[ބަރަކާތްލެއްވިގެންވާ ރިވެތި ފެށުމަކަށް ޓަކައި، خالد البغدادي އޭނާގެ ފޮތް ފައްޓަވާފައި ވަނީ، الإمام الربّاني أحمد الفاروقي الشّرمندي (رحمة اللّه عليه) ލިޔުއްވާފައިވާ مكتوبات މި ފޮތުގެ ތިން ވަނަ ވޮލިއުމް ގެ 17 ވަނަ ސިޓީ ގެ ނައްޞު ލިޔުއްވަމުންނެވެ. إمام ربّاني އެ ސިޓީ ގައި ލިޔުއްވާފައިވަނީ ތިރީގައިވާ ފަދައިންނެވެ.]
އަޅުގަނޑުގެ ސިޓީ ފައްޓަނީ ބިސްމިންނެވެ. ނިމުމެއް ނެތް މަތިވެރިކަމާއި، ޝުކުރު ހުރީ اللّه تعالى އަށެވެ. އެކަލާނގެއީ، ހުރިހާ ވައްތަރެއްގެ ރަޙްމަތް އަޅަމެންނަށް ދެއްވައި، އަޅަމެން މުސްލިމުންގެ ގޮތުގައި ލެއްވުމުގެ ޝަރަފު ދެއްވައި، އެންމެ މަތިވެރި ނިޢުމަތް ކަމުގައިވާ رسوا اللّه محمد (صلى الله عليه وسلم) ގެ އުއްމަތުގެ ގޮތުގައި އަޅަމެން ލެއްވި ކަލާނގެ އެވެ.
އެންމެންނަށް ހުރިހާ ނިޢުމަތެއް ދެއްވަނީ ހަމައެކަނި اللّه تعالى ކަން އަޅުގަނޑުމެން ވިސްނައި ދެނެގަންނަން ޖެހެއެވެ. ހުރިހާ އެއްޗެއް ހައްދަވަނީ ހަމައެކަނި އެކަލާނގެ އެވެ. ހުރިހާ މަޚްލޫޤުން ދިރިލަހައްޓަވަނީ ހަމައެކަނި އެކަލާނގެއެވެ. މަތިވެރިވެގެންވާ ރަނގަޅު ސިފަތަކުގެ ވެރި އެންމެންނަކީ އެކަލާނގެ ދެއްވި ނޢުމަތާއި ދަރުމަ އެވެ. އަޅަމެންގެ ދިރިހުރުމާއި، ސަބަބާއި، ޢިލްމާއި، ބާރުވެރިކަމާއި، އިވުމާއި، ވާހަކަދެއްކުމުގެ ޙިއްސާއި ހުރިހާ ކަމަކީ، އެކަލާނގެ ދެއްވި ކަންތައްތަކެވެ. އިންސާނުން ދަތި އުނދަގޫ ކަންތައްތަކާއި، ހިތް ނުތަނަވަސްކަމުން ސަލާމަތްކުރައްވަނީ އެކަލާނގެ އެވެ. އެކަލާނގެއީ، ދުޢާ އިޖާބަކުރައްވައި، ހިތާމައާއި، މުޞީބާތުން ދުރުކޮށްދެއްވާ ރަސްކަލާނގެ އެވެ. ބަނޑުފުރާނަ މުއްތިކުރާނެ އެއްޗެހި ހައްދަވައި، އަޅަމެންނަށް އެ ލިބޭނެ ގޮތް މެދުވެރިކޮށްދެއްވަނީ އެކަލާނގެ އެވެ. އެކަލާނގެ ދެއްވި ނިޢުމަތްތައް ގިނަގުނަ ކަމުން ފާފަކުރާ މީހުންގެ ބަނޑުފުރާނަ މުއްތިކުރާ ތަކެތި އެކަލާނގެ ހުއްޓަވާނުލައްވައެވެ. ފާފަތަކަށް އަރައިގަތުން އެކަލާނގެ ބައްލަވާލެއް ބޮޑުކަމުން، އެކަލާނގެ އަމުރުކުރެއްވި ކަންތައްތަކަށް ކިޔަމަންނުވެ ނުވަތަ އެކަލާނގެ ނަހީކުރެއްވި ކަންތައްތަކާ ދުރުނުވާ މީހުން ފަޟީޙަތެއް ނުކުރައްވައެވެ. ނުވަތަ މަލާމާތެއް ނުކުރައްވައެވެ. ނުވަތަ ތެދުވެރިކަމުގެ ފަރުދާ ވީދާނުލައްވައެވެ. އެކަލާނގެއަކީ، އެހާ ފާފަފުއްސަވައި، އެހާ އޯގާވަންތަ ރަސްކަލާނގެ ކަމުން، ޢަދަބު ދޭންޖެހޭ މީހުންނަށް އަދަބާއި، ޢަޒާބު ދެއްވުމުގައި އެކަލާނގެ އަވަސްވެ ވޮޑިނުގަންނަވައެވެ. އެކަލާނގެ ނިޢުމަތްތަކާއި، ދަރުމަތައް ފަތުރުއްވަނީ އެކަލާނގެ ރުހިވޮޑިގަންނަވާ މީހުންނަށާއި، އެކަލާނގެ ޢަދާވާތްތެރިންނަށް ވެސް މެއެވެ. އެއްވެސް އެއްޗެއް އެއްވެސް މިހަކަށް މަޙްރޫމެއް ނުކުރައްވައެވެ. އަދި އެކަލާނގެ ނިޢުމަތްތަކުގެ ތެރެއިން އެންމެ މަތިވެރި އަދި އެންމެ އަގުހުރި ނިޢުމަތެއްގެ ގޮތުގައި އަޅަމެންނަށް އުފާވެރިކަމާއި، ދިންނެވުމުގެ ތެދު މަގު ދައްކަވައެވެ. އެކަލާނގެ އަޅަމެންނަށް އިންޒާރު ދެއްވަނީ މަގުގެއްލިގެން ނުދިއުމަށެވެ. އެއީ، އަޅަމެންނަށް ސުވަރުގެއަށް ދެވޭނީ އޭރުންނެވެ. އަދި އެކަލާނގެ އަޅަމެންނަށް އަމުރުކުރައްވާފައިވަނީ، ނިމުމެއް ނެތް ނިޢުމަތްތަކާއި، ސުވަރުގޭގެ ނިމުމެއް ނެތް އަރާމު ލިބިގަތުމަށް ޓަކައި، އެކަލާނގެ ލޮބުވެތި ރަސޫލާ محمد (صلى الله تعالى عليه وسلم) ގެ ސުންނަތާ އެއްގޮތަށް އުޅުމަށެވެ. އެހެނީ، اللّه تعالى ގެ ނިޢުމަތްތަކަކީ، އިރު ފަދައިން ސާފުކޮށް އެނގެން ހުރި ކަންތައްތަކެވެ. އެހެން ފަރާތްތަކުގެ ކިބައިން ލިބޭ ދަރުމަތަކަކީ، ޙަޤީޤަތުގައި އެކަލާނގެ ކިބަފުޅުން ލިބޭ ކަންތައްތަކެވެ. އެހެން މީހުން މެދުވެރިންތަކެއް ކަމަށް އެކަލާނގެ ލައްވަވައި، ދަރުމަހުރި ކަންތައްތައް ކުރުމުގެ އިރާދައާއި، ބާރާއި، ހިތްވަރު ދެއްވަނީ އެކަލާނގެއެވެ. މި ސަބަބަށް ޓަކައި، އަބަދުވެސް ނިޢުމަތްތައް ހުރިހާ ތަނަކާއި، ހުރިހާ މީހުނެއްގެ ފަރާތުން ލިބޭ ނިޢުމަތްތައް ފޮނުއްވަނީ އެކަލާނގެއެވެ. އެކަލާނގެ ފިޔަވައި އެހެން އެއްވެސް މީހެއްގެ ފަރާތުން ހެޔޮކަމެއް ލިބޭނެ ކަމަށް ބެލުމަކީ، ކަމެއް ޙަވާލުކުރެވިފައިވާ މީހެއްގެ ފަރާތުން ކަމަކަށް އެދުމަކީ، ނުވަތަ ފަޤީރެއްގެ ފަރާތުން ޒަކާތް ހޯދުމަށް އެދުން ފަދަ ކަމެކެވެ. ޖާހިލުންނާއި، ކިޔަވައިގެން ތިބޭ މީހުންނާއި، ގަމާރުންނާއި، ވިސްނުންތެރިންނާއި، ފަރުވާތެރި މީހުންނަށް ވެސް އަޅުގަނޑުމެން މިތާނގައި މި ބުނާ އެއްޗަކީ ސީދާ ޕޮއިންޓަށް ބުނާ ވާހަކައެއް ކަމަށް ވެފައި، ބުނެވިޔަ ކޮންމެ އެއްޗަކީ ކަނޑައެޅިގެން ހުރި ޙަޤީޤަތްތަކެއް ކަން އެނގޭނެ އެވެ. އެ ކަންކަމާ ދޭތެރޭ އިތުރަށް ވިސްނަން ވެސް ނުޖެހޭނެ އެވެ.
ހެޔޮކަންތައްތައް ކޮށްދޭ މީހާ އަށް ޝުކުރު އަދާކޮށް އިޙްތިރާމް ކުރެވެންޖެހޭނެ އެވެ. އެހެންކަމުން، އެ ހެޔޮކަންތައްތައް މިންވަރުކޮށްދެއްވި اللّه تعالى އަށް ޝުކުރު ދެންނެވުމަކީ، ކޮންމެ މީހެއްގެ މައްޗަށް އޮތް އިންސާނީ ވާޖިބެކެވެ. އެއީ، ދަރަންޏެކެވެ. އަދި ޙިކްމަތްތެރިކަމުގެ ދަށުން އަދާކުރަންޖެހޭ ވާޖިބެކެވެ. އެކަމަކު، އެކަލާނގެ އަށް ދަންނަވަންޖެހޭ މި ޝުކުރު ދެންނެވުމަކީ، ކުރަން ފަސޭހަ ކަމެއް ނޫނެވެ. އެހެނީ، ނެތުމުގެ ތެރެއިން ހައްދަވާފައިވާ މި އިންސާނުންނަކީ، ބަލިކަށި، ނިކަމެތި، ކުށްކުރެވޭ އަދި އުނިކަން ހުންނަ ބައެކެވެ. އެހެނީ، اللّه تعالى އަކީ، އަބަދުވެސް ދާއިމަށް ވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ އަކީ، އުނިކަމުން މުޅިން ދުރުވެގެންވާ ރަސްކަލާނގެ އެވެ. ހުރިހާ ވައްތަރެއްގެ މަތިވެރިކަމެއް ލިބިވޮޑިގެންވަނީ ހަމައެކަނި އެކަލާނގެ އަށެވެ. اللّه تعالى އާ އެއްވެސް އެއްގޮތްކަމެއް ނުވަތަ ކައިރިކަމެއް އިންސާނުންގެ ކިބަޔަކު ނެތެވެ. އެހާ ދެރަ ނިކަމެތި އިންސާނާ އަށް، މިހާ މަތިވެރި اللّه تعالى އަށް އެކަށީގެންވާ ގޮތަކަށް ޝުކުރު ދެންނެވިދާނެ ހެއްޔެވެ؟ އިންސާނުން ރިވެތި ކަމަށާއި، އަގުހުރި ކަމަށް ބަލާ އެތައް އެއްޗިއްސެއް ވެއެވެ. އެކަމަކު، އެކަލާނގެއަށް އެއްޗިއްސަކީ ނުސިޔާނު އެއްޗެހިކަން އެނގިވޮޑިގެންވުމާއެކު އެ އެއްޗިއްސާ މެދު ރުހިވޮޑިއެއް ނުގަންނަވައެވެ. އަޅުގަނޑުމެން މާތް ކަމަށް ބަލާ އެއްޗިއްސަކީ، ނުވަތަ ޝުކުރުއަދާކުރުމަކީ، އެއްގޮތަކަށް ވެސް ކަމުނުދާ އާދައިގެ އެއްޗިއްސަށް ވެދާނެ އެވެ. މި ސަބަބަށް ޓަކައި، އިންސާނުންނަށް އެ މީހުންގެ އުނި ސިކުނޑިތަކަށާއި، ހަނި ވިސްނުމަށް اللّه تعالى އަށް ޝުކުރުއަދާކޮށް، ކުރުނީސްކުރުމަށް ކުރާ ކަންތައްތައް ދެނެވަކިކޮށްނުގަނެވޭނެ އެވެ. اللّه تعالى އަށް ޝުކުރުއަދާކުރުމާއި، އިހްތިރާމްކުރާނެ ގޮތްތައް އެކަލާނގެ އަންގަވާފައިވާ ކަންތައް ފިޔަވައި، ތަޢުރީފުކުރުމަށް ބޭނުންކުރޭ ކަންތައްތައް ބެލެވޭނީ، ދޮގުބުހުތާނަށެވެ.
