Hakikat Books
Türkçe
Önizleme — bu metin henüz yayın onayı almadı.

Bölüm 14 / 18

الإمام شرف الدّين أحمد بن يحيى المنيري (رحمه اللّه تعالى) ގެ ދެ މަޒްމޫނު

އިންޑިޔާ އިން ކިޔަވާވިދާޅުވި އިސްލާމީ ޢިލްމުވެރިންގެ ތެރެއިން ފާހަގަކުރެވޭ އެއް ޢިލްމުވެރިޔާ ކަމުގައިވާ شرف الدّين أحمد بن يحيى المنيري އޭނާ ފާރިސީ ބަހުން ލިޔުއްވި المكتوبات ގެ 18 ވަނަ މަޒްމޫނު ގައި ލިޔުއްވާފައި ވެއެވެ.:

"ވަރަށް ގިނަ ބަޔަކު ތިބެނީ ޝައްކާއި ވަހުމުގައެވެ. މިފަދަ ކަމީނާ ވިސްނުމުގެ މީހުން ބުނެތެވެ.: 'اللّه تعالى އަށް އަހަރެމެންގެ عبادات (އަޅުކަންކުރުން) ބޭނުންފުޅުވެ ވޮޑިއެއް ނުގަންނަވައެވެ. އަހަރެމެންގެ އަޅުކަންކުރުމުން އެކަލާނގެ އަށް ވާ އެއްވެސް ފައިދާއެއް ނެތެވެ. މީސްތަކުން އެކަލާނގެ އަށް އަޅުކަންކުރުމަކުން ނުވަތަ އަދި ފާފަވެރިވުމަކުން އެކަލާނގެ އަށް ވާ ތަފާތެއް ނެތެވެ. އަޅުކަންކުރާ މީހުން، އެކުރަނީ އެ މީހުންގެ ނަފްސުތައް ވަރުބަލިކުރުން ފިޔަވައި އިތުރު ކަމެއް ނޫނެވެ'. އެ މީހުންގެ މި ބުނުމަކީ، ގޯސް ހަމައެކެވެ؛ އިސްލާމް ދީން ނުދަންނަ މިފަދައިން ބުނަނީ، އަޅުކަންކުރުމަށް އަންގަވާފައި ވަނީ އެއީ، اللّه تعالى އަށް ބޭނުންތެރި ކަމަކަށް ވާތީ ކަމަށް އެބައިމީހުން ހީކުރާތީ އެވެ. މިއީ، މުސްތަޙީލު ކަމެއް ވެދާނެ ކަމެއް ކަމަށް އޮޅުވާލާ ވަރަށް ގޯސް ހީކުރުމެކެވެ. އެއްވެސް މީހަކު ކުރާ އަޅުކަމުގެ ފައިދާ އޮތީ ހަމައެކަނި އެ މީހަކަށެވެ. سورة الفاطر ގެ 18 ވަނަ އާޔަތުގައި اللّه تعالى މިކަން ވަނީ ވަރަށް ސާފުކޮށް ކަނޑައަޅުއްވާފައެވެ. މި ގޯސް ވިސްނުން ގެންގުޅޭ މީހާގެ މިސާލަކީ، ޑައެޓްކުރުމަށް ޑޮކްޓަރ ލަފާދޭ ބަލިމީހަކު ޑައެޓްނުކޮށް 'އަހަރެން ޑައެޓްނުކުރިޔަސް ޑޮކްޓަރަށް ވާނެ ގެއްލުމެއް ނޯންނާނެ އެވެ'، މިހެން ބުނާ މީހާގެ މިސާލެވެ. ޑޮކްޓަރަށް ގެއްލުން ނުވާނެ ކަމަށް އޭނާ ބުނުމަކީ ރަނގަޅު ބުނުމެކެވެ. އެކަމަކު، އެ ބަލިމީހާ އަށް ގެއްލުންވާނެ އެވެ. ޑޮކްޓަރ އޭނާ ޑައެޓްކުރުމަށް އިރުޝާދުދިނީ، އެއީ ޑޮކްޓަރަށް ފައިދާވާނެ ކަމަކަށް ވާނެތީއެއް ނޫނެވެ. އެކަމަކު، އެ ބަލިމީހާގެ ބައްޔަށް ފަރުވާއެއްގެ ގޮތުންނެވެ. އޭނާ ޑޮކްޓަރގެ އިރުޝާދާ އެއްގޮތަށް ޢަމަލުކުރާ ނަމަ، އޭނާ ބަލިން ފަސޭހަވާނެ އެވެ. އެހެން ނަހަދައިފި ނަމަ، އޭނާ މަރުވެދާނެ އެވެ. އަދި އެކަމަކުން ޑޮކްޓަރަށް ވާނެ އެއްވެސް ގެއްލުމެއް ނޯންނާނެ އެވެ.

