެ ޙަޟްރަތުގައި އެއްވެސް އުނިކަމެއް ނެތެވެ. އެކަލާނގެ ނަންފުޅަކީ اللّه އެވެ. އެމީހެއްގެ ހިތުގެ އަޑިން މިކަން ޤަބޫލުކުރަންޖެހޭނެ އެވެ. އަދި މިއަންނަ ފަދައިން ބުނެ ޤަބޫލުކުރަންޖެހޭނެ އެވެ.: "ފިނިފެން ޖަންބު ކުލައެއްގެ ވެރި ހަމާއި، ރަތް-ދޮން އުޖާލާ އަދި ރީތި މޫނަކާއި، ކަޅު ކުލައިގެ ދެ ލޯކޮޅާއި ދެ ބުމަކޮޅާއި؛ ފުޅާ ތަނަވަސް ނިއްކުރިކޮޅެއްގެ ވެރި އެންމެ މާތް އިންސާނާ، ރިވެތި އަޚްލާގާއި ސުލޫކުގެ ވެރި؛ އެކަލޭގެފާނުގެ ހިޔަނި ބިންމައްޗަށް އެއްގޮތަކަށް ވެސް ނޭޅޭ، މަޑުމައިތިރިކަމާއެކު ވާހަކަފުޅުދެއްކެވި، މައްކާގެ ހާޝިމް ވަންހަ އަށް އުފަން ވެވަޑައިގަތުމުގެ ސަބަބުން ޢަރަތްބެކޭ ކިޔުނު محمد بن عبداللّه އަކީ اللّه تعالى ގެ އިންސާނީ އަޅެއް (عبد) އަދި ރަސޫލެކެވެ". ކީރިތި ރަސޫލާގެ މަންމާފުޅަކީ ޙަޟްރަތު އާމިނާ ބިންތި ވައްހާބު އެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ މައްކާ ގައި 20 އޭޕްރީލް 571 މ. ވީ ހޯމަ ދުވަހުގެ އިރުއެރި ވަގުތު އެވެ. އެކަލޭގެފާނު ގެ ޢުމުރުފުޅުން ސާޅީސް އަހަރު ވީ بِعثة ގެ އަހަރުގެ ގޮތުގައި ކިޔުނު އަހަރު ގައި އެކަލޭގެފާނަކީ ރަސޫލެއް ކަން އެންގެވުނެވެ. އޭގެ ފަހުން، ތޭރަ އަހަރު ވަންދެން މައްކާ ގައި މީސްތަކުންނަށް އިސްލާމް ދީނަށް ގޮވާލެއްވި އެވެ. އޭގެ ފަހުން اللّه تعالى ގެ އަމުރުފުޅަށް އެކަލޭގެފާނު މަދީނާ އަށް ހިޖްރަކުރެއްވި އެވެ. އެ ރަށުގައި އެކަލޭގެފާނު ހުރިހާ ތަނަކަށް އިސްލާމް ދީން ފެތުރުއްވެވި އެވެ. ހިޖްރައިގެ ދިހަ އަހަރު ފަހުން އެކަލޭގެފާނު ސުވަރުގެ ވަޑައިގެންނެވީ މަދީނާ ގައި 12 ރަބީޢޫލްއައްވަލް (ޖުލައި 632މ.) ވީ ހޯމަ ދުވަހެއްގައެވެ.

