Hakikat Books
English
Preview — this text has not yet been approved for publication.

Chapter 9 / 18

އެންމެ މަތީ ނަބިއްޔާއާއި ޞަޙާބީން

محمّد (صلّى اللّه عليه و سلّم) އަކީ، ނަބީންނާއި، ރަސޫލުންގެ ތެރެއިން އެންމެ މަތިވެރި ބޭފުޅާ އެވެ. އަދި ޢާލްމްތަކަށް ރަޙްމަތެއް ކަމުގައި ލެއްވި ބޭފުޅާ އެވެ. ދިރުންލެއްވި އަށާރަ ހާސް ދުނިޔެ އަށް އެކަލާނގެ ނިޢުމަތްތަކުގެ ފައިދާ ލިބެމުންދެއެވެ. އިސްލާމީ ޢިލްމުވެރިންގެ އިޖްމާޢުން އެނގޭ ގޮތުގައި، އެކަލޭގެފާނު ފޮނުއްވުނީ ހަމައެކަނި އިންސީންގެ މައްޗަކަށް ނޫނެވެ. އެކަމަކު، ޖިންނީންގެ މައްޗަށް ވެސް މެއެވެ. ވަރަށް ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެކަލޭގެފާނު ރަސޫލާކަމާއިގެން ފޮނުއްވުނީ، މަލާއިކަތުންނާއި، ގަސްގަހާގެއްސާއި، ޖަނަވާރުތަކާއި، މާއްދާތަކަށް ވެސް މެއެވެ. އެކަމަކު، އެލޭގެފާނު ފިޔަވައި، އެހެން ނަބީންނާއި، ރަސޫލުން ފޮނުއްވުނީ، ވަކި ރަށަކަށް އަދި ވަކި ޤައުމަކަށެވެ. އެކަލޭގެފާނަކީ، ޢާލަމްތަކަށް ރަޙްމަތެކެވެ. އެންމެ ފުރަތަމަ އުޅުނު މީހުންނާއި، އެންމެ ފަހުން އުޅޭނެ މީހުންނާއި، ދިރިތިބީންނާއި، މަރުވެފައިވާ މީހުންގެ ވެސް ނަބިއްޔާ އެވެ. اللّه تعالى އެހެން ނަބީންނާއި، ރަސޫލުން ބަޔާންކުރައްވާފައިވަނީ، އެބޭކަލުންގެ ނަމުންނެވެ. އަދި اللّه تعالى އަށް ޝަރަފުވެރިކަމާއި، ކަރާމާތްތެރިކަން ދެއްވާފައިވަނީ، "يا أيّها الرّسول" "يا أيّها النّبي" މިފަދައިން ވަޙީކުރައްވައިގެންނެވެ. ކޮންމެ ނަބީއަކަށް اللّه تعالى މުޢުޖިޒާ ދެއްވި ފަދައިން، އެކަލޭގެފާނަށް ވެސް މުޢުޖިޒާތައް ދެއްވި އެވެ. އަދި އޭގެ އިތުރަށް اللّه تعالى އެކަލާނގެ ނަބިއްޔާ محمّد (صلّى اللّه عليه و سلّم) އަށް އެހެން އެއްވެސް ނަބީއަކަށް އަދި ރަސޫލަކަށް ނުދެއްވާ ވަރަށް ގިނަ މުޢުޖިޒާތައް ދެއްވި އެވެ. މިސާލަކަށް ދަންނަވާ ނަމަ، އެކަލޭގެފާނުގެ ބަރަކާތްތެރި އިނގިލިގެ އިޝާރާތަކަށް ހަނދު ދެފަޅިވުމާއި؛ އެކަލޭގެފާނުގެ އަތްތިލަފުޅުގައި ހުރި ހިލަކޮޅުތަކެއް اللّه ގެ ނަންފުޅު ކިޔުމާއި؛ ގަސްތައް "السلام عليكم يا رسول اللّه" މިހެން ކިޔައި އެކަލޭގެފާނަށް ސަލާންކުރުމާއ؛ އެކަލޭގެފާނު އެތަން ދޫކުރައްވައި ވަޑައިގަތުމުން، ޙަނާނާ ކިޔުނު ހިކި ގަސްގަނޑެއް ރުއިމާއި؛ އެކަލޭގެފާނުގެ ބަރަކާތްތެރި ދެ އިނގިލި ދޭތެރެއިން ސާފު ފެން ފޯދިގެން ނިކުތުމާއި؛ ޤިޔާމަތް ދުވަހު އެކަލޭގެފާނަށް ދެއްވާނެ ކަމަށް ވަޢުދުކުރައްވާފައިވާ، المقام المحمود އާއި، الشفاعة الكبرى އާއި، الحوض الكوثر އާއި، الوسيلة الفضيلة އޭ ކިޔުނު މަޤާމުތަކާއި؛ ސުވަރުގެ ވެދެވަޑައިގަތުމުގެ ކުރިން اللّه تعالى ގެ ރިވެތިކަން ފެނިވަޑައިގަތުމާއި؛ އެންމެ ރިވެތި ސުލޫކީ މިންގަޑާއި، އެންމެ ފުރިހަމަ ޢަޤީދާ އާއި، ޢިލްމާއި، ޙިލްމުވެރިކަމާއި، ކެތްތެރިކަމާއި، ޝުކުރުވެރިކަމާއި، ޒާހިދުކަމާއި، ޢިއްފަތްތެރި ކަމާއި، ޢަދުލުވެރިކަމާއި، މުރުއްވަތްތެރި ކަމާއި، ލަދުވެތިކަމާއި، ހިތްވަރުގަދަކަމައި، ތަވާޟުޢުވެރިކަމާއި، ޙިކްމަތްތެރިކަމާއި، އަދަބުވެރިކަމާއި، ސަމާޙަތްތެރި ކަމާއި، ހެޔޮކަންތައް ކުރެއްވުމާއި، ރަޙްމަތާއި، ރައުފަތާއި، ހެޔޮކަންތައްތަކާއި، ޝަރަފުވެރިކަމުގެ ޞިފަތައް ދެއްވުން ހިމެނެއެވެ. محمّد (صلّى اللّه عليه و سلّم) އަށް ދެއްވި މުޢުޖިޒާތައް ގުނާ ޢަދަދުނުކުރެވޭ އިރު، އެ ކަން ދެނެވޮޑިގެންވަނީ ހަމައެކަނި اللّه تعالى އެވެ. އެކަލޭގެފާނުގެ ޝަރީޢަތް ވަނީ، އޭގެ ކުރީގެ ހުރިހާ ޝަރީޢަތްތަކެއް މަންސޫޚުކުރައްވާފައެވެ. އެކަލޭގެފާނުގެ ދީނަކީ ހުރިހާ ދީންތަކުގެ ތެރެއިން އެންމެ ރަނގަޅު އަދި އެންމެ މަތިވެރި ދީނެވެ. އަދި އެކަލޭގެފާނުގެ އުއްމަތަކީ، އުއްމަތްތަކުގެ ތެރެއިން އެންމެ މަތިވެރި އުއްމަތެވެ. އަދި އެކަލޭގެފާނުގެ އުއްމަތުގެ ވަލީވެރިންނަކީ، ކުރީގެ އުއްމަތްތަކުގެ ވަލީވެރިންނަށް ވުރެ ޝަރަފުވެރި ބައެކެވެ.

