އީމާންކަމުގެ ހަ ރުކުނު ގެ ތެރެއިން ދެ ވަނަ ރުކުނަކީ، އެކަލާނގެ މަލާއިކަތުންނަށް އީމާންވުމެވެ. މަލާއިކަތުންނަކީ، ލަޠީފީ ނޫރާނީ ޖިސްމުތަކެކެވެ. މެޓަރ ނުވަތަ މާއްދާގައި ހިމެނޭ ގޭހަށް ވުރެ ވެސް ލަޠީފީ އެވެ. މަލާއިކަތުންނަކީ، ނޫރާނީ ބައެކެވެ. މަލާއިކަތުންނަކީ ދިރިތިބި ބުއްދިވެރި ބައެކެވެ. އިންސާނުންގެ ކިބައިގައި ހުންނަ ނުބައިކަން މަލާއިކަތުންގެ ކިބައިގައި ނުވެއެވެ. މަލާއިކަތުންނަށް ކޮންމެ ސިފައެއް ވެސް ޖެއްސިދާނެ އެވެ. ގޭސް ދިޔާއެއްޗަކަށް އަދި ހަރު އެއްޗަކަށް ބަދަލުވާ ގޮތަށް، އަދި ހަރު އެއްޗަކަށް ބަދަލުވާ އިރު ކޮންމެ ސިފައެއް ވެސް ޖެއްސޭ ގޮތަށް، މަލާއިކަތުންނަށް ވެސް ރީތި ސިފަތަކަށް ބަދަލުވެވޭނެ އެވެ. މަލާއިކަތުންނަކީ، އިންސާނުންގެ ހަށިތަކުން ވަކިވެފައިވާ ރޫޙުތަކެއް ނޫނެވެ. މަސީޙީން ދެކެނީ، މަލާއިކަތުންނަކީ، އެފަދަ ރޫޙުތަކެއް ކަމަށެވެ. ހަކަތައާއި، ކަރަންޓާ ޚިލާފަށް، މަލާއިކަތުންނަކީ، މާއްދާއެއް ނެތް ބައެއް ނޫނެވެ. ޤަދީމީ ބައެއް ފައިލަސޫފުން ދުށީ އެ ގޮތަށެވެ. އެ ހުރިހާ ބޭކަލުންނަށް ކިޔޭ ނަމަކީ، ملائكة އެވެ. ގެ މާނަ އަކީ، 'މަންދޫބު'، ރަސޫލާ' ނުވަތަ 'ބާރެވެ'. މަލާއިކަތުން އުފެއްދެވީ އެހެން ހުރިހާ ދިރުންލެއްވި މަޚްލޫޤުންނަށް ވުރެ ކުރިންނެވެ. އެހެންކަމުން، މަލާއިކަތުންނަށް އީމާންވުމަށް އަޅަމެންނަށް އަމުރުކުރެއްވުނީ، ސަމާވީ ފޮތްތަކަށް އީމާންވުމުގެ ކުރިންނެވެ. ސަމާވީ ފޮތްތަކަށް އީމާންވުން ވަނީ، ރަސޫލުންނަށް އީމާންވުމުގެ ކުރިންނެވެ؛ އަދި ކީރިތި ޤުރްއާން ގައި މި ރުކުންތަކުގެ ނަންތައް ބަޔާންކުރައްވާފައިވަނީ، މި ތަރުތީބުންނެވެ.