އިސްލާމްކަމުގެ ދެވަނަ ރުކުން

އިސްލާމްކަމުގެ 5 ރުކުން ގެ ތެރެއިން ދެވަނަ ރުކުނަކީ، ކޮންމެ ނަމާދެއްގެ ވަގުތު ޖެހުމުން ދުވާލަކު ފަސް ފަހަރު ނަމާދު (صلات) ކުރުމެވެ. ކޮންމެ ދުވަހަކު އެ ނަމާދަކަށް ކަނޑައެޅިފައިވާ ވަގުތުގައި ފަސް ފަހަރު ނަމާދުކުރުމަކީ، ކޮންމެ މުސްލިމެއްގެ މައްޗަށް ފަރްޟެކެވެ. ނަމާދެއްގެ ވަޤުތަށް ވުރެ ކުރިން އެ ނަމާދެއް ކުރުމަކީ ބޮޑުވެގެންވާ ފާފައަކަށް ވާއިރު، މި ބޮޑު ފާފަ އަށް އަރައިގަތުމަށް މެދުވެރިވަނީ، ޖާހިލު އަދި ލާމަޒްހަބީ މީހން ތައްޔާރުކުރާ ގޯސް ކަލަންޑަރުތައް ބޭނުންކުރުން ކަމަށް ވާ އިރު، އެ ފަދަ ނަމާދު ޞައްޙައެއް ނުވާނެ އެވެ. (ލާމަޒްހަބީ މީހުންނަކީ، ހަތަރު މަޒްހަބުން ކުރެ އެއްވެސް މަޒްހަބަކަށް ތަބާނުވާ މީހުންނެވެ.) މި ނުބައި އިރުޝާދުގެ ސަބަބުން ޢަޞްރު ނަމާދުގެ ރަވާތިބު ސުންނަތާއި، މަޣްރިބު ނަމާދު ކަރާހަތުގެ ވަގުތު ގައި ކުރުމަށް މެދުވެރި ވެއެވެ. (ކަރާހަތުގެ ވަގުތު ވަނީ އިންޑްލެސް ބްލިސް ގެ ހަތަރު ވަނަ ބަޔާއި، مفتاح الجَنًّة ގެ ބޭރުގަނޑުގެ އެތެރޭގައި އޮޅުންފިލުވައިދީފައެވެ.) ނަމާދު އަދާ ކުރަންޖެހޭނީ، ފަރްޟާއި، ވާޖިބާއި، ސުންނަތަށް ސަމާލުކަންދީ، اللّه تعالى އަށް ވަޟަޢަވެރި ކަމާ އެކު ހިތް ޚަލާޞްކޮށް، އެ ނަމާދެއްގެ ވަގުތު ޖެހުމުގެ ކުރިންނެވެ. ކީރިތި ޤުރްއާނު ގައި ނަމާދަށް ކިޔެނީ صلات އެވެ. ގެ މާނަ އަކީ، އިންސާނާގެ ނަމާދާއި، މަލާއިކަތް ބޭކަލުންގެ އިސްތިޣްފާރާއި، اللّه تعالى ގެ ރަޙްމަތާއި،އޯގާތެރިކަން ލިބުމެވެ. އިސްލާމް ދީނުގައި صلات ގެ މާނަ އަކީ،ވަކި ޙަރަކާތްތަކެއް ކޮށް، ޢިލްމުވެރިންގެ ފޮތްތަކުގައި ވާ ގޮތަށް ވަކި އެއްޗެއް ކިޔުމެވެ. ނަމާދު ފެށެނީ تكبير الإستقغفار އޭ ކިޔުނު اللّه أكبر މި ކަލިމަތައް ކަންފަތާ ހަމަޔަށް އަތް އުފުލައި، (ފިރިހެނުން) ދެ އަތް އެއަތް އަނެއް އަތް މަތީގައި، ފޫޅުގެ ތިރީގައި ބޭއްވާ އިރު ކިޔާ ނިންމާލުމުންނެވެ. ނަމާދު ނިމެނީ، އެންމެ ފަހު އައްތަޙިއްޔާތަށް ފަހު ބޯ ކޮނޑުގެ ކަނާތްފަރާތަށާއި، ވާތްފަރާތަށް އަނބުރަމުން ސަލާމް ދިނުމުންނެވެ.

