Hakikat Books
English
Preview — this text has not yet been approved for publication.

Chapter 8 / 18

އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ހަތަރު ވަނަ ރުކުން

އީމާންކަމުގެ ހަ ރުކުނު ގެ ތެރެއިން ހަތަރު ވަނަ ރުކުނަކީ، اللّه تعالى ފޮނުއްވި ރަސޫލުންނަށް އީމާންވުމެވެ. ރަސޫލާ ބޭކަލުން ފޮނުއްވުނީ، މީސްތަކުންނަށް اللّه تعالى ރުހިވޮޑިގަންނަވާ ސީދާ މަގަށް ހިދާޔަތު ދެއްވުމަށެވެ. ލުޣަވީ ގޮތުން ބަލާއިރު، الرُّسل އަކީ (رسول ގެ ގިނަ ނަން) ރިސާލަތަކައިގެން ފޮނުއްވުނު ރަސޫލުންނެވެ. ޝަރުޢީ ގޮތުން رسول ގެ މާނަ އަކީ އިންސާނުންގެ ތެރެއިން ފޮނުއްވާ، އެއިރެއްގައި އުޅޭ އެހެން އިންސާނުންނަށް ވުރެ، އުފެއްދެވުމުގަޔާއި، ޞިފަތަކުގަޔާއި، ޢިލްމުގައި ފުރިހަމަވެފައި ރަނގަޅު އަދި އެއްވެސް ނުބައި ސިފައެއް އަދި ނުރުހެވޭ ފަދަ އާދައެއް ނެތް އިންސާނެކެވެ. ރަސޫލުންނަކީ عِصمة ތެރި ނުވަތަ މަޢްޞޫމް ބައެކެވެ. މާނަ އަކީ، އެ ބޭކަލުންނަށް نبوّة ފޮނުއްވުމުގެ ކުރިން އަފި ފަހުން ވެސް އެއްވެސް ބޮޑު ނުވަތަ ކުޑަ ފާފައެއް ނުކުރައްވާ ކަމެވެ. އެ ބޭކަލުންނަށް نبوّة ދެއްވުމާއި، އެ ބޭކަލުންގެ ނަބީކަން އެނގި ހާމަވެ، ފެތުރުމާ ހަމަޔަށް އެ ބޭކަލުންގެ ކިބައިގައި، ލޯފަންކަމާއި، ބީރުކަމާއި، މަންމަންކަން ފަދަ އެއްވެސް އުނިކަމެއް ނެތެވެ. ކޮންމެ ނަބިއްޔެއްގެ ކިބައިގައި ވެސް ހަތް ސިފައެއް ވާ ކަމަށް އީމާންވުމަކީ ވާޖިބު ކަމެކެވެ. އެއީ: الأمانة (އަމާނާތްތެރިކަން) އާއި، الصدق (ތެދުވެރިކަން) އާއި، التبليغ (މުވާޞަލާތުކުރުން) އާއި، العدالة (އިންޞާފުވެރިވުން) އާއި، العصمة (ފާފަޔަށް އަރައިގަތުމުން ރައްކާތެރިވުން) އާއި، الفطانة (އެންމެ މަތީ މިންވަރުގެ ވިސްނުން) އާއި، أمن العزل (ނަބީކަމުން ޢަޒްލުކުރެއްވުމުން ރައްކާތެރިވުން) އެވެ.

އާ ޝަރީޢަތެއް ތަބްލީޣުކުރައްވާ ނަބީއަކަށް ކިޔޭ ނަމަކީ رسول އެވެ. އާ ދީނަކަށް ގޮވާނުލައްވައި، އެކަމަކު، ކުރިން ފޮނުއްވި ދީނަށް ގޮވާލައްވާ ނަމަ، ކިޔޭ ނަމަކީ نبي އެވެ. اللّه ގެ އަމުރުފުޅުތައް ތަބްލީޣުކުރެއްވުމާއި، اللّه ގެ ދީނަށް ގޮވާލެއްވުމުގައި رسول އާ نبي އާ ތަފާތެއް ނެތެވެ. ނަބީންނާއި، ރަސޫލުންނަށް އީމާންވުމުގެ މާނަ އަކީ، އެ ބޭކަލުންގެ ރިސާލަތުގެ ތެދުވެރިކަން އިސްތިސްނާއެއް ނެތި ޤަބޫލުކުރުމެވެ. އެއިން އެންމެ ބޭކަލަކު ޤަބޫލުނުކުރާ މީހަކު ބެލެވޭނީ ހުރިހާ ރަސޫލުންނާއި، ނަބީން ޤަބޫލުނުކުރާ މީހަކަށެވެ.

