Hakikat Books
English
Preview — this text has not yet been approved for publication.

Chapter 13 / 18

އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ހަ ވަނަ ރުކުން

އީމާންކަމުގެ ހަ ރުކުނު ގެ ތެރެއިން ހަ ވަނަ ރުކުނަކީ، "ހެޔޮ މިންވަރާއި ނުބައި މިންވަރު ދެއްވަނީ اللّه تعالى ކަމަށް އީމާންވުމެވެ". ރަނގަޅު، ނުބައި، ފައިދާހުރި، އަދި ގެއްލުންހުރި ކަމަކަށް ވިޔަސް، މީސްތަކުން ކުރާހާ ކަންތައްތަކަކީ، اللّه سبحانه تعالى ގެ ތަޤްދީރާއި، އިރދަފުޅުގެ ދަށުން ހިނގާ ކަންތައްތަކެވެ. قدر ގެ މާނަ އަކީ، ޢަދަދާއި، ޙުކުމާއި، ތަރުތީބާއި، ގިނަމިނާއި، ބޮޑުމިން ވަޒަންކުރުމެވެ. ކަމެއް ވުޖޫދުވުމަށް اللّه تعالى ގެ އިރާދަކުރެއްވުމަށް ކިޔޭ ނަމަކީ، قدر އެވެ. قدر އިން ވުމަށް އިރާދަކުރައްވާ ކަމަކަށް ކިޔެނީ قضاء އެވެ. قضاء އާއި قدر މި ދެ ކަލިމައަކީ އެއް މާނައެއް ގައި ބޭނުންކުރެވޭ ދެ ކަލިމައެވެ. މި އަސާސްގެ މަތިން قضاء ގެ މާނަ އަކީ: އަޒަލުން ފެށިގެން އަބަދަށް ހުރިހާ މަޚްލޫޤުން ވަނީ އަޒަލުގައި اللّه تعالى ގެ އިރާދަފުޅުގެ ދަށުންނެވެ. އަދި قدر ގެ މާނަ އަކީ، قضاء ގައި ވާ ފަދައިން އެއްވެސް އެއްޗެއް އުނިއިތުރެއް ނެތި އުފެއްދެވުމެވެ. އެހެނީ، އޭގެ ކުރިން އެއްވެސް އެއްޗެއް ނުވާ އަޒަލު ގައި اللّه تعالى ދެނެވޮޑިގެންވިއެވެ. އެކަލާނގެ މި ޢިލްމަށް ކިޔެނީ قضاء އަދި قدر އެވެ. ފައިލަސޫފުން އެއަށް ކިޔާފައިވަނީ، العناية الأزليّة އެވެ. ހުރިހާ މަޚްލޫޤުން ވުޖޫދުވެފައިވަނީ قضاء ގެ ނަތީޖާއެއްގެ ގޮތުންނެވެ. އަދި ހަމަ އެއާއެކު، އެކަލާނގެ ޢިލްމާ އެއްގޮތަށް އަޒަލުގައި ކަންތައްތައް ހިނގުމަކީ قدر އެވެ. قدر އަށް އީމާންވުމަށް ޓަކައި، އެންމެ ފުރަތަމަ އެނގި އީމާންވާން ޖެހޭ ކަމަކީ، اللّه تعالى ކަމަކަށް އިރާދަކުރައްވައިފި ނަމަ، އެކަމެއް އެކަމެއް އިރާދަކުރެއްވި ގޮތަށް އުނި އިތުރެއް ނެތި ވުދޫވާނެ ކަމެވެ. ވުޖޫދުނުވާނެ ކަމަށް އެކަލާނގެ އިރާދަކުރެއްވި އެއްޗެއް ވުޖޫދުވުމާއި، އަދި ވުޖޫދުވާނެ ކަމަށް އެކަލާނގެ އިރާދަކުރެއްވި އެއްޗެއް ވުޖޫދުނުވުމަކީ، މުސްތަޙީލު ކަމެކެވެ.

ހުރިހާ ޖަނަވާރުތަކާއި، ގަސްގަހާގެއްސާއި، ދިރުން ނެތް މަޚްލޫޤުންނާއި، [ހަރު އެއްޗެއްސާއި، ދިޔާ އެއްޗއްސާއި، ގޭސްތަކާއި، ތަރިތަކާއި، މޮލެކިއުލްސްތަކާއި، އެޓޮމްތަކާއި، އިލެކްޓްރޯންތަކާއި، އިލެކްޓްރޯންތަކާއި، އިލްކްޓްރޯމެގްނެޓިކް ވޭވްތަކާއި، ކޮންމެ މަޚްލޫޤެއްގެ ހުރިހާ ޙަރަކާތްތަކާއި، ހިނގާ ކަންތައްތަކާއި، ކެމިކަލް އަދި ނިއުކްލިއަރ ރިއެކްޝަންތަކާއި، ދިރުންލެއްވި މަޚްލޫޤުންގެ ހަށިތަކުގައި ހުންނަ ހަކަތަޔާއި، ފިޒިއޮލޮޖިކަލް ކަންތައްތައް] ހުރިހާ އެއްޗެއް ހުރުމާއި ނެތުމާއި، އިންސާނުންގެ ރަނގަޅު އަދި ނުބައި ޢަމަލުތަކާއި، ދުނިޔެއާއި އާޚިރަތުގައި އެ މީހުންނަށް ޖަޒާދެއްވުމާއި، ހުރިހާ ކަމަކީ، އަޒަލުން ފެށިގެން اللّه تعالى ދެނެވޮޑިގެންވީ ކަންތައްތަކެވެ. ވުޖޫދުވާނެ ހުރިހާ އެއްޗިއްސާއި، އަދި ވުޖޫދުނުވާ އެއްޗިއްސާއި، އެއެއްޗެހީގެ ޞިފަތަކާއި، ޙަރަކާތްތަކާއި، ޙާދިޘާތައް ހައްދަވަނީ އަޒަލުގައި އެކަލާނގެ ދެނެވޮޑިގެންވާ ވުމުގެ ދަށުންނެވެ. اللّه تعالى އަކީ، އަޅުތަކުންގެ ހުރިހާ ޢަމަލުތަކެއް، އެއީ ރަނގަޅު ކަންތައްތައް ކަމަށް ވީނަމަވެސް، ނުވަތަ ހުތުރު ކަންތައްތައް ކަމަށް ވީ ނަމަވެސް، އަދި އެބައިމީހުން އިސްލާމް ދީން ޤަބޫލުކުރުމާއި ނުކުރުމާއި، އެބައިމީހުން ބޭނުންވެގެން ނުވަތަ ބޭނުންނުވެ ކުރާ ހުރިހާ ޢަމަލުތަކެއް ހައްދަވަނީ اللّه تعالى އެވެ. ކަންތައްތައް ހިނގުމަށް މެދުވެރިވާ ސަބަބުތައް ހައްދަވަނީ އެކަލާނގެ އެވެ. އަދި ކޮންމެ ކަމަކަށް ސަބަބެއް ލެއްވި އެވެ.