محمّد (صلّى اللّه عليه و سلّم) ގެ އުއްމަތުގެ ވަލީވެރިންގެ ތެރޭގައި، އެކަލޭގެފާނުގެ ޚަލީފާއަކަށް އިންތިޚާބުވި أبوبكر (رضي اللّه عليه) އަކީ، ވަލީވެރިންނާއި، ޞޫފީންނާއި، އިމާމުންގެ ތާޖެވެ. އަދި ނަބީންނާއި، ރަސޫލުންނަށް ފަހު މީސްތަކުންގެ ތެރެއިން އެންމެ މަތިވެރި އިންސާނާ އެވެ. އެހެނީ، ޚަލީފާކަމުގެ ޝަރަފު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވީ އެކަލޭގެފާނަށެވެ. އެކަލޭގެފާނަކީ، އިސްލާމް ދީން ފޮނުއްމުވުމުގެ ކުރިން ބުދަށް އަޅުކަން ކުރި ބޭފުޅެއް ނޫނެވެ. އެކަލޭގެފާނު ވަނީ، ކުފުރާއި، މަގުފުރެދުމުގެ ޢައިބުކަމުން ރައްކާތެރިކުރައްވާފަ އެވެ.

أبوبكرالصدّيق (رضي اللّه عليه) އަށް ފަހު، އެންމެ މަތިވެރި އިންސާނަކީ، اللّه تعالى އެކަލާނގެ حبيب المصطفى محمّد (صلّى اللّه عليه و سلّم) ގެ އެކުވެރިޔަކަށް އަދި އެކަލޭގެފާނުގެ ދެވަނަ ޚަލީފާއަކަށް އިޚްތިޔާރުކުރެއްވި عمر بن الخطاب (رضي اللّه عليه) އެވެ.

عمر بن الخطاب (رضي اللّه عليه) އަށް ފަހު، އެންމެ މަތިވެރި އިންސާނަކީ، ތިން ވަނަ ޚަލީފާ އަދި ހެޔޮ ކަންތައްތަކާއި، އިޙްސާންތެރިކަމުގެ ޚާޒާނާ އަދި ދިރިހުރުމާއި، އީމާންތެރިކަމުގެ މަޞްދަރު ކަމުގައިވާ عثمان بن عفّان (رضي اللّه عليه) އެވެ.

عثمان بن عفّان (رضي اللّه عليه) އަށް ފަހު، އެންމެ މަތިވެރި އިންސާނަކީ، ހަތަރު ރަސޫލާ محمّد (صلّى اللّه عليه و سلّم) ގެ ހަތަރު ވަނަ ޚަލީފާ ޢަޖައިބުކުރުވަނިވި ޞިފަފުޅުތަކުގެ ވެރިޔާ އަދި اللّه تعالى ގެ أسد اللّه علي بن أبي طالب (رضي اللّه عليه) އެވެ.

علي بن أبي طالب (رضي اللّه عليه) އަށް ފަހު ޚަލީފާއަކަށް ވެވެޑައިގަތީ الحسن بن علي (رضي اللّه عليه) އެވެ. ކީރތި ރަސޫލާ ގެ ޙަދީޘުފުޅެއްގައި (الخلافة بعدي ثلاثون سنة ثم تكون ملكا عضوضا) ބަޔާންކުރައްވާފައިވާ ގޮތުގައި ތިރީސް އަހަރުގެ ޚިލާފަތު ފުރިހަމަވީ އެކަލޭގެފާނާ އެކުގައެވެ. الحسن بن علي (رضي اللّه عليه) އަށް ފަހު އެންމެ މަތިވެރި އިންސާނަކީ، ކީރިތި ރަސޫލާ محمّد (صلّى اللّه عليه و سلّم) ގެ ދެ ލޮލުގެ ކޮއި ކަމުގައިވާ الحسين بن علي (رضي اللّه عليه) އެވެ.

މި މަތިވެރިކަން އެ ބޭކަލުންނަށް ލިބިފައިވަނީ، ގިނަގުނަ ޘަވާބު ހޯއްދެވުމާއި؛ ލޮބުވެތި ޤައުމު ދޫކުރައްވައި އިސްލާމް ދީނަށް ޓަކައި ހިޖުރަކުރެއްވުމާއި، އެހެން މީހުންނަށް ވުރެ ކުރިން މުސްލިމުންނަށް ވުމާއި، އެންމެ މަތީ ދަރަޖައަށް އަށް ތަބާވުމާއި؛ އެކަލޭގެފާނުގެ ސުންނަތުގައި ހިތްޕެވުމާއި؛ އެކަލޭގެފާނުގެ ދީން ފެތުރުއްވުމުގައި ގަދައަޅައި މަސައްކަތްކުރެއްވުމާއި؛ ކުފުރާއި، ފިތުނައާއި، ފަސާދަ އާ އިދިކޮޅަށް ނާދިރު ހިތްވަރާ އެކު ގޮންޖެއްސެވުމާއި، މި ހުރިހާ ކަންކަމަކީ، އެހެން އިންސާނުންގެ މައްޗަށް މަތިވެރިވީ ސަބަބުތަކެވެ.

