އީމާންކަމުގެ ހަ ރުކުނު ގެ ތެރެއިން ފަސް ވަނަ ރުކުނަކީ، "ޤިޔާމަތް ދުވަހަށް އީމާންވުމެވެ". މި ޒަމާން ފެށެނީ، އިންސާނާ މަރުވެގެންނެވެ. އެގޮތުގައި، ޤިޔާމަތް ދުވަސް ނިމެންދެން ދެމިތިބޭނެ އެވެ. ޤިޔާމަތް ދުވަހޭ ކިޔުނު ސަބަބަކީ، އެ ދުވަހަށް ފަހު ރޭގަނޑެއް ނާންނާނެތީ އެވެ. ނުވަތަ އެ ދުވަސް އަންނަނީ، ދުނިޔެ އަށް ފަހުގައި ކަމަށް ވާތީއެވެ. ޙަދީޘް ގައި ބަޔާންވެގެންވާ ދުވަހަކީ، އަހަރެމެންނަށް ދަންނަ ދުވަސް ނުވަތަ ރޭގަނޑެއް ނޫނެވެ. އެއިން ރަމްޒުކޮށްދެނީ، ޒަމާނެކެވެ. ޤިޔާމްތް ދުވަސް އަންނާނެ ވަގުތެއް ނޭނގެއެވެ. އެ ދުވަސް އަންނާނެ ވަގުތެއް އެއްވެސް މީހަކަށް ލަފާކޮށްނުލެވޭނެ އެވެ. އެހެންނަމަވެސް، އަހަރެމެންނަށް ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ވަނީ އެ ދުވަހުގެ ގިނަގުނަ ޢަލާމާތްތަކެއް އަހަރެމެންނަށް ޚަބަރުކޮށްދެއްވާފަ އެވެ. ޤިޔާމަތް ދުވަހުގެ ޢަލާމާތްތަކުގެ ތެރޭގައި، مهدي ގެފާނު ނުކުންނެވުމާއި؛ المسيح عيسى (عليه السّلام) އުޑުން ބިމަށް ފައިބާވަޑައިގަތުމާއި؛ ދައްޖާލު ފާޅުވުމާއި؛ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ދުނިޔޭގެ ހުރިހާ ތަނެއްގައި ފަސާދަކުރުމާއި؛ ހުޅަނގުން އިރު އެރުމާއި؛ ފަނާކުރުވަނިވި ބޮޑު ބިންހެލުމެއް އައުމާއި؛ ދީނީ ޢިލްމު ހަނދާންނެތުމާއި؛ ފަސާދަ އާއި، ފާޙިޝް ކަންތައް ފެތުރުމާއި، ދީންވެރި ނޫން، އަޚްލާޤު ދަށް، ލަދުޙަޔާތްކުޑަ މީހުން ބޮޑެތި މަޤާމުތަކަށް އައުމާއި؛ اللّه تعالى ގެ އަމުރުތައް މަނާވުމާއި؛ ހުރިހާ ތަނެއް ގައި ޙަރާމް ކަންތައްތައް ކުރުމާއި؛ ޔަމަނުގެ ބިމުން އަލިފާން ނުކުތުމާއި؛ ކަނޑުތަކާއި، ފަރުބަދަތައް ބައިބަޔަށް ވަކިވަކިވެގެން ދިއުމާއި؛ އިރާއި، ހަނދު އަނދިރިވުމާއި؛ ކަނޑުތައް އެއްކނަޑު އަނެއް ކަނޑާ އެއްވެ، ކެކިގެންގޮސް ހިކުން ހިމެނެއެވެ.
ފާފަވެރި ޢަމަލުތައް ކުރާ މުސްލިމަކަށް ކިޔެނީ فاسق އެވެ. އަދި ފާސިޤުންނާއި، ކާފިރުންނަށް ކަށްވަޅުގައި ޢަޒާބުދެއްވާނެއެވެ. މި ޚަބަރުތަކަށް އީމާންވާން ޖެހޭނެ އެވެ. ކަށްވަޅު ގައި ލެއްވެވުމަށް ފަހު، މަރުވެފައިވާ މީހުން، އަހަރެމެން އިންސާނުންނަށް ނޭނގޭ ފަދަ ދިރުމަކުން ދިރުއްވަވައި، އުފާވެރި ދިރުމެއް ނުވަތަ ޢަޒާބާއި ވޭންދެނިވި ދިރުމެއް ގައި ކަށްވަޅުގައި ލައްވާނެ އެވެ. ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުން ވަރަށް ސާފުކޮށް އެނގޭ ފަދައިން، منكر އަދި نكير ގެ ނަމުން ނަންދެވިފައިވާ ދެ މަލާއިކަތުން ބިރުވެރި ދެ އިންސާނުންގެ ސިފައިގައި ކަށްވަޅަށް ވަޑައިގެން މައްޔިތާ އާ ސުވާލުކުރާނެ އެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ކަށްވަޅުގެ ސުވާލު ކުރެވޭނީ ޢަޤީދާގެ މުހިއްމު ކަންތައްތަކާ ބެހޭގޮތުންނެވެ. އަދި އެހެން ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ކަށްވަޅުގެ ސުވާލުކުރެވޭނީ މުޅި ޢަޤީދާ އާ ބެހޭގޮތުންނެވެ. މި ސަބަބަށް ޓަކައި، އަހަރެމެން، އަހަރެމެންގެ ދަރިންނަށް ތިރީގައިވާ ސުވާލުތަކުގެ ޖަވާބު އުނގަންނައިދޭން ވާނެ އެވެ. ތިބާ ހެއްދެވި ފަރާތަކީ ކާކު ހެއްޔެވެ؟ ތިބާގެ ދީނަކީ ކޮބައި ހެއްޔެވެ؟ ތިބާގެ ނަބީއަކީ ކާކު ހެއްޔެވެ؟ ނުވަތަ ތިބާ އަކީ ކާކުގެ އުއްމަތެއްގެ މީހެއް ހެއްޔެވެ؟ ތިބާގެ މުޤައްދަސް ފޮތުގެ ނަމަކީ ކޮބައި ހެއްޔެވެ؟ ތިބާގެ ޤިބްލައަކީ ކޮބައި ހެއްޔެވެ؟ އީމާން ކަމާއި، ޢިބާދާތު (ނުވަތަ ޢަމަލުތަކުގައި) ގައި ތިބާގެ މަޒްހަބުތަކަކީ ކޮބައި ހެއްޔެވެ؟ تذكرة القرطبي މި ފޮތުގައި ލިޔެފައިވާ ގޮތުގައި أهل السنّة އިން ބޭރުވެފައިވާ މީހާ އަށް މި ސުވާލުތަކަށް ރަނގަޅު ޖަވާބެއް ނުދެވޭނެ އެވެ. އަދި މި ސުވާލުތަކަށް ރަނގަޅު ޖަވާބު ދޭ މީހުންގެ ކަށްވަޅުތައް ބޮޑުވެ، ސުވަރުގެ އަށް ކުޑަދޮރެއް ހުޅުވޭނެ އެވެ. ކޮންމެ ހެނދުނަކާއި، ކޮންމެ ހަވީރަކު، އެބައިމީހުންނަށް ސުވަރުގެއިން ލިބިފައިވާ ތަންތަން ފެންނާނެ އެވެ. އަދި މަލާއިކަތުންގެ ފަރާތުން އެމީހުންނާ ރިވެތި މުޢާމަލާތްތައް ކުރައްވާނެއެވެ. ކަށްވަޅުގެ ސުވާލުތަކަށް ބަރާބަރަށް ޖަވާބުނުދެވޭ މީހުންގެ ގައިގައި އަލިފާނުން ދޮންކުރެވިފައިވާ ދަނގަނޑު މަރުތޭލުތަކުން ތެޅޭ އިރު، އިންސީންނާއި، ޖިންނީން ފިޔަވައި އެހެން ހުރިހާ މަޚްލޫޤުންތަކަށް އޭނާ ރޯ އަޑު އިވޭނެ އެވެ. އޭނާގެ ކަށްވަޅު ފިތިގެން ގޮސް، އޭނާގެ ކަށިތައް އެއްކަށި އަނެއް ކަށިގެ ތެރެއަށް ވަދެގެނަދާ ކަމަށް އިޙްސާސްކުރެވޭނެ އެވެ. އަދި ނަރަކަ އަށް ލޯވަޅެއް ހުޅުވި، ހެނދުނާއި، ހަވީރު، ނަރަކައިގައި އެ މީހުން ބޭތިއްބޭނެ ތަންތަން ފެންނާނެ އެވެ. މިގޮތަށް ޤިޔާމަތް ދުވަހާ ހަމަޔަށް އޭނާ އަށް ޢަޒާބުދެއްވާނެތެވެ.