"ގޯސް ވިސްނުމުގެ ބައެއް އެހެން މީހުން އެއްވެސް އަޅުކަމެއް ނުކުރެއެވެ؛ އަދި ޙަރާމްކަންތައްތަކަށް އަރައިގަތުން ނުހުއްޓައެވެ. މާނަ އަކީ، އެ މީހުން އިސްލާމް ދީނާ އެއްގޮތަށް ނޫޅެއެވެ. އެ މީހުން ބުނެތެވެ. 'اللّه تعالى އަކީ އެކަލާނގެ އަޅުތަކުންނަށް ދީލަތިވަންތަ ރަހީމްވަންތަ އޯގާވަންތަ ރަސްކަލާނގެ އެވެ. އެކަލާނގެ ފާފަފުއްސެވުމުގައި ނިމުމެއް ނެތެވެ. އަދި އެއްވެސް މީހަކަށް ޢަޒާބުނުދެއްވާނެ އެވެ'. އާނއެކެވެ. އެ މީހުން މިތާނގައި ބުނެފައި އޮތް ފުރަތަމަ ޢިބާރާތް ރަނގަޅެވެ. އެކަމަކު، ފަހު ޢިބާރާތް ރަނގަޅެއް ނޫނެވެ. ޝައިޠާނާ، އެބައިމީހުންނަށް ނުބައި ކަންތައްތަކަށް އަރައިގަތުމަށް ވަސްވާސްދެއެވެ. ހެޔޮވިސްނޭ މީހަކު ޝައިޠާނާގެ ވަސްވާސްތަކަށް ނުހެއްލޭނެ އެވެ. އެހެނީ، اللّه تعالى ގެ ޢަޒާބު ވެސް ވަރުގަދަވާނެ އެވެ. ވަރަށް ގިނަ ބަޔަކު ދުނިޔޭގައި ފަގީރުކަމާއި، އުނދަގުލުގައި އެކަލާނގެ ލައްވައެވެ. އެކަލާނގެ ބައެއް އިންސާނުން ވޭނުގައި އުޅެންޖައްސަވައެވެ. އެކަލާނގެ އަކީ އޯގާވަންތަ އަދި ރިޒްޤުދެއްވާ ރަސްކަލާނގެ ކަމުގައި ވިޔަސް، ކާނެ ކުޑަމިންވަރެއް ވިޔަސް، ބުރަ މަސައްކަތުން ދަނޑުގޮވާން ހައްދައިގެން މެނުވީ ނުދެއްވައެވެ. ހުރިހާ އެންމެން ދިރިލަހައްޓަވަނީ އެކަލާނގެ ކަމުގައި ވިޔަސް، އެއްވެސް މީހަކު ނުކައި ނުބޮއި ދިރިނުލަހައްޓަވައެވެ. ބޭސް ނުކާ ބަލިމީހަކަށް އެކަލާނގެ ޝިފާ ނުދެއްވައެވެ. ދިރިހުރުމާއި، ޞިއްޙަތާއި، މުދާވެރިކަމާއި، އެ ނޫން ވެސް ދުނިޔޭގެ ނިޢުމަތްތަކަށް އެކަލާނގެ ސބަބުތަކެއް ލެއްވި އެވެ. އަދި ހަމަ އެއާއެކު، ދުނިޔޭގެ ނިޢުމަތްތަކަށް ލައްވާފައިވާ ސަބަބުތަކުގައި ނުހިފާ މީހުންނަށް އެކަލާނގެ ރަޙުމެއް ނުކުރައްވައެވެ. އަދި ދުނިޔޭގެ ނިޢުމަތްތަކުން މަޙްރޫމްކުރައްވައެވެ. ދެ ވައްތަރެއްގެ ބޭސް ވެއެވެ. އެއީ: މާއްދީ ބޭހާއި، ރޫޙާނީ ބޭހެވެ. އެއްވެސް ވައްތަރެއްގެ ބައްޔަކަށް ބޭސްކުރުމަށް ކުރާ ރޫޙާނީ ބޭހަކީ، ޒަކާތް ދިނުމާއި، ޞަދަޤާތް ދިނުމެވެ. ވަރަށް ބޮޑަށް އެނގިގެންވާ ދެ ޙަދީޘެއްގެ މާނައިގައި ވެއެވެ.: "ޞަދަޤާތްދިނުމުން ތިޔަބައިމީހުންގެ ބަލިމީހުންނަށް ފަރުވާކުރާށެވެ"! އަދި "ކޮންމެ ބައްޔެއް ވެސް ފަސޭހަކޮށްދޭނެ ބޭހަކީ إستغفار އެވެ". މާއްދީ ވަރަށް ގިނަ ބޭސް ހުރެއެވެ. އެ ބޭސްތައް އެނގޭނީ ތަޖްރިބާ އިންނެވެ. ގިނަގިނައިން ރޫޙާނީ ބޭސް ބޭނުންކުރުމުން މާއްދީ ބޭސް ހޯދުމަށް ވެސް ފަސޭހަވާނެ އެވެ. އަންނަން އޮތް ދުނިޔޭގެ ނިޢުމަތްތައް ހޯދުން ވެސް އޮތީ އެހެންނެވެ. އެކަލާނގެ ވަނީ، ކުފުރާއި ޖާހިލުކަމަކީ، ފުރާނައަށް ނުރައްކާތެރި ވިހަ ކަމުގައި ލައްވާފައެވެ. އަދި ކަންނެތް ކަމަކީ، ރޫޙަށް ބަލިމަޑުކަން ގެނެސްދޭ ކަމެކެވެ. ބޭސް ބޭނުންނުކޮށްފި ނަމަ، ރޫޙު ބަލިވެ މަރުވާނެ އެވެ. ކުފުރާއި ޖާހިލުކަމަށް އޮތް ހަމައެކަނި ބޭހަކީ، ޢިލްމާއި، މަޢްރިފާ އެވެ. އަދި ކަންނެތް ކަމަށް އޮތް ފަރުވާއަކީ، ނަމާދު ކުރުމާއި، ހުރިހާ ވައްތަރެއްގެ އަޅުކަމެވެ. މި ދުނިޔޭގައި، މީހަކު ވިހަ ކެއުމަށް ފަހު، 'اللّه އަކީ އޯގާވަންތަ ރަސްކަލާނގެ އެވެ. އަދި އެކަލާނގެ އަޅާ ވިހައިގެ ގެއްލުމުން ރައްކާތެރިކޮށްދެއްވާނެ އެވެ'، މިހެން ބުންޏަސް ބަލިވެ މަރުވާނެ އެވެ. ބޭރަށް ހިންގާ މީހަކު ކާސްޓަރ އޮއިލް ބޮއެފި ނަމަ [ނުވަތަ ހަކުރުބަލި ހުންނަ މީހަކު ހަކުރާއި ފޮނި ކާއެއްޗެހި ކައިފި ނަމަ] އޭނާގެ ޙާލަތު ވާނީ އިތުރަށް ގޯހެވެ. އިންސާނާގެ ހަށިގަނޑަކީ ނާޒުކު އެއްޗަކަށް ވާތީ، ވަރަށް ގިނަ ތަފާތު ކަންތައްތައް [މިސާލަކަށް ކާނާ އާއި، އަންނައުނާއި، އުޅޭނެ ތަނެއް] އެ ހަށިގަނޑު ބޭނުންވެއެވެ. އެ އެއްޗެހި ހޯދައި، ތައްޔާރުކޮށް، ބޭނުންކުރުމަކީ، ވަރަށް އުނދަގޫ ކަމެކެވެ. (ބޭނުންވާ މި މުހިއްމު ކަންތައްތައް ހޯދުމުގެ) ބުރަ މަސައްކަތް ފަސޭހަކަމާއި، ހަމަޖެހުމާ އެކު ކުރުމަށް ޓަކައި، އިންސާނާގެ ޠަބީޢަތުގައި ނަފްސު ނަމަކަށް ކިޔާ ވަކި ބާރެއް އުފެއްދެވި އެވެ. ޖަނަވާރިތަކަށް މި ބާރެއް ބޭނުންމެއް ނުވެއެވެ. ޖިސްމާނީ ބޭނުންތައް ފުއްދުމަށް ނަފްސު އެދެއެވެ. ބޭނުންވާ ވަރަށް ވުރެ އިތުރަށް ވެސް އެފަދަ ބޭނުންތައް ފުއްދައެވެ. ނަފްސުގެ މިފަދަ އެދުންތަކަށް ކިޔަނީ ޝަހުވާ (އެދުންވެރިކަން) އެވެ. އެދުންވެރިކަން ފުއްދުމަށް ވަރަށް ބޮޑަށް ބޭނުންވެއެވެ. އަދި ބުއްދީގެ ފާރަލުމާ ޚިލާފަށް، މީހާގެ ހިތަށާއި، ހަށިގަނޑަށާއި، އެހެން މީހުންނަށް ގެއްލުންދޭނެ އެވެ. އެއީ އޭގެ ޒާތުގައި، ފާފަވެރިވާ ފަދަ ކަމެކެވެ. Endless Bliss ގެ ފުރަތަމަ ބައިގެ ތޭރަ ވަނަ ބާބުގެ ފަހު ބައި ބައްލަވާށެވެ!