ނަބީ ކަމަކީ، ގަދައަޅައި މަސައްކަތްކޮށްގެންނާއި، ބަނޑުހައިހޫނުކަމުގައި ހުރެގެންނާއި، ދަތިއުނދަގޫ ތަޙައްމަލުކޮށްގެން، ނުވަތަ ގިނަގިނައިން އަޅުކަންކޮށްގެން ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ. އެކަމަކު، ނަބީކަން ލިބިފައިވަނީ، اللّه تعالى ގެ ފަޟްލުވަންތަކަމާއި، އިޙްސާންތެރިކަމާއި، އެކަލާނގެ އިޚްތިޔާރުކުރެއްވުމުންނެވެ. ދީންތައް ރަސޫލުން މެދުވެރިކޮށް ފޮނުއްވާފައިވަނީ، މި ދުނިޔެއާއި، އާޚިރަތުގައި އިންސާނުންނަށް ބޭނުންތެރި ދިރިއުޅުމެއް ހޯއްދަވައިދެއްވުމަށާއި، ގެއްލުންދެނިވި ކަންތައްތަކުން އެބައި މީހުން ރައްކާތެރިކުރެއްވުމާއި، އެބައިމީހުންނަށް ދިންނެވުމާއި، އިރުޝާދާއި، އަމާންކަމާއި، އުފާވެރިކަން ހޯއްދަވައިދެއްވުމަށެވެ. ނަބީންނާއި، ރަސޫލުން (عليهم السّلام) اللّه ގެ އަމުރުފުޅުތައް ތަބްލީޣުކުރައްވާފައިވަނީ، ބިރާއި، ފަސްޖެހުމެއް ނެތި، އަދި އެ ބޭކަލުންގެ ޢަދާވާތްތެރިންގެ ގިނަކަމަކަށް އަދި އެބައިމީހުންގެ ޖެއްސުންކުރުމާއި، އަނިޔާކުރުމަކަށް ނުބައްލަވައެވެ. اللّه تعالى ވަނީ ރަސޫލުންނާއި، ނަބީންނަށް އެ ބޭކަލުންގެ ތެދުވެރިކަން ސާބިތުކޮށްދެއްވުމަށްޓަކައި މުޢުޖިޒާތްތައް ދެއްވާފައެވެ. އެއްވެސް މީހަކަށް އެ މުޢުޖިޒާތްތަކަށް ގޮންޖެހުމުގެ ކުޅަދާނަކަމެއް ނުލިބުނެވެ. ރަސޫލަކަށް ތަބާވާ މީހުންނަށް ކިޔެނީ އެ ރަސޫލެއްގެ أُمَّة ކަމަށެވެ. َޤިޔާމަތް ދުވަހު އެ ރަސޫލެއްގެ އުއްމަތުގެ މީހުންގެ ތެރެއިން ގިނަ ފާފަކޮށްފައިތިބޭ މީހުންނަށް ޝަފާޢަތްދެއްވުމުގެ އިޒްނަ ދެވި، އެ ޝަފާޢަތް ޤަބޫލުކުރައްވާނެތެވެ. ހަމަ އެއާއެކު، އެ ބޭކަލެއްގެ އުއްމަތުގެ ޢިލްމުވެރިންނާއި، ޞާލިޙުންނާއި، ވަލީވެރިންނަށް ވެސް ޝަފާޢަތްދެއްވުމުގެ އިޒްނަ اللّه تعالى ދެއްވައި، އެ ޝަފާޢަތް ޤަބޫލުކުރައްވާނެތެވެ. ނަބީބޭކަލުންނާއި، ރަސޫލާ ބޭކަލުން (عليهم السّلام) ތިއްބެވީ އެ ބޭކަލުންގެ ކަށްވަޅުގައި އަހަރެމެންނަށް ނޭނގޭ ގޮތަށް ދިރި އެވެ. ބިމުގައި އެ ބޭކަލުންގެ ޠާހިރު ހަށިކޮޅުތައް ފަނާ ނުވާނެ އެވެ. މި ސަބަބަށް ޓަކައި، ކީރިތި ރަސޫލާގެ ޙަދީޘްފުޅެއް ގައި ބަޔާންކުރައްވާފައިވަނީ: "الأنبياء أحياء في قبورهم يصلّون )ނަބީ ބޭކަލުން ވަނީ އެ ބޭކަލުންގެ ކަށްވަޅުގައި ނަމާދުކުރުމުގައެވެ(".

ނަބީން (عليهم السّلام) ގެ ލޯފުޅުތައް ނިދިފުޅުލެއްޕެވިޔަސް، އެ ބޭކަލުންގެ ހިތްޕުޅުތައް އަވަހާރަފުޅެއް ނުލައްޕަވައެވެ. ހުރިހާ ނަބިއްޔުންނާއި، ރަސޫލުން، ނަބީކަމުގެ ވަޒީފާ އާއި، އޭގެ ދަރުމަތައް އުފުއްލެވުމުގައި އެއްހަމަ އެވެ. ކޮންމެ ނަބިއްޔަކާއި، ރަސޫލަކީ (عليهم السّلام)، މި ދެންނެވި ހަތް ޞިފަ ލިބިވަޑައިގެންތިއްބެވި ބޭކަލުންނެވެ. އެ ބޭކަލުންނަކީ، ނަބީކަމުން އެއްގޮތަކަށް ވެސް ވަކިކުރެއްވޭ ބައެއް ނޫނެވެ. އެކަމަކު، ވަލީވެރިންނަކީ ވަލީކަމުން ވަކިކުރެވޭ ފަހަރު އަތުވެދާނެ އެވެ. ރިސާލަތަކީ، އިންސާނުންނަށް ޚާއްޞަ ކަމެކެވެ. ޖިންނީންނާއި މަލާއިކަތުންގެ ތެރެއިން ވާ ނަބިއްޔެއް ނެތެވެ. އަދި މަލާއިކަތުން ތިއްބަވަނީ އިންސީންނަށް ޓަކައެވެ. އެހެނީ، މަލާއިކަތުންނަކީ، نُبوّة ގެ ދަރަޖައަށް އުފުއްލެވޭ ބައެއް ނޫނެވެ. ނަބިއްޔުންނާއި، ރަސޫލުން، އެއްބަޔަކު އަނެއް ބަޔަކަށް ވުރެ މަތިވެރި އަދި ދަރަޖައުފުލިގެންވެއެވެ. މިސާލަކަށް ދަންނަވާ ނަމަ، سيد الأنبياء و المرسلين محمد (صلّى اللّه عليه و سلّم) އަކީ، އެކަލޭގެފާނުގެ އުއްމަތުގެ މީހުންގެ ޢަދަދާއި، އެކަލޭގެފާނު ފޮނުއްވުނު ރަށްތައް ފެތުރިފައިވާ ފުޅާކަމާއި، އެކަލޭގެފާނުގެ ޢިލްމު އެންމެ ފުޅާމިނަށް ފެތުރުމާއި، ވަރަށް ގިނަ ޢަދަދެއްގެ މުޢުޖިޒާތްތައް އެކަލޭގެފާނަށް ފޮނުއްވައި ދެމެހެއްޓެވުމާއި، އެކަލާގެފާނަކީ، ދަރުމައާއި، އިޙްސާންތެރިކަމަށް ބަލާ އިރު، ރަސޫލުންގެ ތެރެއިން އެންމެ ޝަރަފުވެރި ރަސޫލާ އެވެ. أولوالعزم ގެ ނަމުން ނަންދެވިގެންވީ ރަސޫލުން އެހެން ރަސޫލުންނަށް ވުރެ މަތިވެރި އެވެ. ރަސޫލުންނަށް ނުވާ ނަބިއްޔުންނަށް ވުރެ ރަސޫލުން މަތިވެރިވެގެން ވެއެވެ.