މަރުވުމަށް ފަހު ދިރުއްވަވާނެ ކަމަށް އީމާންވުމަކީ، ވާޖިބެކެވެ. މަހާއި، ކަށިތައް ކުނިވެ، ވެލި ނުވަތަ ގޭހަށް ބަދަލުވުމަށް ފަހު، ދުނިޔޭގައި ހުރި ގޮތަށް އެނބުރި ރުޖޫޢަވެ، ފުރާނަތައް ހަށިތަކަށް އެނބުރި ރުޖޫޢަވެ، އެ މީހުންގެ ކަށްވަޅުތަކުން ތެދުވާނެ އެވެ. އެހެންކަމުން، އެ ދުވަހަށް ކިޔޭ ނަމަކީ ޤިޔާމަތް (ތެދުވާ) ދުވަހެވެ.
މަޙްޝަރު ބިމަށް ހުރިހާ ދިރުންލެއްވި މަޚްލޫޤުން އެއްކުރެވޭނެ އެވެ. ޢަމަލުތަކުގެ ފަތްތައް އޭގެ ވެރިފަރާތްތަކަށް އުދުހިފައި އަންނާނެ އެވެ. މި ހުރިހާ ކަމެއް ކުރައްވާނީ، އުޑުތަކާއި، ބިމާއި، ތަރިތަކާއި، ޒައްރާތައް ޚަލްޤުކުރެއްވި މާތް اللّه އެވެ. اللّه تعالى ގެ ރަސޫލާ محمّد (صلّى اللّه عليه وسلّم) ޚަބަރުދެއްވާފައިވާ ގޮތުގައި، މިކަންތައްތައް މި ގޮތަށް ވާނެ އެވެ. އެކަލޭގެފާނުގެ ބަސްފުޅަކީ ޝައްކެއް ނެތް ގޮތުގައި ޙައްޤު ބަސްފުޅެވެ.
ޞާލިޙުންގެ ފޮތް ދެވޭނީ ކަނާތް ފަރާތުންނެވެ. އަދި ފާސިޤުންނާއި، ނުބައިނުލަފާ މީހުންގެ ފަތްތައް ދެވޭނީ އެ މީހުންގެ ފުރަގަހުން ނުވަތަ ވައަތް ފަރާތުންނެވެ. ކޮންމެ ޢަމަލެއް އެއީ، ރަނގަޅު ނުވަތަ ނުބައި، ބޮޑު ނުވަތަ ކުޑަ، ސިއްރުގައި ނުވަތަ ފާޅުގައި ކަމުގައި ވިޔަސް، އެ ފޮތުގައި ވާނީ ލިޔެވިފައެވެ. އަދި كرام الكاتبون މަލާއިކަތުންނަށް އެނގިވަޑައިނުގަންނަވާ ޢަމަލުތައް، އެ ޢަމަލެއް ކުޅަ ގުނަވަނަކުން ވާހަކަދައްކައިގެން ހެކިވެގެންނާއި، ހުރިހާ ކަމެއް ދެނެވޮޑިގެންވާ اللّه تعالى ފާޅުކުރައްވާނެތެވެ. އަދި އިންސާނާ އާ އެ އިންސާނާ ކުޅަ ކޮންމެ ޢަމަލަކާ ބެހޭގޮތުން ސުވާލުކުރެވި ޙިސާބު ބެއްލެވޭނެ އެވެ. ޤިޔާމަތް ދުވަހު، اللّه تعالى އިރާދަކުރައްވައިފި ނަމަ، ކޮންމެ ސިއްރު ޢަމަލެއް ވެސް ފާޅުކުރެވޭނެ އެވެ. ބިން މަތީގަޔާއި، އުޑުތަކުގައި ކުރި ކަންތައްތަކާ ބެހޭގޮތުން މަލާއިކަތުންނާ ސުވަލުކުރެވޭނެ އެވެ. އަދި اللّه تعالى ގެ ޙުކުމްތަކާއި، ދީން އަޅުތަކުންނަށް ތަބްލީޣުކުރެއްވި ގޮތާބެހޭ ގޮތުން ނަބީންނާއި، ރަސޫލުންނާ ސުވާލުކުރެވޭނެ އެވެ. ދެން، ރަސޫލުންނަށް (عليهم السّلام) ތަބާވީ ގޮތާއި، ތަބްލީޣުކުރެވުނު ޝަރީޢަތްތަކަށް ޢަމަލުކުޅައީ ކިހިނެއްކަމާއި، އެބައިމީހުން އެކަކު އަނެކަކުގެ ޙައްޤުތައް ބެލެހެއްޓި ގޮތާ ބެހޭގޮތުން އެންމެހާ އިންސާނުންނާ ސުވާލުކުރެވޭނެ އެވެ. ޤިޔާމަތް ދުވަހު، މުއުމިނުންނާއި، ޞާލިޙު ޢަމަލުތައް ކުޅަ މީހުންނާއި، ރިވެތި އަޚްލާޤުގެ ވެރިންނަށް ދަރުމައާއި، ޘަވާބުން ޖަވާދެއްވާނެ އެވެ. އަދި، ނުބައި އަޚްލާޤާއި، ނުބައި ޢަމަލުތައް ކުޅަ މީހުންނަށް ބޮޑުވެގެންވާ ޢަޒާބު މަޙްޝަރުގައި ދެއްވާނެ އެވެ.
ކުދި ފާފަތައް ކުޅަ ބައެއް މުސްލިމުންނަށް اللّه تعالى ގެ ޢަދުލުއިންޞާފުގެ ދަށުން ޢަޒާބުދެއްވާނެ އެވެ، އަދި ބައެއް އެހެން މުސްލިމުންގެ ބޮޑެތި އަދި ކުދި ފާފަތަކަށް اللّه تعالى އިރާދަކުރައްވާ މުސްލިމަކަށް އެކަލާނގެ ރަޙްމަތުގެ ދަށުން ޢަފާކުރައްވާނެ އެވެ. ކުފުރާއި، ޝިރުކު ފިޔަވައި، އެހެން ހުރިހާ ފާފަޔަކަށް އެކަލާނގެ އިރާދަކުރައްވައިފި ނަމަ، އެކަލާނގެ ޢަފޫކުރައްވާނެ އެވެ. އަދި އެކަލާނގެ އިރާދަކުރައްވައިފި ނަމަ، ކުދި ފާފަތަކަށް ވެސް އެކަލާނގެ ޢަޒާބު ދެއްވާނެ އެވެ. اللّه تعالى އެކަލާނގެ މާތްވެގެންވާ ފޮތުގައި ޚަބަރުކުރައްވާފައިވާ ގޮތުގައި، ޝިރުކާއި ކުފުރަށް ޢަފޫނުކުރައްވާނެ އެވެ. އެކަލާގެ ވަޙީކުރައްވާފައި ވަނީ (إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدِ ٱفْتَرَىٰٓ إِثْمًا عَظِيمًا * النساء: 48) މާނައީ: "ހަމަކަށަވަރުން، اللّه، އެކަލާނގެއަށް شريك ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، اللّه އަށް شريك ކުރާ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ". محمّد (صلّى اللّه عليه وسلّم) އަކީ ހުރިހާ އިންސާނުންނަށް ފޮނުއްވި ރަސޫލާ ކަމަށާއި، އެކަލޭގެފާނު ތަބްލީޣުކުރެއްވި اللّه تعالى ގެ އަމުރުފުޅުކުރައްވާފައިވާ ކަންތައްތަކާއި، ނަހީކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ ކަމެއް ނަމަވެސް ޤަބޫލުނުކުރާ މީހާގެ ޖަޒާއަކީ ދާއިމަށް ނަރަކައިގައި އޮތުމެވެ.