މިސާލަކަށް ދަންނަވާ ނަމަ، އަލިފާނަކީ ރޯވެ އަނދާ އެއްޗެކެވެ. ރޯވެ އެނދުން ހައްދަވަނީ اللّه تعالى އެވެ. އެނދުމާ އަލިފާނާ އެއްވެސް ގުޅުމެއް ނެތެވެ. އެކަމަކު އިލާހީ އާދަޔަކީ، އަލިފާން އެއްޗެއް ގައި ނުޖެހޭހާ ހިނދަކު ނޭނދުމެވެ. [ރޯވެ އެނދުމަށް ބޭނުންވާ ވަރަށް ހޫނުމިން އިތުރުކުރުން ފިޔަވައި އެހެން ކަމެއް އަލިފާނުން ނުކުރެއެވެ. ގުނަވަންތައް ހުންނަ ޖިސްމުތަކުގައި ހުންނަ ކާބަން އާއި، ހައިޑްރޯޖަން އޮކްސިޖަން އާ އެއްކޮށް، ނުވަތަ އިލެކްޓްރޯންތައް ފޮނުވާ އެއްޗަކީ އަލިފާނެއް ނޫނެވެ. ޙަޤީޤަތް ނުދަންނަ މީހުން ހީކުރަނީ އެކަންކަން ކުރަނީ އަލިފާން ކަމަށެވެ. ރޯކޮށް، އެނދުން މެދުވެރިކުރާ އެއްޗަކީ، އަލިފާން، ނުވަތަ އޮކްސިޖަން، ނުވަތަ ހޫނުކަން، ނުވަތަ އިލްކްޓްރޯން ބަދަލުވާ ވުމެއް ވެސް ނޫނެވެ. އެކަމަކު، އަންދަވާ ހަމައެކަނި ފަރާތަކީ اللّه تعالى އެވެ. އެކަލާނގެ މިއިން ކޮންމެ ކަމެއް ވެސް ހައްދަވާފައިވަނީ، އެނދުމުގެ ސަބަބުތަކުގެ ގޮތުގައެވެ. ތަންދޮރުނުދަންނަ މީހާ ހީކުރަނީ، މި ހުރިހާ ކަމެއް ހިނގަނީ އަލިފާނުން ކަމަށެވެ. އިބްތިދާއީ ސްކޫލް ނިންމާ ދަރިވަރު "އަލފާން އަނދާ" މި ބަޔާނާ ދެކޮޅެވެ. އޭގެ ބަދަލުގައި، އެ ދަރިވަރު ބުނާނީ، "ވައި އަނދާ" މިހެންނެވެ. "ވައި އަނދާ" މި ޢިބާރާތް އިޢުދާދީ މަރުޙަލާ ނިންމާ ސްކޫލް ދަރިވަރަށް ކަމަކުނުދާނެ އެވެ. އޭގެ ބަދަލުގައި، އެ ދަރިވަރު ބުނާނީ، "ވައި ގައި ހުންނަ އޮކްސިޖަނުން އަންދާ" މިހެންނެވެ. ހައި ސްކޫލް ނިންމާ ދަރިވަރަކު ބުނާނީ، އެނދުމަކީ އޮކްސިޖަނަށް ޚާއްޞަ އެއްޗެއް ނޫން ކަމަށާއި، އިލެކްޓްރޯން ދަމައިގަންނަ ކޮންމެ އެއްޗަކީ އަނދާ އެއްޗެއް ކަމަށެވެ. ޔުނިވަރސިޓީ ދަރިވަރަކު ނަމަ، ހަކަތަ އާއި، މާއްދާ އަށް ބަލާނެ އެވެ. މިއިން އެނގޭ އެއްޗަކީ، ތަޢުލީމީ މަރުޙަލާ މައްޗަށް ދިޔަ ވަރަކަށް، މައްސަލައިގެ ޙަޤީޤަތާ ކައިރިވެ، ކަންކަމުގެ ސަބަބުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ވާ ކަން ދެނެގަނެއެވެ. އެންމެ މަތީ ލެވެލްގެ ޢިލްމު ލިބިފައިވާ ނަބީންނާއި ރަސޫލުންނާއި (عليهم السّلام)، އެބޭކަލުންނަށް ތަބާވެ، އެބޭކަލުންގެ ޢިލްމުގެ ކަނޑުތަކުން ތިކިތަކެއް ޙާޞިލުކުރެއްވި އިސްލާމީ ޢިލްމުވެރިން އިޝާރާތް ކުރައްވާފައިވާ ގޮތުގައި، މިއަދު ރޯކުރުވާ އެއްޗެހީގެ ގޮތުގައި ބަލާ ކޮންމެ އެއްޗަކީ، ޙަޤީޤީ ހެއްދެވި ފަރާތުން މެދުވެރިވާ އެއްޗެއްގެ ގޮތުގައި އެކަމަށް މެދުވެރިވާ ބަލިކަށި އަދި އެކަމަށް ޤާބިލުނޫން ވަސީލަތްތަކެކެވެ.] އެނދުމަކީ، ހަމައެކަނި اللّه تعالى ކުރައްވާ ކަމެކެވެ. އެކަލާނގެ އިރާދަކުރައްވައިފި ނަމަ، އަލިފާނާ ނުލައި އަނދައެވެ. އެކަމަކު، اللّه تعالى އާދަފުޅަކީ، އަލިފާނުން އެނދުމެވެ. ނޭނދުމަށް އެކަލާގެ އިރާދަކުރައްވައިފި ނަމަ، އަލިފާނުން އެނދުންވެސް އެކަލާނގެ ހުއްޓުވައެވެ. އެކަލާނގެ إبراهيم (عليه السّلام) އަލިފާނުގައި ނުއަނދާ ގޮތަށް މެދުވެރިކުރެއްވި އެވެ. އެކަލާނގެ އިބްރާހީމްގެފާނު ދެކެ ނުހަނު ލޯބިވެވޮޑިގެންވާތީ، އަލިފާން ރޯވުމުގައި އެކަލާނގެ އާދަ ބަދަލުކުރެއްވި އެވެ. [ކަން ވާ ގޮތަކީ، އަލިފާން ރޯވުން ހުއްޓުވާ މާއްދާތައް ވެސް ހައްދަވަނީ އެކަލާނގެ އެވެ. އެފަދަ މާއްދާތައް ކެމިސްޓުން ގެންދަވަނީ ހޯއްދަވަމުންނެވެ.]