މަލާއިކަތުންނަށް އީމާންވާން ޖެހޭނީ ތިރީގައި ބަޔާންކުރާ ގޮތަށެވެ. މަލާއިކަތުންނަކީ، اللّه تعالى ހައްދަވާފައިވާ އަޅުތަކުންނެވެ. މަލާއިކަތުންނަކީ، އެކަލާނގެ ބައިވެރިންނެއް ނޫނެވެ. އަދި ހަމަ އެއާއެކު، މަލާއިކަތުންނަކީ، ދީން ޤަބޫލުނުކުރާ މީހުންނާއި، ޤަބޫލުކުރާ ގޮތަށް އެކަލާނގެ އަންހެންދަރިންނެއް ވެސް ނޫނެވެ. މަލާއިކަތުން ދެކެ اللّه تعالى ލޯބިވެވޮޑިގަންނަވައެވެ. މަލާއިކަތުން އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ، އެއްވެސް ފާފައަކަށް ނާރައެވެ. އަދި އެއްގޮތަކަށް ވެސް އެކަލާނގެއަށް ނުކިޔަމަންތެރިއެއް ނުވެއެވެ. (لاَ يَعْصُونَ اللَّه مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَنُونَ* التحريم: 6) މާނައީ: "اللّه އެބޭކަލުންނަށް ކުރައްވާ أمر އަކަށް އެބޭކަލުން ނުއުރެދޭނެއެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާ ކަންތައްތައް އެބޭކަލުން ކުރައްވާނެތެވެ". މަލާއިކަތުންނަކީ، އަންހެން އަދި ފިރިހެން ޖިންސެއް ވެސް ނޫނެވެ. މަލާއިކަތުން ކައިވެންޏެއް ނުކުރައްވައެވެ. އަދި ދަރިންނެއް ނުލިބެއެވެ. މަލާއިކަތުންނަކީ ފުރާނަ ލައްވާފައިވާ ދިރިތިބޭ ބައެކެވެ. އެކަމަކު، ޢަބްދުﷲ ބިން މަސްޢޫދު (رضي اللّه عليه) ގެ ކިބައިން ވާރިދުވެފައިވާ ޙަދީޘެއް ގައި ވާ ގޮތުން، ބައެއް މަލާއިކަތުންނަށް ދަރިން ލިބުނު އިރު، އޭގެ ތެރޭގައި ޝައިޠާނާ އާއި، ޖިންނީން ހިމެނުނު ކަމަށާއި، އޭގެ ޝަރަޙަ ތަފްޞީލުކޮށް ފޮތްތަކުގައި ވަނީ ލިޔެވިފައެވެ. އިންސާނުން އުފައްދަވާނެ ކަމަށް اللّه تعالى އިޢުލާންކުރެއްވުމުން، މަލާއިކަތުން ސުވާލުކުރެއްވި އެވެ. (قَالُوا أَتَجْعَلُ فِيهَا مَنْ يُفْسِدُ فِيهَا وَيَسْفِكُ الدِّمَآءَ* البقرة: 30) މާނައީ: "އެބޭކަލުން (އެހިނދު) ދެންނެވޫއެވެ. އެ ބިމުގައި ފަސާދަކޮށް ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ؟" މިފަދަ زلّة އޭ ކިޔޭ ފަދަ ސުވާލުތައް މަލާއިކަތުންގެ ފަރާތުން ކުރެއްވިޔަސް، އެއީ ކުށެއްނެތް މަޢްޞޫމު ބައެއްކަމުގެ ޙަޤީޤަތް ބަދަލެއް ނުވެއެވެ.