ޤިޔާމަތް ދުވަހު، ހެޔޮކަންތައްތަކާއި ޢަމަލުތައް މިންކުރުމަށް ޓަކައި، ميزان އެއް ވާނެ އެވެ. ގިނަ ޢިލްމުވެރިންގެ ރައުޔުގައި، އެ ميزان ގައި ދެ ތިލަފަތާއި އަތަކާއި، ދުލެއް ވާނެ އެވެ. އެ ميزان ބޮޑުކަމުން އޭގެ އެންމެ ތިލަފަތަކަށް އުޑާއި ބިން ލެވޭނެ އެވެ. ހެޔޮ ޢަމަލުތަކުގެ ތިލަފަތް ހުންނާނީ އަލިކޮށް، العرش ގެ ކަނާފަރާތުގައި ސުވަރުގެއާ ދިމާލުގައެވެ. އަދި ނުބައި ކަންތައްތަކުގެ ތިލަފަތް ހުންނާނީ އަނދިރިކަމުގައި، العرش ގެ އުތުރުގައި ނަރަކައާ ދިމާލުގައެވެ. ދުނިޔޭގައި ކުޅަ ޢަމަލުތަކާއި، ބުނި ބަސްތަކާއި، ކުރި ފިކުރުތަކާއި، ބެލި ބެލުންތައް މިނެކިރޭ އިރު، ހެޔޮ ކަންތައްތައް އަލިވެގެންވާ ޞިފައެއް ގައި ފެންނަ އިރު، ނުބައި ކަންތައްތައް މިނެކިރޭނީ އަނދިރި އަދި ހުތުރު ޞިފަތަކުގައެވެ. މި ميزان އަކީ، ދުނިޔޭގައި ހުންނަ ميزان ތަކާ އެއްގޮތް އެއްޗެއް ނޫނެވެ؛ ބުނެވޭ ގޮތުގައި، ބަރުކޮށް ހުންނަ ތިލަފަތް މައްޗަށް އުފުލޭ އިރު، ލުއިކޮށް ހުންނަ ތިލަފަތް އުފުލޭނީ ތިރިއަށެވެ. ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ވަރަށް ގިނަ ميزان ތަކެއް ވާނެ އެވެ. އަދި ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، "ހުންނާނެ ميزان ތަކުގެ ޢަދަދެއް އަދި ހުންނާނެ ގޮތެއް އިސްލާމް ދީނުގައި އަންގަވާފައެއް ނެތެވެ. އެހެންކަމުން، ރަނގަޅުވާނީ މި މައުޟުޢާ މެދު ނުވިސްނުމެވެ".