اللّه تعالى އިރާދަކުރެއްވި ނަމަ، ހުރިހާ އެއްޗެއް ވެސް ސަބަބަކާ ނުލައި ހެއްދެވީހެވެ. އެގޮތުން، އަލިފާނާ ނުލައި އަންދަވައި، ކެއުމާ ނުލައި އަހަރެމެންގެ ބަނޑުފުރާނަ މުއްތިކުރައްވައި، މަތިންދާބޯޓަކާ ނުލައި އަހަރެމެން އުދުއްސަވައި، ރޭޑިޔޯއަކާ ނުލައި ދުރުން އަޑުއިވޭގޮތް ހެއްދެވީހެވެ. އެކަމަކު، އެކަލާނގެ އަޅުތަކުންނަށް އެކަލާނގެ ދީލަތިކަމާއި، ފަޟްލުވަންތަވެރިކަމާއި، އިޙްސާންތެރިކަމުން، ކޮންމެ ކަމަކަށް ވެސް ސަބަބެއް ލެއްވި އެވެ. ޚަލްޤުކުރެއްވުމުގައި، ޚަލްޤުކުރެއްވުމުގައި اللّه تعالى އިރާދަކުރެއްވީ ވަކި އެއްޗިއްސަށް ވަކި ސަބަބުތަކެކެވެ. އަދި ސަބަބުތަކާ ގުޅިފައިވާ އެކަލާނގެ ބާރު ވަނީ ވަންހަނާކުރައްވާފައެވެ. އެކަލާނގެ އެއްޗެއް ހެއްދެވުމަށް އެދޭމީހާ ހިފާނީ އޭގެ ސަބަބުތަކުގައި ހިފައިގެން އެ ކަމެއް ޙާޞިލުކުރެއެވެ. [ފާނޫސެއް (ބައްތިއެއް) ރޯކުރަން ބޭނުންވާ މީހާ ބޭނުންކުރަނީ އަލިފާން ދަނޑިއެވެ؛ އަދި ޒައިތޫނިން ތެޔޮ ހިޔަން ބޭނުންވާ މީހާ ބޭނުންކުރަނީ ފެލައި އަދި ހިމުންކުރާ އާލާތެވެ؛ ބޮލުގައި ރިއްސާ މީހާ ބޭނުންކުރާނީ އެސްޕިރީނެވެ؛ ސުވަރުގެއަށް ވަދެ ނިމުމެއް ނެތް ނިޢުމަތްތައް އެދޭ މީހާ އިސްލާމް ދީނުގައި ވާ ގޮތަށް އުޅޭނެ އެވެ؛ ފިސްތޯލައެއް ތިމާގެ ގަޔަށް ޖަހާ މީހާ ނުވަތަ ވިހަ ބޯ މީހާ މަރުވާނެ އެވެ؛ ދާހިއްލާ އިރު ފެން ބޯ މީހާ ބަލިވާނެ އެވެ؛ ފާފަޔަށް އަރައި، ކުފުރުވާ މީހާ ވަންނާނީ ނަރަކަ އަށެވެ. އެ މީހަކު ކޮންމެ ސަބަބެއް ގައި ހިފިކަމުގައި ވިޔަސް، އެ ސަބަބެއް އެ ކަމެއްގެ ވަސީލަތަކަށް އުފައްދަވާފައިވާ ކަމެއް ހިނގާނެ އެވެ. އިސްލާމީ ފޮތްތައް ކިޔާ މީހަކު އިސްލާމް ދީން އުނގެނި، އެއަށް ހިތްޖެހި، މުސްލިމަކަށް ވެއެވެ. ކާފިރުންނާއި، މުލްޙިދުންނާ އެކު އުޅެ، އެ މީހުންގެ ވާހަކަ އަޑުއަހާ މީހާ ވާނީ ދީނީ ގޮތުން ޖާހިލަކަށެވެ. ދީނީ ގޮތުން ޖާހިލު ގިނަ މީހުން ވަނީ ކާފިރުންނަށެވެ. މީހަކު އުޅަނދަކަށް އެރުމުން، އެމީހަކު އެ ދާން ބޭނުން ތަނަކަށް ދެވެއެވެ.]

اللّه تعالى އެކަލާނގެ ބާރުތައް ސަބަބުތަކާ ނުލައި ހެއްދެވި ނަމަ؛ އެއްވެސް މީހަކު އަނެކަކަށް ބޭނުންނުވީހެވެ؛ ކޮންމެ މީހަކު ވެސް ހުރިހާ ކަމަކަށް އެދިދަންނަވާނީ ސީދާ اللّه تعالى ގެ ޙަޟްރަތުންނެވެ. އެ ގޮތަށް ކަންތައްތައް ޙާޞިލުކުރެވޭ ގޮތަށް ހެއްދެވި ނަމަ، އަމުރުކުރާ މީހާ އާއި، އަމުރުކުރެވޭ މީހާގެ ގޮތުގައި، އިންސާނީ ގުޅުންތައް ނެތީހެވެ؛ މަސައްކަތު މީހާއާއި އުފައްދާ މީހާ، ދަރިވަރާއި އުސްތާޒު، އަދި މިފަދަ އެހެން ގުޅުންތައް ނެތީހެވެ. އެއާ އެކު، މި ދުނިޔެ އާއި، އަންނަން އޮތް ދުނިޔޭގެ ނިޒާމް ގަޑުބަޑުވެ، ރިވެއްޗާއި ހުތުރާ ދެމެދު، ފާފަކުރާ މީހާ އާއި ކިޔަމަންތެރި މީހާ އާއި، ހެވާއި ނުބަޔާ ދެމެދު ފަރަޤެއް ނެތީހެވެ.