أبوبكرالصدّيق (رضي اللّه عليه) ފިޔަވައި އެހެން ޞަޙާބީން (رضوان اللّه تعالى عليهم أجمعين) ގެ ކުރިން علي بن أبي طالب (رضي اللّه عليه) އިސްލާމްވެ ވަޑައިގަތަސް، އެކަން ވެގެންދިޔައީ، އެހެން މީހުންނަށް ޢިބްރަތެއްގެ ގޮތުގައި، އަދި ކާފިރުންނަށް ލިބުނު ނިކަމެތިކަމެއްގެ ގޮތުގައެއް ނޫނެވެ. އެހެނީ، އެކަލޭގެފާނު އިސްލާމްވެ ވަޑައިގެންނެވި އިރު، އެއީ، ކުޑަކުއްޖެކެވެ. އަދި މުދަލެއް ނެތެވެ. އަދި އެކަލޭގެފާނު ދިރިއުޅުއްވަމުން ގެންދެވީ، ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ގެ ގެކޮޅުގައެވެ. އެހެންކަމުން، ޢަލީގެފާނު އިސްލާމްވެވަޑައިގަތުމުން، އެކަލޭގެފާނަށް ތަބާވުމުގެ ގޮތުން، ކާފިރުން އިސްލާމް ދީނަށް ނުވަދެއެވެ. އަނެއް ކޮޅުން ބަލާއިރު، އަނެއް ތިން ޚަލީފާއިން އިސްލާމް ދީނަށް ވެދެވަޑައިގަތުމުން، އިސްލާމް ދީން ވަރުގަދަވެގެންދިޔަ އެވެ. علي بن أبي طالب (رضي اللّه عليه) އާއި އެކަލޭގެފާނުގެ ފިރިހެން ދަރިން، ނަބީންނާއި، ރަސޫލުންގެ ސައްޔިދު ކަމުގައިވާ ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) އާ އެންމެ ގާތް ބޭކަލުންނަށް ވުމާއި، އެކަލޭގެފާނުގެ ނަސަބުގެ ބޭކަލުންނަށް ވުމުގެ ސަބަބުން، الصدّيق الأكبر އާއި الفاروق الأعظم ގެ މައްޗަށް މަތިވެރިވެގެންވާ ކަމުގައި ދެންނެވިދާނެ އެވެ. އެކަމަކު، އެ ބޭކަލުންގެ މަތިވެރިކަމަކީ، ހުރިހާ ގޮތަކުން ލިބުނު މަތިވެރިކަމެއް ނުވެފައި، ހުރިހާ މައިދާނެއް ގައި އެ މަތިވެރި ތިން ޚަލީފާއިން ނަށް ވުރެ ދަރަޖަ މަތިވެރިވެގެން ދިއުމެއް ނޫނެވެ. އެއީ، خضر (عليه السّلام) ، موسى (عليه السّلام) އަށް ކޮންމެވެސް އެއްޗެއް އުނގަންނަވައިދެއްވުން ފަދަ ކަމެކެވެ. فاطمة الزهراء، خديجة الكبرى އާއި، عائشة الصدّيق (رضي اللّه عنهنّ) އަށް ވުރެ މަތިވެރިވެގެން ވެއެވެ. އެހެނީ، އެ ކަމަނާ، ލޭގެ ގޮތުން ރަސޫލާ އާ ގާތެވެ. ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ގެ ޙަދީޘްފުޅެއް ގައި ވެއެވެ. "فاطمة سيدة أهل الجنّة إلّا مريم". މި ތިން ކަނަބަލުންގެ ތެރެއިން އެންމެ މަތިވެރިވެގެންވަނީ ކޮން ކަނބަލެއް ކަމާ މެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައި ވެއެވެ. ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ގެ ޙަދީޘްފުޅުން އެނގޭ ފަދައިން، މި ތިން ކަނަބަލުންނާއި، مريم بنت عمران އާއި، ފިރުޢައުނުގެ އަނބިކަނބަލުން آسية އަކީ، ދުނިޔޭގެ ހުރިހާ އަންހެނުންގެ ތެރެއިން އެންމެ މަތިވެރިވެގެންވާ ފަސް އަންހެން ބޭކަނބަލުންނެވެ. ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ގެ ޙަދީޘްފުޅެއް ގައި "فاطمة سيدة نساء أهل الجنّة إلّا مريم بنت عمران" އަދި އެހެން ޙަދީޘްފުޅެއް ގައި "الحسن والحسين سيّدا شباب أهل الجنّة" މިހެން އޮތުމުގެ މާނަ އަކީ، އެންމެ ގޮތަކުން އެ ބޭފުޅުން މަތިވެރިވާ ވާހަކަ އެވެ.

ޞަޙާބީންގެ ތެރެއިން، ދެން އެންމެ މަތިވެރި ބޭކަލުންނަކީ، ސުވަރުގެ ވަންނާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާފައިވާ ދިހަ ބޭކަލުން ކަމުގައިވާ العشرة المبشرة بالجنّة އެވެ. އެއަށް ފަހު، އެންމެ މަތިވެރި މުސްލިމުންނަކީ، ބަދުރު ހަނގުރާމައިގައި ބައިވެރިވެ ވަޑައިގެންނެވި 313 މުސްލިމުންނެވެ. އެއަށް ފަހު އެންމެ މަތިވެރި މުސްލިމުންނަކީ، އުޙުދު ހަނގުރާމައިގައި ބައިވެރިވެ ވަޑައިގެންނެވި 700 މުސްލިމުންނެވެ. އޭގެ ފަހުން އެންމެ މަތިވެރި މުސްލިމުންނަކީ، بيعة الرضوان އަށް ޙާޒިރުވެ ވަޑައިގެން ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) އަށް ތަބާވުމަށް ގަސް ދޮށުގައި ބައިޢަތު ހިއްޕެވި 1400 މުސްލިމުންނެވެ.

އެ ބޭކަލުންގެ ނަފްސާއި މުދަލުން ޖިހާދުކޮށް ނަޞްރު ހޯއްދަވައިދެއްވި އެންމެހާ ޞަޙާބީން (رضوان اللّه عليهم أجمعين) ގެ އިޙްތިރާމާ އެކު ނަންގަތުމަކީ، އަޚުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެކެވެ. އަދި އެ ބޭކަލުންގެ މަތިވެރިކަމާއި، ޤަދަރުގެ މަތިވެރިކަމާ ނުގުޅޭ ގޮތަށް އެ ބޭކަލުންގެ ނަންގަތުމަކީ، ފަސާޤާއި، ގެއްލެނިވުމުގެ ތެރެއިން ވާ ކަމެކެވެ.

ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ދެކެ ލޯބިވާ މީހާ، އެކަލޭގެފާނުގެ އެންމެހާ ޞަޙާބީން (رضي اللّه عنهم) ދެކެ ވެސް ލޯބިވާންޖެހޭނެ އެވެ. އެހެނީ ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގައި ވާރިދުވެފައި ވެއެވެ.: "فمن أحبّهم فبحبّي أحبّهم ومن أبغضهم فببغضي أبغضهم ومن آذاهم فقد آذاتي ومن آذاني فقد آذى اللّه يوشك أن يأخذه". އެހެން ޙަދީޘެއް ގައި "إذا أراد اللّه برجل من أمتي خيراألقي حبّ أصحابي في قليه".

އެހެންކަމުން، ޞަޙާބީންގެ މެދުގައި ހިންގާފައިވާ ހަނގުރާމަތައް ހިނގަފައިވަނީ، ޚަލީފާއަށް ވުމަށް ނުވަތަ ހަވާނަފްސަށް ކަމަށް ނުވަތަ އަމިއްލަ އެދުންތަކެއް ޙާޞިލުކުރުމަށް ކަމަށް ހީކުރުމަކީ، ނިފާޤުކަމުގެ ޢަލާމަތެކެވެ. އަދި ހަލާކުގެ ސަބަބެކެވެ. އެހެނީ، އެބޭކަލުންގެ ހިތް ވަނީ، ތަޢައްޞުބުން (ހަރުކަށިކަމާއި، ޙަސަދަވެރިކަން). އަދި ޖާހާއި ދުނިޔެ ދެކެ ލޯބިވުމުން ޠާހިރުވެގެންނެވެ. އަދި ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ގެ އަރިހުގައި އެއްމަޖިލިހެއް ގައި ވަގުތު ހޭދަކޮށް، އެކަލޭގެފާނުގެ ބަރަކާތްތެރި ޙަދީޘް ބަސްފުޅުތައް އަޑުއެއްސެވެމުގެ ނަތީޖާއެއްގެ ގޮތުން، އެބޭކަލުން ވަނީ ދުނިޔޭގައި ޒާހިދުކަން އިތުރުވެ، ބޮޑާކަމާއި، ކިބުރުވެރިކަމާއި، އެދުންވެރިކަމާއި، ނުބައި ޠަބީޢަތުން ރައްކާތެރިވެފައެވެ. އަދި ގޯސް މީހުންނާ އެ ބޭކަލުން ދުރުވި އެވެ. އެހެން ނުވާނީ ކީއްވެ ތޯ އެވެ؟ އަޅުގަނޑުމެންގެ ތެރެއިން އެކަކަ ވެސް، محمّد (صلّى اللّه عليه وسلّم) ގެ އުއްމަތުގެ ވަލީވެރިޔަކާ އެކު މަދު ދުވަސްކޮޅަކަށް ނަމަވެސް އިށީނދެއްޖެ ވަގުތު ހޭދަކޮށްފި ކަމުގައި ވާ ނަމަ، އެ ބޭކަލެއްގެ ކަރާމާތްތެރި އަޚްލާޤު ލިބި، އެ ބޭކަލެއްގެ ރިވެތި ޞިފަތަކުން ޞިފަލިބި، އެ ބޭކަލެއްގެ އިޝާރާތުން ޠާހިރުވެ، ދުނިޔެވީ އެދުންތަކުން ޒާހިދުވެދާ ހުއްޓެވެ. އެއީ، محمّد (صلّى اللّه عليه وسلّم) ގެ އުއްމަތުގެ މީހަކާ މެދު ކަންތައް ހުރި ގޮތް ކަމުގައި ވާ ނަމަ، އަމިއްލަ ނަފްސާއި، މުދާ، ކީރިތި ރަސޫލާ (صلّى اللّه عليه وسلّم) އަށް ޤުރްބާންކޮށް، އެކަލޭގެފާނަށް ޓަކައި އަމިއްލަ ޤައުމު ދޫކޮށް، ފުރާނައިގެ ކާނާ ކަމުގައި ވި އެކަލޭގެފާނާއެކުގައި ވުމަށް ލޯބިކުރެއްވި، މާތް ޞަޙާބީންނާ މެދު އެ ބޭކަލުންގެ ނަފްސުތައް ޠާހިރު ނޫންކަމަށް އަދި އެބޭކަލުން އެއްބަޔަކު އަނެއް ބަޔަކާ ހަނގުރާމަކުރީ، ފަނާވަނިވި ދުނިޔޭގެ އެދުންވެރިކަމަށް ޓަކައި ކަމަށް ހީކުރުމަކީ، ކޮށްގެން ވާ ވަރުގެ ކަމެއް ހެއްޔެވެ؟ މި މަތިވެރި ބޭކަލުންނަކީ، ހަމަ ޔަޤީނުން ވެސް ހުރިހާ އިންސާނުންނަށް ވުރެ ޠާހިރު ބައެކެވެ. އެބޭކަލުންގެ މެދުގައި އޮތް ޚިޔާލުތަފާތުވުންތަކާއި، ހަނގުރާމަތައް، އަހަރެމެން ފަދަ ފާސިދު ފިކުރުގެ މީހުންގެ ތެރޭގައި ހިނގާ ކަންތައްތަކާ އެއްވަރުކޮށް، ނުވަތަ އެބޭކަލުން ހަނގުރާމަކުރެއްވީ ދުނިޔެވީ އެދުންތަކެއް ޙާޞިލުކުރުމަށް ކަމަށް ބުނުމަކީ، އަހަރެމެން ކުރުން އެކަށީގެންވާ ކަމެއް ހެއްޔެވެ؟ މާތްވެގެންވާ ޞަޙާބީންނާ ބެހޭގޮތުން މިފަދަ ނޭއްގާނީ ވިސްނުންތައް ގެންގުޅުމަކީ، ހުއްދަކުރެވިފައިވާ ކަމެއް ނޫނެވެ. ޞަޙާބީންނާ ދެކޮޅަށް އެއްޗެއް ބުނާ މީހާ އަށް އެނގެންޖެހޭ ކަމަކީ، ޞަޙާބީންނާ އިދެކޮޅުވުމަކީ، ކީރިތި ރަސޫލާ (صلّى اللّه عليه وسلّم) އާ ވެސް އިދެކޮޅުވުމެވެ. މި ސަބަބަށް ޓަކައި، އިސްލާމް ދީނުގެ ބޮޑެތި އިމާމުން ވިދާޅުވެފައިވަނީ: "ما آمن بالرسول صلى اللّه عليه وسلّم من لم يوقّر أصحابه رضوان اللّه عليهم أجمعين". މާނަ އަކީ: "އެކަލޭގެފާނުގެ އަޞްޙާބުންނަށް ޤަދަރު ކުޑަކޮށް ދޭންވާ އިޙްތިރާމް ނުދޭ މީހާ اللّه ގެ ރަސޫލާ އަށް އީމާނެއް ނުވިއެވެ". "ޖަމަލު" އަދި "ޞިއްފީން" މި ދެ ހަނގުރާމަ އަކީ، އެބޭކަލުން ދެރަނިކަމެތިކޮށްލުށް އޮތް ސަބަބަކަށް ހަދައިގެންނުވާނެ އެވެ. ކޮންމެވެސް ދީނީ ސަބަބުތަކަކަށް ޓަކައި، ޢަލީގެފާނާ ދެކޮޅަށް އެ ހަނގުރާމަތަކުގައި ނުކުތް ޞަޙާބީންގެ ތެރެއިން އެއްވެސް ބޭފުޅަކީ، ނުލަފާ ބޭކަލުންނެއް ނޫނެވެ. އަދި ޤިޔާމަތް ދުވަހު ދަރުމައާއި، ޘަވާބު ލިބުން ޙައްޤު ބޭކަލުންނެވެ. ކީރިތި ރަސޫލާ (صلّى اللّه عليه وسلّم) ޙަދީޘްކުރައްވާފައި ވެއެވެ.: "إن أصيبت فلك عشر حسنات وإن أخطأت فلك حسنة واحدة". ޞަޙާބީންގެ ބޮޑެތި ބޭކަލުންގެ މެދުގައި ހިނގައިދިޔަ ހަނގުރާމަ އަކީ، އަނިޔާވެރިކަމާއި، ޢަދާވާތްތެރިކަމުގެ ނަތީޖާއެއްގެ ގޮތުން ހިނގައިދިޔަ ކަމެއް ނޫނެވެ. އެކަމަކު، ތަފާތު އިޖްތިހާދު ގެ ސަބަބުންނާއި، އިސްލާމް ދީން އަމުރުކުރެއްވި ކަންތައްތަކާއިގެން ކުރިޔަށް ދިއުމުގެ ބޭނުމުގައި ހިނގައިދިޔަ ކަމެކެވެ. ކޮންމެ ޞަހާބީއަކި މުޖްތަހިދެކެވެ.