އިސްލާމްކަމުގެ ތިން ވަނަ ރުކުން

އިސްލާމްކަމުގެ ތިން ވަނަ ރުކުނަކީ، އެ މީހެއްގެ މުދަލުން ޒަކާތް ދިނުމެވެ. زكاة ގެ ލުޣަވީ މާނަ އަކީ، ސާފުކަމާއި، ތަޢުރީފުކުރުމާއި، ރަނގަޅު އަދި ރިވެތި ވުމެވެ'. އިސްލާމް ދީނުގައި ޒަކާތުގެ މާނަ އަކީ، 'ޒަކާތް ދޭންޖެހޭ މުދާ އޭނާ ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ވަކި މިންވަރަކަށް ނިސާބަށް ހުންނަ މީހަކު އޭނާގެ މުދަލުން ވަކި މިންވަރެއް ވަކިކޮށް ޤުރްއާނު ގައި ބަޔާންކޮށްފައިވާ ފަދައިން މުސްލިމުންނަށް ދިނުމެވެ'. ޒަކާތް ދެވެނީ ހަތް ވައްތަރެއްގެ މީހުންނަށެވެ. ހުރިހާ ހަތަރު މަޒްހަބުގައި ވެސް ހަތަރު ވައްތަރެއްގެ ޒަކާތް ވެއެވެ. އެއީ: ރަނާއި ރިހިން ދޭ ޒަކާތް، ވިޔަފާރި މުދަލުން ދޭ ޒަކާތް، ބައި އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ދަނޑުތަކުން ހުއިހައްޕާފައިވާ ޖަނަވާރުތަކުން (ކަންބަޅި ބަކަރި، ބަކަރި އަދި ގެރި) ދޭ ޒަކާތް، އަދި ބިމުން ނަގާ ހުރިހާ ވައްތަރެއްގެ މަޢުދަނުން ޒަކާތެވެ. عشر ގެ ނަމުން ނަންދެވިފައިވާ މި ހަތަރު ވަނަ ވައްތަރުގެ ޒަކާތް ދެވެނީ ދަނޑުގޮވާން ކަނޑާހާ އަވަހަކަށެވެ. އަނެއް ތިން ވައްތަރުގެ ޒަކާތް ދައްކަންޖެހެނީ ނިޞާބު ހަމަވާތާ އެއް އަހަރު ފަހުންނެވެ.

އިސްލާމްކަމުގެ ހަތަރު ވަނަ ރުކުން

އިސްލާމްކަމުގެ ހަތަރު ވަނަ ރުކުނަކީ، "ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ރޯދަހިފުމެވެ". ރޯދަ އަށް ކިޔެނީ صوم އެވެ. صوم ގެ މާނަ އަކީ، އެއްޗެއް އެހެން އެއްޗެއްގެ ކިބައިން ރައްކާތެރިކުރުމެވެ. އިސްލާމް ދީނުގައި صوم ގެ މާނަ އަކީ، اللّه تعالى އަންގަވާފައިވާ ފަދައިން ރަމަޟާން މަހުގެ ދުވަސްތަކުގެ ތެރޭގައި މީހަކު ތިން ކަމަކުން އެ މީހެއްގެ ނަފްސު ރައްކާތެރިކުރުމެވެ. އެއީ: ކެއުމާއި، ބުއިމާއި، ޖިންސީ ގުޅުން ހިންގުމެވެ. ރަމަޟާން މަސް ފެށެނީ ހުޅަނގު ފަރާތު އުދަރެހުން އާ ހަނދު ފެނުމުންނެވެ. އެ ދުވަސް ކަލަންޑަރު ގައި ފާހަގަކޮށްފައިވާ ދުވަހުގައި ނުފެށި ހިނގައިދާނެ އެވެ.

އިސްލާމްކަމުގެ ފަސް ވަނަ ރުކުން

އިސްލާމްކަމުގެ ފަސް ވަނަ ރުކުނަކީ، ކެރިތިކުޅަދާނަވެގެންވާ މީހާ ޢުމުރުން އެއް ފަހަރު ޙައްޖުގެ އަޅުކަން އަދާކުރުމެވެ. އޭނާ އެނބުރި އަންނަންދެން އޭނާގެ ޢާއިލާ އަށް ފުދިގެން އުޅޭ ވަރަށް ބޭނުންވާ މުދަލުގެ އިތުރަށް މައްކާ އަށް ގޮސް އެނބުރި އާދެވޭ ވަރަށް ފައިސާ ހުންނަ ކެރިކުޅަދާނަވެގެންވާ ކޮންމެ މީހަކު ސަލާމަތާއި ޞިއްޙަތަށް ގެއްލުންނުވާނެ ގޮތަށް ޢުމުރުން އެއްފަހަރު ގެފުޅު ވަށައިގެން ޠަވާފުކުރުމާއި، ޢަރަފާތު ބިމުގައި ވަޤްފާ އަދާކުރުމަކީ ފަރްޟެކެވެ.