اللّه تعالى އިރާދަކުރައްވައިފި ނަމަ، އެކަލާނގެ އާދަ އެހެން ގޮތަކަށް ހައްދަވައި، ހުރިހާ އެއްޗެއް އެ ގޮތަކަށް ހެއްދެވީހެވެ. މިސާލަކަށް ދަންނަވާ ނަމަ، اللّه تعالى އިރާދަކުރައްވައިފި ނަމަ، ކާފިރުންނާއި، ހަވާނަފްސާއި ދުނިޔޭގެ ޝަހްވަތަށް ހެއްލިފައި ތިބި މީހުންނާއި، އެހެން މީހުންނަށް އަނިޔާވެރިވި މީހުންނާއި، އޮޅުވާލާ މީހުން ސުވަރުގެ ވައްދަވައި، މުއުމިނުންނާއި، އަޅުކަންކުރާ މީހުންނާއި، ހެޔޮކަންތައް ކުރާ މީހުން ނަރަކަޔަށް ވެއްދެވީހެވެ. އެކަމަކު، ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ގެ ޙަދީޘްފުޅުތަކުން އަހަރެމެންނަށް އަންގައިދެނީ، އެކަލާނގެ އެ ގޮތަށް އިރާދަނުކުރައްވާ ކަމެވެ.

ޤަޞްދުގައި އަދި ބޭއިޚްތިޔާރުގައި އިންސާނާ ހުރިހާ ޙަރަކާތްތަކާއި، ޢަމަލުތައް ހެއްދެވީ اللّه تعالى އެވެ. އަދި ހަމަ އެއާއެކު، އެކަލާނގެ އަޅުތަކުންގެ ކިބައިގައި އިޚްތިޔާރީ ޙަރަކާތްތަކާއި، ޢަމަލުތައް ކުރުމަށް ޓަކައި، އެކަންކުރުމަށް ބޭނުންވުން ހެއްދެވީ اللّه تعالى އެވެ. މީހަކު ކަމެއް ކުރުމަށް ބޭނުން ވާ ހިނދު، اللّه تعالى އެކަމަށް އިރާދަކުރެއްވުމުން، އެކަމެއް އުފައްދަވައެވެ. އެކަލާނގެ އިރާދަފުޅާ ނުލައި، މީހަކު ބޭނުންވެގެން އެކަނި އެކަމެއް ނުހިނގައެވެ. ހަމަ އެ ގޮތަށް، މީހަކު ކުރާ އިޚްތިޔާރީ ޢަމަލުތައް اللّه تعالى އުފެއްދެވުން، އަލިފާން ހިފުމުން އެއްޗެއް އެނދުމުގެ ބާރާއި، އަލިފާން ނުހިފާ ނަމަ ނޭނދުން ފަދަ އެވެ. އެއްޗެއް ގައި ވަޅި ޖެހުމުން އެކަލާނގެ އެއެއްޗެއް ކެނޑެން މެދުވެރިކުރައްވައެވެ. އެއްޗެއް އެ ކަނޑަނީ ވަޅިއެއް ނޫނެވެ. އެކަމަކު اللّه تعالى އެވެ. ވަޅި ލެއްވީ ކެނޑުމުގެ ސަބަބުގެ ގޮތުގައެވެ. މީގެ މާނަ އަކީ، اللّه تعالى އެކަލާނގެ އަޅުތަކުންނަށް ޙަރަކާތާއި، ބޭނުންވާ ޢަމަލުތައް ހެއްދެވީ އެބައިމީހުން ބޭނުންވެގެން އަދި އެކަމެއް އިޚްތިޔާރުކޮށްގެންނެވެ. އެހެންނަމަވެސް، ޠަބީޢީ ޙަރަކާތްތައް ގުޅިފައިވަނީ އަޅުތަކުންގެ އިޚްތިޔާރާއި، ބޭނުންވުމަކާއެއް ނޫނެވެ. އެކަމަކު، އެއީ ހަމައެކަނި اللّه تعالى ގެ އިރާދަފުޅުން އެހެން ސަބަބުތަކާ އެކު އުފައްދަވާ ޙަރަކާތްތަކެވެ. اللّه تعالى ފިޔަވައި އެހެން ޚާލިޤެއް ނުވެއެވެ. އިރުތަކާއި، ޕާޓިކަލްތަކާއި، ތިކިތަކާއި، ސެލްތަކާއި، ޖަރާސީމުތަކާއި، އެޓޮމްތަކާއި، އެއެއްޗެހީގެ ޚާއްޞިއްޔަތާއި، ޙަރަކާތްތައް ހިމެނޭ ގޮތަށް ކޮންމެ އެއްޗެއްގެ ޙަރަކާތް އުފައްދަވަނީ ހަމައެކަނި اللّه تعالى އެވެ. އެހެންނަމަވެސް، ދިރުން ނެތް އެއްޗެހީގެ ޙަރަކާތާއި، އިންސާނުންނާއި، ޖަނަވާރުތަކުގެ އިޚްތިޔާރީ ޙަރަކާތްތަކާ ތަފާތެއް ވެއެވެ. އެއީ، އިންސާނަކު ނުވަތަ ޖަނަވާރަކު ކަމަކަށް ބޭނުންވެގެން އެކަމެއް އިޚްތިޔާރުކުރާ އިރު، اللّه تعالى އެ ކަމެއް އުފައްދަވައި، އެކަމުގައި އޭނާ އަށް ތައުފީޤު ދެއްވައެވެ. އިންސާނާގެ ޙަރަކާތަކީ، އޭނާގެ ބާރުގައި ވާ ކަންތައްތަކެއް ނޫނެވެ. ޙަޤީޤަތުގައި، އިންސާނާ އަށް އޭނާ ޙަރަކާތްކުރަނީ ކިހިނެއްކަން ވެސް ނޭނެގެއެވެ. ދިރުން ނެތް އެއްޗެހީގެ ޙަރަކާތްތަކުގައި އިޚްތިޔާރެއް ނޯވެއެވެ. މިސާލަކަށް ދަންނަވާ ނަމަ، އަލިފާން ޖެހޭ އެއްޗެއް އެނދުމަކީ، އަލިފާނުގެ އިޚްތިޔާރުގައި އެންދުން ބޭނުންވެގެން ހިންގާ ކަމެއް ނޫނެވެ.