ހުރިހާ މަޚްލޫޤުންގެ ތެރެއިން، ޢަދަދުގެ ގޮތުން އެންމެ ގިނައީ މަލާއިކަތުންނެވެ. اللّه تعالى ފިޔަވައި އެހެން އެއްވެސް ފަރާތަކަށް މަލާއިކަތުންގެ ޢަދަދެއް ނޭނގެއެވެ. އުޑުތަކުގައި، މަލާއިކަތުން އަޅުކަން ނުކުރައްވާ ހުސް ތަނެއް ނުވެއެވެ. އުޑުތަކުގައިވާ ކޮންމެ ތަނެއް ވެސް ވަނީ، މަލާއިކަތުން ރުކޫޢު ގައި ނުވަތަ ސަޖިދައިގައި ތިއްބަވާ ތަންތަނެވެ. އުޑުތަކުގަޔާއި، ބިން މަތީގަޔާއި، ވިނަގަޑުގަޔާއި، ތަރިތަކުގަޔާއި، ކޮންމެ ދިރިހުރި އަދި ދިރުން ނެތް މަޚްލޫޤެއްގެ ކިބައިގަޔާއި، ކޮންމެ ވާރޭ ތިތްކެއް ގަޔާއި، ކޮންމެ ގަހެއްގެ ފަތުގަޔާއި، ކޮންމެ ޒައްރާއެއްގަޔާއި، ކޮންމެ އުފެއްދުމެއް ގަޔާއި، ކޮންމެ ޙަރަކާތެއްގަޔާއި، ކޮންމެ އެއްޗެއް ގައި މަލާއިކަތުންނަށް އަދާކުރަންޖެހޭ ވާޖިބުތަކެއް ވެއެވެ. اللّه تعالى ގެ އަމުރުފުޅުތައް މަލާއިކަތުން ހުރިހާ ތަނެއް ގައި އުފުއްލަވައެވެ. މަލާއިކަތުންނަކީ، اللّه تعالى އާއި މަޚްލޫޤޫންނާ ދެމެދުގައި ވާ ވާސިޠާ އެވެ. ބައެއް މަލާއިކަތުންނަކީ، އެހެން މަލާއިކަތުންގެ މައްޗަށް އަމުރުކުރައްވާ މަލާއިކަތުންނެވެ. ބައެއް މަލާއިކަތުންނަކީ، އިންސާނުންގެ ތެރެއިން ފޮނުއްވި ރަސޫލުންނަށް ވަޙީ ގެނެސްދެއްވި ބޭފުޅުންނެވެ. ބައެއް މަލާއިކަތުން، إلهام އޭ ކިޔޭ ރަނގަޅު ވިސްނުންތައް އިންސާނުންގެ ހިތަށް ގެނެސްދެއްވައެވެ. އަނެއް ބައި މަލާއިކަތުންނަކީ، اللّه تعالى ގެ ރިވެތިކަން ފެނި، އެންމެހާ އިންސާނުން ތިބިކަން ނޭނގި ތިބި ހޭނެތިފައިވާ ބައެކެވެ. މިއިން ކޮންމެ މަލާއިކަތަކީ، ވަކި ތަނެއްގައި ތިއްބަވާ އަދި އެތަނަކުން ނުދެވޭ ބައެކެވެ. ބައެއް މަލާއިކަތުންގެ ދެ ފިޔަ ހުންނަ އިރު، އަނެއް ބައި މަލާއިކަތުންގެ ހުންނަނީ ހަތަރެއް ނުވަތަ އެއަށް ވުރެ ގިނަ ފިޔައެވެ.
ސުވަރުގޭގެ މަލާއިކަތުން ތިއްބަވަނީ ސުވަރުގޭގައެވެ. އޭގެތެރެއިން އެންމެ އިސް މަލާއިކަތަކީ رضوان އެވެ. ނަރަކައިގެ މަލާއިކަތުން ކަމުގައިވާ ޒަބާނީންނަށް ކުރަން އަމުރުކުރައްވާފައިވާ ކަންތައްތައް ކުރައްވައެވެ. ކަނޑުގެ ލޮނުން މަސްމަހާމެއްސަށް ގެއްލުން ނުވާ ފަދައިން، ނަރަކައިގެ އަލިފާނުން އެ މަލާއިކަތުންނަށް ގެއްލުމެއް ނުވާނެ އެވެ. އެ މަލާއިކަތުންގެ ވެރިޔަކީ، مالك އެވެ.