ފިކުރާއި، ޢަޤީދާ ފާސިދު އެހެން ގްރޫޕަކުން ކުރާ ކަމަކީ، ނަފްސުގެ ކަސްރަތެއްގެ ގޮތުން، ޝަހުވާނީ އެދުންތަކާއި، ރުޅި އާއި، ޙިއްސީ އެދުންތައް ފިލުވައިލުމުގެ ބޭނުމުގައި ބަނޑުހައިހޫނު ކަމުގައި ތިބުމެވެ. އެއީ، އިސްލާމް ދީނުގައި ހުއްދަކުރެވިފައިވާ ކަމެއް ނޫނެވެ. އެބައި މީހުން ދެކޭ ގޮތުގައި، އިސްލާމް ދީން އަމުރުކުރަނީ އެ ކަންތައްތައް ފިލުވުމަށެވެ. ދިގު މުއްދަތަކަށް ބަނޑުހައިހޫނުކަން ތަޙައްމަލުކުރުމަށް ފަހު، އެކަންތައްތައް ނުފިލުމުން، އެބައިމީހުން ނިންމަނީ އިސްލާމް ދީން އަމުރުކުރައްވަނީ، ނުކުރެވޭނެ ކަމެއް ކަމަށެވެ. އެއާއެކު، އެ މީހުން ބުނެތެވެ.: "އިސްލާމް ދީނުގައި އަމުރުކުރައްވާފައިވާ މި ކަންތައްތަކަކީ، ނުކުރެވޭ ފަދަ ކަންތައްތަކެކެވެ. އިންސާނާގެ ޠަބީޢަތުގައި ލައްވާފައިވާ އާދަތައް އޭނާޔަކަށް ފިލުވައެއް ނުލެވޭނެ އެވެ. އެ ކަންތައްތައް ފިލުވައިލަން އުޅުމެކޭ، ކަޅު މީހަކު ދޮން މީހަކަށް ހެދުމެކޭ އެއްފަދަ އެވެ. ކުރުން މުސްތަޙީލު ކަމެއް ކުރަން އުޅުމަކީ، އެ މީހަކުގެ ދިރިއުޅުން ބޭކާރު ގޮތުގައި ނަގާލުމެވެ". އެބައިމީހުންގެ އެ ވިސްނުމާއި، ކަންކުރާ ގޮތް ރަނގަޅެއް ނޫނެވެ. އެކަމަކު، އެ ގޮތަށް އިސްލާމް ދީން އަމުރުކުރައްވާފައިވާ ކަމަށް އެބައިމީހުން ކުރާ ދަޢުވާއަކީ، ސީދާ ޖާހިލުކަމާއި، ގަމާރުކަމެވެ. އެހެނީ، ކަމުގައިވާ، ރުޅިއާއި، ޝަހްވަތާއި އެނޫނަސް އިންސާނީ ޞިފަތައް ފިލުވައިލުމަށް އިސްލާމް ދީން އެއްގޮތަކަށް ވެސް އަމުރުކުރައްވާފައެއް ނެތެވެ. އެފަދަ ދަޢުވާތަކަކީ، އިސްލާމް ދީނާ ދެކޮޅަށް ދެކެވޭ ދޮގު ވާހަކަތަކެވެ. އިސްލާމް ދީން އެ ގޮތަށް އަމުރުކުރައްވާފައި ވާ ނަމަ، އިސްލާމް ދީނު ގެންނެވި محمّد (صلّى اللّه عليه وسلّم) ގެ ކިބައިގައި އެ ޞިފަތައް ނެތީހެވެ. البريقة شرح الطريقة މި ފޮތުގައި ވާ ފަދައިން އެކަލޭގެފާނު މިކަންކަމާ ގުޅޭ ގޮތުން ޙަދީޘްކުރައްވާފައި ވެއެވެ. (إنّما أنا بشر أغضب كما يغضب البشر) މާނައީ: "ތިމަން ކަލޭގެފާނަކީ ވެސް އިންސާނަކީމެވެ. އެހެން އިންސާނުން ފަދައިން، ތިމަން ކަލޭގެފާނު ވެސް ރުޅި އަންނަމެވެ". އަދި (الغضب لا يخرجني عن الحق) އެވެ. މާނައީ: "ރުޅިއައުމަކުން ތިމަން ކަލޭގެފާނު ޙައްޤުން ބޭރެއް ނުވެއެވެ". ބައެއް ފަހަރު، އެކަލޭގެފާނު ކޯފާވެފައި ހުންނަ ތަން ފެނިފައިއެވެ. ކީރިތި ޤުރްއާނު ގައި މާތް اللّه ތަޢުރީފުކުރައްވާފައި ވަނީ: (وَٱلْكَـٰظِمِينَ ٱلْغَيْظَ * آل عمران: 134) މާނައީ: "އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ". ރުޅި ނާންނަ މީހުންނަކަށް އެކަލާނގެ ތަޢުރީފެއް ނުކުރައްވައެވެ. އިންސާނާގެ ޝަހުވަތް ނައްތާލަންޖެހޭ ކަމަށް ބުނާ ބާޠިލު ފިކުރުގެ މީހުން ބުނާ ބުނުމަކީ، ގޯސް ބުނުމެކެވެ. އެހެނީ، ކިރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) ނުވަ އަންހެން ބޭކަނބަލުންނާ ކައިވެނިކުރެއްވި އެވެ. އެކަމުން ދޭހަވަނީ، އެ މީހުންގެ އެ ބުނުން ބާޠިލު ކަމެވެ. މީހެއްގެ ޝަހުވަތް ގެއްލިއްޖެ ނަމަ، އެ މީހަކަށް ޖެހޭނީ ބޭސް ކާށެވެ. ރުޅި ވެސް އެހެންނެވެ. ފިރިހެނަކު އޭނާގެ ރުޅީގެ ބޭނުންކޮށްގެން އޭނާގެ އަނބިމީހާ އާއި، ދަރިން ޙިމާޔަތްކޮށްދެވިދާނެ އެވެ. އަދި އޭނާ އިސްލާމް ދީނުގެ ޢަދުއްވުންނާ ދެކޮޅަށް ޖިހާދުކުރަނީ، މި ރުޅީގެ އެހީގައެވެ. އަދި އޭނާގެ ދަރިންގެ ސަބަބުން އޭނާ ގެ ހައިބަތާއި، ޝަރަފު އުފުލެނީ، ޝަހުވަތުގެ ސަބަބުންނެވެ. މި ހުރިހާ ކަންކަމަކީ، އިސްލާމް ދީނުގައި ހުއްދަކުރައްވާފައިވާ އަދި ތަޢުރީފުކުރައްވާފައިވާ ކަންތައްތަކެވެ.

"އިސްލާމް ދީން އަމުރުކުރައްވަނީ، ޝަހުވަތާއި، ރުޅި ނައްތާލުމަކަށް ނޫނެވެ. އެކަމަކު އެ ދެ ކަންތައް ވެސް ކޮންޓްރޯލްކޮށް، އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ބޭނުންކުރުމަށެވެ. އޭގެ މިސާލަކީ، އަސް ދުއްވާ މީހަކު މީހަކު އޭނާގެ އަސް ނުވަތަ ޝިކާރަކުރާ މީހަކު އޭނާގެ ކުއްތާ ނައްތާލުމުގެ ބަދަލުގައި އޮޅުކުރުމާއި، ގެއްލުން ދިނުމުގެ ބަދަލުގައި ފައިދާ ހޯދުމެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، ޝަހުވަތާއި، ރުޅި އަކީ، ޝިކާރަކުރާ މީހެއްގެ ކުއްތާ އަދި އަސް ދުއްވާ މީހެއްގެ އަސް ފަދަ އެވެ. އެ ދެކަންތައް ނުލައި އާޚިރަތުގެ ނިޢުމަތްތައް ޝިކާރައެއް ނުކުރެވޭނެ އެވެ. އެކަމަކު، އެ ދެ ކަންތަކުގެ ބޭނުން ހިފުމަށް ޓަކައި، އިސްލާމް ދީނުގައި ވާ ގޮތަށް ތަރުބިއްޔަތުކުރަން ޖެހެއެވެ. އެ ގޮތަށް ތަރުބިއްޔަތު ނުކުރެވި، އިސްލާމީ ޝަރީޢަތުގެ ޙައްދުން ބޭރުވެއްޖެ ކަމުގައި ވާ ނަމަ، އިންސާނާ ނުރައްކަލުގެ ތެރެއަށް ހުރަހޮޅޭނެ އެވެ. ކަސްރަތަކީ އެ ދެ ޞިފަ މަރާލުމަށް ކުރެވޭ އެއްޗެއް ނޫނެވެ. އެކަމަކު، އެ ދެ ޞިފަ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ތަމްރީނުކުރުމެވެ. އަދި މިއީ، ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. އެޓޮމިކް ބާރު ނުވަތަ މަތިންދާ ބޯޓު ބޭނުންކުރުމަކީ، ޙަޟާރަތެއް ނޫނެވެ. ޙަޟާރަތަކީ، އެތަކެތި އިންސާނިއްޔަތަށް ޚިދުމަތްކުރުމަށް ބޭނުންކުރުމެވެ. އެކަން އެ ގޮތަށް ކުރެވޭނީ، އިސްލާމް ދީނަށް ޢަމަލުކޮށްގެންނެވެ.