އިންސާނާގެ އިޚްތިޔާރީ ޢަމަލުތައް ހިނގަނީ ދެ ކަމެއް ވެގެންނެވެ. ފުރަތަމަ ކަމަކީ، އޭނާގެ ހިތުގެ އިޚްތިޔާރާއި، ބޭނުންވުމާއި، ބާރު ހިމެނެއެވެ. އެހެންކަމުން، އަޅާގެ ޢަމަލުތަކަށް ކިޔެނީ، ކުރާ ކަންތައްތަކެވެ. ކަމެއް ކުރުމަކީ، އިންސާނާގެ ޞިފައެކެވެ. ދެވަނަ ކަމަކީ، اللّه تعالى ގެ އިރާދަފުޅެވެ. އަމުރުކުރެއްވި ކަންތައްތަކާއި، ނަހީކުރެއްވި ކަންތައްތަކާއި، ޖަޒާދެއްވުމާއި، ޢަޒާބުދެއްވުމާއި، މި ހުރިހާ ކަމެއް ވަނީ އިންސާނަކު ކުރާ ކަމެއް ވުޖޫދުވުމަށެވެ. سورة الصافات ގެ 96 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ. (وَٱللَّهُ خَلَقَكُمْ وَمَا تَعْمَلُونَ * الصافات: 96) މާނައީ: "އަދި ތިޔަބައިމީހުންނާއި، ތިޔަބައިމީހުން ކުރާހާ ކަމެއް ހެއްދެވީ اللّه އެވެ". މިއާޔަތުން ބަޔާންކުރައްވަނީ، އަޅުތަކުންގެ ޢަމަލުތަކުގައި إرادة جزئية ވާ ކަމެވެ. މާނަ އަކީ، ކަމެއް ކުރުމުގެ ޞިފައެވެ. ހަމަ އެއާއެކު، އެއްވެސް މަޖްބޫރުކަމެއް ނެތް ކަމެވެ. އިންސާނާ ކުރި ކަމެކޭ ބުނެވެނީ މިހެން ވެގެންނެވެ. މިސާލަކަށް، "ޢަލީ ޖަހައި މުގުރައިފި" މިހެން ބުނުމުން ދޭހަވަނީ، ކޮންމެ ކަމެއް ހިނގަނީ قضاء އާއި قدر އިން ކަމެވެ.

ކަމެއް ވުމަށް ޓަކައި، އިންސާނާގެ ހިތް އެކަމަކަށް ބޭނުންވާން ޖެހޭނެ އެވެ. މި ބޭނުންވުމަށް ކިޔެނީ، كسب އެވެ. المرحوم الآمدي ވިދާޅުވެފައި ވާ ގޮތުގައި، މި كسب އަކީ، ޢަމަލުތައް އުފެދުމުގެ ސަބަބެވެ. އެހެންނަމަވެސް، އިޚްތިޔާރީ ޢަމަލުތައް އުފެދުމުގައި كسب ގެ އެއްވެސް އަސަރެއް ނެތް ކަމަށް ބުނުމަކީ، ނުރަނގަޅު ބުނުމެއް ނޫނެވެ. އެހެނީ، އިންސާނާ އެދުނު ޢަމަލާއި، ހިނގި ކަމަކީ ތަފާތު ދެ ކަމެއް ނޫނެވެ. މީގެ މާނަ އަކީ، އިންސާނާ އަށް އޭނާ ބޭނުންހާ ކަމެއް ނުކުރެވޭނެ އެވެ؛ އޭނާ ބޭނުންނުވާ ކަންތައް ވެސް ވެދާނެ އެވެ. އިންސާނާ ބޭނުންވާހާ ކަމެއް ކުރާ ނަމަ، އަދި އޭނާ ބޭނުންނުވާ ކަމެއް ނުވާ ނަމަ، އޭނާ ވާނީ اللّه تعالى ގެ އަޅަކަށް ނޫނެވެ. އެކަމަކު، ކަލާނގެ ކަމަށް ދަޢުވާކުރުމެވެ. اللّه تعالى ގެ އަޅުތަކުން މަތިވެރިކުރައްވައި، އޯގާވަންތަކަމާއި، ބާރާއި، ހަކަތަ ދެއްވީ، އެކަލާނގެ އަމުރުކުރެއްވި ކަންތައްތަކާއި، ނަހީކުރެއްވި ކަންތައްތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓޭ މިންވަރަށެވެ. މިސާލަކަށް ދަންނަވާ ނަމަ، ޞިއްޙަތު ރަނގަޅު ބޭނުންވާ ވަރަށް ތަނަވަސްކަން ހުރި މީހަކަށް އޭނާގެ ޢުމުރުން އެއް ފަހަރު ޙައްޖުގެ އަޅުކަން އަދާކުރެވިދާނެ އެވެ؛ ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދު ފެނުމަށް ފަހު އަހަރަކު އެއް މަސްދުވަހު ރޯދަ ހިފިދާނެ އެވެ؛ ފަރްޟު ނަމާދު ކޮންމެ ދުވަހަކު 5 ފަހަރު އަދާކުރެވިދާނެ އެވެ؛ ނިޞާބު ހަމަވާ ވަރަށް ފައިސާ ނުވަތަ މުދާ ހުރި މީހަކު ނަމަ، އޭގެ ސާޅީސް ބައި ކުޅަ އެއް ބައި ރަން ނުވަތަ ރިހިން ޒަކާތުގެ ގޮތުގައި ފަޤީރު މުސްލިމުންނަށް ކޮންމެ ހިޖުރީ އަހަރަކު އޭނާގެ ފައިސާ އިން ނުވަތަ މުދަލުން ނިޞާބު ހަމަވާ ފަހުން ދެވިދާނެ އެވެ. މިއިން ދޭހަވާ ކަމަކީ، އިންސާނާ ބޭނުންވާ ނަމަ، އޭނާގެ އިޚްތިޔާރީ ޢަމަލުތައް ކޮށްފައި، ބޭނުން ނޫން ނަމަ، ނުކުރުމުގެ މިނިވަންކަން ލިބިފައިވާ ކަމެވެ. މިއިން ދޭހަވަނީ اللّه تعالى ގެ މަތިވެރިކަމެވެ. ޖާހިލުންނާއި، ގަމާރުންނަށް قضاء އާއި قدر ނޭނގޭތީ، أهل السّنّة ގެ ޢިލްމުވެރިން ވިދާޅުވެފައިވާ ވާހަކަތައް ޤަބޫލެއް ނުކުރެއެވެ. އަދި އިންސާނާގެ ކުޅަދާނަ ކަމާއި، ލިބިފައިވާ އިޚްތިޔާރާ މެދު ޝައްކުކުރެއެވެ. އެމީހުން ހީކުރާ ގޮތުގައި، އިންސާނާ އަކީ ޤާބިލުނޫން އަދި އޭނާ ކުރަން ބޭނުން އިޚްތިޔާރީ ކަންތައްތައް ކުރުމުގައި މަޖްބޫރުވެފައިވާ މީހެކެވެ. ބޭނުންވާ ގޮތަށް ބައެއް ކަންތައްތަކުގައި ޢަމަލުނުކުރެވޭ ކަމަށް ދެކި، އެބައިމީހުން أهل السّنّة އިންނާ ދޭތެރޭ ނޭއްގާނީކޮށް ވާހަކަދައްކައެވެ. އެބައިމީހުންގެ މި ބާޠިލު ބުނުމަކީ، އެބައިމީހުންނަށް ކަންކުރުމަށް ބޭނުންވުމާއި، އިޚްތިޔާރު ލިބިފައިވާ ކަމެވެ.