"ކީރި ރަސޫލާ (صلّى اللّه عليه وسلّم) ގެ އަރިހުން މި ޖަވާބުތައް އަޑުއިވުމަށް ފަހު،އެ މީހަކު ބުނީ، 'އޭ اللّه ގެ ރަސޫލާ އެވެ! ކަލޭގެފާނު ވިދާޅުވީ ތެދެކެވެ'. عمر (رضي اللّه عليه) ވިދާޅުވި އެވެ. ސުވާލެއް ކުރައްވައި، އޭގެ ޖަވާބު ރަނގަޅުކަމަށް ޔަޤީންކޮށްދެއްވި އެ ބޭފުޅެއްގެ ޢަމަލުތައް ހުރި ގޮތުން ޞަޙާބީ ބޭކަލުން ވަރަށް ޙައިރާންވި އެވެ. މީހަކު ސުވާލެއް ކުރަނީ ނޭނގޭ އެއްޗެއް ދަސްކުރަން ކަމުގައި ވިޔަސް؛ "ތި ވިދާޅުވީ ތެދެއް" މިހެން ބުނުމުން ދޭހަވަނީ އެ ޖަވާބު އޭރު ވެސް އެނގޭ ކަމެވެ.

މަތީގައި ބަޔާންކުރެވިފައިވާ ފަސް ރުކުނުގެ ތެރެއިން އެންމެ މަތިވެރި ރުކުނަކީ، ޝަހާދަތުގެ ދެ ކަލިމަ ކިޔައި އޭގެ މާނަ ޤަބޫލުކުރުމެވެ. ދެންމ އެންމެ މަތިވެރި ރުކުނަކީ، ނަމާދުކުރުމެވެ. އެއާ ޖެހިގެން ރޯދަ ހިފުމެވެ. އޭގެ ފަހުން ޙައްޖެވެ. އެންމެ ފަހު ރުކުނަކީ ޒަކާތް ދިނުމެވެ. އެންމެން އިއްތިފާޤުވެ ޔަޤީންވާ ގޮތުގައި، ޝަހާދަތުގެ ދެ ކަލިމަ އަކީ އެންމެ މަތިވެރި ރުކުނެވެ. އަނެއް ހަތަރު ރުކުނުގެ ތަރުތީބާ މެދު ގިނަ އިސްލާމީ ޢިލްމުވެރިން ވިދާޅުވަނީ މަތީގައި ބަޔާންކުރެވިފައިވާ ގޮތަށެވެ. އިސްލާމް ދީން ފެށިގެން އައި އިރު، އެންމެ ފުރަތަމަ ފަރްޟަކަށް ވީ ޝަހާދަތުގެ ދެ ކަލިމަ އެވެ. ކޮންމެ ދުވަހަކު ފަސް ފަހަރު ނަމާދުކުރުން ފަރްޟަކަށް ވީ، މިޢްރާޖު ރޭ ގައި ބިޢްޘާ ގެ ބާރަ ވަނަ އަހަރު އަދި ހިޖްރައިގެ މަސްތަކެއް ކުރިންނެވެ. ޒަކާތްދިނުން ފަރްޟަކަށް ވީ ރަމަޟާން މަހެއްގައި ރޯދަ ވެސް ފަރްޟަކަށް ވީ އަހަރުގައެވެ. އަދި ޙައްޖު ފަރްޟަކަށް ވީ ހިޖްރައިން ނުވަ ވަނަ އަހަރުގައެވެ.