އޭނާ އަށް ވުރެ ޢިލްމުވެރި މޮޅު ބޭކަލެއްގެ އިޖްތިހާދާ ތަފާތު ވިޔަސް، ކޮންމެ މުޖްތަހިދަކު ވެސް އެ މުޖްތަހިދެއްގެ އިޖްތިހާދުން ލިބުނު މަޢުލޫމާތުތަކާ އެއްގޮތަށް ޢަމަލުކުރުމަކީ ފަރްޟެކެވެ. އެހެން އިޖްތިހާދެއް ކޮޕީކޮށް ހެދުމަކީ، ހުއްދަ ކަމެއް ނޫނެވެ. މިސާލަކަށް ދަންނަވާ ނަމަ، الإمام الأعظم أبي حنيفة ގެ ދެ ދަރިވަރުން ކަމުގައިވާ الإمام أبو يوسف އާއި، الإمام محمّد الشيشاني (رحمة اللّه عليهم)، އަދި الإمام الشافعي ގެ ދެ ދަރިވަރުން ކަމުގައިވާ الإمام أبو ثور އާއި، الإمام إسماعيل المزني (رحمة اللّه عليهم) އެ ބޭކަލުންގެ އުސްތާޒުން ކުރިފުޅުމަތީގައި ވަރަށް ގިނަ ކަންކަމުގައި ޚިލާފުވެފައި ވެއެވެ. އެ ގޮތުން، އެ ބޭކަލުންގެ އުސްތާޒުން ޙަރާމް ކަމަށް ފަތުވާދެއްވި ބައެއް ކަންތައްތައް ޙަލާލު ކަމަށް ފަތުވާދެއްވައި، އެ ބޭކަލުންގެ އުސްތާޒުން ޙަލާލު ކަމަށް ފަތުވާދެއްވި ބައެއް ކަންތައްތައް ޙަރާމް ކަމަށް ފަތުވާދެއްވާފައި ވެއެވެ. އެހެނެކޭ ކިޔާފައި، އެ ބޭކަލުން ފާފަވެރިވީއޭ ނުބުނެވޭނެ އެވެ. އެހެނީ، އެ ބޭކަލުންނަކީ، އެ ބޭކަލުންގެ އިމާމުން ފަދައިން މުޖްތަހިދުންނެވެ.

معاوية ގެ ފާނާއި، عمرو بن العاص (رضي اللّه تعالى عنهما) އަށް ވުރެ علي (رضي اللّه عنه) ޢިލްމުވެރިވެފައި، މަތިވެރިވެގެން ވެއެވެ. އެކަލޭގެފާނުގެ ރަނގަޅުކަމާއި، މަތިވެރިކަން ދަލާލަތުކޮށްދޭ އެ ދެބޭފުޅުންނަށް ވުރެ މާ ގިނަ މަތިވެރި ސިފަތަކެއް ޢަލީގެފާނަށް ލިބިގެންވިއެވެ. އަދި علي (رضي اللّه عنه) ގެ އިޖްތިހާދު އެ ދެބޭފުޅުންގެ އިޖްތިހާދަށް ވުރެ މާ ބާރުގަދަވެފައި، ތެދެވެ. އެކަމަކު ވެސް، ހުރިހާ ޞަޙާބީންނަކީ މުޖްތަހިދުން ކަމަށް ވުމާ އެކު، ވަރުގަދަ ދީނީ އިމާމު ކަމުގައިވާ علي (رضي اللّه عنه) ގެ އިޖްތިހާދު ކޮޕީކޮށް އެއަށް ތަބާވުމަކީ معاوية ގެ ފާނާއި، عمرو بن العاص އަށް ޖާއިޒުކަމެއް ނޫނެވެ. އެ ދެ ބޭކަލުންގެ މައްޗަށް ލާޒިމުވީ އެ ދެބޭކަލުންގެ އިޖްތިހާދާ އެއްގޮތަށް ޢަމަލުކުރުމެވެ.