ނަބިއްޔުންގެ ޢަދަދެއް ނޭނގެއެވެ. ވަރަށް ބޮޑަށް އެނގިފައިވާ ގޮތުގައި، 124،000 އަށް ވުރެ ގިނަ ނަބިއްޔުން ފޮނުއްވުނެވެ. އޭގެ ތެރެއިން 313 ނުވަތަ 315 ނަބިއްޔުންނަކީ، ރަސޫލުންނެވެ. އޭގެ ތެރޭގައި أولوالعزم ގެ ނަމުން ނަންދެވިގެންވީ ހަ ރަސޫލުން ވެސް ހިމެނެއެވެ. އެއީ: آدم، نوح، إبراهيم، موسى، عيسى، محمّد المصطفى (عليهم الصلات السّلام) އެވެ.

ހުރިހާ ނަބީންނާއި ރަސޫލުންގެ ތެރެއިން ތިރީސް ތިން ރަސޫލުން ވަކިން ބޮޑަށް މަޝްހޫރުވެފައި ވެއެވެ. އެއީ: أدم، إدريس، شيت ނުވަތަ شيث، نوح، هود، صالح، إبراهيم، لوط، إسماعيل، إسحاق، يعقوب، يوسف، أيّوب، شعيب، موسى، هارون، خضر، يوشع بن نون، إلياس، اليسع، ذو الكفل، شمعون، إشموئيل، يونس بن متى، داود، سليمان، لقمان، زكريا، يحيى، عزيز، عيسى إبن مريم، ذو القرنين އަދި محمّد (عليهم الصلات السّلام) އެވެ.

ކިރިތި ޤުރްއާން ގައި ލިޔެވިފައިވަނީ މި ދެންނެވި 33 ރަސޫލުންނާއި ނަބީންގެ ތެރެއިން 28 ރަސޫލުންނާއި ނަބީންގެ ނަމެވެ. އެގޮތުން، شيت އާއި، خضر އާއި، يوشع އާއި، شمعون އާއި، إشموئيل ގެ ނަންފުޅުތައް ކިރިތި ޤުރްއާން ގައި ބަޔާންކުރައްވާފައި ނެތެވެ. މި 28 ގެ ތެރެއިން ذو القرنين އާއި، لقمان عزيز އާއި، خضر އަކީ ރަސޫލުން ކަމެއް ޔަޤީނެއް ނުވެއެވެ. المكتوبات المعصومية މި ފޮތުގެ ދެވަނަ ޢަދަދުގެ ތިރީސް ހަވަނަ މަޒްމޫނު ގައި ލިޔެފައިވާ ގޮތުގައި، خضر (عليه السّلام) އަކީ ރަސޫލެއް ކަމުގެ މުޢުތަބަރު ރިޕޯޓްތައް ލިބިފައި ވެއެވެ. އަދި އެ ފޮތުގެ ސަތޭކަ އަށްޑިހަ ދެވަނަ ސިޓީ ގައި ވަނީ: "خضر (عليه السّلام) އިންސާނެއްގެ ސިފައިގައި ބައެއް ކަންތައްތައް ކުރެއްވުމަށް (ބައެއް ފަހަރު) ފެނުމަކީ ދިރިހުންނެވި ކަމުގެ ދަލީލެއް ނޫނެވެ. ފަހެ، اللّه تعالى އެކަލޭގެފާނުގެ ރޫޙަށާއި ވަރަށް ގިނަ ނަބީންނާއި، ވަލީވެރިންގެ ރޫޙު އިންސާނުންގެ ސިފައިގައި ފާޅުވުމުގެ އިޒުނަ ދެއްވި އެވެ. އެހެންނަމަވެސް، އެހެން ފެނުމަކުން އެއީ، ދިރިތިއްބެވި ކަމުގެ ދަލީލެއް ނޫނެވެ. ذو الكفل ގެ ދެވަނަ ނަންފުޅަކީ، هرقل އެވެ. އަދި ހަމަ އެހެންމެ إلياس ނުވަތަ إدريس ނުވަތަ زكريا އޭ ވެސް ކިޔެއެވެ.