މީހަކު މި ފަސް ރުކުނުން ކުރެ ރުކުނެއް ޤަބޫލުނުކޮށް، އީމާން ނުވެ، އަދާކުރަން އިދިކޮޅުހަދައި، ޖޯކުޖަހާ ހަދާ ކަމުގައި ވާ ނަމަ، އެ މީހަކު ވާނީ ދީން ޤަބޫލުނުކުރާ މީހަކަށެވެ. اللّه އަޅަމެން ރައްކާތެރިކޮށް ދެއްވާދޭވެ! ހަމަ އެއާއެކު، އިޖްމާޢުން ޙަލާލް ކަމަށް ނުވަތަ ޙަރާމް ކަމަށް ސާފުކޮށް ކަންޑައެޅިފައިވާ އެއްވެސް ކަމެއް ޤަބޫލުނުކުރާ ނުވަތަ ޙަރާމް ޙަލާލް ކަމަށް ނުވަތަ ޙަރާމް ޙަލާލް ކަމަށް ބުނާ މީހަކު ވާނީ ދީން ޤަބޫލުނުކުރާ މީހަކަށެވެ. އިސްލާމް ދީނުގައި އަންގަވާފައިވާ ކަމަށް މުސްލިމު ޤައުމުތަކުގެ ދަންނަ މީހުންނާއި ނުދަންނަ މީހުންނަށް ވެސް އެނގޭ ފަދަ ކަންތައްތައް ޤަބޫލުނުކުރާ ނުވަތަ ނުރުހޭ މީހަކު ވާނީ ދީން ޤަބޫލުނުކުރާ މީހަކަށެވެ. އާދައިގެ މީހަކަށް އިސްލާމް ދީނުގައި އންގަވާފައިވާ އެކަމަކު އެހާ ޢާއްމުކޮށް މީހުންނަށް ނޭނގޭ ފަދަ ކަމެއް ނޭނގޭ ކަމުގައި ވާ ނަމަ، އޭނާ ކާފިރަކަށް ނުވާނެ އެވެ. އަދި ފާފަވެރިއެއް ނުވާނެ އެވެ.

މިސާލަކަށް ދަންންވާ ނަމަ، އޫރު މަސް ކެއުމާއި، ރާ ބުއިމާއި، ޖުވާ ކުޅުމާއި؛ އަންހެނަކު ނަމަ، ބޮލާއި، ބޮލުގެ އިސްތަށިގަނޑާއި، އަތާއި، ފައި ނިވައި ނުކޮށް އެހެން މީހުންނަށް ދެއްކުމާއި؛ ފިރިހެނަކު ނަމަ، ކަކުލާއި ފޫޅާ ދެމެދު ނިވައިނުކޮށް އެހެން މީހުންނަށް ދެއްކުމަކީ ޙަރާމް ކަންކަމެވެ. އެހެނީ، اللّه تعالى ވަނީ އެ ކަންތައްތައް ޙަރާމްކުރައްވާފައެވެ. اللّه تعالى އަމުރުކުރައްވާފައިވާ ކަންތައްތަކާއި، ނަހީކުރައްވާފައިވާ ކަންތައްތައް ޝަހަޙަކޮށްދޭ ހަތަރު މަޒްހަބު ގެ މެދުގައި ފިރިހެނާގެ ހަށިގަނޑުގެ ޢައުރައަށް ވާ ބަޔާ މެދު، މާނަ އަކީ، ފިރިހެނާގެ ހަށިގަނޑުން އެހެން މީހުންނަށް ދެއްކުން ނުވަތަ އެހެން މީހުން ބެލުން ޙަރާމް ވާ ގުނަވަންތަކާ މެދު ޚިލާފު އުފެދިފައި ވެއެވެ. ހަށިގަނޑުން ނިވައިކުރަންޖެހޭނެ ކަމަށް އެ މީހެއްގެ މަޒްހަބުން ކިޔައިދީފައިވާ ހަށިގަނޑުގެ ބައިތައް ނިވައިކުރުމަކީ، ކޮންމެ މުސްލިމެއްގެ މައްޗަށް ފަރްޟެކެވެ. ހަމަ އެހެންމެ، މި ބައިތައް ނިވައިނުކޮށް ތިބޭ މީހުންގެ ހަށިގަނޑުގެ އެ ބައިތައް ބެލުމަކީ އެހެން މީހުންގެ މައްޗަށް ވެސް ޙަރާމް ކަމެކެވެ. كيمياء السعادة މި ފޮތުގައި ލިޔެފައިވާ ގޮތުގައި، ބޮލާއި، ބޮލުގެ އިސްތަށިގަނޑާއި، އަތާއި، ފައި ނިވައިނުކޮށް ބޭރަށް ދިއުމާއި، ތުނި، ގަހަނާއަޅާފައިވާ، ބާރު އަދި ސެންޓު ޖަހާފައިވާ ހެދުން ލައިގެން ބޭރަށް ނުކުމެ އުޅުމަކީ އަންހެނުންނާއި، އަންހެންކުދިންގެ މައްޗަށް ޙަރާމް ކަމެކެވެ. މި ގޮތަށް ނިވައިނުކޮށް ބޭރަށް ނުކުމެ އުޅުމަށް ހުއްދަދޭ އެ މީހުންގެ ބައްޕައިންނާއި، މަންމައިންނާއި، ފިރިންނާއި، ބޭބެއިންނާއި، ފިރިހެން ކޮއްކޮއިން ވެސް، އެ މީހުންގެ ފާފަޔާއި، ޢަޒާބު ގައި ބައިވެރިވާނެ އެވެ. މާނަ އަކީ، އެ މީހުން އެކީގައި ނަރަކައިގެ އަލިފާނުގައި އަނދާނެ އެވެ. އެ މީހުން ތައުބާވެއްޖެ ނަމަ، އެ މީހުންނަށް ޢަފޫކުރައްވައި، އަލިފާނަށް ނުލައްވާނެތެވެ. ތައުބާވާ މީހުން ދެކެ اللّه تعالى ރުހިވޮޑިގަންނަވައެވެ. ހިޖްރައިން ތިން ވަނަ އަހަރު، ބާލިޣު ޢުމުރު ހަމަވެފައި ތިބި އަންހެންކުދިންނާއި، އަންހެނުން، މަޙްރަމް ނޫން ފިރިހެނުންނަށް އެ މީހުން ނުދެއްކުމަށާއި، އެ ބައި މީހުންގެ ހަށިތައް ނިވާކުރުމަށް އަމުރުކުރެއްވި އެވެ. (Endless Bliss ގެ ހަތަރު ވަނަ ބައިގެ އަށް ވަނަ ބާބު ކިޔުއްވާށެވެ.)