ސުވާލު: "ޖަމަލު" އަދި "ޞިއްފީން" މި ދެ ހަނގުރާމާގައި ބައިވެރިވި ގިނަ ޢަދަދެއްގެ އަންޞާރުންނާއި، މުހާޖިރީންނަކީ، علي (رضي اللّه عنه) އާ އެއް ޞަފެއްގައި އެކަލޭގެފާނުގެ އަމުރަށް ތަބާވީ ޞަޙާބީންނެވެ. އެ ހުރިހާ ބޭކަލުންނަކީ މުޖްތަހިދުންނަށް ވީކަމުގައި ވިޔަސް، އެބޭކަލުން ދުށްގޮތުގައި، علي (رضي اللّه عنه) އަށް ތަބާވުމަކީ ވާޖިބެކެވެ. މިއިން ދައްކައިދެނީ، علي (رضي اللّه عنه) އަށް ތަބާވުމަކީ، މުޖްތަހިދުންނަށް ވެސް ވާޖިބު ކަމެއް ކަމެވެ. އެބޭކަލުންގެ އިޖްތިހާދު علي (رضي اللّه عنه) ގެ އިޖްތިހާދާ އެއް އެއްބަސް ނުވެވުނަސް، އެކަލޭގެފާނަށް ތަބާވާންޖެހުނެވެ. އެހެން ނޫން ހެއްޔެވެ؟

ޖަވާބު: علي (رضي اللّه عنه) އާ އެކު ހަނގުރާމަކުރި މުސްލިމުން އެކަން ކުރެއްވީ އެކަލޭގެފާނުގެ އިޖްތިހާދަށް ތަބާވުމުގެ ގޮތަކުން ނޫނެވެ. އެކަމަކު، އެ ބޭކަލުންގެ އިޖްތިހާދު އެކަލޭގެފާނުގެ އިޖްތިހާދާ އެއްބަސްވެވުމުންނެވެ. އަދި އެއިން ދައްކައިދިނީ، إمام علي (رضي اللّه عنه) އަށް ތަބާވުމަކީ، އެބޭކަލުންގެ އިޖްތިހާދަށް ބަލާ އިރު، ލާޒިމުކަމެއް ކަމެވެ. ހަމަ އެއާއެކު، ބައެއް ޞަހާބީން (رضوان اللّه عليهم أجمعين) ގެ އިޖްތިހާދު الإمام علي ގެ އިޖްތިހާދާ އެއްގޮތެއް ނުވުމާ އެކު މަތިވެރިވެގެންވާ إمام އާ ހަނގުރާމަކުރުން އެބޭކަލުންގެ މައްޗަށް ވާޖިބުވީ އެވެ. ޞަހާބީންގެ އިޖްތިހާދު ބެހިގެންވަނީ 3 ބަޔަކަށެވެ.: علي (رضي اللّه عنه) ހުންނެވީ ޙައްޤު ގޮތުގައި ކަމަށާއި، އެކަލޭގެފާނަށް ތަބާވުމަކީ ވާޖިބެއް ކަމަށް ބައެއް ޞަޙާބީން ޤަބޫލުކުރި އެވެ؛ ބައެއް ޞަޙާބީން ދުށް ގޮތުގައި، علي (رضي اللّه عنه) އާ ޚިލާފުވީ މީހުން ތިބީ ޙައްޤު ގޮތުގައެވެ. އެއާއެކު، علي (رضي اللّه عنه) އާ ދެކޮޅު މީހުންނާ އެކު އެކަލޭގެފާނާ ދެކޮޅަށް ހަނގުރާމަކުރުމަކީ، އެބޭކަލުންގެ މައްޗަށް ވާޖިބެއް ކަމަށް އެ މީހުން ދެކުނެވެ؛ ތިންވަނަ ގްރޫޕުން ބުނިގޮތުގައި، ދެކޮޅުން ކުރެ އެއްވެސް ކޮޅަކަށް ތަބާވުނުވެ ހަނގުރާމަނުކުރުމަކީ، ކޮންމެހެން ކުރަންޖެހޭ ޟަރޫރީ ކަމެކެވެ. އަދި އެބޭކަލުންގެ އިޖްތިހާދުން ދައްކާ ގޮތުން، ހަނގުރާމައިގައި ބައިވެރިވާކަށް ނުޖެހެއެވެ. މި ތިން ގްރޫޕު ވެސް ޔަޤީނުން ތިބީ ރަނގަޅު ގޮތުގައެވެ. އަދި ސަވާބު ލިބުން ޙައްޤެވެ.

ސުވާލު: "މަތީގައި ވާ ޖަވާބުން ދައްކުވައިދެނީ، أهل السنّة والجماعة ގެ ޢިލްމުވެރިން ދެކެލައްވާ ގޮތުގައި، ޙައްޤުގެ ކޮޅު އޮތީ علي (رضي اللّه عنه) އާ އެކު ކަމުގައި ކަމަށް ވެފައި، އެކަލޭގެފާނާ ދެކޮޅު މީހުން ތިބީ ގޯސްކޮށް ކަމަށް ވާ އިރު، ޢުޒުރެއް އޮތުމާ އެކު އެބޭކަލުންނަށް މާފުކޮށްދެއްވައި، އެ ކަމަށް ސަވާބު ލިބިފައި ވިޔަސް، الإمام علي (رضي اللّه عنه) އާ ދެކޮޅަށް ހަނގުރާމަކުރި މީހުން ވެސް ތިބީ ޙައްޤު ގޮތުގައި ކަމެވެ. އެކަމާ މެދު ބުނެވޭނީ ކީކޭ ތޯ އެވެ؟