އެހެންކަމުން، اللّه تعالى ގެ ޙަޟްރަތަށް އަދާކުރަންޖެހޭ ޝުކުރާއި، ހިތާއި، ދުލާއި، ހަށިގަނޑުން ކުރަންޖެހޭ އިންސާނީ ވާޖިބު اللّه تعالى ވަނީ ކަނޑައަޅުއްވައި، އެކަލާނގެ ރަސޫލާ (صلى اللّه عليه وسلم) ގެ ފަރާތުން އަންގަވާފައެވެ. اللّه تعالى ދައްކަވައި، އަންގަވާފައިވާ އިންސާނީ ވާޖިބުތަކަށް ކިޔާ ނަމަކީ إسلام އެވެ. އެކަލާނގެ އަށް މީހަކު ޝުކުރުއަދާކުރުމަކީ، އެކަލާނގެ ރަސޫލާ އުނގަންނަވައިދެއްވި ގޮތަށް ތަބާވުމެވެ. މިގޮތާ ޚިލާފު އެއްވެސް ޝުކުރެއް އަދި އަޅުކަމެއް اللّه تعالى ބައްލަވައިނުގަންނަވައެވެ. އެއީ، އިންސާނުން ރިވެތި ކަމަށް ބަލާ އެތައް ކަމަކީ، އިސްލާމް ދީނުގައި ހުއްދަކުރެވިފައިނުވާ އަދި ހުތުރު ކަމަށް ބެލެވޭ ކަންކަމެވެ.
އެހެންކަމުން، اللّه تعالى އަށް ޝުކުރު ދެންނެވުމުގައި، ބުއްދީގެ ހަމަތައް ޤަބޫލުކުރާ މީހުން، ކީރިތި ރަސޫލާ محمد (صلّى الله عليه وسلّم) ގެ ސުންނަތާ އެއްގޮތަށް އުޅެންވާނެ އެވެ. އެކަލޭގެފާނުގެ މަގަށް ކިޔާ ނަމަކީ، އިސްލާމް އެވެ. محمد (صلّى الله عليه وسلّم) އަށް ތަބާވާ މީހާ އަށް ކިޔެނީ މުސްލިމް އެވެ. اللّه تعالى އަށް ޝުކުރު ދެންނެވުމުގެ ގޮތުން محمد (صلّى الله عليه وسلّم) އަށް ތަބާވުމަކީ، عبادة (އަޅުކަންކުރުން) އެވެ. އިސްލާމްދީނުގައި އަންގަވާފައިވާ ކަންތައްތައް ބެހެނީ ދެބަޔަކަށެވެ. އެއީ: ދީނީ އަދި ޢިލްމީ އެންގެވުންތަކެވެ.
أصول الدّين ނުވަތަ އީމާންގެ އެންގެވުންތައް ކަމަށް ބުނެވޭ ހިތުގެ އަޑިން ޤަބޫލުކުރަންޖެހޭ އެންގެވުންތައް. ކުރުގޮތަކަށް ދަންނަވާ ނަމަ، އީމާން ގެ މާނައަކީ، محمد (صلّى الله عليه وسلّم) އުނގަންނަވައިދެއްވި ހަ ރުކުނާއި، އިސްލާމް ދީން ޤަބޫލުކުރުމާއި، ދީން ޤަބޫލުނުކުރުމުގެ ވާހަކަތަކާއި، ޝިޢާރުތައް ބޭނުންކުރުމުން ދުރުވުމެވެ. ދީން ޤަބޫލުނުކުރުމުގެ (ކުފްރުގެ) ޝިޢާރުތަކަކީ ކޮބައިކަން ކޮންމެ މުސްލިމަކު ވެސް ދަސްކޮށް އެ ޝިޢަރުތައް ބޭނުންކުރުމުން ދުރުވާންޖެހޭނެ އެވެ. އީމާންވާ މީހަކަށް ކިޔޭ ނަމަކީ މުސްލިމް އެވެ.