الصراط އޭ ކިޔޭ ދެމިގެންވާ ބްރިޖެއް ނަރަކައިގެ މަތީގައި اللّه تعالى ގެ އަމުރުފުޅުގެ ދަށުން ބިނާކުރެވޭނެ އެވެ. ކޮންމެ މީހަކު ވެސް އެ ބުރިޖް މަތިން ހުރަސްކުރުމަށް އަމުރުކުރެވޭނެ އެވެ. އެ ދުވަހު، ހުރިހާ ނަބީންނާއި، ރަސޫލުން (عليهم السّلام) ދަންނަވާނެ އެވެ. "އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ރައްކާތެރިކަން ދެއްވާދޭވެ!" ސުވަރުގޭގެ އަހުލުވެރިން ފަސޭހަކަމާ އެކު صراط ހުރަސްކުށް ސުވަރުގެއަށް ފޯރާނެ އެވެ. އޭގެތެރެއިން ބައެއް މީހުން صراط ހުރަސްކުރާނީ ޖަހާލާ ވިދުވަރެއްހާ އަވަހަށެވެ. އަދި ބައެއް މީހުން ވައިރޯޅިއެއްހާ އަވަހަށެވެ. އަދި ބައެއް މީހުން ބާރަށް ދުވާ އަހެއްހާ އަވަހަށެވެ. صراط ބުރިޖް، އިސްތަށްޓަކަށް ވުރެ ހިމަވެފައި، ކަނޑިއަށް ވުރެ ތޫނުވާނެ އެވެ. صراط ގެ މިސާލަކީ، މި ދުނިޔޭގައި އިސްލާމީ ޝަރީޢަތަށް އުޅުން ފަދަ ކަމެކެވެ؛ ސީދާ އިސްލާމް ދީނުގައި ވާ ގޮތަށް އުޅުމަކީ، صراط ހުރަސްކުރުން ފަދަ އެވެ. މި ދުނިޔޭގައި ހަވާނަފްސުގެ އެދުންތައް ހިފެހެއްޓުމުގެ އުނދަގޫކަން ތަޙައްމަލުކުރާ މީހުން صراط ހުރަސްކުރާނީ ފަސޭހަކަމާ އެކުގައެވެ. އިސްލާމީ ޝަރީޢަތުގައި ނުހިފަހައްޓައި، ހަވާނަފްސާ އެއްގޮތަށް އުޅުނު މީހުން، صراط ހުރަސްކުރާ އިރު، ގިނަގުނަ އުނދަގޫތަކާ ކުރިމަތިލާންޖެހޭނެ އެވެ. މި ސަބަބަށް ޓަކައި، ދެއްވާފައިވާ ނަމަކީ "صراط المستقيم" (ސީދާވެގެންވާ މަގު) އެވެ. ނަމުގައި ހުރި މި އެއްގޮތްކަމުން ދައްކައިދެނީ، އިސްލާމްދީނުގައި ވާ މަގުގައި ހިފެހެއްޓުމަކީ، صراط ހުރަސްކުރުން ފަދަ ކަމެއް ކަމެވެ. ނަރަކައިގެ އަހުލުވެރިން ފައި ކައްސާލައިގެން ނަރަކަށް ވެއްޓޭނެ އެވެ.
محمّد المصطفى (صلّى اللّه عليه وسلّم) އަށް ޚާއްޞަކުރެވިފައިވާ حوض الكوثر އޭ ނަމަކަށް ކިޔޭ ފެންގަނޑެއް ވާނެ އެވެ. އެ ފެންގަނޑުގެ ބޮޑުމިނުގައި އެއްމަސް ދުވަހުގެ ދަތުރުގެ ރާސްތާ ހުންނާނެ އެވެ. އެ ފެންގަނޑުގައިވާ ފެން ކިރަށް ވުރެ ހުދުވެފައި، މަސްކުގެ ވަހަށް ވުރެ މީރުވަސް ދުވާނެ އެވެ. އެތަނުގައިވާ ފެންބޯ ތަށިތައް ތަރިތަކަށް ވުރެ ގިނަވާނެ އެވެ. އެ ފެންގަނޑުން ފެން ބޮއެފި މީހަކު، ނަރަކާގައި ވީކަމުގައި ވިޔަސް، ދުވަހަކު ވެސް ފެންނުބޮވާނެ އެވެ.