سيدنا إبراهيم (عليه السّلام) އަކީ الله ގެ خليل އެވެ. އެހެނީ، އިބްރާހީމްގެފާނުގެ ހިތްޕުޅުގައި اللّه تعالى އޮތް ލޯބި ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ލޯތްބެއް ނެތެވެ. موسى (عليه السّلام) އަކީ كليم اللّه އެވެ. އެހެނީ، އެކަލޭގެފާނު اللّه تعالى ގެ ޙަޟްރަތާ ވާހަކަފުޅުދެއްކެވި އެވެ. އަދި عيسى (عليه السّلام) އަކީ كلمة اللّه އެވެ. ސަބަބަކީ، އެކަލޭގެފާނު ރައްކާވީ ބައްޕާފުލަކާ ނުލައި اللّه ގެ ކަލިމަފުޅަކުން ކަމުގައި ވާތީ އެވެ. އެކަލާނގެ ވަޙީކުރެއްވީ، "ވާށޭ"، ދެން ވެއްޖެއެވެ. ހަމައެއާއެކު، އެކަލޭގެފާނު މީސްތަކުންނަށް ވަޢުޡުވިދާޅުވީ އެކަލާނގެ ޙިކްމަތުން ފުރިގެންވާ ކަލާމްފުޅުންނެވެ.

ހުރިހާ މަޚްލޫޤުން ހެއްދެވުމުގެ ސަބަބު ކަމުގައިވާ އަދި އިންސާނުންގެ ތެރެއިން އެންމެ މަތިވެރި، އެންމެ ފާހަގަކުރެވޭ، އެންމެ ޝަރަފުވެރި محمّد (صلّى اللّهعليه و سلّم) އަކީ، حبيب اللّه އެވެ. އެހެނީ އެކަލޭގެފާނަކީ، މަޚްލޫޤުން ވުޖޫދުވުމުގެ ސަބަބެވެ. އެންމެހާ އިންސާނުންގެ ތެރެއިން ވެސް އެންމެ މަތިވެރި އަދި އެންމެ ޝަރަފުވެރި އިންސާނަކީ، އެކަލޭގެފާނެވެ. އެކަލޭގެފާނުގެ ޒާތާއި، ޤަދަރުވެރިކަމުގެ މަތިވެރިކަމާއި، اللّه ގެ ޙަބީބުކަން އެނިގެންދާ އެތަކެއް ހެކިތަކެއް ވެއެވެ. އެހެންކަމުން، އެކަލޭގެފާނަށް ނިސްބަތްކޮށް "ބާރުކަނޑުވާލާފައި" ނުވަތަ "ބަލިކުރެވިފައި" ފަދަ ބަސްތައް ކިޔުން ޖާއިޒެއް ނޫނެވެ. ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ކަށްވަޅުން ތެދުވެވަޑައިގަންނަވާނީ އެކަލޭގެފާނެވެ. މަޙްޝަރު ބިމަށް އެންމެ ފުރަތަމަ ޙާޟިރުވެވަޑައިގަންނަވާނީ އެކަލޭގެފާނެވެ. އަދި އެންމެ ފުރަތަމަ ސުވަރުގެ ވަންނަވާނެ ފަރާތަކީ، އެކަލޭގެފާނެވެ. އެކަލޭގެފާނަށް ދެއްވާފައިވާ މުޢުޖިޒާތްތައް އިންސާނަކަށް ލިބިފައިވާ ހަކަތައިން ގުނާ ޢަދަދުނުކުރެވުނަސް، މިޢުރާޖުގެ މުޢުޖިޒާތް ލިޔަމުން މި ފޮތް ޒީނަތްތެރިކޮށްލާނަމެވެ.:

އެކަލޭގެފާނަށް ދެއްވުނު އެއް މުޢުޖިޒާތަކީ މިޢުރާޖަށް އަރައިވަޑައިގަތުމެވެ. އެކަލޭގެފާނު مكّة المكرّمة ގައި ނިދި އަވަހާރަލައްޕަވާފައި ވަނިކޮށް، ނިދިން ހޭލެއްވިގެން، އެކަލޭގެފާނުގެ ހަށިކޮޅާ އެކު މައްކާއިން ޤުދުސް ގައި ހުންނަ މަސްޖިދުލް އަޤްޞާ އަށް ގެންދެވުނެވެ. އޭގެ ފަހުން އުޑުތަކަށް އުފުއްލެވުނެވެ. އަދި ހަތް ވަނަ އުޑަށް ފަހު، އެކަލޭގެފާނު ގެންދެވުނީ اللّه تعالى ގެންދަވަން އިރާދަކުރައްވާފައިވާ ތަނަށެވެ. އަހަރެމެން މިޢުރާޖަށް އީމާންވާންޖެހޭނީ މި ގޮތަށެވެ. މިޢުރާޖުގެ ކަންތައް ހިނގައިދިޔަ ގޮތް ވަނީ الشفاء الشريف ފަދަ ވަރަށް ގިނަ އަގުހުރި ފޮތްތަކުގައި ތަފްޞީލުކޮށް ލިޔެވިފައެވެ. ރަސޫލާ محمّد (صلّى اللّهعليه و سلّم) ޖިބްރީލުގެފާނާ އެކު މައްކާ އިން سدرة المنتهى އަށް ދަތުރުކުރެއްވި އެވެ. سدرة المنتهى އަކީ، ހަވަނަ އަދި ހަތްވަނަ އުޑުގައި ވާ ގަހެކެވެ. އެ ގަސް ފަހަނައަޅާ އެއްވެސް ޢިލްމެއް އަދި މައްޗަށް އެރުމެއް ނުވާނެ އެވެ. ކީރިތި ރަސޫލާ محمّد (صلّى اللّهعليه و سلّم) جبريل (عليه السّلام) ދެކެވަޑައިގަތީ سدرة المنتهى ކައިރިން، އެކަލޭގެފާނުގެ އަޞްލު ޞޫރާގައި، އެކަލޭގެފާނުގެ ހަސަތޭކަ ފިޔައާ އެކުގައެވެ. جبريل (عليه السّلام) ދެމިހުންނެވީ سدرة المنتهى ގައެވެ. މައްކާއިން ޤުދުސް އަށް ކީރިތި ރަސޫލާ محمّد (صلّى اللّهعليه و سلّم) އިސްރާކުރެއްވީ ބުރާޤު ގައެވެ. ބުރާޤަކީ، ހުދު ކުލައިގެ، ވަރަށް ބާރަށް ދުވާ، ވަކި ޖިންސެއް ނެތް މި ދުނިޔޭގައި ނޫޅޭ، ސުވަރުގޭގެ ޖަނާވާރެކެވެ. މި ޖަނަވާރަކީ، ބަޣަލް އަށް ވުރެ ކުޑަ އަދި ޙިމާރަށް ވުރެ ބޮޑު ޖަނަވާރެކެވެ. ބުރާޤުގެ އެއްފިޔަވަޅުގެ ދިގުމިނުގައި ލޮލުކޮޅަށް ނުފެންނަ ވަރުގެ ރާސްތާއެއް ހުރެއެވެ. މަސްޖިދުލް އަޤްޞާ ގައި ކީރިތި ރަސޫލާ محمّد (صلّى اللّهعليه و سلّم) ނަބިއްޔުންނާއިގެން އިމާމުވެ ޖަމާޢަތުގައި ޢިޝާ ނުވަތަ ފަތިސް ނަމާދުކުރެއްވި އެވެ. ނަބިއްޔުންގެ ރޫޙުތައް އެ ތާނގައި ޙާޒިރުވެ ތިއްބެވީ، އެ ބޭކަލުންގެ އިންސާނީ ޞޫރާގައެވެ. އެއަށް ފަހު، ހަތްވަނަ އުޑަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، އެކަލޭގެފާނު އުފުއްލެވީ، މިޢުރާޖޭ ކިޔޭ ހަރުގަނޑަކުންނެވެ. އެ ވަޑައިގެންނެވި މަގުމަތީގައި، މަލާއިކަތުން ކަނާތްފަރާތާއި، ވާތްފަރާތުގައި ސަފުތަކުގައި އެކަލޭގެފާނަށް ސަލާންކުރައްވައި، މަރުޙަބާ ދަންނަވަން ތިއްބެވި އެވެ. ކޮންމެ އުޑަކަށް ދެވުމުން، ކީރިތި ރަސޫލާ محمّد (صلّى اللّهعليه و سلّم) ވަޑައިގަތުމުގެ އުފާވެރި ޚަބަރު جبريل (عليه السّلام) ދެއްވި އެވެ. ކޮންމެ އުޑަކުން އެކަލޭގެފާނާ ނަބީއެއް ނުވަތަ ރަސޫލަކާ ބައްދަލުވެ އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ސަލާމް ކުރައްވައެވެ. سدرة المنتهى ގައި ކީރިތި ރަސޫލާ محمّد (صلّى اللّهعليه و سلّم) އަށް ޢަޖައިބުކުރުވަނިވި ކަންތައްތައް ފެނިވަޑައިގަތެވެ. އެގޮތުން، ސުވަރުގޭގެ ނިޢުމަތްތަކާއި، ނަރަކައިގެ ޢަޒާބު ފެނިވަޑައިގަތެވެ. އެކަމަކު، اللّه تعالى ގެ ރިވެތިކަން ދެކެވަޑައިގަތުމުގެ ޝައުޤުވެރިކަން ބޮޑުކަމުން އެ ނިޢުމަތްތަކަށް ނުބެއްލަވައެވެ. سدرة المنتهى ފަހަނައަޅައި، އެކަލޭގެފާނު ވަޑައިގަތީ ނޫރުތަކުގެ ތެރެއިން ގިނިގަންޏާ އެވެ. މަލާއިކަތުންގެ ގަލަންތަކުގެ އަޑު އިވިވަޑައިގަތެވެ. އަދި ސަތާރަ ހާސް ޙިޖާބު ގެ ތެރެއިން ވަޑައިގަތެވެ. އެއިން ކޮންމެ ދެ ޙިޖާބެއްގެ ދޭތެރޭގައި ފަސްސަތޭކަ އަހަރުގެ ރާސްތާ ހުއްޓެވެ. އަދި އިރަށް ވުރެ އަލިކަން ގަދަ رفرف އޭ ކިޔުނު ދޫލައެއްގެ މަތީގައި ހުރި كرسي ކައިރިން ލާފައި ވަޑައިގެން العرش އާ ހަމަށް ވާޞިލުވެ ވަޑައިގަތެވެ. އެކަލޭގެފާނު عرش ފަހަނައަޅައި، ޒަމާނާއި، ތަނާއި، މާއްދީ ދުނިޔެ އަށް ވުރެ ބޭރަށް ވަޑައިގަތެވެ. އެ ގޮތުން ޢާލަމްތައް ހެއްދެވި اللّه تعالى ގެ ކަލާމްފުޅުގެ އަޑު އިވޭ ހިސާބަށް ވަޑައިގަތެވެ.