ހަށިގަނޑާއި ހިތުން އަދާކުރަންޖެހޭ އަޅުކަމާ ބެހޭ އެންގެވުންތަކާއި، ހަށިގަނޑާއި ހިތުން ދުރުވެގަންނަންޖެހޭ ކަންތައްތަކާ ބެހޭ އުނގެނުންތައް. އަދާކުރަންޖެހޭ ކަންތައްތަކ ބެހޭ އެންގެވުންތަކަށް ކިޔޭ ނަމަކީ ފަރްޟް އެވެ. އަދި ނުކުރަންޖެހޭ ކަންތައްތަކަށް ކިޔޭ ނަމަކީ ޙަރާމް ކަންތަކެވެ. މި އެންގެވުންތަކަށް ކިޔޭ ނަމަކީ، فروض الدّين ނުވަތަ أحكام الإسلاميّة ނުވަތަ އިސްލާމް ދީނުގެ އެންގެވުންތަކެވެ.
[كلمة التوحيد ކިޔުމާއި، އެ ކަލިމައިން ފޯރުކޮށްދޭ ޙަޤީޤަތް ޤަބޫލުކުރުމަކީ، ކޮންމެ މީހަކު ވެސް ފުރަތަމަ ކުރުން ޟަރޫރީ ކަމެކެވެ. كلمة التوحيد އަކީ لا إله إلاّ اللّه محمّدٌ رسول اللّه އެވެ. އަދި މާނައަކީ: "الله ފިޔަވައި އެހެން އިލާހަކު ނުވެއެވެ. مُحمّد (عليه السّلام) އެކަލާނގެ ރަސޫލާ އެވެ". މި ޙަޤީޤަތް ޤަބޫލުކުރުމުގެ މާނަ އަކީ، "އީމާން ވެ" "މުސްލިމަކަށް ވުމެވެ". އީމާންކަން ލިބިފައިވާ މީހާ އަށް ކިޔޭ ނަމަކީ، މުއުމިން (ދީން ޤަބޫލުކުރާ މީހާ) އަދި މުސްލިމް އެވެ. އީމާން ކަމަކީ، މެދުނުކެނޑި ވާންޖެހޭ އެއްޗެކެވެ. އެހެންކަމުން، ދީނުންބޭރުވާ ފަދަ ކަންތައްތަކާއި، ދީން ޤަބޫލުނުކުރުން (ކުފްރު) ރަމްޒުކޮށްދޭ ކަންތައްތަކުން ދުރުވުމަކީ، ކޮންމެހެން ޟަރޫރީ ކަމެކެވެ.
ކީރިތި ޤުރްއާނަކީ الله ގެ ވަޙީ ބަސްފުޅެވެ. الله تعالى އެކަލާނގެ ވަޙީ ބަސްފުޅު مُحمّد (صلّى الله عليه وسلّم) އަށް ވަޙީގެ ގޮތުގައި ފޮނުއްވީ جبريل (عليه السّلام) މި ނަން ކިޔޭ މަލާއިކަތް ބޭކަލެއްގެ ޒަރީޢާ އިންނެވެ. ކީރިތި ޤުރްއާން ގައި ބޭނުންކުރެވިފައިވާ ބަސްތައް ވަނީ ޢަރަބި ބަހުންނެވެ. އެކަމަކު، އެ ބަސްތައް އިންތިޒާމްކުރައްވާފައިވަނީ اللّه تعالى އެވެ. ކިރިތި ޤުރްއާން މި އަކުރުތަކާއި ކަލިމަތަކުން ދޭހަވާ މާނަ އިން ފޯރުކޮށްދެނީ كلام اللّه (اللّه تعالى ގެ ބަސްފުޅު) އެވެ. މި އަކުރުތަކާއި ކަލިމަތަކަށް (ޖުމްލަ ގޮތެއް ގައި) ކިޔޭ ނަމަކީ قرآن الكريم އެވެ. كلام اللّه އިން ދޭހަވާ މާނަ އަކީ ވެސް قرآن الكريم އެވެ. قرآن الكريم ގެ މި ޚާއްޞިއްޔަތު؛ މާނަ އަކީ، كلام اللّه އަކީ މަޚްލޫޤެއް ނޫނެވެ. އެއީ، اللّه تعالى ގެ އެހެން ސިފަތަކޭ އެއްގޮތަށް ދާއިމަށް އަބަދަށް ދެމިހުންނަ ކަމެކެވެ. ކޮންމެ އަހަރަކު جبريل (عليه السّلام) للّه ގެ ރަސޫލާ އަރިހަށް ވަޑައިގެން، އެހާތަނަށް ބާވައިލައްވާފައިވާ ކިރިތި ޤުރްއާން (ގެ އާޔަތްތައް) لوح المحفوظ ގައި ލިޔެވިފައިވާ ތަރުތީބުން ކިޔައިދެއްވުމުން، ބަރަކާތްލެއްވިގެންވާ ރަސޫލާ މަލާއިކަތް ބޭކަލުންގެ ރައީސްގެ އަޑުފުޅު ދަށުން ކިޔއްވައެވެ. އިންސާނިއްޔަތުގެ އެންމެ މަތިވެރި ބޭފުޅާ މި ދުނިޔެ ދޫކުރައްވައި ސުވަރުގެ ވަޑައިގަތުމަށް ކައިރިވެފައި ވަނިކޮށް އެންމެ މަތިވެރި މަލާއިކަތާ އެކަލޭގެފާނުގެ އަރިހަށް ދެ ފަހަރަކު ވަޑައިގެން ކީރިތި ޤުރްއާން އެއްކޮށް ދެ ފަހަރު ކިޔުއްވި އެވެ. އަޅުގަނޑުމެންގެ ބަރަކާތްލެއްވިގެންވާ ރަސޫލާ އާއި، ޞަޙާބީންގެ ގިނަ ބޭކަލުން ވަނީ ކީރިތި ޤުރްއާން އެއްކޮށް ހިތުދަސް ކުރައްވާފަ އެވެ. اللّه تعالى ގެ ލޯބި ލިބިވަޑައިގެން ހުންނެވި ރަސޫލާ ސުވަރުގެ ވަޑައިގެންނެވި އަހަރު، اللّه تعالى ގެ ނަބިއްޔާގެ އެންމެ ފުރަތަމަ ޚަލީފާ ޤުރްއާން ހިތުދަސްކުރައްވައިގެން ތިއްބެވި ޞަޙާބީންނާއި، އެހާތަނަށް ލިޔެވިފައިވާ ޤުރްއާން ގެ ބައިތައް އެއްކުރައްވައި، އެޑްހޮކް ކޮމެޓީއެއް އެކުލަވާލައްވައި، މުޅި ކީރިތި ޤުރްއާން އެއްކޮށް ލިޔުއްވި އެވެ. އެއާއެކު، مصحف ނަމަކަށް ކިޔުނު މުޤައްދަސް ފޮތެއް، މާނައަކީ، ލިޔެވިފައިވާ (ނުވަތަ ޗާޕްކުރެވިފައިވާ) ކީރިތި ޤުރްއާން ގެ ކޮޕީއެއް ނެރުއްވި އެވެ. ތެއްތިރީސް ޞަޙާބީން އެއްވެވަޑައިގެން އިއްތިފާޤުން އެއްބަސްވެ ވަޑައިގަތީ، އޭރު އޮތް مصحف ގެ ކޮންމެ އަކުރެއް ވެސް އޮތީ، އެ އޮންނަންޖެހޭ ރަނގަޅު އަޞްލު ތަނުގައި ކަމަށެވެ.