އިނގިރޭސި ޖާސޫސުންނާއި އެ މީހުން ކޮޕީކޮށް އެ މީހުންގެ ނުފޫޒުފޯރާފައިވާ މީހުންގެ ފަރާތުން ތަކުރާރުކޮށް ބުނާ ގޮތުން ނަމަ، އާޔަތުލް ޙިޖާބު ބާވައިލެއްވުމުގެ ކުރިން އަންހެނުން އެބައިމީހުންގެ ހަށިތައް ނިވައިނުކުރާ ކަމަށާއި، އެ އަމުރަކީ ފަހުން އިސްލާމީ ފިޤްހު ޢިލްމުވެރިން ބަދަލުކޮށްފައިވާ އެއްޗެއް ކަމަށް ފަތުރާ ދޮގުތައް އަހަރެމެން ޤަބޫލުކޮށްގެން ނުވާނެ އެވެ. މީހަކު އޭނާ އަކީ މުސްލިމަކު ކަމަށް ބުނާ ނަމަ، އޭނާ ކުރާ ޢަމަލުތަކަކީ އިސްލާމް ދީނުގައި ހުއްދަކުރައްވާފައިވާ ކަމެއް ތޯ ބަލަންޖެހޭނެ އެވެ. އޭނާ އަށް ނޭނގޭ ނަމަ، އަހްލުއްސުންނާ ގެ ޢިލްމުވެރިން އަރިހުން އަހައިގެންނާއި، އެ ކަމަކާ ބެހޭ ގޮތުން ޢިލްމުވެރިން ލިޔުއްވާފައިވާ ފޮތްތައް ކިޔައިގެން އެ ކަމެއް އުނގެނެންޖެހޭނެ އެވެ. އެ މީހެއްގެ ޢަމަލުތައް އިސްލާމް ދީނާ ފުށުއަރާ ނަމަ، އެ ޢަމަލަކުން ލިބޭ ފާފަ އާއި، ބިދުޢައިން އޭނާ އިސްތިސްނާއެއް ނުވާނެ އެވެ. ހިތް ނިޔަތް ޚާލިޞްކަމާ އެކު، ކޮންމެ ދުވަހަކު އޭނާ ތައުބާވާން ޖެހޭނެ އެވެ. ތައުބާ ވުމަށް ފަހު، ޔަޤީނުން ވެސް (އެ ޢަމަލަކުން މެދުވެރިވި) ފާފަ ނުވަތަ ބިދުޢަ އިން އެ މީހަކު ޢަފޫކުރައްވާނެތެވެ. އޭނާ ތައުބާ ނުވާނަމަ، އޭނާ އޭގެ އަގު، މި ދުނިޔެއާއި ނަރަކައިގައި ދައްކާނެ އެވެ. (އޭނާ އަށް ދެއްވާނެ) ޢަޒާބުގެ ވައްތަރުތައް މި ފޮތުގެ އެކި ބައިތަކުގައި ވަނީ ލިޔެވިފައެވެ. (ހަމަ އެއާއެކު Endless Bliss ގެ ހަ ވަނަ ބައިގެ ދިހަ ވަނަ ބާބު ވެސް ކިޔުއްވާށެވެ.)