"އަދި ބާޠިލު ވިސްނުމުގެ ހަތަރު ވަނަ ގްރޫޕުގެ މީހުން؛ ޚުދު އެ މީހުންނަށް އޮޅުވާލަނީ މިހެން ބުނެގެންނެވެ.: 'ކޮންމެ ކަމެއް ވެސް އަޒަލުގައި ވަނީ ޤަދަރުކުރެވިފައެވެ. ކުޑަކުއްޖަކު ވިހެއުމުގެ ކުރިން، އޭނާ ވާނީ އަކަށް سعيد އަކަށް (ސުވަރުގެ ވަންތަ ވެރިޔަކަށް) ތޯ، ނުވަތަ شقي އަކަށް (ނަރަކަ ވަންތަ ވެރިޔަކަށް) ތޯ ވަނީ ކަނޑައެޅިފައެވެ. މިކަން ފަހުން ބަދަލެއް ނުވާނެ އެވެ. އެހެންކަމުން، އަޅުކަން ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ'. قضاء އާއި قدر އަކީ ބަދަލުވާ އެއްޗެއް ނޫން ކަމަށާއި، ކޮންމެ ކަމެއް ވެސް އަޒަލުގައި ވަނީ ތަޤްދީރުކުރެވިފައި ކަމަށް ކިރިތި ރަސޫލާ محمّد (صلّى اللّه عليه وسلّم) އެކަލޭގެފާނުގެ އަޞްޙާބުންނަށް ޚަބަދު ދެއްވުމުން، ޞާހާބީން ދެންނެވި އެވެ.: (نترك العبادة و نثق القضاء و القدر في الأزل) މާނަ އަކީ، "އަޅުކަންކުރުން ދޫކޮށްލާފައި، އަޒަލުގައިވާ قدر އަށް އިތުބާރުކުރާނީ އެވެ". އެކަމަކު، ރަސޫލާ محمّد (صلّى اللّه عليه وسلّم) އެކަން އެގޮތަށް ކުރުން ނަހީކުރެއްވި އެވެ. އަދި ޙަދީޘްކުރެއްވި އެވެ.: (إعملوا فكلّ ميسّر لما خلق له) މާނައީ، "އަޅުކަން ކުރާށެވެ. ކޮންމެ މީހަކަށް ވެސް އެ މީހަކަށް އަޒަލުގައި ތަޤްދީރުކުރެވިފައިވާ ކަމެއް ކުރުމަކީ ފަސޭހަ ކަމެކެވެ". މާނަ އަކީ، سعيد އަކަށް ވުމަށް އަޒަލުގައި ކަނޑައެޅިފައިވާ މީހަކަށް ޢަމަލުކުރަން ޖެހޭނީ سعيد އަކު ކުރަންޖެހޭ ޢަމަލުތަކެވެ. އެހެންކަމުން، ފަހުމްވެފައިވަނީ، سعيد އަކަށް ވުމަށް ކަނޑައެޅިފައިވާ މީހަކު އަޅުކަންކުރުމާއި، شقي އަކަށް ވުމަށް ކަނޑައެޅިފައިވާ މީހަކު އެކަލާނގެ އަންގަވާފައިވާ ގޮތަށް ނޫޅުމަކީ، އަޒަލުގައި ޞިއްޙަތު ރަނގަޅުވާނެ ކަމަށް ކަނޑައެޅިފައިވާ މީހުން ކައި ބޭސްކުރުމާއި، އަޒަލުގައި ބަލިވެ މަރުވާނެ ކަމަށް ކަނޑައެޅިފައިވާ މީހުން ނުކައި ނުވަތަ ބޭސްނުކޮށް ހުރުން ފަދަ ކަމެކެވެ. އަޒަލުގައި ބަނޑަށްޖެހި ނުވަތަ ބަލިވެގެން މަރުވާނެ ކަމަށް ކަނޑައެޅިފައިވާ މީހުންނަށް ކާނާ އާއި ބޭހުން ފައިދާއެއް ނުކުރާނެ އެވެ. އަޒަލުގައި މުއްސަނދިވާނެ ކަމަށް ކަނޑައެޅިފައިވާ މީހަކަށް އާމްދަނީ ހޯދާނެ ގޮތްތައް ހުންނާނީ ފަހިވެފައެވެ. އަޒަލުގައި އިރުމަތީ ގައި މަރުވާނެ ކަމަށް ކަނޑައެޅިފައިވާ މީހަކަށް ހުޅަނގަށް ދިއުމަށް އޮތް މަގު ހުންނާނީ ބަންދުވެފައެވެ. ވާރިދުވެފައިވާ ގޮތުގައި، އެއްދުވަހަކު عزرائيل (عليه السّلام)، سليمان (عليه السّلام) ގެ އަރިހަށް ޒިޔާރަތްކުރެވި އިރު، އެތާނގައި سليمان (عليه السّلام) އާ އެކު އިށީނދެގެން އިން މީހަކާ ދިމާލަށް ތޫނު ނަޒަރަކުން ބައްލަވާލެއްވި އެވެ. ملك الموت ޙައިރާންވެ އޭނާޔަށް ބެއްލެވި ބެއްލުވާ އެކު އެ މީހާ ބިރުގަތެވެ. عزرائيل (عليه السّلام)، އެތަނުން ވަޑައިގަތުމުން، އެ މީހާ، سليمان (عليه السّلام) ގެ އަރިހުން އެދުނީ عزرائيل (عليه السّلام) ގެ އަރިހުން ފިލުމަށް ޓަކައި، އޭނާ ހުޅަނގުގައިވާ ޤައުމަކަށް ގެންދިއުމަށް ވަޔަށް އަމުރުކޮށްދެއްވުމަށެވެ. عزرائيل (عليه السّلام) އެނބުރި ވަޑައިގަތުމުން، އެ މީހާގެ މޫނަށް އެހާ ބޮޑަށް ބެއްލެވީ ކީއްވެގެން ތޯ، އެއްސެވި އެވެ. عزرائيل (عليه السّلام) ވިދާޅުވީ، 'އަހަންނަށް އަމުރުކުރެވުނީ، އެއްގަޑި އިރު ފަހުން އޭނާގެ ފުރާނަ ހުޅަނގުގައިވާ ރަށެއް ގައި ހިއްޕެވުމަށެވެ. ދެން އަހަންނަށް އޭނާ ކަލޭގެފާނާ އެކުގައި އިށީނދެގެން ހުރުމުން އޭނާއާ ދިމާލަށް ބެލީ ޙައިރާންވެ ހުރެއެވެ. ދެން އަހަރެން ހެއްދެވި ރަސްކަލާނގެ އަމުރުފުޅަށް ހުޅަނގަށް ދިޔަ އިރު، އޭނާ އެތަނުން ފެނުމުން އޭނާގެ ފުރާނަ ހިއްޕަވައިފީމެވެ'. މި ވާހަކައިން އެނގެނީ، އަޒަލުގައިވާ ތަޤްދީރަކީ ޢިލްމެއް ކަމާއި، އަމުރެއް ނޫން ކަމެވެ. އަދި އެ މީހާ ملك الموت ދެކެ ބިރުގަތީ އަޒަލީ ޤަދަރުގައިވާ ގޮތަށް އެކަން ހިނގުމަށް ކަމެވެ. އަދި سليمان (عليه السّلام) އޭނާގެ އެދުމަށް އިޖާބަދެއްވީ އެވެ. އެކަމަކު، اللّه تعالى އަޒަލުގައި ތަޤްދީރުކުރައްވާފައިވާ ކަމެއް ތަންފީޒުވެގެންދިޔައީ، ސަބަބުތަކުގެ ސިލްސިލާއަކުންނެވެ. ހަމަ އެގޮތަށް، އަޒަލުގައި سعيد އަކު ކަމުގައި ކަނޑައެޅިފައިވާ މީހަކުގެ އީމާންތެރިކަމާއި، ނަފްސުގެ ތަމްރީންތަކުން އަޚްލާޤު ރަނގަޅުކުރުން ވެސް ހަމަ އެފަދަ އެވެ. سورة الأنعام ގެ 125 ވަނަ އާޔަތުގައި اللّه تعالى ވަޙީކުރައްވާފައި ވެއެވެ. (فَمَن يُرِدِ ٱللَّهُ أَن يَهْدِيَهُۥ يَشْرَحْ صَدْرَهُۥ لِلْإِسْلَـٰمِ ۖ * الأنعام: 125) މާނައީ: "اللّه ގެ ތެދުމަގު ދެއްކެވުމަށް އެކަލާނގެ އިރާދަކުރައްވާ މީހަކަށް، إسلام دين އަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވަތެވެ". އަޒަލުގައި شقي އެއް ކަމަށް ކަނޑައެޅިފައިވާ މީހާ، އެއާއެކު ނަރަކަޔަށް ވަނުމަށް އަޒަލުގައި ކަނޑައެޅިފައިވާ މީހަކަށް ވިސްނިދާނެ ފިކުރަކީ، 'އަޅުކަންކުރުމުގެ ބޭނުމެއް ނެތެވެ. އެހެނީ، سعيد އެއް ނުވަތަ شقي އެއް ކަން އަޒަލުގައި ވާ قدر އެވެ'. އޭނާ އަޅުކަންކުރަނީ، އޭނާގެ ވިސްނުމުގެ ސަބަބަކުނެއް ނޫނެވެ. އޭނާ އަޅުކަންކުރަނީ، އޭނާގެ އެ ފިކުރުން އޭނާ އަކީ، އަޒަލުގައި شقي އެއް ކަމަށް ކަނޑައެޅިފައިވާ ކަމަށް ދައްކާތިއެއް ނޫނެވެ. ހަމަ އެއާއެކު، އަޒަލުގައި އެމީހަކުގެ ޖަހާލަތު ކަނޑައެޅިފައިވާ މީހަކަށް ވިސްނިދާނެ ފިކުރަކީ، 'އަޒަލުގައި ވަނީ ހުރިހާ ކަމެއް ވެސް ލިޔެވިފައެވެ. ޖަހާލަތުގައި ދެމިހުރުމަށް އަޒަލުގައި ލިޔެވިފައިވާ ނަމަ، އެމީހަކު ތަޢުލީމު ޙާޞިލުކުރުމާއި، ކިޔުމުގެ ބޭނުމެއް ނެތެވެ'. މި ފިކުރުގެ ދަށުން އެ މީހަކު ނުކިޔަވައެވެ. ނުވަތަ އެއްޗެއް ނުއުނގެނެއެވެ. އޭނާ ދެމިހުންނަނީ ޖާހިލެއްގެ ގޮތުގައެވެ. ދަނޑުވެރިކަން ކޮށް، ގިނަ ޢަދަދެއްގެ ގޮވާން ލިބޭނެ ކަމަށް އަޒަލުގައި ލިޔެވިފައިވާ މީހަކަށް އޭނާގެ ދަނޑުހެއްދުމާއި، އޮށް އިންދުމުގެ ފުރުޞަތު ވަރަށް ބޮޑަށް ލިބިގެންދާނެ އެވެ. ހަމަ އެގޮތަށް، އަޒަލުގައި سعيد އެއް ކަމަށް ލިޔެވިފައިވާ މީހަކަށް އީމާންތެރިކަމާއި، ހެޔޮ ޢަމަލުކުރުން މިންވަރުކުރައްވާނެތެވެ. އަދި އަޒަލުގައި شقي އެއް ކަމަށް ލިޔެވިފައިވާ މީހަކަށް ކުފުރާއި، އުރެދުން މިންވަރުކުރައްވާނެތެވެ. މިކަން ވިސްނައިނުގަނެވޭ ގަމާރުން ބުނާނެތެވެ. 'އަޒަލުގައި سعيد އެއް ކަމަށް ލިޔެވިފައިވާވުމާ އީމާންތެރިކަމާއި އަޅުކަންކުރުމާ ހުރީ ކޮން ގުޅުމެއް ހެއްޔެވެ؟ އަދި އަޒަލުގައި شقي އެއް ކަމަށް ލިޔެވިފައިވާވުމާ ކުފުރާއި، އުރެދުމާ ހުރީ ކޮން ގުޅުމެއް ހެއްޔެވެ'؟ އެ މީހުންގެ މި ހަނި ވިސްނުމުން އެ މީހުން މަސައްކަތްކުރަނީ، މި ގުޅުމާއި، ހުރިހާ ކަމެއް އެ މީހުންގެ އަމިއްލަ ބުއްދިން ޙައްލުކުރުމަށެވެ. އެކަމަކު، އިންސާނާގެ ބުއްދި އަކީ ޙައްދެއް ވާ އެއްޗެކެވެ. އެހެންކަމުން، ބުއްދިއަށް ވިސްނައިނުގަނެވޭ ފަދަ ކަންތައްތައް، ބުއްދިން ވިސްނަން މަސައްކަތް ކުރުމުން ދޭހަވަނީ، ބުއްދީގެ އުނިކަމާއި، ގަމާރު ކަމެވެ. މިގޮތަށް ވިސްނާ މީހުން ބަލަންޖެހޭނީ ގަމާރުން ކަމަށެވެ. عيسى بن مريم (عليه السّلام) ވިދާޅުވި އެވެ.: 'މަންމަން މީހާ އަށް ވާހަކަދެއްކޭގޮތް ހެދުމާއި، ލޯފަން މީހާ އަށް ފެންނަ ގޮތް ހެދުމާއި، މަރިވެފައިވާ މީހާ ދިރުއްވުމަކީ، ތިމަން ކަލޭގެފާނަށް އުނދަގޫ ކަމަށް ނުވިއެވެ. އެކަމަކު، ގަމާރު މީހަކަށް ތެދު އޮޅުންފިލުވައިދިނުމަކީ ތިމަންކަލޭގެފާނަށް ކުރުމަށް ޤާބިލުނުވި ކަމެކެވެ'. اللّه تعالى، އެކަލާނގެ ނިމުމެއް ނެތް ޢިލްމާއި، ޙިކްމަތުން އެކަލާނގެ ބައެއް އަޅުތަކުންގެ ދަރަޖަ މަލާއިކަތުންގެ ދަރަޖަ އަށް އުފުއްލަވައެވެ. އަދި ކީއްތޯ އެވެ! މަލާއިކަތުންގެ ދަރަޖަ އަށް ވުރެ ވެސް މައްޗަށެވެ. އަދި ބައެއް މީހުން ކުއްތާ ނުވަތަ އޫރުގެ ދަރަޖަ އަށް ޑިމޯޓްކުރައްވަ އެވެ.