مُحمّد (صلّى الله عليه وسلّم) ޙަދީޘްކުރެއްވި ބަސްފުޅުތަކަށް ކިޔޭ ނަމަކީ، حديث الشّريف އެވެ. مُحمّد (صلّى الله عليه وسلّم) ޙަދީޘްކުރެއްވިޔަސް، اللّه تعالى ގެ ޙަޟްރަތުން އިލްހާމް ލިބިގެންވާ މާނަ އެކުލެވޭ حديث الشّريف އަށް ކިޔޭ ނަމަކީ، حديث القدسي އެވެ. حديث الشّريف ގެ ވަރަށް ގިނަ ފޮތްތައް ވެއެވެ. بخاري އާއި مسلم އަކީ އެންމެ މަޝްހޫރު ދެ ފޮތެވެ. اللّه ގެ އަމުރުފުޅުތަކުގެ ތެރެއިން ޢަޤީދާ ހުންނަންވީ ގޮތް އަންގަވާފައިވާ އެންގެވުންތަކަށް ކިޔެނީ އީމާން އެވެ. ކޮންމެހެން ކުރަންޖެހޭ ކަންތައްތަކަށް ކިޔޭ ނަމަކީ ފަރްޟް އެވެ. އަދި ކުރުން ހުއްދަ ނޫން ކަންތައްތަކަށް ކިޔޭ ނަމަކީ ޙަރާމް އެވެ. ފަރްޟްކަންތަކާއި ޙަރާމްކަންތަކަށް ޖުމްލަ ގޮތެއް ގައި ކިޔެނީ أحكام الإسلاميّة (އިސްލާމީ ޙުކްމްތައް) އެވެ. އިސްލާމް ދީނުގައި އަންގަވާފައިވާ އެންމެ ކަމެއް ނަމަވެސް ޤަބޫލުނުކުރާ މީހަކަށް ކިޔޭ ނަމަކީ، ކާފިރު (ދީން ޤަބޫލުނުކުރާ މީހާ) އެވެ.
މީހަކު ކުރަންޖެހޭ ދެވަނަ އަށް އެންމެ ޟަރޫރީ ކަމަކީ، އެ މީހެއްގެ ހިތް ސާފުކުރުމެވެ. "ހިތޭ" ބުނުމުން، ދެ ކަމެއް ދޭހަވެއެވެ. އަޅުގަނޑުމެންގެ މޭގައިވާ މަސްކޮޅަށް ގިނަ ބަޔަކު ކިޔާ ނަމަކީ "ހިތެވެ". މި މާނައިގައި، ހިތަކީ ޖަނަވާރުންގެ ކިބައިގައި ވެސް ވާ އެއްޗެކެވެ. ދެވަނަ ހިތަކީ، (މާއްދީ) ހިތުގައި އޮންނަ ނުފެންނަ ހިތެވެ. ދެވަނަ ހިތަށް ވެސް ކިޔެނީ "ހިތެވެ". ދީނީ ފޮތްތަކުގައި ބަޔާންކުރެވިފައިވާ ހިތަކީ މި ހިތެވެ. އިސްލާމްދީނުގެ އެންގެވުންތައް ބަލައިގަންނަނީ މި ހިތެވެ. ދީން ޤަބޫލުކުރަނީ އަދި ނުކުރަނީ ވެސް މި ހިތެވެ. ދީން ޤަބޫލުކުރާ ހިތަކީ ސާފު ހިތެކެވެ. ދީން ޤަބޫލުނުކުރާ ހިތަކީ މުޑުދާރު ހިތެކެވެ. އެއީ މަރުވެފައިވާ ހިތެކެވެ. ގަދައަޅައި މަސައްކަތްކޮށްގެން ހިތް ސާފުކުރުމަކީ، އަޅުގަނޑުމެންގެ ފުރަތަމަ ވާޖިބެވެ. އަޅުކަން ކުރުމުން، ޚާއްޞަކޮށް ނަމާދު އަދާކޮށް (ޚާއްޞަ ދުޢާ ކަމުގައިވާ) އިސްތިޣްފާރު ކުރުމުން، ހިތް ސާފުކޮށްދެއެވެ. ޙަރާމް ކަންތަކަށް އަރައިގަތުމުން ހިތް މުޑުދާރުކޮށްލައެވެ. އަޅަމެންގެ ބަރަކާތްލެއްވިގެންވާ ރަސޫލާ ޙަދީޘްކުރެއްވި އެވެ: (من أكثر من الإستغفار جعل اللّه له من كل همّ فرجا و من كلّ ضيق مخرجا و رزقه من حيث لا يحتسب) މާނައީ، "އިސްތިޣްފާރު ކިޔުން ގިނަކޮށްފި މީހަކަށް اللّه تعالى ހުރިހާ ބަލިތަކާއި މުޞީބާތްތަކުން ރައްކާތެރިކޮށްދެއްވާނެތެވެ. އެކަލާނގެ އޭނާއަށް އެއްގޮތަކަށް ވެސް