الشفاعة އަކީ ޙައްޤެކެވެ. ނަބީންނާއި، ރަސޫލުންނާއި، ވަލީވެރިންނާއި، ޞާލިޙުންނާއި، މަލާއިކަތުންނާއި، އެބަޔަކަށް ގެ އިޒުނަދެއްވާފައިވާ މީހުން، ޝަފާޢަތަށް އެދި ދަންނަވާނީ، ތައުބާނުވެ މަރުވެފައިވާ މުއުމިނުންގެ ބޮޑެތި އަދި ކުދި ފާފަތައް ފުއްސަވައިދެއްވުމަށެވެ. [ކީރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ޙަދީޘްފުޅެއްގައި ވާ ގޮތުގައި (شفاعتي لأهل الكبائر من أمّتي) މާނައީ: "ތިމަންކަލޭގެފާނުގެ ޝަފާޢަތް ދެއްވާނީ، ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން ބޮޑެތި ފާފަކުރާ މީހުންނަށެވެ".] މަޙްޝަރު ދުވަހު ފަސް ވައްތަރެއްގެ ޝަފާޢަތް ވާނެ އެވެ. އެއީ:
ޝަފާޢަތުގެ ފުރަތަމަ ވައްތަރަކީ، ޤިޔާމަތް ދުވަހު މަޙްޝަރު ބިމުގައި އިންތިޒާރު ދިގުވެގެން ގޮސް، ރޮއި ހޭރި، ޙިސާބުބެއްލެވުން އަވަސްކޮށްދެއްވުމަށް އެދި އާދޭސް ދަންނަވާ އުއްމީދުގެއްލިފައިވާ ފާފަވެރިންނަށް ދެއްވާ ޝަފާޢަތެވެ.
ޝަފާޢަތުގެ ދެވަނަ ވައްތަރަކީ، މަޙްޝަރު ބިމުގައި ސުވާލުކުރެއްވުން އަވަސްކުރައްވައި ފަސޭހަކޮށްދެއްވުމަށް ދެއްވާ ޝަފާޢަތެވެ.
ޝަފާޢަތުގެ ތިން ވަނަ ވައްތަރަކީ، ފާފަވެރި މުއުމިނުން صراط ހުރަސްކުރާ އިރު، ނަރަކައިގެ ތެރެއަށް ވެއްޓި، ނަރަކައިގެ ޢަޒާބުން ސަލާމަތްކޮށްދެއްވުމަށް ޓަކައި ދެއްވާ ޝަފާޢަތެވެ.
ޝަފާޢަތުގެ ހަތަރު ވަނަ ވައްތަރަކީ، ވަރަށް ބޮޑަށް ފާފަކޮށްފައި ތިބޭ މުއުމިނުން ނަރަކައިން ނެރުއްވުމަށް ޓަކައި ދެއްވާ ޝަފާޢަތެވެ.
ޝަފާޢަތުގެ ފަސް ވަނަ ވައްތަރަކީ، ސުވަރުގޭގައި މުއުމިނުން މަތީ ދަރަޖައަކަށް ޕްރޮމޯޓްކުރެއްވުމަށް ޓަކައި ދެއްވާ ޝަފާޢަތެވެ. ސުވަރުގޭގައި ގުނާ ޢަދަދުނުކުރެވޭހާ ގިނަ ނިޢުމަތްތަކާއި، އަބަދީކޮށް ދެމިތިބުމެއް ލިބިގެން ވާ އިރު، އާދެ، ސުވަރުގޭގައި އަށް ދަރަޖައެއް ވާ އިރު، ކޮންމެ މީހެއްގެ ދަރަޖަ ހުންނާނީ، އެމީހެއްގެ އެ މީހެއްގެ އީމާންތެރިކަމާއި، ކުރި ޢަމަލުތަކުގެ ދަރަޖައަކަށެވެ.
ސުވަރުގެއާއި، ނަރަކަ މިހާރު ވެސް ވަނީ ވުޖޫދުވެގެންނެވެ. ސުވަރުގެ ލައްވާފައިވަނީ، ހަތް ވަނަ އުޑުގެ މަތީގައެވެ. އަދި ނަރަކަ ވަނީ، ހުރިހާ އެއްޗެއްގެ ތިރީގައެވެ. ސުވަރުގޭގެ އަށް ދަރަޖައެއް ވާ އިރު، ހަތް ނަރަކައެއް ލައްވާފައި ވެއެވެ. ސުވަރުގެ،ދުނިޔެ އާއި، އިރާއި، އުޑުތަކަށް ވުރެ ބޮޑުވެ ތަނަވަސްވެގެން ވެއެވެ. އަދި ނަރަކަ އިރަށް ވުރެ ބޮޑުވެގެން ވެއެވެ.