ފިރިހެނުންނާއި، އަންހެނުން ނަމާދުކުރާ އިރާއި، އެހެން ތަންތަނުގައި ތިބޭ އިރު، ނިވައިކުރަންޖެހޭ ބައިތަކަށް ކިޔޭ ނަމަކީ ޢައުރަ ގުނަވަންތަކެވެ. އިސްލާމް ދީނުގައި ޢައުރަ ކަމަށް ވަކި ގުނަވަންތަކެއް ކަނޑައަޅުއްވާފައި ނުވާ ކަމަށް މީހަކު ބުނާ ނަމަ، އޭނާ ވާނީ ދީން ޤަބޫލުނުކުރާ މީހަކަށެވެ. ދަންނަބޭކަލުނެގ ހަތަރު މަޒްހަބުގެ އިޖްމާޢުން (އިއްތިފާޤުން) އެނގޭ ގޮތުގައި، މީހެއްގެ ހަށިގަނޑުގެ (ޖިންސުގެ ގޮތުން ތަފާތުވާ ގޮތަށް) ބައެއް ގުނަވަންތަކަކީ، ޢައުރައެވެ. މީހަކު، އޭނާ އާއި، އެހެން މީހުންގެ ހަށިގަނޑުގެ ގުނަވަންތައް ނިވައިކުރުމާއި، އެހެން މީހުން ޢައުރ އަށް ނުބެލުމުގެ މުހިއްމު ކަން ކުޑަކުރުމަކީ، ނުވަތަ (ޙަރާމްކުރައްވާފައިވާ މިކަމަށް އަރައިގަތުމުން) ލިބޭނެ ޢަޒާބާ މެދު ބިރު ނުގަންނަ ނަމަ، އެ މީހަކު ވާނީ ދީން ޤަބޫލުނުކުރާ މީހަކަށެވެ. ފިރިހެނާގެ ހަށިގަނޑުގެ ފޫޅާއި ކަކުލާ ދެމެދުގެ ބަޔަކީ ޙަންބަލީ މަޒްހަބު ގައި ޢައުރައެއް ނޫނެވެ.