ކޮންމެ އިންސާނަކަށް، އެ އިންސާނާ ކުރާ ހުރިހާ ރަނގަޅު ކަންތައްތަކާއި، ނުބައި ކަންތައްތައް ލިޔުއްވާ ހަތަރު މަލާއިކަތުން ތިއްބަވައެވެ. އޭގެ ތެރެއިން ދެ މަލާއިކަތުން ވަޑައިގަންނަވަނީ ރޭގަނޑު ވަގުތުގައެވެ. އަނެއް ދެ މަލާއިކަތުން ވަޑައިގަންނަވަނީ ދުވާލު ވަގުތުގައެވެ. މި މަލާއިކަތުންނަށް ކިޔެނީ كرام الكاتبون ނުވަތަ الحفظة އެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، الحفظة ގެ މަލާއިކަތުން كرام الكاتبون ގެ މަލާއިކަތުންނާ ތަފާތެވެ. މީހެއްގެ ކަނާތްފަރާތުގައި ވާ މަލާއިކަތާ، ވައަތްފަރާތުގައި ވާ މަލާއިކަތާ އަށް ވުރެ އިސްވާނެ އެވެ. އަދި ލިޔުއްވަނީ މީހާ ކުރާ ރަނގަޅު ކަންތައްތަކެވެ. ވައަތްފަރާތުގައި ވާ މަލާއިކަތާ ލިޔުއްވަނީ މީހާ ކުރާ ނުބައި ކަންތައްތަކެވެ. ކާފިރުންނާއި، މުނާފިޤުންނަށް ކަށްވަޅުގައި ޢުޤޫބާތްދެއްވުމަށް މަލާއިކަތުން ތިއްބަވާ އިރު، ކަށްވަޅުގައި ސުވާލުކުރެއްވުމަށް ޓަކައި ވެސް މަލާއިކަތުން ތިއްބަވައެވެ. އެ މަލާއިކަތުންނަށް ކިޔެނީ المنكر އަދި نكير އެވެ. ކަށްވަޅުގައި މުސްލިމުންނާ ސުވާލުކުރައްވާ މަލާއިކަތުންނަށް ކިޔެނީ المبشر އަދި البشير އެވެ.
ބައެއް މަލާއިކަތުން އެހެން މަލާއިކަތުންނަށް ވުރެ، މަތިވެރިވެގެން ވެއެވެ. އޭގެ ތެރެއިން ތަރުތީބުން އެންމެ މަތިވެރިވެގެންވާ ހަތަރު މަލާއިކަތުންނަކީ: جبرائيل އާއި، إسرافيل އާއި، ميكائيل އާއި عزرائيل އެވެ. جبرائيل (عليه السّلام) ގެ ވަޒީފާ އަކީ، އަމުރުކުރައްވާފައިވާ ކަންތައްތަކާއި، ނަހީކުރައްވާފައިވާ ކަންތައްތައް އެންގެވުމަށް ޓަކައި، ރަސޫލުންނަށް ވަޙީ ތަބްލީޣުކޮށްދެއްވުމެވެ. إسرافيل (عليه السّلام) ގެ ވަޒީފާ އަކީ، ދެ ފަހަރު الصور (ތާޅަފިލި) ގޮއްވުމެވެ. ފުރަތަމަ ތާޅަފިލި ގޮއްވުމާ އެކު اللّه تعالى ފިޔަވައި އެހެން ހުރިހާ ދިރޭ އެއްޗެއް މަރުވެގެންދާނެ އެވެ. އަދި ދެވަނަ ތާޅަފިލި ގޮއްވުމާ އެކު، މަރުވެފައިވާ ހުރިހާ އެންމެން އަލުން ދިރުއްވާނެ އެވެ. ميكائيل (عليه السّلام) ގެ ވަޒީފާ އަކީ، މުދަލުގެ އަގުހެޔުވުމާއި، މުދަލުގެ އަގު ބޮޑުވުމާއި، މުދާ ނުލިބުމާއި، މުދާ ލިބުމާއި، ހިތްހަމަޖެހުމާއި، އުފާވެރިކަން ފަދަ އިޤްތިޞާދީ އިންތިޒާމް ހަމަޖެއްސެވުމާއި، ހުރިހާ މާއްދާއެއް ޙަރަކާތްކުރެއްވުމެވެ. عزرائيل (عليه السّلام) ގެ ވަޒީފާ އަކީ، އިންސާނުންގެ ފުރާނަ ހިއްޕެވުމެވެ. މި ހަތަރު މަލާއިކަތުންނަށް ފަހު، މަތިވެރިވެގެންވާ ހަތަރު ވައްތަރެއްގެ މަލާއިކަތުން ވެއެވެ. އެއީ، ޤިޔާމަތް ދުވަހު އަށަކަށް އިތުރުވާ حملة العرش ގެ ނަންދެވިފައިވާ ޢަރުޝި އުފުއްލަވާ ހަތަރު މަލާއިކަތުންނާއި؛ اللّه ގެ ޙަޟްރަތުގައި ތިއްބަވާ المقربون ގެ ނަންދެވިފައިވާ މަލާއިކަތުންނާއި، الكروبيون ގެ ނަންދެވިފައިވާ ޢަޒާބުދެއްވާ އިސް މަލާއިކަތުންނާއި، الروحانيون ގެ ނަންދެވިފައިވާ ރަހްމަތުގެ މަލާއިކަތުންނެވެ. މި ހުރިހާ އިސް މަލާއިކަތުން، ނަބިއްޔުން ފިޔަވައި، ޢާއްމު އިންސާނުންނަށް ވުރެ މަތިވެރިވެގެން ވެއެވެ. ޞާލިޙު މުއުމިނުންނާއި، ވަލީވެރިން ޢާއްމު މަލާއިކަތުން ނުވަތަ އެންމެ ދަށު ދަރަޖައިގެ މަލާއިކަތުންނަށް ވުރެ މަތިވެރިވެގެން ވެއެވެ. އަދި ޢާއްމު މަލާއިކަތުން ޢާއްމު އިންސާނުންނަށް ވުރެ މަތިވެރިވެގެން ވެއެވެ. މާނަ އަކީ، ޢާއްމު މަލާއިކަތުން، މުސްލިމުންގެ ތެރެއިން ފާފަވެރި ފާސިޤުންނަށް ވުރެ މަތިވެރިވެގެން ވެއެވެ. ކާފިރުން ވަނީ، ހުރިހާ މަޚްލޫޤުންނަށް ވުރެ ދަށު ދަރަޖައިގައެވެ.
ފުރަތަމަ ތާޅަފިލި ގޮއްވުމާ އެކު، އެންމެ އިސް ހަތަރު މަލާއިކަތުންނާއި، ޢަރުޝި އުފުއްލަވާ މަލާއިކަތުން ފިޔަވައި އެހެން ހުރިހާ މަލާއިކަތުން ވެސް މަރުވާނެ އެވެ. ޢަރުޝި އުފުއްލަވާ މަލާއިކަތުން މަރުވުމަށް ފަހު، އިސް ހަތަރު މަލާއިކަތުން މަރުވާނެ އެވެ. ދެވަނަ ތާޅަފިލި ގޮއްވުމަށް ފަހު، ހުރިހާ މާލއިކަތުންގެ އަލުން ދިރުއްވަވާނެ އެވެ. އަދި ދެވަނަ ތާޅަފިލި ގޮއްވުމުގެ ކުރިން ޢަރުޝި އުފުއްލަވާ މަލާއިކަތުންނާއި، އިސް ހަތަރު މަލާއިކަތުން އަލުން ދިރުއްވަވާނެ އެވެ. މީގެ މާނަ އަކީ، މި މަލާއިކަތުން އެންމެ ފުރަތަމަ އެހެން މަޚްލޫޤުންނަށް ވުރެ ކުރިން އުފެއްދެވި ގޮތަށް، މަރުވާނީ ވެސް ހުރިހާ ދިރިހުރި މަޚްލޫޤުންނަށް ވުރެ ފަހުންނެވެ.