قدرة ގެ މާނަ އަކީ، ކަމެއް ކުރުމާއި ނުކުރުމުގެ ޤާބިލްކަމެވެ. ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ބޭނުންވުމަކީ، إختيار އެވެ. ކުރުމަށް އިޚްތިޔާރުކުރި ކަމެއް ކުރުމަށް ބޭނުންވުމަށް ކިޔާ ނަމަކީ، إرادة (ކުރުމަށް ބޭނުންވުން) އެވެ. ކަމެއް ޤަބޫލުކޮށް ދެކޮޅުނެހެދުމަކީ الرّضاء (consent) އަދި ޤަބޫލުކުރުމެވެ. خلق އަކީ ކަމެއް ހިނގުމަށް ޓަކައި އަސަރުފޯރުވުމާ އެކު، قدرة އާއި إرادة އެއްވުމެވެ. އަސަރުފޯރުވުމަކާ ނުލައި قدرة އާއި إرادة އެއްވުމުން، އެއަށް ކިޔަނީ كسب އެވެ. އިޚްތިޔާރުކުރާ ކޮންމެ މީހަކީ خالق އަކަށް ވާކަށް ނުޖެހެއެވެ. ސަރުފޯރުވުމަށް ހަމަ އެއާ އެކު، ކުރުމަށް ބޭނުންވުމުގައި އެއްބަސްވުން އޮންނާކަށް ނުޖެހެއެވެ. ހަމަ އެއާއެކު، ޚަލްޤުކުރެއްވުމުގައި އިޚްތިޔާރު އޮތުމަކީ އެކަށީގެންވާ ކަމެކެވެ. اللّه تعالى އަކީ خالق އަދި مختار އޭ ބުނެވެނީ އެހެން ވެގެންނެވެ. އަދި އިންސާނާ އަށް كاسب (ކަމެއް ކުރާ މީހާ) އަދި مختار (ކުރުމުގެ އިޚްތިޔާރު އޮންނަ މީހާ) އޭ ވެސް ބުނެވެއެވެ.

އެކަލާނގެ އަޅުތަކުން ކުރާ އަޅުކަންތަކާއި، އަރައިގަންނަ ފާފަތައް އެބައިމީހުން އެކަމެއް ކުރުމަށް އިރާދަކުރެއްވުމާ އެކު ހައްދަވަނީ اللّه تعالى އެވެ. އެހެންނަމަވެސް، އެކަލާނގެ ރުހިވޮޑިގަންނަވަނީ އަޅުކަންތަކަށެވެ. އަދި ފާފަތަކަށް ރުހިވޮޑިނުގަންނަވައެވެ. ކޮންމެ ކަމެއް ވުޖޫދުވަނީ، އެކަލާނގެ އިރާދަކުރައްވައި ޚަލްޤުކުރެއްވުމުންނެވެ. سورة الأنعام ގެ 102 ވަނަ އާޔަތުގައި ވަޙީކުރެއްވާފައި ވެއެވެ. (لَآ إِلَـٰهَ إِلَّا هُوَ ۖ خَـٰلِقُ كُلِّ شَىْءٍۢ * الأنعام: 102) މާނައީ: "އެކަލާނގެ މެނުވީ إله އަކު ނުވެއެވެ. (އެކަލާނގެއީ) ހުރިހާ ތަކެއްޗެއް ހެއްދެވި ރަސްކަލާނގެއެވެ".

معتزلة އޭ ކިޔޭ ފިރްޤާ އަށް، ކަމެއް ކުރުމަށް ބޭނުންވުމާއި، ކަމެއް ކުރުމުގެ ރުހުމާ ދެމެދު ފަރަޤު ނޭނގި، އޮޅުންއަރައިގެން ބުނޫއެވެ.: "އިންސާނާ ބޭނުންވާ ކަންތައް އުފައްދަނީ އޭނާ އަމިއްލަ އަށެވެ". އެބައިމީހުން قضاء އާއި قدر އަށް އިންކާރުކުރެއެވެ. އަދި الجبريّة އޭ ކިޔޭ ފިރްޤާ ވަނީ މުޅިން މަގުއޮޅިފައެވެ. އަދި خلق އާ ނުލައި އިޚްތިޔާރު ވާ ކަމަށް އެބައިމީހުންނަކަށް ފަހުމެއް ނުވެއެވެ. އިންސާނާ އަށް އިޚްތިޔާރު ލިބިފައިނުވާ ކަމަށް ހީކޮށް، جبريّة އިން އިންސާނާ އެއްފަދަ ކޮށްފައިވަނީ، ހިލަޔާއި، ލަކުޑިއާ އެވެ. އެމީހުން ބުނަނީ "ހުރިހާ ނުބައި ކަންތައްތަކާއި، ފާފަތައް ހައްދަވަނީ اللّه تعالى ކަމަށް ވުމާ އެކު، އިންސާނާ އަކީ ފާފަވެރިއެއް ނޫން ކަމަށެވެ". جبريّون ބުނާ ފަދައިން، އިންސާނާގެ ކިބައިގައި ކަމެއް ކުރަން ބޭނުންވުމާއި، އެކަން ކުރުމުގެ އިޚްތިޔާރު ނެތިފައި، ފާފަތައް ކުރުމަށް اللّه تعالى އަޅުތަކުންނަށް މަޖްބޫރުކުރައްވާ ނަމަ، އަތްފައި ބަނދެފައި ފަރުބަދައަކުން ވަޓާލެވޭ މީހުންގެ ޙަރަކާތްތަކާއި، މިނިވަންކަމާ އެކު ކަނާތްފަރާތަށާއި، ވާތްފަރާތަށް ބަލަމުން ފައިމަގުން ތިރިއަށް ފައިބާ މީހުންގެ ޙަރަކާތްތަކާ ތަފާތެއް ނެތެވެ. އެކަމަކު حقّ ގޮތަކީ، އޭގެ އިދިކޮޅެވެ. އެހެނީ، އަތާއި ފައި ބަނދެވިގެން ފަރުބަދައިން ވެއްޓޭ މީހުން އެކަން ކުރަނީ މަޖްބޫރުން އެ މީހުންގެ ބޭނުންވުމެއް ނެތިއެވެ. އަދި ހިނގާފައި ފައިބާ މީހުން އެކަން ކުރަނީ އެ މީހުން އެކަމަށް ބޭނުންވެގެން މަޖްބޫރުކަމެއް ނެތި އެވެ. މިކަމުގައި ފަރަޤެއް ނެތް ކަމަށް ދެކޭ މީހުންނަކީ، ކރިތި ޤުރްއާނުގެ އާޔަތްތައް ޤަބޫލުނުކުރާ ހަނި ވިސްނުމުގެ މީހުންނެވެ. އެމީހުން ދެކޭގޮތުގައި، اللّه تعالى ގެ އަމުރުފުޅުތަކާއި، ނަހީކުރެއްވުންތަކުގެ ބޭނުމެއް ނެތެވެ. معتزلة އިން (ނުވަތަ قدريّة އިން) ބުނާ ފަދައިން އިންސާނާ އަކީ އޭނާ ބޭނުންވާ ކަންތައްތަކުގެ خالق ކަމަށް ހީކުރުމަކީ، اللّه تعالى ގެ ވަޙީ ބަސްފުޅު ކަމުގައިވާ (واللّه خالق كلّ شيئ) އަށް އިންކާރުކުރުމެވެ. އަދި އިންސާނުންނަކީ خلق ކުރުމުގައި اللّه تعالى ގެ ބައިވެރިން ކަމަށް ބެލުމެވެ.