އުއްމީދުނުކުރާ ފަދަ ތަންތަނުން ރިޒްޤު (ކާނާ، ބަނޑުފުރާނަ މުއްތިކުރާ ތަކެތި) ފޮނުއްވައެވެ". އިސްތިޣްފާރަކީ (أستففراللّه الذي لا إله إلّا هو الحيّ القيّوم و أتوب إليه) ކިޔުމެވެ. ދުޢާ އިޖާބަކުރެއްވުމުގެ ޝަރުޠަކީ، ދުޢާކުރާ މީހާ މުސްލިމަކަށް ވުމާއި، އަރައިގެންފައިވާ ފާފަތަކަށް ތައުބާވުމާއި، މާނަ އެނގިގެން، ޤަބޫލުކުރުމާ އެކު ދުޢާކުރުމެވެ. ކަޅު ހިތަކާ އެކު ކުރެވޭ ދުޢާތައް (اللّه تعالى) ބައްލަވާވޮޑިއެއް ނުގަންނަވާނެތެވެ. ކޮންމެ ދުވަހަކު ތިން ފަހަރު ދުޢާކޮށް ސާބިތުކަމާ އެކު ފަސް ނަމާދު ކުރާ މީހަކު ކިޔަން ފަށާނެ އެވެ. ހިތުން ކިޔުމަކާ ނުލައި، ހަމައެކަނި އަނގައިން ކިޔޭ ދުޢާ އަކީ ބޭނުމެއް ހުރި އެއްޗެއް ނޫނެވެ.
އިސްލާމް ދީނުގައި އަންގަވާފައިވާ ދީނީ އެންގެވުންތަކަކީ، أهلُ السُّنّة ގެ ދަންނަބޭކަލުންގެ ފޮތްތަކުގައި ލިޔެވިފައިވާ އެންގެވުންތަކެވެ. ވަރަށް ސާފު އަދި ހުޅުވިފައިވާ މާނަތަކާ އެކުގައި ވާ أهلُ السُّنّة ގެ ޢިލްމުވެރިންގެ ފަރާތުން ވާރިދުވެފައިވާ ޢަޤީދާ އަދި އިސްލާމީ އުނގަންނައިދިނުންތަކުގެ ތެރެއިން نَصُّ ގެ ގޮތުގައި ބުނެވޭ ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ކީރިތި ރަސޫލާގެ ޙަދީޘްތައް ވެއެވެ. އޭގެ ތެރެއިން އެންމެ ކަމެއް ނަމަވެސް ޤަބޫލުނުކުރާ މީހާ ވެގެންދާނީ ކާފިރަކަށެވެ. އޭނާގެ ދީން ޤަބޫލުކުރުން ދޫކޮށްފި ނަމަ، އެފަދަ މީހަކަށް ކިޔޭނީ منافق އެވެ. އަދި އެ ފަދަ މީހަކު ދީން ޤަބޫލުކުރުން ދޫކޮށް، މުސްލިމެއް ކަމަށް ދައްކައިގެން މުސްލިމުންނަށް އޮޅުވާލަން އުޅޭނަމަ، ކިޔޭނީ زنديق އެވެ. އެކަމަކު، އެހާ މާނަ ސާފު ނޫން نص އެއް ނުބައި ގޮތަކަށް މާނަކޮށްގެން އުފެދޭ ޤަބޫލުނުކުރެވުމަކީ، މިހަކު ކާފިރަކަށް ވާނެ ސަބަބެއް ނޫނެވެ. އެކަމަކު، أهلُ السُّنّة ގެ ތެދު ގޮތުން ދުރުވުމަކީ، ނަރަކަ އަށް ވަންނާނެ ސަބަބެކެވެ. އެކި ގޮތަށް މާނަކުރެވޭ ގޮތަށް ހުންނަ نص ތައް ޤަބޫލުކުރުމުގެ ސަބަބުން އެ މީހަކު ދާއިމަށް ޢަޒާބު ލިބިލިބި ނުހުރެ؛ ނަރަކައިން ސަލާމަތްކުރެވި ސުވަރުގެ ވައްދަވާނެތެވެ. މި ވައްތަރުގެ މީހުންނަށް ކިޔޭ ނަމަކީ، ބިދުޢައިގެ މީހުން ނުވަތަ ދަލާލަތުގެ ގްރޫޕްތަކެވެ. ދަލާލަތުގެ ގްރޫޕްތަކުގެ ގޮތުގައި ބެލެވޭ ހަތްދިހަ ދެ ގްރޫޕް ވެއެވެ. މި މީހުން ނުވަތަ ދީން ޤަބޫލުނުކުރާ މީހުން ނުވަތަ ދީނުން ބޭރުވެފައިތިބޭ މީހުން ކުރާ އެއްވެސް އަޅުކަމެއް ނުވަތަ އިންސާނިއްޔަތަށް ދޭ ދަރުމައެއް ނުވަތަ ޚިދުމަތެއް (اللّه تعالى) ބައްލަވާވޮޑިއެއް