އެކަލޭގެފާނަށް اللّه تعالى ގެ ރިވެތިކަން ފެނިވަޑައިގަތީ، މުއުމިނުންނަށް ސުވަރުގޭގައި ވެސް ފެންނާނޭ ގޮތަށް، ގޮތާއި، ޞިފައާއި، ޒަމާނާއި، ތަން ނުލައެވެ. އަދި اللّه تعالى ގެ ޒާތުކޮޅާ ވާހަކަފުޅުދެއްކެވީ އަކުރެއް އަދި އަޑެއް ނެތް ގޮތަށް، ތަސްބީޙަކިޔުމާއި، ތަޢުރީފުކުރައްވަމުންނެވެ. އެކަލޭގެ ފާނަށް ގުނާ ޢަދަދުނުކުރެވޭ ވަރުގެ އިނާމާއި، ޝަރަފުތައް ދެއްވުނެވެ. އެކަލޭގެފާނާއި، އެކަލޭގެފާނުގެ އުއްމަތުގެ މައްޗަށް ދުވާލަކު ފަންސާސް ފަހަރު ނަމާދުކުރުމަށް ފަރްޟުކުރެވުނެވެ. އެކަމަކު موسى (عليه السّلام) މެދުވެރިވެގެން ދުވާލަކު ކުރަންޖެހޭ ނަމާދުގެ ޢަދަދު ފަހަކަށް މަދުކުރެވުނެވެ. އޭގެ ކުރިން، ނަމާދު ކުރެވެމުން ދިޔައީ، ހަމައެކަނި ހެނދުނާއި، މެންދުރުފަސް ނުވަތަ ރޭގަނޑު އެވެ. މިފަދަ ދގު ދަތުރަކާއި، ހަދިޔާ އާއި، ނިޢުމަތްތައް ލިބިވަޑައިގެން، އަދި ޢަޖައިބުކުރުވަނިވި އެތައް ކަމެއް ފެނި، އިވި ވަޑައިގަތުމަށް ފަހު، އަދި ހޫނުކަން ފިލާފައިނެތް އެކަލޭގެފާނުގެ އެނދުދާންކޮޅަށް އެނބުރި ވަޑައިގަތެވެ. މަތީގައި ލިޔެވިފައިވާ ވާހަކަތަކަކީ، ކޮންމެވެސް ވަރަކަށް ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުން އެނގެންހުރި ވާހަކަތަކެވެ. އެ ހުރިހާ ވާހަކައެއް ޤަބޫލުކުރުމަކީ ވާޖިބެއް ނޫނެވެ. އެހެންނަމަވެސް، أهل السُّنة ގެ ޢިލްމުވެރިން އެ ވާހަކަތައް ބަޔާންކުރައްވާފައި ވުމާ އެކު، މި ޙަޤީޤަތްތައް ޤަބޫލުނުކުރާ މީހުން أهل السُّنة އިން ވަކިކުރެވޭނެ އެވެ. އާޔަތެއް ނުވަތަ ޙާދީޘެއް ޤަބޫލުނުކުރާ މީހަކު ވެގެންދާނީ ދީނުން ބޭރުވެފައިވާ މީހަކަށެވެ.

محمّد (صلّى اللّهعليه و سلّم) އަކީ ނަބިއްޔުންނާއި، ރަސޫލުންގެ ތެރެއިން އެންމެ މަތިވެރި سيّد المرسلين ކަން ހާމަކޮށްދޭ އެތަކެއް ދަލީލުތައް މިތާނގައި ގެނެސްދެމާ ހިނގާށެވެ.

ޤިޔާމަތް ދުވަހު އެންމެހާ ނަބީންނާއި، ރަސޫލުން ހިޔާވެހިކަން ހޯއްދަވާނީ، އެކަލޭގެފާނުގެ ދިދައިގެ ނިވަލުންނެވެ. اللّه تعالى ހުރިހާ ނަބީންނާއި ރަސޫލުންނަށް އަމުރުކުރައްވާފައި ވަނީ، އެ ބޭކަލުން محمّد (صلّى اللّهعليه و سلّم) ގެ ޒަމާނާ ހަމަޔަށް ދިރިތިއްބެވި ނަމަ އެކަލޭފާނަށް އީމާންވެ، ދީނަށް ގޮވާލެއްވުމުގައި އެކަލޭގެފާނަށް އެހީތެރިވެ ވަޑައިގަތުމަށާއި، އެބޭކަލުންގެ އުއްމަތްތަކަށް އެފަދައިން، އެބަހީ، اللّه ގެ ޙަބީބު محمّد (صلّى اللّهعليه و سلّم) އަށް އީމާންވުމަށެވެ.