حضرة الشيخ شرف الدّين أحمد إبن يحيى المنيري ލިޔުއްވި المكتوبات މި ފޮތުގައި ސަތޭކަ މަޒްމޫނު ވެއެވެ. މި ފޮތް ލިޔުއްވާފައި ވަނީ 741ހ. [1339މ.] ގައެވެ. އަދި ޗާޕުކޮށްފައި ވަނީ 1329ހ. [1911މ.] ގައި އިންޑިޔާގައެވެ. މި ފޮތް އިސްތަންބޫލުގެ ސުލައިމާނިއްޔާ ކުތުބުޚާނާ ގައި އެބަ އޮތެވެ. މި ފޮތުގެ މުއައްލިފު އެ ފޮތުގެ 76 ވަނަ މަޒްމޫނުގައި ލިޔުއްވާފައި ވެއެވެ.:

" 'السعادة' ގެ މާނަ އަކީ، އިންސާނާ ސުވަރުގޭގެ އަހްލުވެރިއެއް ކަމުގައި ވުމެވެ. އަދި 'الشقاوة' ގެ މާނަ އަކީ، އިންސާނާ ނަރަކައިގެ އަހްލުވެރިއެއް ކަމުގައި ވުމެވެ. السعادة އާއި الشقاوة އަކީ، اللّه تعالى ގެ ޚަޒާނާތަކުގެ ތެރެއިން ދެ ޚަޒީނާ އެވެ. ފުރަތަމަ ޚަޒާނާގެ ތަޅުދަނޑިއަކީ، ކިޔަމަންތެރިވުމާއި، އަޅުކަންކުރުމެވެ. އަދި ދެވަނަ ޚަޒާނާގެ ތަޅުދަނޑިއަކީ، އުރެދުމާއި، ފާފަތަކެވެ. ހަމަކަށަވަރުން، އިންސާނަކު سعيد އަކު ނުވަތަ شقي ކަމުގައި ވާނެކަން ވަނީ އަޒަލުގައި ލިޔުއްވާފައެވެ. އަޒަލުގައި سعيد އަކު ކަމުގައި ލިޔުއްވާފައިވާ މީހާ އަށް މި ދުނިޔޭގައި سعادة ގެ ތަޅުދަނޑި ވަނީ ދެއްވާފައެވެ. އަދި اللّه تعالى އަށް ކިޔަމަންގަނެއެވެ. އަދި އަޒަލުގައި شقي އަކު ކަމުގައި ލިޔުއްވާފައިވާ މީހާ އަށް މި ދުނިޔޭގައި شقاوة ގެ ތަޅުދަނޑި ވަނީ ދެއްވާފައެވެ. އަދި އަބަދުވެސް ފާފަކުރެއެވެ. މި ދުނިޔޭގައި، ކޮންމެ މީހަކަށް ވެސް އެމީހަކީ سعيد އެއް ކަން ނުވަތަ شقي އެއް ކަން، އެ މީހެއްގެ އަތުގައި އޮންނަ ތަޅުދަނޑިން ދެނެގަނެވޭނެ އެވެ. ތަޤްވާވެރި ދީނީ ޢިލްމުވެރިން سعيد ންނާއި شقي އިން ވަކިކޮށް ދެނެގަންނަނީ އެ އަސާސްގެ މައްޗަށް ބަލާފައެވެ. އެކަމަކު، ދުނިޔެއާ ފިކުރު ގުޅިފައިވާ ދީނީ ޢިލްމުވެރިންނަށް މިކަމެއް ފަހުމެއް ނުވާނެ އެވެ. ޢިއްޒަތާއި، ނިޢުމަތް ލިބުން ވަނީ، ކިޔަމަންތެރިކަމާއި، އިޚްލާޞްތެރި ކަމާއެކު اللّه تعالى އަށް އަޅުކަން ކޮށްގެންނެވެ. އަދި ކޮންމެ ނުބަޔަކާއި، ދުއްތުރާލެއްގެ މަޞްދަރަކީ ފާފަކުރުމެވެ. ކޮންމެ މީހަކަށް ވެސް ދުއްތުރާލާއި، ބަދުނަޞީބު ކުރިމަތިވަނީ، ފާފަކުރުމުގެ ޒަރީޢާއިންނެވެ. އަދި އަރާމާއި، ހިތްފަސޭހަކަން ލިބެނީ، ކިޔަމަންތެރިވުމުންނެވެ. ޤުދުސްގައި ހުންނަ مسجد الأقصى ގައި އެތަކެއް އަހަރެއް ވަންދެން އަޅުކަންކުރުމާއި، ތަސްބީޙަ ކިޔުމުގައި އޭނާގެ ޙަޔާތް ވޭތުކުރި މީހަކު، އަޅުކަން ކުރުމާއި، އިޚްލާޞްތެރިވުމުގެ ޝަރުޠުތައް ނުއުނގެނުމުގެ ސަބަބުން، އެއް ސަޖިދަކުރުމުގައި ފަރުވާކުޑަކުރުމުން ނިހާއީ ހަލާކުގެ ތެރެއަށް ވެއްޓިގެން ދިޔައެވެ. އެހެންނަމަވެސް، ކަހުފު ބާގައިގެ މީހުންގެ ކުއްތާ، އެއީ މުޑުދާރު އެއްޗަކަށް ވިޔަސް، އެ ޞިއްދިޤުންގެ ފަހަތުގައި މަދު ފިޔަވަޅުތަކެއް އަޅާފައި ވާތީ، އޭތީގެ ދަރަޖަ އުފުއްލަވައި، އޭގެ ފަހުން ދަރަޖަ ޑިމޯޓެއް ނުކުރައްވައެވެ. މި ޙަޤީޤަތަކީ، އިންސާނުންގެ ބުއްދި ޙައިރާންކުރުވާ ފަދަ ކަމެކެވެ؛ އެތަކެއް އަހަރެއް ފާއިތުވީ އިރު ވެސް، ޢިލްމުވެރިންނަށް މި އަރަތުގެ ޖަވާބެއް ނުހޯދުނެވެ. އެހެނީ، އެކަމުގައިވާ އިލާހީ ޙިކްމަތް އިންސާނާގެ ސިކުނޑިއަށް ވިސްނައެއް ނުގެނެވޭނެ އެވެ. اللّه تعالى، آدم (عليه السّلام) އާއި އެކަލޭގެފާނުގެ އަނބިކަނބަލުންނާ މުޚާތަބުކުރައްވައި ވަޙީކުރެއްވި އެވެ. (وَلَا تَقْرَبَا هَـٰذِهِ ٱلشَّجَرَةَ * البقرة: 35) މާނައީ: "އަދި ތިޔަ ދެކަނބަލުން މި ހިރިގަހާ ކއިރިވެވަޑައިނުގަންނަވާށެވެ!". އަދި އެގަހުން ފަރިއްކުޅުއްވަން ބޭނުންވެލެއްވި އެވެ. އެހެނީ، آدم (عليه السّلام) އެ ގަހުން ފަރިއްކުޅުއްވާނެ ކަން އަޒަލުގައި اللّه تعالى އެނގިވޮޑިގެންވެއެވެ؛ آدم (عليه السّلام) އަށް ސަޖިދަ ޖެހުމަށް އެކަލާނގެ ޝައިޠާނާ އަށް އަމުރުކުރެއްވިއެވެ. އެކަމަކު، އެކަލާނގެ އިރާދަފުޅުކުރެއްވީ ޝައިޠާނާ ސަޖިދަ ނުޖެހުމަށެވެ. އަދި އަޅުތަކުންނަށް އެ އަމުރު ކުރެއްވި އެވެ. އެކަމަކު އެކަލާނގެ އަށް އިޚްލާޞްތެރި ކަމެއް ނެތް މީހަކަށް އެ ކަން ޙާޞިލުކުރުން މިންވަރު ނުކުރެއްވި އެވެ. ދަންނަ ބޭކަލުން ވިދާޅުވާ ގޮތުގައި، "މިކަން އަހަރެމެންނަށް އަޞްލު ފަހުމެއް ނުވެއެވެ. ދެން އަހަރެމެންނަށް އެއްޗެއް ބުނެވޭނީ ކިހިނެއް ހެއްޔެވެ؟ އެކަލާނގެ އަށް އިންސާނުން އެކަލާނގެ އަށް އީމާންވުމާއި، އަޅުކަންކުރުން ބޭނުންވެ ވޮޑިގެން ނުވެއެވެ. ނުވަތަ ކުފުރާއި، ފާފަކުރުމަކުން އެކަލާނގެ އަށް ވާނެ ގެއްލުމެއް ވެސް ނޯންނާނެ އެވެ. އެކަލާނގެ އަށް އެކަލާނގެ މަޚްލޫޤުނެއް ބޭނުންވެ ވޮޑިގެނެއް ނުވެއެވެ. އަދި ޢިލްމު ލައްވާފައިވަނީ އަނދިރިކަން ފިލުއްވުމަށެވެ. އަދި ޖަހާލަތު ލައްވާފައިވަނީ ފާފަތަކަށް އަރައިގަތުމަށެވެ. އީމާންކަމާއި، ކިޔަމަންގަތުމުގެ މަޞްދަރަކީ، ޢިލްމެވެ. އަދި އުރެދުމާއި، ފާފަޔަށް އަރައިގަތުން ފެށިގެން އަންނަނީ، ތަންދޮރުނުދަތުމުންނެވެ. ދީނުގައި ކުރަން އަންގަވާފައިވާ ކިތަންމެ ކުޑަ ކަމެއް ވެސް ނުކޮށް ދޫކޮށްގެން ނުވާނެ އެވެ. ހަމަ އެހެންމެ، ކިތަންމެ ކުޑަ ފާފަޔަކަށް ވިޔަސް ދުރުވާން ޖެހޭނެ އެވެ. މުސްލިމު ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި، ތިން ކަމަކީ، އެހެން ތިން ކަމެއްގެ ސަބަބެވެ. އެއީ: ކިޔަމަންތެރިވުމަކީ، اللّه تعالى ގެ ރުއްސެވުން ހޯދުމަށް އޮތް ސަބަބެވެ. އަދި ނުބައި ކަންތައްތަކަށް އަރައިގަތުމަކީ، اللّه تعالى ގެ ނުރުއްސެވުން ހޯދުމަށް އޮތް ސަބަބެވެ. އަދި އީމާންތެރިކަމަކީ، ޝަރަފުވެރިކަމާއި، މަތީ ދަރަޖަ ހޯދުމަށް އޮތް ސަބަބެވެ. މި ސަބަބަށް ޓަކައި، އަހަރެމެން އެންމެ ކުޑަ ފާފަ ކުރުމުން ވެސް ދުރުވުމަށް ވަރަށް ފަރުވާތެރިވާން ޖެހޭނެ އެވެ؛ އެހެނީ، އެ ނުބައި ކަމުގައި اللّه تعالى ގެ ނުރުއްސެވުން އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އަހަރެމެން ބަލަންޖެހޭނީ ކޮންމެ މުސްލިމަކީ ވެސް އަހަރެމެންނަށް ވުރެ ރަނގަޅު ބައެއްގެ ގޮތުގައެވެ. އެހެނީ، އެ މީހަކީ، اللّه تعالى ވަރަށް ލޯބިވެވޮޑިގަންނަވާ މީހަކަށް ވެދާނެ އެވެ. އަޒަލުގައި ކަނޑައަޅުއްވާފައިވާ ކޮންމެ މީހެއްގެ ތަޤްދީރު ބަދަލެއް ނުވާނެ އެވެ. اللّه تعالى އިރާދަކުރައްވައިފި ނަމަ، މުޅި ޢުމުރު ގައި ފާފަކޮށް، ދީނުގައި އަންގަވާފައިވާ ކަންތައްތައް ނުކުރާ މީހަގެ ފާފަ ފުއްސަވާނެ އެވެ. މަލާއިކަތުން ސުވާލު ދެންނެވި އެވެ. (قَالُوٓا۟ أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ ٱلدِّمَآءَ * البقرة: 30) މާނައީ: "އެބޭކަލުން (އެހިނދު) ދެންނެވޫއެވެ. އެ ބިމުގައި ފަސާދަކޮށް ލޭއޮހޮރުވާނޭ ބަޔަކު އިބަރސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ؟". އެކަލާނގެ ޖަވާބުދެއްވީ "އެ މީހުން ބިންމަތީގައި ފަސާދަނުކުރެއޭ" އެކޭ ނޫނެވެ. އެކަމަކު ވަޙީކުރެއްވީ (إِنِّىٓ أَعْلَمُ مَا لَا تَعْلَمُونَ * البقرة: 30) މާނައީ: "އެކަލާނގެ ވަޙީކުރެއްވި އެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަން ރަސްކަލާނގެ ދެނެވޮޑިގެންވަމެވެ". މާނައަކީ، 'ކަމަކަށް އަހުލުވެރި ނޫން މީހުން އަހުލުވެރިކުރައްވަމެވެ. އަދި ދުރު މީހުން ކައިރިކުރައްވަމެވެ. އަދި ދެރަނިކަމެތި މީހުން ޢިއްޒަތްތެރިކުރައްވަމެވެ. ތިޔަބައިމީހުން އެ މީހުންނާ މެދު ގޮތް ނިންމަނީ ޢަމަލުތަކަށް ބަލާފައެވެ؛ ތިމަންރަސްކަލާނގެ ބައްލަވާވޮޑިގަންނަވަނީ، އެ މީހުންގެ ހިތްތަކުގައިވާ އީމާން ކަމަށެވެ. ތިޔަބައިމީހުން ބަލަނީ، ތިޔަބައިމީހުން ފާފައިން ބަރީއަވުމަށެވެ. އެބައިމީހުން އެދި ދަންނަވަނީ، ތިމަންރަސްކަލާނގެ ރަޙްމަތަށެވެ. ތިމަން ރަސްކަލާނގެ ތިޔަބައިމީހުން ފާފަތަކުން ބަރީއަވުމުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ދެކެ ލޯބިވެވޮޑިގަންނަވާ ފަދައިން، މުސްލިމުންގެ ފާފަތައް ފުއްސެވުމަށް ވެސް ލޯބިވެވޮޑިގަންނަވަމެވެ. ތިމަނަރަސްކަލާނގެ އަށް އެނވޮޑިގަންނަވާ ކަންތައް ތިޔަބައިމީހުންނަށް ނޭނގޭނެ އެވެ. ތިމަންރަސްކަލާނގެ އަޒަލީ ނިޢުމަތްތައް އެ އެންމެނަށް ދެއްވަމެވެ'." މި ހިސާބުން 76 ވަނަ މަޒްމޫނުގެ ތަރުޖަމާ ނިމުނީ އެވެ. 782ހ. [1380މ.] ގައި އަވަހާރަވި الشيخ شرف الدّين أحمد بن يحيى المنيري ދިރުއުޅުއްވީ އިންޑިޔާގެ ބިހާރުގެ ރަށެއްގައެވެ. އޭނާގެ މަޤްބަރާ ވެސް ވަނީ އެތާގައެވެ. އަކީ ބިހާރު ސަރަޙައްދުގައި ވާ އަވަށްތަކުގެ ތެރެއިން އަވަށެއްގެ ނަމެވެ. شاه عبدالحق دهلوي (رحمة اللّه تعالى عليه) ލިޔުއްވާފައިވާ أخبار الأخيار މި ފޮތުގައި އޭނާގެ ބަޔޮގްރަފީ ތަފްޞީލުކޮށް ލިޔުއްވާފައި ވެއެވެ. މި ފޮތް ލިޔެފައިވަނީ ފާރިސީ ބަހުންނެވެ. އަދި ޗާޕުކުރެވިފައިވަނީ، އިންޑިޔާގެ ޑިއޯބަންޑް ގައި 1332ހ. [1940މ.] ގައި؛ އަދި ފަހުން ޕާކިސްތާނުގެ ލާހޯރުގައެވެ. އޭނާ ލިޔުއްވި ފޮތްތައް ކަމުގައިވާ إرشاد الصالحين، معادن المعاني އަދި مكتوبات، މި ފޮތްތަކަކީ ވަރަށް މުހިއްމު ފޮތްތަކެކެވެ. يحيى منير ގެ ފޮތް مكتوبات ކިޔުމަށް أهل السنّة ގެ ޢިލްމުވެރިންގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ޢިލްމުވެރިޔާ ކަމުގައިވާ غلام علي عبداللّه الدّهلوي ލަފާދެއްވައެވެ. އަދި އޭނާގެ 99 ވަނަ މަޒްމޫނުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ހިތް ސާފުކުރުމަށް އެ ފޮތް ބޭނުންތެރިއެވެ.