ނުގަންނަވާނެ އެވެ. އެފަދަ މީހުންގެ ޚައިރާތު މަސައްކަތްތަކުން އެ މީހުންނަށް އާޚިރަތުގައި ވާނެ ފައިދާއެއް ނޯންނާނެ އެވެ. ޞައްޙަ ޢަޤީދާގެ ވެރި މުސްލިމުންނަށް ކިޔެނީ أهل السُّنّة والجماعة ނުވަތަ ސުންނީ މުސްލިމުންނެވެ. ސުންނީ މުސްލިމުން އެ މީހުންގެ އަޅުކަންތައް އަދާކުރުމުގައި ބެހިގެންވަނީ (ތެދުމަގު ލިބިފައިވާ) ހަތަރު ސަބް ގްރޫޕަކަށެވެ. އެ މީހުން އެއްބަޔަކު އަނެއް ބަޔަކާ މެދު (ޢަޤީދާގެ މުހިއްމު ގްރޫޕް ކަމުގައިވާ) أهل السُّنّة ގެ މުސްލިމުން ކަމަށް ދެކި، އެއްބަޔަކު އަނެއް ބަޔަކު ދެކެ ލޯބިވާނެތެވެ. މި ހަތަރު ގްރޫޕް (މަޒްހަބު) ގެ ތެރޭގައި ނުހިމެނޭ މީހަކީ ސުންނީ މުސްލިމެއް ނޫނެވެ. ސުންނީ މުސްލިމަކަށް ނުވާ މީހަކީ، ކާފިރެއް ނޫނީ ބިދުޢަ މަތީގައި ހުރި މީހެއް ކަމަށް الإمام رَبّاني ލިޔުއްވާފައިވާ ސިޓީތަކުގައި ވަނީ ލިޔުއްވާފައެވެ. މީގެ ތެރޭގައި ޚާއްޞަ ގޮތެއް، އެ ކަލޭގެފާނުގެ (މޮޅު ފޮތް ކަމުގައިވާ مَكتُوبات ގެ) ދުއިސައްތަ އައްޑިހަ ހަ ވަނަ ސިޓީ އާއި، ذُرُّالمُخْتَار ގެ އެނޮޓޭޝަންއެއްގެ ގޮތުގައި ތަޙްތާވީ ލިޔުއްވާފައިވާ ފޮތުގެ ޒަބާޔިޚް ގެ ނަން ދެވިފައިވާ ބާބާއި، البصائر لمنكري التوسل بأهل المقابر ވަކިން ފާހަގަކުރެވެއެވެ. މި ސިޓީ ލިޔެފައިވަނީ އިންޑިޔާގައެވެ. އަދި ޗާޕުކޮށްފައިވަނީ 1395 ހ. (1975މ.) ގައެވެ. ތުރުކީވިލާތުގެ އިސްތަންބޫލުގައި ހުންނަ ޙަޤީޤަތު ކިތާބެވީ އިން މި ފޮތް އަލުން އޮފްސެޓުން ޗާޕުކޮށް އެތައް ފަހަރަކު އިސްތަންބޫލުގައި ނެރެފައި ވެއެވެ.
ހަތަރު މަޒްހަބުން ކުރެ މަޒްހަބެއް ގައި ވާ ގޮތަށް އަޅުކަން އަދާކުރާ މީހަކު ފާފަޔަށް އަރައިގަނެ، ނުވަތަ އޭނާ އަޅުކަން އަދާކުރުމުގައި އެއްވެސް ގޯހެއް ހަދައިފި ނަމަ، އޭނާ ތައުބާވެއްޖެ ނަމަ، اللّه تعالى އޭނާ އަށް ޢަފޫކުރައްވާނެތެވެ. އޭނާ ތައުބާ ނުވާ ނަމަ، އެކަލާނގެ ބޭނުންވެވޮޑިގެންފި ނަމަ، އެކަލާނގެ އޭނާ އަށް ޢަފޫކުރައްވައި އޭނާ ނަރަކަޔަށް ނުވައްދަވާނެތެވެ. އެކަމަކު، އެކަލާނގެ ބޭނުންވެވޮޑިގެންފި ނަމަ، އޭނާ އަށް ޢަޒާބުދެއްވާނެތެވެ. އެކަމަކު، ފަހުން އެ ޢަޒާބުން މިންޖުކޮށްދެއްވާނެތެވެ. އިސްލާމް ދީނުގައި ޤަބޫލުކުރަންޖެހޭ ތަންދޮރުނުދަންނަ މީހުން ވެސް އަޑުއަހާ ފަދަ ކަންތައްތަކުގެ ތެރެއިން އެންމެ ޙަޤީޤަތެއް ނަމަވެސް ޤަބޫލުނުކުރާ މީހުންނަށް ކިޔެނީ ކާފިރުން (ދީން ޤަބޫލުނުކުރާ މީހުން) ނެވެ. އެފަދަ މީހުން ނަރަކައިގައި ދާއިމީ ޢަޒާބަށް ހުރަހޮޅިގެންދާނެ އެވެ.