محمّد (صلّى اللّهعليه و سلّم) އަކީ، އެންމެ ފަހު ނަބިއްޔާ އެވެ. މާނަ އަކީ، އެކަލޭގެފާނަށް ފަހު އެހެން ނަބީއެއް ނުވަތަ ރަސޫލެއް ނުފޮނުއްވައެވެ. އެކަލޭގެފާނުގެ ބަރަކާތްތެރިވެގެންވާ ރޫޙު ހެއްދެވީ އެހެން ހުރިހާ ރޫޙުތަކަށް ވުރެ ކުރިންނެވެ. އަދި އެންމެ ފުރަތަމަ ނަބީކަމުގެ ދަރަޖަ ދެއްވުނީ އެކަލޭގެފާނަށެވެ. އަދި ނުބުއްވާ ފުރިހަމަވެގެންދިޔައީ ވެސް އެކަލޭގެފާނު ދުނިޔެއަށް އުފަންވެ ވަޑައިގަތުމުންނެވެ. ދުނިޔެ ޤިޔާމަތްވުމާ ކައިރިވެ، މަހްދީގެފާނު ފާޅުވުމާ އެކު، عيسى (عليه السّلام) ޝާމް ކަރައިގެ ބިމަށް ފައިބާވަޑައިގަންނަވާ ވަގުތު، محمّد (صلّى اللّهعليه و سلّم) ގެ ޝަރީޢަތުން ޙުކުމްކުރައްވައި، ވެވަޑައިގަންނަވާނީ، އެކަލޭގެފާނުގެ ދީނަށް ގޮވާލައްވައި، އެކަލޭގެފާނުގެ އުއްމަތުގެ ތެރެއިންނެވެ.

[އިނގިރޭސިން އިންޑިޔާ އަޅުވެތިކޮށްގެން ތިބި އިރު، ހިޖްރައިން 1297 (1880މ.) ގައި އިންޑިޔާ އިން ފާޅުވި މަގުގެއްލިފައިވާ ޤާދިޔާނީ ފިރްޤާ އަށް ނިސްބަތްވާ ޤާދިޔާނީން، ނުވަތަ އަޙްމަދީންނަކީ، عيسى (عليه السّلام) އާ ބެހޭގޮތުން ދޮގުފަތުރާ ބައެކެވެ. މި ފިރްޤާ އަކީ، މުސްލިމުން ކަމަށް ދަޢުވާކުރި ކަމުގައި ވިޔަސް، އެބައި މީހުންނަކީ އެތެރެއިން އިސްލާމް ދީނަށް ގެއްލުންދޭން މަސައްކަތްކުރާ ބައެކެވެ. އެބައި މީހުންނަކީ، މުސްލިމުން ނޫން ކަމަށް ވަނީ ފަތުވާއެއް ވަނީ ނެރެވިފައެވެ.