ޖަވާބު: الإمام الشافعي އާއި، عمر بن عبدالعزيز އާއި އަދިވެސް އުއްމަތުގެ ބޮޑެތި އެހެން އިމާމުން ވިދާޅުވެފައިވާ ގޮތުގައި، އެއްވެސް ޞަޙާބީއަކު ގޯހެއް ހެދި ކަމަށް ބުނުން ހުއްދައެއް ނޫނެވެ. މި ސަބަބަށް ޓަކައި، ބުނެވޭ ގޮތުގައި: "ބޮޑެތި މީހުން ގޯހެއް ހަދައިފިއޭ ބުނުމަކީ ގޯހެކެވެ". ދަށުގައި ތިބޭ މީހުން، އެ މީހުންގެ މައްޗަށް ތިބޭ މީހުންނާ މެދު "އޭނާ ކުރީ ރަނގަޅަށް"، "އޭނާ ކުރީ ގޯސްކޮށް"، "އަހަރެމެން ހުއްދަދެން"، ނުވަތަ "އަހަރެމެން ހުއްދަނުދެން" މިފަދަ ބަސްތައް ބުނުމަކީ، ހުއްދަ ކަމެއް ނޫނެވެ. އެ މީހުންގެ ޙައްޤަށް އަރައިގަންނަ ގޮތަށް ވާހަކަދެއްކުމުން އަހަރެމެންގެ ދޫތައް ރައްކާތެރިކުރަން ޖެހޭނެ އެވެ. ދަލީލުތަކާއި، ޙާދިސާތައް ދިރާސާކުރެއްވި މަތިވެރި ޢިލްމުވެރިން، الإمام علي (رضي اللّه عنه) ހުންނެވީ ޞައްޙަ ގޮތުގައި ކަމަށާއި، އެކަލޭގެފާނާ އިދިކޮޅު މީހުން ތިބީ ގޯސް ގޮތުގައި ކަމަށް ވިދާޅުވުމުން، ޙަޤީޤަތުގައި އޭގެ މާނަ އަކީ، އިދިކޮޅުގައި ތިބި މީހުންނާ ވާހަކަދެއްކެވުގެ ފުރުޞަތު ޢަލީގެފާނަށް ލިބިވަޑައިގަތް ނަމަ، އެކަލޭގެފާނުގެ އިޖްތިހާދާ އެއްގޮތްވާ ގޮތަށް އިޖްތިހާދުކުރުމަށް އެ ބޭކަލުންނަށް އިރުޝާދު ދެއްވީހެވެ. އެއީ، "ޖަމަލު" ހަނގުރާމައިގައި زبير بن العوام (رضي اللّه عنه) އެންމެ ފުރަތަމަ علي (رضي اللّه عنه) އާ ދެކޮޅަށް ހުންނެވުމަށް ފަހު، އެކަލޭގެފާނުގެ އިޖްތިހާދު ބަދަލުކުރެއްވުމަށް ފަހު، ހަނގުރާމަކުރުން ހުއްޓާލެވި ގޮތަށެވެ. ގޯސް ހުއްދަ ކަމަށް أهل السنّة ގެ ޢިލްމުވެރިން ވިދާޅުވާ ވިދާޅުވުން މާނަކުރަންވާނީ މި ގޮތަށެވެ. علي (رضي اللّه عنه) އާއި އެކަލޭގެފާނާ އެކު ތިއްބެވި ޞަޙާބީން ތިއްބެވީ ޙައްޤު ގޮތުގައި ކަމަށާއި، އަނެއް ގްރޫޕުގައި أمّ المؤمنين عائشة الصدّيق އާއި އެކަމަނާ އާ އެއްކޮށްތިއްބެވި ޞަޙާބީން ތިއްބެވީ ބާޠިލު ގޮތުގައި ކަމަށް ބުނުން ޞައްޙައެއް ނޫނެވެ.

ޞަޙާބީންގެ މެދުގައި ހިނގައިދިޔަ މި ހަނގުރާމަތަކަކީ، ޝަރުޢީ ޙުކުމްތަކުގެ އެއް ގޮފި ކަމުގައިވާ އިޖްތިހާދު ކުރުމުގައި އުފެދުނު ޚިލާފުތަކެއްގެ ނަތީޖާ އެވެ. އިސްލާމް ދީނުގެ ރުކުންތަކާއި، މަޝްހޫރު ޝަރުޢީ މައްސަލަތަކުގައި އެއްވެސް އިޚްތިލާފެއް ނެތެވެ. މިހާރަކަށް އައިސް، ބައެއް މީހުން، معاوية އާއި عمرو بن العاص (رضي اللّه عنهما) ފަދަ އިސްލާމް ދީނުގެ މަތިވެރި އިމާމުންނާ މެދު ކުޑައިމީސްކޮށް އަދި އަދަބުކުޑަކޮށް ވާހަކަދައްކައެވެ. އެ މީހުންނަށް ނޭނގޭ ކަމަކީ، ޞަޙާބީންގެ އަބުރަށް ހުރުތުވާ ގޮތަށް ވާހަކަދެއްކުމަކީ، ޙަޤީޤަތުގައި ކީރިތި ރަސޫލާ (صلّى اللّه عليه وسلّم) ގެ އަބުރުފުޅާ ބެހުމެވެ. الشفاء މި ފޮތުގައި الإمام مالك بن أنس ލިޔުއްވާފައި ވެއެވެ.: "ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ގެ ޞަޙާބީން ކަމުގައިވާ أبوبكر، ނުވަތަ عمر، ނުވަތަ عثمان، ނުވަތަ معاوية، ނުވަތަ عمرو بن العاص އަށް ހުތުރު އެއްޗެހި ކިޔައި، އެބޭކަލުން ވީ ގެއްލެނިވުމާއި، ކުފުރު ގައި ކަމުގައި ވިޔަސް، އަދަބަކީ، މަރުގެ އަދަބެވެ. އަދި އެ ނޫންގޮތަކަށް އެ ބޭކަލުންނަށް ހުތުރު އެއްޗެހި ކިޔައިފި ނަމަ ބޮޑުވެގެންވާ އަދަބެއް ދޭ ހުށި ކަމެވެ". اللّه تعالى އަޅަމެންގެ ހިތްތައް ޢިމާރާތް ކޮށްދެއްވާފައިވަނީ، އެކަލާނގެ حبيب المصطفى (صلّى اللّه عليه وسلّم) އާއި، އެކަލޭގެފާނުގެ ޠާހިރު އަދި ސީދާ ޞަޙާބީންނަށް މަވައްދަތާއި، ލޯތްބާ އެކުގައެވެ. އެ މަތިވެރި ބޭކަލުން ދެކެ ލޯބިވަނީ ޞާލިޙުންނާއި، ތަޤްވާވެރިންނެވެ. މުނާފިޤުންނާއި، ފާފަވެރިންނެއް ނޫނެވެ.

[ކީރތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ގެ ޞަޙާބީންގެ މަތިވެރިކަން ދަނެ، އެ ހުރިހާ ޞަޙާބީން ދެކެ ލޯބިވެ، އިޙްތިރާމްކުރާ މީހުންނަށް ކިޔެނީ، أهل السنّة އެވެ. ބައެއް ޞަޙާބީން ދެކެ ލޯބިވާ ކަމަށް ބުނެ، ބައެއް ޞަހާބީންނަށް ނަފްރަތުކޮށް، ގިނަ ޞަޙާބީންނަށް ހުތުރު އެއްޗެހި ކިޔައި، އެއްވެސް ޞަޙާބީއަކަށް ތަބާނުވާ މީހުންނަށް ކިޔާ ނަމަކީ، ޝީޢީންނެވެ. އީރާނާއި، އިންޑިޔާ އާއި، ޢިރާޤު ގައި ވަރަށް ގިނަ ޝީޢީން ދިރިއުޅެއެވެ. ތުރުކީވިލާތުގައި އެއްވެސް ވަރަކަށް ޝީޢީން ނޫޅެއެވެ. އޮޅުވާލުމަށް ޓަކައި، އަމިއްލަޔަށް ޢަލަވީންނޭ ކިޔައި އުޅެތެވެ. އެކަމަކު، ޙަޤީޤީ ޢަލަވީ އަކީ، الإمام علي (رضي اللّه عنه) ދެކެ ލޯބިވާ މީހާ އެވެ. ޢަލީގެފާނު ދެކެ ލޯބިވުމަށް ޓަކައި، އެކަލޭގެފާނު ދެއްކެވި ތެދުމަގަށް ތަބާވާން ޖެހެއެވެ. ޢަލީގެފާނު ހުރިހާ ޞަޙާބީން ދެކެ ލޯބިވެލެއްވި އެވެ. ޢަލީގެފާނަކީ، ޚަލީފާ ޢުމަރު ބިން ޚައްޠާބުގެ މަޝްވަރާ ދެއްވައި، އިތުބާރުކުރެއްވި ބޭކަލެކެވެ. ޢަލީގެފާނާއި، ރަސޫލާގެ ދަރިކަނބަލުން އާ ދެމަފިރިންގެ ދަރިކަނބަލުން ޢުމަރުގެފާނާ ކައިވެނިކުރެއްވި އެވެ. އެކަލޭގެފާނު ދެއްވި ޚުޠުބާއެއް ގައި معاوية ގެ ޙައްޤުގައި ވިދާޅުވި އެވެ.: "އަހަރެމެންގެ އަޚުން އަހަރެމެންނާ އެއްބަހެއް ނުވެއެވެ. އެހެނަސް، އެއީ، ދީން ޤަބޫލުނުކުރާ ނުވަތަ ފާފަވެރިންނެއް ނޫނެވެ. އެބޭކަލުންގެ ޢަމަލުތައް އެހެން ބެހެއްޓުމަށް މަގުދައްކަނީ އެބޭކަލުންގެ އިޖްތިހާދުންނެވެ". ޢަލީގެފާނާ ހަނގުރާމަކުރައްވަނިކޮށް ޝަހީދުވި طلحة (رضي اللّه عنه) ގެ މޫނުފުޅުން ހިރަފުސް ސާފުކުރައްވައި، އެކަލޭގެފާނުގެ މައްޗަށް ކުރެވުނު ކަށުނަމާދު އިމާމުވެ ކުރެއްވީ ވެސް ޢަލީގެފާނެވެ. الله تعالى ވަޙީ ކުރައްވާފައި ވެއެވެ. (إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌۭ * الحجرات: 10) މާނައީ: "مؤمن ން ވާކަން ކަށަވަރީ، أخ ންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ أخ ން ދެމެދު ތިޔަބައިމީހުން صلح ކުރާށެވެ! އަދި ތިޔަބައިމީހުން الله އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ލެއްވުމަށްޓަކައެވެ". ހަމައެހެންމެ سورة الفتح ގެ ފަހު އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ. (رُحَمَآءُ بَيْنَهُمْ ۖ * سورة الفتح: 29) މާނައީ: "އެއުރެންގެ މެދުގައި އޯގާވެރި رحمة ތެރި ބައެކެވެ". ރަސޫލާގެ ޞަޙާބީންގެ ތެރެއިން ބޭކަލަކަށް، ނުވަތަ ޢަދާވާތްތެރިކަމެއް ގެންގުޅުމަކީ، ކީރިތި ޤުރްއާނުގައި ވާ ގޮތަށް ޢަމަލުނުކުރުމެވެ. ރަސޫލާގެ ޞަޙާބީންގެ މަތިވެރިކަން أهل السنّة ގެ ޢިލްމުވެރިންނަށް ރަނގަޅަށް އެނގިވަޑައިގެން، އެ ހުރިހާ ޞަޙާބީންނަށް ލޯބިވުމަށް މުސްލިމުންނަށް އަމުރުކުރައްވައި، މުސްލިމުން ނުރައްކަލުން ސަލާމަތްކުރެއްވި އެވެ.

ސުންނީ މުސްލިމުންގެ ލޯބި ލިބިފައިވާ علي (رضي اللّه عنه) އާއި، އެކަލޭގެފާނުގެ އާލުންނާއި، ދަރިދަރިކަލުންނާއި، ދަރިފަސްކޮޅަށް ނުރުހުންވެ، ޙަސަދަލައިގެން ތިބި މީހުންނަށް ކިޔާ ނަމަކީ، ޚަވާރިޖީންނެވެ. މިހާރު އެ މީހުންނަށް ކިޔެނީ ޔަޒީދީންނެވެ. އެ މީހުންނަކީ، ވަރަށް ބޮޑަށް މަގުގެއްލިފައިވާ އަދި އިސްލާމީ ޢަޤީދާ އާ އެއްވެސް ގުޅުމެއް ހުރި ބައެއް ނޫނެވެ.

Read this chapter in another language

Türkçe中文(普通话)EnglishPortuguêsРусскийአማርኛFilipinoУкраїнськаČeštinaБългарски

Share

WhatsApp Telegram X Facebook E-mail