ދެ ވައްތަރެއްގެ ކާފިރުން އުޅެތެވެ. އެއީ، ސަމާވީ ފޮތަކާ އެކު ވާ ކާފިރުންނާއި، މުޤައްދަސް ފޮތަކާ ނުލައި ތިބޭ ކާފިރުންނެވެ. މުސްލިމު މައިންބަފައިންގެ ދަރިޔަކު އިސްލާމް ދީން ދޫކޮށްފި ނަމަ، އެ މީހަކަށް ކިޔޭނީ މުރުތައްދު (ދީނުން ބޭރުވެފައިވާ މީހާ) އެވެ. إبن عابدين (رحمه اللّه تعالى) ޝިރުކުވުމުގެ (اللّه އަށް ޝިރުކުކުރުން، ދީން ޤަބޫލުނުކުރުން) ސަބަބުން އެ ބައެއްގެ ނިކާޙް (އިސްލާމީ ކައިވެނީގެ ކޮންޓްރެކްޓް) ޙަރާމްވެފައިވާ (ހުއްދަ ނޫން، ބާޠިލު) މީހުންނާ މުޢާމަލާތުކުރުމުގެ ތެރެއިން ވިދާޅުވެފައިވަނީ ތިރީގައިވާ ގޮތަށެވެ. މުސްލިމުންގެ ތެރޭގައި ވާ ދަލާލަތުގެ ހަތްދިހަ ދެ ގްރޫޕްގެ ތެރެއިން ގްރޫޕެއް ގައި ހިމެނޭ މީހުން އަދި އެމީހުންގެ މުރުތައްދުކަން ލާދީނީވެފައިވާ ވުން، "ދީނުން ބޭރުވެފައި މީހުންނާއި، މުލްޙިދުންނާއި، ޒިންދީޤުންނާއި، އަލިފާނަށް އަޅުކަންކުރާ މީހުންނާއި، [ބްރަހަމުންނާއި، ބުޑިސްޓުން ނޭ] ކިޔޭ މީހުންނާއި، ބާޠިނީންނާއި، އިބާޙީންނާއި، ދުރޫޒުންނާއި، ބުދަށް އަޅުކަންކުރާ މީހުންނާއި، ޤަދީމީ ގްރީކް ފައިލަސޫފުންނާއި، މުނާފިޤުންނާ އެންމެންނަކީ، ސަމާވީ ފޮތެއް ނެތް ދީން ޤަބޫލުނުކުރާ މީހުންނެވެ". ކޮމިއުނިސްޓުންނާއި، ފްރީމޭސަނުންނަކީ ވެސް ސަމާވީ ފޮތަކާ ނުލައި ތިބި ދީން ޤަބޫލުނުކުރާ މީހުންނެވެ. ފަހުން ބަދަލުކުރެވިފައިވާ ތައުރާތާއި، އިންޖީލް ފަދަ ބާވާލައްވާފައިވާ ސަމާވީ ފޮތްތަކަށް އީމާންވާ މަސީޙީންނާއި، ޔަހުދީންނަކީ، ސަމާވީ ފޮތްތަކާ އެކު ވާ ދީން ޤަބޫލުނުކުރާ މީހުންނެވެ. އެފަދަ މީހުން ވަކި މަޚްލޫޤެއް އިލާހަކަށް ހަދާ ނަމަ، އެ މީހުން ވެގެންދާނީ މުޝްރިކުންނަށެވެ. صفات الثبوتية އަދި صفات الذاتية ގެ ނަމުން ނަންދެވިފައިވާ اللّه تعالى ގެ ޞިފަފުޅުތަކަށް ކިޔެނީ އިލާހީ ޞިފަތައް (ألوهيّة) އެވެ.
ސަމާވީ ފޮތެއްގެ ވެރި ނުވަތަ ސަމާވީ ފޮތަކާ ނުލައި ހުރި ދީން ޤަބޫލުނުކުރާ މީހަކު އިސްލާމް ދީން ޤަބޫލުކޮށްފި ނަމަ، އޭނާ ނަރަކައިން މިންޖުވާނެ އެވެ. އޭނާ ވެގެންދާނީ ފާފައެއް ނެތް ސާފު މުސްލިމަކަށެވެ. އެކަމަކު، އޭނާ ސުންނީ މުސްލިމަކަށް ވާންޖެހޭނެ އެވެ. ސުންނީ މުސްލިމަކަށް ވުމުގެ މާނަ އަކީ، (ތެދު މަގު ކަމުގައި ބުނެވޭ) أهل السنّة ގެ ޢިލްމުވެރިޔަކު ލިޔުއްވާފައިވާ ފޮތެއް ކިޔައި ދަސްކޮށް، އެ ފޮތުން އޭނާ ދަސްކުރި ގޮތަށް އޭނާގެ އީމާންތެރިކަމާއި، ޢަމަލުތަކާއި، ބަސްމަގު ބެހެއްޓުމެވެ. މުސްލިމަކަށް ވިޔަސް ނުވަތަ ނުވިޔަސް، ދުނިޔޭގައި މީހަކު ޟަރޫރަތަކާ (ވަރަށް މުހިއްމު ނުވަތަ ކުރަންޖެހޭ ކަމަކާ) ނުލައި ބުނާ ބަހާއި، ކުރާ ޢަމަލުން ކަންތައްތަކެއް ދޭހަވެއެވެ. މީހަކުގެ ފަހު ނޭވާ ގައި އަނެއް ދުނިޔެއަށް ދިޔައީ އީމާންތެރިކަމާ އެކު ގައި ކަމަށް ވާ ނަމަ، އެކަން ޔަޤީންވާނެ އެވެ. ބޮޑެތި ފާފަތަކަށް އަރައިގެންފައިވާ މުސްލިމަކު އެ ފާފަތަކަށް ތައުބާވެއްޖެ ނަމަ، އެ މީހަކަށް ޢަފޫކުރެވި، ފާފައެއް ނެތް މީހަކަށް ވެ، ސާފު މުސްލިމަކަށް ވާނެ އެވެ. علم الحال ގެ ފޮތްތަކުގައި މިސާލަކަށް، އީމާން އަދި އިސްލާމް ގެ ނަމުން ނަންދެވިފައިވާ (މި) ފޮތާއި، Endless Bliss ގެ ހަ ބައިގައި ތައުބާ އަކީ ކޮބައި ކަމާއި، ތައުބާ ވާންވީ ގޮތް ވަނީ ވަރަށް ތަފްޞީލުކޮށް ކިޔައިދީފައެވެ.