الإمام الرّبّاني (رحمه اللّه تعالى) އޭނާގެ ތަފާތު އެކި ލިޔުންތަކުގައި ތިރީގައި ވާ ފަދައިން ވިދާޅުވެއެވެ.: "اللّه ގެ އަމުރުފުޅުތަކަށް ކިޔޭ ނަމަކީ، فرض އެވެ. އަދި އެކަލާނގެ ނަހީކުރައްވާފައިވާ ކަންތައްތަކަށް ކިޔޭ ނަމަކީ، حرام އެވެ. އަދި އަމުރުކުރައްވާފައި ނުވާ އަދި ޙަރާމްކުރައްވާފައި ނުވާ ކަންތައްތަކަށް ކިޔެނީ مباح އެވެ. اللّه تعالى ގެ ރުއްސެވުން ހޯދުމަށް ޓަކައި، فرض ތައް އަދާކުރުމަށާއި، ޙަރާމްކުރެއްވި ކަންތަކުން ދުރުވުމަށާއި، مباح ކަންތައްތަކުގެ ބޭނުންކުރުމަށް ކިޔޭ ނަމަކީ، އަޅުކަންކުރުމެވެ. އަދި ކުރާ އަޅުކަންތައް ޞައްޙަވެ މަޤްބޫލުވުމަށް ޓަކައި، ޢިލްމު އުނގެނި އިޚްލާޞްތެރިވާން ޖެހެއެވެ. މާނަ އަކީ، މި އަޅުކަންތަކުގެ ޝަރުޠުތަކާއި، اللّه ގެ ވަޖްހުފުޅަށް ޓަކައި އަދާކުރާނެ ގޮތް އުނގެނުމެވެ. އިޚްލާޞްތެރިކަމާ އެކު އަޅުކަން އަދާކުރުމުގެ މާނަ އަކީ، ހަމައެކަނި اللّه تعالى ގެ ރުއްސެވުމާއި، ލޯބި ހޯދުމަށް ޓަކައި ކުރުމެވެ. ދީނާރުތަކާއި، ދިރުހަމްތަކާއި، މަޤާމާއި، މަޝްހޫރުކަން ފަދަ ދުނިޔެވީ މަންފާތައް ހޯދުމަށް އެކަން ކުރުމެއް ނޫނެވެ. ޢިލްމު އުނގެނެންވާނީ، މޮޅު ޢިލްމުވެރިއެއްގެ ބެލުމުގެ ދަށުން ފިޤްހު ފޮތްތައް ކިޔައިގެންނެވެ. އަދި އިޚްލާޞްތެރިކަން ހޯދޭނީ ޞޫފީ ފޮތްތައް ކިޔައިގެން، ވަލީވެރިއެއްގެ ބަސްފުޅުތަކާއި، އާދަތަކާއި، ޢަމަލުތައް އޮބްޒާވްކޮށްގެންނެވެ.