މީހަކު "އަހަންނަކީ އަކީ މުސްލިމެއް" މިހެން ބުނާ ނަމަ، އޭނާ އިސްލާމް ކަމުގެ ރުކުންތަކާއި، ފަރްޟް ކަންތައްތަކާއި، ހަތަރު މަޒްހަބުގެ އިޖްމާޢުން ޙަރާމް ކުރައްވާފައިވާ ކަންތައްތައް އުނގެނި މި ކަމަށް ދޭންވާ އަހްމިއްޔަތުކަން ދޭންޖެހޭނެ އެވެ. ނޭނގުމަކީ، ޤަބޫލުކުރެވޭ ފަދަ ސަބަބެއް ނޫނެވެ. އޭރުން ބެލެވޭނީ، ގަސްދުގައި ދީންޤަބޫލުކުރާ ކަމަށެވެ. ހަތަރު މަޒްހަބުގައިވާ ގޮތުން ވެސް އަތާއި މޫނު ފިޔަވައި އަންހެނާގެ މުޅި ހަށިގަނޑަކީ ޢައުރައެވެ. ހަމަ އެހެންމެ، ފިރިހެނަކު ހުރި ތަނެއް ގައި ޢައުރަ ކަޝްފުކުރުމާއި، ލަވަކިޔުން ނުވަތަ ބާރަށް ވާހަކަދެއްކުމަކީ ވެސް ޢައުރައެވެ. މީހަކު އޭނާގެ ހަށިގަނޑުގެ ޢައުރައަށް ކަމަށް އިޖްމާޢު ނެތް ބައެއް ކުޑަކޮށް ކަޝްފުކުރުން، މާނަ އަކީ، (އެ މީހެއްގެ މަޒްހަބާއި، އަނެއް ތިން މަޒްހަބުން ދެ މަޒްހަބު ގައި ޢައުރަ ކަމަށް ވިޔަސް) އަނެއް ތިން މަޒްހަބު ގައި ޢައުރަ ނޫން ކަމަށް ވާ ނަމަ، އޭނާ ބޮޑު ފާފައަކަށް އެރި ކަމަށް ވާނެ އެވެ. އެކަމަކު، އޭގެ ސަބަބުން އޭނާ ދީން ޤަބޫލުނުކުރާ މީހަކަށް ނުވާނެ އެވެ. މީގެ މިސާލަކީ، ފިރިހެނަކު (ކުރިން ބަޔާންކުރި ފަދައިން، އަނެއް ތިން މަޒްހަބު ގައި ޢައުރައަށް ވިޔަސް، ޙަންބަލީ މަޒްހަބު ގައި ޢައުރައަށް ނުވާ)އޭނާގެ ފޫޅާ ކަކުލާ ދެމެދުގެ ފައިގެ މިންވަރެއް ކަޝްފުކުރުމެވެ. އެ މީހަކަށް ނޭނގޭ އިސްލާމް ކަމުގެ ރުކުންތައް އުނގެނުމަކީ، ފަރްޟެކެވެ. އެކަންކަން އުނގެނުނުހާ އަވަހަކަށް ތައުބާވެ ޢައުރަ ގުނަވަންތައް (ޢައުރަކަން ނޭނގޭތީ ނިވާނުކުރެވި ހުރި ބައިތައް) ނިވައިކުރަންޖެހޭނެ އެވެ.

ދޮގުހެދުމާއި، ދެބައޮޑުވުމާއި، ޣީބަބުނުމާއި، ބުހުތާން ދޮގު ހެދުމާއި، ވައްކަންކުރުމާއި، އޮޅުވާލުމާއި، ޚިޔާނާތްތެރިވުމާއި، މީހުންގެ ހިތަށް ތުރާވާ ފަދަ ކަންތައް ކުރުމާއި، ފިތުނަ އުފެއްދުމާއި، އިޒުނަ ނެތި އެހެން މީހުންގެ މުދަލުގެ ބޭނުންކުރުމާއި، މަސައްކަތްކުރުވުމަށް ފަހު މަސައްކަތްތެރިންނަށް އަޖްރު ނުދިނުމާއި، ބަޣާވާތްކުރުން؛ މާނަ އަކީ، ސަރުކާރުގެ ޤާނޫނުތަކަށާއި އަމުރުތަކަށް ބޯލެނބުމާއި، ޓެކްސް ނުދެއްކުމާ މި ހުރިހާ ކަންކަމަކީ ފާފަވެރިވާނެ ޙަރާމް ކަންތައްތަކެވެ. މި ފަދަ ކުށްތަކަށް ޣައިރު މުސްލިމް ޤައުމުތަކުގައި ނަމަ ވެސް އަރައިގަތުމަކީ، ޙަރާމް ކަމެކެވެ.

Bu bölümü başka dilde oku

Türkçe中文(普通话)EnglishPortuguêsРусскийአማርኛFilipinoУкраїнськаČeštinaБългарски

Paylaş

WhatsApp Telegram X Facebook E-posta