معتزلة އިން ފަދައިން ޝީޢީން ބުނާ ގޮތުގައި، އިންސާނާ ކުރަން ބޭނުންވާ ޢަމަލުތައް އުފައްދަނީ އޭނާ އަމިއްލައަށެވެ. މި ބުނުމަށް ދަލީލެއްގެ ގޮތުން، އެ މީހުން ބުނަނީ، ޙިމާރު ބަކަތެޅިޔަސް، ފެންގަނޑު ހުރަހެއް ނުކުރެވެއެވެ. އެ މީހުން އެއްގޮތަކަށް ވެސް ނުވިސްނާ ކަމަކީ، އިންސާނަކު ކަމެއް ކުރުމަށް ބޭނުންވެ، اللّه تعالى އޭގެ އިދިކޮޅަށް އިރާދަފުޅު ކުރައްވައިފި ނަމަ، އެ ދެ إرادة އެއްފަހަރާ ނުވާނެ ކަމެވެ. اللّه تعالى އިރާދަފުޅު ކުރައްވާ ކަންތައް ވެއްޖެ ކަމުގައި ވާ ނަމަ معتزلة އިންގެ ބުނުން ކަމުގައިވާ އިންސާނާ އަށް ބޭނުން ކޮންމެ ކަމެއް خلق ކޮށް ކުރުމުގެ ޤާބިލްކަން ލިބިފައި ނުވާ ކަމަށް ބާޠިލުވީ އެވެ. އެމީހުން ބުނާ ފަދައިން އިންސާނާ ބޭނުންހާ ކަމެއް ކުރެވޭ ކަމުގައި ވާ ނަމަ، اللّه تعالى ވީހީ ޤާބިލް ނޫން އަދި އުނި ފަރާތަކަށެވެ. އެއީ މުޅިން ޙަޤީޤަތާ ޚިލާފު ވާހަކައެކެވެ. ކޮންމެ ކަމެއް ވަނީ اللّه تعالى ގެ އިރާދަފުޅުންނެވެ. ހުރިހާ ކަމެއް އުފައްދަވާ ހަމައެކަނި خالق އަކީ اللّه تعالى އެވެ. އެކަލާނގެ ربوبية ވަނީ އެފަދައިންނެވެ. "އިންސާނާ މިވެނި އެއްޗެއް ހެދި އޭ" "އަހަރެމެން މިވެނި އެއްޗެއް ހެދީމޭ"، "އެމީހުން މިވެނި އެއްޗެއް ހެދިއޭ" މިފަދަ ބަސްތައް ބުނުމަކީ ވަރަށް ބޭއަދަބީ ކަމެކެވެ. އަދި ކުފުރުވާނެ ކަމެކެވެ. [ކުރިން ވެސް ދެންނެވި ފަދައިން، އިންސާނާގެ އިޚްތިޔާރީ ޙަރަކާތްތައް ހިނގަނީ ވަރަށް ގިނަ ޖިސްމާނީ، ކެމިކަލް އަދި ފިޒިއޮލޮޖިކަލް ޙާދިސާތަކަކުން، އެކަމަށް ބޭނުންވުމެއް އަދި އެނގުމެއް ވެސް ނެތިއެވެ. މިކަވި ޙަޤީޤަތް ފަހުމުވާ ހަމަޖެހޭ ސައިންޓިސްޓަކު ނަމަ، "އަހަރެން މިވެނި އެއްޗެއް އުފެއްދައި އީޖާދުކުރީމޭ" މިފަދަ ބަސްތައް އޭނާގެ އިޚްތިޔާރީ ޢަމަލުތަކާ މެދު ބުނަން ލަދުގަންނާނެ އެވެ. اللّه تعالى އާ މެދު އޭނާ ތަވާޟުޢުވެރިވާނެ އެވެ. މަދު އެއްޗެއް ދަންނަ، ކުޑަކޮށް ވިސްނޭ އަދި ތަވާޟުޢުވެރިކަން ކުޑަ މީހުން، އެއްވެސް އެއްޗެއް، އެއްވެސް ތާކު ބުނާކަށް ލަދެއް ނުގަންނާނެ އެވެ. ދުނިޔޭގައިވާ ހުރިހާ އިންސާނުންނަށް اللّه تعالى ގެ ރަޙްމަތް ވެއެވެ. އެބައިމީހުން ބޭނުންވާ ކޮންމެ ކަމެއް ހެއްދެވުމަށް ފަހު އެކަލާނގެ އެންމެންނަށް ފޮނުއްވައެވެ. އެމީހުން ކުރަންވީ ކަންތައް ވަރަށް ސާފުކޮށް އެކަލާނގެ އެބައިމީހުންނަށް އަންވައެވެ. އެއީ، އެބައިމީހުންނަށް މި ދުނިޔޭގައި ހަމަޖެހުމާއި، އުފަލުގައި އުޅުމަށް ޓަކައެވެ. އަދި ދެން އަންނަން އޮތް ދުނިޔޭގައި ނިމުމެއް ނެތް އުފާވެރިކަން ހޯދުމަށް ޓަކައެވެ. ހަވާނަފްސާއި، ނުބައި އެކުވެރިންނާއި، ގެއްލުންދެނިވި ފޮތްތަކާއި، މީޑިޔާގެ ސަބަބުން މަގުއޮޅި ކުފުރާއި ބިދުޢައިގެ އަނދަވަޅަށް ވެއްޓިފައިވާ މީހުންގެ ތެރެއިން، އެކަލާނގެ އިރާދަކުރައްވާ ކޮންމެ މީހަކަށް ތެދު މަގަށް އިރުޝާދު ދެއްވައެވެ. އެބައިމީހުން ތެދު މަގަށް ގެންނަވައެވެ. އަނިޔާވެރި އަދި ޙައްދުފަހަނައަޅާ މީހުންނަކަށް މި ނިޢުމަތެއް ނުދެއްވައެވެ. އެފަދަ މީހުން، އެ މީހުން ވެއްޓިގެން، ގަޔާވެ އަދި ހިތްއެދުނު ކުފުރުގެ ޗަކަގަނޑުން ސަލާމަތްކޮށް ނުދެއްވައެވެ.]

އިޢުތިޤާދުނާމާ މި ފޮތުގެ ތަރުޖަމާ މިހިސާބުން ނިމުނީ އެވެ. މި ފޮތުގެ މުއައްލިފު ކަމުގައިވާ مولانا الشيخ ضياء الدّين خالد البغدادي العثماني އުފަންވެ ވަޑައިގަތީ 1192ހ. [1778މ.] ގައި ބަޣްދާދުގެ އުތުރު ގައި އޮންނަ ޝަހަރުޒޫރު ސިޓީ ގައެވެ. އަވަހާރަވީ 1242ހ. [1826މ.] ގައި ޝާމް ކަރައިގައެވެ. އޭނާ އަކީ، سيدنا عثمان بن عفّان (رضي اللّه عنه) ގެ ދަރިކޮޅުގެ ބޭފުޅެކެވެ. العثماني ކިޔުނީ އެ ސަބަބަށް ޓަކައެވެ. އޭނާގެ ކޮއްކޮ مولانا محمود صاحب އަށް الإمام النّووي ގެ ޙަދީޘް ފޮތް الأربعين ގައިވާ މަޝްހޫރު 2 ވަނަ ޙަދީޘް ކަމުގައިވާ حديث جبريل (عليه السّلام) ކިޔައިދެއްވަމުން ދިޔަ އިރު، އެދިވަޑައިގަތީ އެ ޙަދީޘްގެ ޝަރަޙައެއް ލިޔުއްވައި ދެއްވުމަށެވެ. މި އެދިލެއްވުމަށް مولانا خالد އިޖާބަދެއްވި އެވެ. އެގޮތުން، އެ ޙަދީޘްގެ ޝަރަޙަ ފާރިސީ ބަހުން ލިޔުއްވައިދެއްވައި، އޭނާގެ ފޮތުގެ ނަމަކަށް إعتقادنامة މި ނަން ދެއްވި އެވެ. އަދި އެ ޝަރަޙަ ތުރުކީ ބަހަށް ތަރުޖަމާކުރައްވާފައި، ނަމަކަށް ދެއްވީ الإيمان والإسلام މި ނަމެވެ.

މި ފޮތް ތަރުޖަމާކުރެއްވީ ކަމާޚު ނަމަކަށް ކިޔާ ރަށުގެ ބޭފުޅެއް ކަމުގައިވާ الحاج فيض اللّه أفندي އެވެ. ގައި އެތަކެއް އަހަރެއް ވަންދެން ކިޔަވައިދެއްވަން އުޅުއްވުމަށް ފަހު އޭނާ އަވަހާރަވީ 1323ހ. [1905މ.] ގައެވެ.

Read this chapter in another language

Türkçe中文(普通话)EnglishPortuguêsРусскийFilipinoУкраїнськаČeštinaБългарски

Share

WhatsApp Telegram X Facebook E-mail