އިންޑިޔާއިން ފާޅުވެފައިވާ މަގުގެއްލިފައިވާ އެހެން ގްރޫޕަކީ جماعة التبليغية އޭ ކިޔުނު ގްރޫޕެވެ. މި ފިރްޤާ އުފައްދާފައިވަނީ، ހިޖްރައިން 1345 (1926މ.) ގައި محمّد إلياس إبن المولوي إسماعيل އެވެ. މީނާ ބުނި ގޮތުގައި، މުސްލިމުން ވަނީ ތެދުމަގު ގެއްލިފައެވެ. އަދި އޭނާ އަށް ފެނުނު ހުވަފެނެއް ގައި، އިލާހީ އަމުރު އޭނާ އަށް އައިސްފައިވަނީ މުސްލިމުން މިންޖުކުރުމަށް ކަމަށެވެ. އޭނާ ބުނި ގޮތުގައި، އޭނާ ވަނީ އޭނާގެ އުސްތާޒުން ކަމުގައިވާ نظير حسين، رشيد أحمد الكنكوهي، އަދި خليل أحمد السهرنفوري ގެ ފޮތްތަކުން ޢިލްމު އުނގެނިފައެވެ. މިމީސްމީހުންނަކީ ވެސް ދީނުންބޭރުވެފައި ތިބި ބައެކެވެ. މުސްލިމުން ވާވެއްދުމަށް އެމީހުން ބޭނުންކޮށްއުޅުނު އުކުޅަކީ، އަބަދުވެސް ނަމާދު ޖަމާޢަތުގައި ކުރުމުގެ މުހިއްމުކަމުގެ ވާހަކަދެއްކުމެވެ. އެކަމަކު ޙަޤީޤަތަކީ، أهل السنّة ފިޔަވައި، ގެއްލެނިވެފައިވާ ބިދުޢަވެރިންގެ ނަމާދާއި ކުރާ އަޅުކަން ޤަބޫލުނުކުރެވޭ ކަމެވެ. މިފަދަ ގްރޫޕްތަކުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، أهل السنّة އިންގެ ތެރޭގައި އެނގިގެންވާ ޢިލްމުވެރިންގެ ފޮތްތައް ކިޔައި،އިސްލާމީ ޝަރީޢަތާ ޚިލާފުވާ އެބައި މީހުންގެ ބިދުޢައިންނާއި، މަގުފުރެދުމުން މިންޖުވެ، ތެދުވެރި މުސްލިމުންނަށް ވުމެވެ. އެއްގޮތް އާޔަތްތަކުން ފާސިދު މާނަ ނެރޭ މީހުންނަށް ކިޔޭ ނަމަކީ، ބިދުޢަވެރިން ނުވަތަ މަގުގެއްލިފައިވާ މީހުންނެވެ. އަދި ކީރިތި ޤުރްއާނުގެ އާޔަތްތަކުން މިފަދަ މާނަތައް ނެރޭ އިސްލާމް ދީނުގެ ޢަދުއްވުންނަށް ކިޔޭ ނަމަކީ ޒިންދީޤުންނެވެ. މިފަދައިން އުޅެގެން، އެބައިމީހުން ކުރަން އުޅޭ މަސައްކަތަކީ، ކީރިތި ޤުރްއާނާއި، އިސްލާމް ދީން ބަދަލުކުރުމެވެ. މިފަދަ ބިދުޢަތައް އުފައްދައި، އެ ފަތުރާ އިސްލާމް ދީނުގެ ޙަޤީޤީ ޢަދުއްވުންނަކީ، އެކަމަށް އެތަކެއް ބިލިޔަނުން ޚަރަދުކުރާ އިނގިރޭސިންނެވެ. އިނގިރޭސިން ޖެހި ދަންތުރައިގައި ޖެހިފައިވާ ތަބްލީޣުޖަމާޢަތޭ ކިޔޭ ޖާހިލުން ދަނީ، ކޮންމެ ދުވަހަކު ނަމާދުކޮށް އަދި ދޮގުހަދައި، އެ މީހުންނަކީ ސުންނީންނޭ ކިޔައިގެން މުސްލިމުން ވާވެއްދުމަށް މަސައްކަތް ކުރަމުންނެވެ. މިފަދަ މީހުންނަކީ، އެ މީހުންގެ ދޮގު މުޅި ދުނިޔެ އަށް ފެތުރުމަށް ޓަކައި، އެތަކެއް ހާސް މިލިޔަން ދީނާރު ޚަރަދުކުރަމުންދާ ބައެކެވެ. މިފަދަ މީހުންނަކީ، ނަރަކައިގެ އެންމެ އަޑީގައި ދާއިމީ އަލިފާނުގައި ޢަޒާބު ލިބިލިބި ތިބޭނެ ބައެކެވެ. ބޮޑެތި ތާކިހާ އަޅައި، ތުނބުޅި ދިގުކޮށް، ޖުއްބާ ލައި، ކީރިތި ޤުރްއާނުގެ އާޔަތްތައް ކިޔައި، އެ އާޔަތްތައް ގޯސްކޮށް މާނަކުރުމަކީ، މުސްލިމުން މަގުއޮޅުވާލުމަށް ޓަކައި، ބޭނުންކުރާ އުކުޅެކެވެ. އެކަމަކު، ކީރިތި ރަސޫލާ (صلّى اللّه عليه و سلّم) ގެ ޙަދީޘްފުޅެއްގައި ވެއެވެ.: (إنّ اللّه لا ينظرإلى صوركم و ثيابكم ولكن ينظر إلى قلوبكم و نياتكم.) މާނައީ: " اللّه تعالى ބައްލަވާ ވޮޑިގެންވަނީ ތިބާގެ ޞޫރައަކަށް އަދި ހެދުމަކަށް ނޫނެވެ. އެކަމަކު ބައްލަވާ ވޮޑިގަންނަވަނީ ތިޔަބައި މީހުންގެ ހިތްތަކަށާއި، ނިޔަތްތަކަށެވެ".

މި މޮޔަ ޖާހިލުންގެ އޮޅުވާލާފައިވާ ބަސްތަކުން ދޮގުތައް ސާބިތުވެ ފަޟީޙަތް ވެގެންދިޔައީ، ޙަޤީޤަތު ކިތާބެވީގެ ފޮތުގައިވާ ވާހަކަތަކަށް ޖަވާބުދޭން ނުކުޅެދުމުގެ ސަބަބުންނެވެ. އެ މީހުން ބުނާގޮތުގައި، "ޙަޤީޤަތު ކިތާބެވީން ޝާއިޢުކޮށްފައިވާ ފޮތްތަކަކީ، ގޯސް އަދި ބިދުޢައެވެ. އެ ފޮތްތައް ނުކިޔާށެވެ". މި ބިދުޢަވެރިން ދެނެގަންނާނެ އެންމެ ބޮޑު ޢަލާމާތަކީ، އަހްލުއްސުންނާގެ ޢިލްމުވެރިން ލިޔުއްވާފައިވާ ފޮތްތައް ނުކިޔުމަށް ބުނުމާއި، ދީނުގެ މައިގަނޑު ފޮތްތަކާ ދުރަށް ފިލުމާއި، އެ ފޮތްތަކަކީ ފަސާދައިގެ ފޮތްތައް ކަމަށް ޞިފަކުރުމެވެ. އަޅުގަނޑުމެންގެ ތުރުކީ ފޮތް ކަމުގައިވާ المعلومات النّافعة ގައި އެބައި މީހުން އިސްލާމް ދީނަށް ދީފައިވާ ގެއްލުމާއި، އަހްލުއްސުންނާގެ ޢިލްމުވެރިން ދެއްވާފައިވާ ރައްދުތައް ހިމެނެއެވެ.]

Read this chapter in another language

Türkçe中文(普通话)EnglishPortuguêsРусскийአማርኛFilipinoУкраїнськаČeštinaБългарски

Share

WhatsApp Telegram X Facebook E-mail