އިސްލާމީ ޢިލްމުތައް ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ، ދީނީ ޢިލްމާއި، ސައިންޓިފިކް ޢިލްމެވެ. ވީވަރަކުން އެ ޢިލްމުތައް އުނގެނުމަކީ، فرض އެކެވެ. މިސާލަކަށް ދަންނަވާނަމަ، ބޭސްތައް ބޭނުންކުރާ މީހަކު އެ ބޭސް ކާނެ ގޮތާއި، ކާނެ ޑޯޒް ދަސްކުރުމަކީ فرض އެކެވެ. ހަމައެހެންމެ، އިލްކްޓްރިކް އާލާތެއް ބޭނުންކުރަންޖެހޭ މީހަކު އިލެކްޓްރިސިޓީ އާ ބެހޭ ގޮތުން އެނގެންޖެހޭ މަޢޫލޫމާތު އުނގެނުމަކީ فرض އެކެވެ. އެހެނީ، އެ ކަންކަން ނޭނގުމަކީ، ހަލާކާއި، ނުރައްކާތެރިކަމާ ކުރިމަތިލާންޖެހޭނެ ސަބަބެކެވެ.

"މުސްލިމަކު އޭނާ އަދާކުރަންޖެހޭ އަޅުކަންތައް އަދާކުރުމުގައި ކަންނެތް ކަން ނުވަތަ ގޯސް އެކުވެރިންގެ ސަބަބުން އިހުމާލުވެ، މަރުވުމުގެ ކުރިން ތައުބާ ނުވެއްޖެ ކަމުގައި ވާ ނަމަ، އޭނާގެ ފާފަތަކުގެ ޖަޒާއެއްގެ ގޮތުން ނަރަކައިގައި ޢަޒާބު ދެވޭނެ އެވެ. އަދި فرض ތައް ދަސްކުރާހިތް ނުވާ މީހަކު، ނުވަތަ އެކަންކަން އުނގެނި އެކަމަކު އެކަންކަން ކުރުމަށް އިސްކަން ނުދޭ މީހަކު، ނުވަތަ اللّه تعالى އަށް ބިރުވެތިވުމެއް ނުވަތަ ހިތާމަޔަކާ ނުލައި فرض ތައް ދޫކޮށްލާ މީހާ އިސްލާމް ދީނުން ބޭރުވެ، ކާފިރަކަށް ވާނެ އެވެ. އަދި ނަރަކައިގައި ދެމި އޮންނާނެ އެވެ. ޙަރާމް ކަންތައް ކުރުމުގެ ޙުކުމަކީ ވެސް މިއެވެ.

ކުރާ އަޅުކަމެއްގެ ޢިލްމު ނުއުނގެނި ހުރެ އިޚްލާޞްތެރި ކަމާ އެކު އެ އަޅުކަމެއް އަދާކުރިޔަސް، އެ އަޅުކަމެއް ޞައްޙައެއް ނުވާނެ އެވެ. އަދި އެ އަޅުކަން އެއްގޮތަކަށް ވެސް އަދާނުކުރާ ނަމަ، އޭނާ އަށް ނަރަކައިގައި ޢަޒާބު ދެވޭނެ އެވެ. އަޅުކަން އަދާކުރުމުގެ ޝަރުޠުތައް އެނގޭ މީހަކު އެ އަޅުކަމެއް އަދާކުރުމުން ޞައްޙަވާނެ އެވެ. އަދި ނަތީޖާއެއްގެ ގޮތުން، ނަރަކައިގެ ޢަޒާބުން ސަލާމަތްކުރައްވާނެތެވެ. އެހެންނަމަވެސް، އެ އަޅުކަން އޭނާ އަދާކުރީ އިޚްލާޞްތެރިކަމާ އެކުގައި ނޫން ކަމުގައި ވާ ނަމަ، އޭނާގެ އަޅުކަން އަދި އެހެން ރަނގަޅު ކަމެއް ވެސް ޤަބޫނުކުރެވޭނެތެވެ. އެކަމުން އޭނާ އަށް އެއްވެސް ސަވާބެއް އާޚިރަތުގައި ނުލިބޭނެ އެވެ. އެ ގޮތަށް ކުރާ އަޅުކަމާއި، ހެޔޮކަންތައްތަކަށް އެކަލާނގެ ރުއްސެވުމެއް ނެތް ކަމަށް سورة الكهف ގެ ފަހު އާޔަތުގައި اللّه تعالى އަންގަވާފައި ވެއެވެ. ޢިލްމާއި، އިޚްލާޞްތެރިކަމާ ނުލައި އަދާކުރެވޭ އަޅުކަންތައްތަކުގެ ފައިދާއެއް ނެތެވެ. އޭގެ ސަބަބުން އެ ގޮތަށް އަޅުކަންކުރާ މީހާ ކުފުރާއި، ފާފަޔާއި، ޢަޒާބުން މިންޖެއް ނުވާނެ އެވެ. ރިވާވެގެންވާ ގޮތުގައި، މި ގޮތަށް އަޅުކަންކުރި އެތައް މުނާފިޤުންނެއް މަރުވެގެންދިޔައީ ކުފުރުގައެވެ. އަދި ޢިލްމާއި، އިޚްލާޞްތެރިކަމާ އެކު އަދާކުރެވޭ އަޅުކަމުން އެ އަޅުކަން އަދާކުރާ މީހާ ކުފުރާއި، ފާފައިން ރައްކާތެރިކޮށް ދެއްވައި، ދުނިޔޭގެ ދިރިއުޅުމުގައި ޢިއްޒަތް ދެއްވައެވެ. އަދި سورة المائدة ގެ 9 ވަނަ އާޔަތާއި، سورة العصر ގައި اللّه تعالى ވަޢުދުކުރައްވާފައިވާ ފަދައިން، އާޚިރަތުގައި ނަރަކައިގެ ޢަޒާބުން މިންޖުކޮށްދެއްވާނެއެވެ. اللّه تعالى ގެ ވަޢުދާ އެކަލާނގެ ޚިލާފުވެ ވޮޑިނުގަންނަވައެވެ."]

Bu bölümü başka dilde oku

Türkçe中文(普通话)EnglishPortuguêsРусскийአማርኛFilipinoУкраїнськаČeštinaБългарски

Paylaş

WhatsApp Telegram X Facebook E-posta